ރަޖްނީކާންތުގެ "2.0" އިން އައިޝްވާރިޔާ ރާއީ ފެންނާނެ

މިދިޔަ އަހަރުން ފެށިގެން ރިލީޒް ކުރާނެ އެކި ތާރީހުތައް އިއުލާން ކުރަމުން އަންނަ، ރަޖްނީކާންތުގެ ސައިސް ފިކްޝަން ފިލްމް "2.0" ގެ ރޯލަކުން މި ފަހަރު ވެސް އައިޝްވާރިޔާ ރާއީ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މި ފިލްމަކީ ރަޖްނީކާންތާއި އައިޝްވާރިޔާ 2010 ގައި ލީޑް ރޯލް ކުޅުނު ފިލްމް "ރޮބޮޓް" ގެ ދެވަނަ އެވެ. އެކަމަކު ޝަންކަރް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ދެވަނަ ބައިން މި ފަހަރު ލީޑް ބަތަލާއެއްގެ ގޮތުގައި ފެންނާނީ އިނގިރޭސިވިލާތަށް އުފަން ޒުވާން ބަތަލާ އެމީ ޖެކްސަން އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ރޮބޮޓް" ގެ މުހިއްމު ރޯލެއް އައިޝްވާރިޔާ ކުޅެފައިވާތީ، ފިލްމްގެ ދެވަނަ ބައި "2.0" ގެ ވާހަކަ ފައްކާކޮށްފައި ވަނީ ވެސް އޭނާ ކުޅުނު ސަނާގެ ކެރެކްޓާ އަށް ފިލްމުން ޖާގަ ދޭ ގޮތަށެވެ. އެކަމަކު ބެލެވޭ ގޮތުން އައިޝްވާރިޔާގެ މާ ބޮޑު ފެނިލުމެއް "2.0" އަކު ނުހިމެނޭނެ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި ފިލްމުގައ މި ފަހަރު އަކްޝޭ ކުމާރް ވެސް ބައިވެރިވުމެވެ. އޭނާ ކުޅޭނީ ކްރޯ ކިޔާ ވަރަށް ނުލަފާ އަދި މުޅިން ތަފާތު ކެރެކްޓާއެކެވެ. މިއީ ފިލްމްގެ މައި ވިލަން ވެސް މެ އެވެ.

"ރޮބޮޓް" ގެ ލަވައެއް.

ހަތަރު ސަތޭކަ ފަންސާސް ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު ބަޖެޓަކުން ހަދާފައިވާ "2.0" ރިލީޒް ކުރާނެ ރަސްމީ ތާރީއެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ.

ކަރަން ޖޯހަރް 2016 ގައި ގެނެސް ދިން "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު، އައިޝްވާރިޔާގެ އެއްވެސް ފިލްމެއް ރިލީޒެއް ނުވެ އެވެ.