"ތިޔަ ލޯތްބާ ދުރަށް" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކަނީ 150ރ. އަށް.

މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރަން ނިންމާފައިވާ، ޓެކްނޯ މީޑިއާގެ ފިލްމް "ތިޔަ ލޯތްބާ ދުރަށް" ގެ ޓިކެޓް އޮލިމްޕަހުން މިއަދު ވިއްކަން ފަށައިފި އެވެ.


ޑައިރެކްޓަރު މަރިޔަމް (މަރީ) މޫސާ ބުނީ ފިލްމްގެ ފަސް ޝޯގެ ޓިކެޓް ބުކްކޮށް ދެމުން ވިއްކަމުން އަންނަ ކަމަށެވެ. ޝޯތައް އޮންނާނީ 21، 22، 23، 26 އަދި 27 ގަ އެވެ.

މަރީ ބުނީ ފަސް ޝޯ އަށް ފަހު، ތަރުހީބަށް ބަލައި ޝޯތައް އިތުރު ވެސް ކޮށްފާނެ ކަމަށެވެ.

މަރީގެ އަމިއްލަ ލޯބީގެ އަސަރުގަދަ ވާހަކައަކަށް ހަދާފައިވާ ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކަނީ 150ރ. އަށެވެ. ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކަނީ 100ރ. އަށެވެ.

އޮލިމްޕަހުގައި ފިލްމް ޕްރިމިއާ ކުރާ އިރު، ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް 21 ވަނަ ދުވަހުގެ ރޭ ފިލްމް އެޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މަރީ ބުންޏެވެ.

ސްރީ ލަންކާގައި އެއްކޮށް ޝޫޓްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ އަހުމަދު (އަޒޭ) އަޒްމީލާއި މަލީހާ (މަލް) ވަހީދުގެ އިތުރުން ލަންކާގެ ބަތަލާ އުދޭނީ އެވެ.

މި ފިލްމަކީ މަރީ ޑައިރެކްޓް ކުރި ފުރަތަމަ ފީޗާ ފިލްމެވެ. އަދި މިއީ މި އަހަރު އޮލިމްޕަހުގައި އަޅުވާ ހަތަރު ވަނަ ފިލްމެވެ. މިހާރު ސިނަމާގައި ދައްކަމުން އަންނަނީ ލޯބީގެ ބިރުވެރި ފިލްމް "ރޭވުމުން" އެވެ.