މީގެ 19 އަހަރު ކުރިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން، އިންޑިއާގައި ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ކަމަށް ބްލެކްބަކް ފުއްލާ ޝިކާރަ ކުރި ކަމަށް ބުނާ މައްސަލާގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން މިއަދު ޖޯދްޕޫރް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ 1999 ގައި ރިލީޒް ކުރި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމް "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިންގެ ތެރޭ 1998 ގަ އެވެ. ފުއްލާ ޝިކާރަ ކުރި ކަމަށް ބުނާ މައްސަލާގައި ސަލްމާންގެ އިތުރުން އެ ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭ ސައިފް އަލީ ހާން، ތައްބޫ، ސޮނާލީ ބެންޑްރޭ އަދި ނީލަމް ކޮތާރީ އަށް ވެސް ދައުވާކޮށްފައިވެ އެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. ނަމަވެސް ސަމްލާންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ވައިޑްލައިފް އެކްޓްގެ 51 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގެ ދަށުން އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު ވެސް އޮތެވެ. ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން އޭނާ ވަނީ 10000 ރުޕީސް އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ސަލްމާނަށް ޖަލު ހުކުމެއް އިއްވި އިރު އޭނާގެ ވަކީލް އެޗްއެމް ސަރަސްވަތު ވަނީ ދައުވާ އަށް ސަލްމާން ތަކުރާރުކޮށް އިންކާރު ކުރާ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ މުވައްކިލްގެ މައްޗަށް ކުރަނީ ހަދައިގެން އުޅޭ ދައުވާއެއް ކަމަށާއި ބްލަކްބަކްސް ޝިކާރަ ކުރި ކަމަށް ބުނެ ހެކި ބަސް ދިން މީހުންނަކީ ވެސް ދޮގު ހެކި ދިން ބައެއް ކަމަށް ބުންޏެވެ.

ސަރަސްވަތު ބުނީ ސަލްމާނަށް ކުރި ހުކުމް ދިރާސާ ކުރުމަށް ފަހު، ވަރަށް އަވަހަށް އިސްތިއުނާފު ކުރަން ވެސް ހުށަހަޅާނެ ކަމަށެވެ.

ސަލްމާންގެ މައްޗަށް ދައުވާ ކުރާނީ މަނާ ހަތިޔާރު ވެސް ބޭނުންކޮށްގެން ދެ ބްލެކް ބަކްސް ނުވަތަ ދަޅުފީނި ފުއްލާ ޝިކާރަ ކުރި ކަމުގެ ދައުވާ އެވެ.

ސަލްމާނަށް ޖަކު ހުކުމެއް އައިސްފައި މި ވަނީ އަންނަ ޖޫން 15 ގައި ރިލިޒް ކުރާ "ރޭސް 3" ގެ ޝޫޓިން ނިންމާލައި، މުމްބާއީ އަށް އެނބުރި ދިޔަ މަގުމަތީގައި، ރާއްޖޭގައި ވެސް ކުރު ޗުއްޓީއެއް މި ހަފުތާގެ ކުރީކޮޅު ހޭދަކޮށްފައި ދިޔަ ފަހުންނެވެ.

އަދި އޭނާ އަންނަނީ މި މަހުގެ ތެރޭގައި ފިލްމް "ބާރަތު" ގެ ޝޫޓިން ވެސް ފަށަން ތައްޔާރުވަމުންނެވެ. ސަލްމާން ހޯސްޓް ކުރާ، ސޮނީގެ ޓީވީ ޝޯ "10 ކާ ދަމް" ވެސް ވަރަށް އަވަހަށް ދައްކަން ފަށާ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.

ނަމަވެސް އޭނާ އަށް ޖަލު ހުކުމާ އެކު މި މަސައްކަތްތަކަށް ވާނީ ކިހިނެއް ކަމަށް އަދި ނޭނގެ އެވެ. ސަލްމާން މީގެ ކުރިން ވެސް ވަނީ ޖަލު ހުކުމެއް ތަންފީޒުކޮށްފަ އެވެ.