އޭބީސީން "އެމެރިކަން އައިޑޮލް" ގެ އިތުރު ސީޒަނެއް ގެނެސް ދޭނެ

އޭބީސީ ނެޓްވާކުން މިހާރު ގެނެސްދޭ "އެމެރިކަން އައިޑޮލް" ސީޒަން 16 އަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެން މި ޝޯގެ އިތުރު ސީޒަނެއް އެ ޗެނެލުން ގެނެސް ދޭ ގޮތަށް ނިންމައިފި އެވެ.


މިކަން ކަށަވަރުކޮށްދީފައި ވަނީ "އެމެރިކަން އައިޑޮލް" ގެ ޓީމުން ކުރި ޓްވީޓެއްގަ އެވެ.

އޭބީސީ އެންޓަޓައިންމަންގެ ރައީސް ޗެނިން ޑަންގީ ބުނީ އޭބީސީ ޗެނެލުން "އެމެރިކަން އައިޑޮލް" ގެނެސް ދިނުމުން، ކުރިން ވެސް އުންމީދު ކުރި ގޮތަށް އާންމުންގެ ފަރާތުން ޝޯ އަށް ބޮޑު ތަރުހީބެއް ލިބުނު ކަމެކެވެ.

އެހެންވެ އަނެއްކާ ވެސް މީގެ ތިން ޖަޖުން ކަމަށްވާ ކޭޓީ ޕެރީ އާއި ލައިނަލް ރިޗީ އަދި ލޫކް ބްރަޔަން އާއި ހޯސްޓް ރަޔަން ސީކްރެސްޓްއާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ޗެނިން ބުންޏެވެ.

"އެމެރިކަން އައިޑޮލް" ގެ ޓްވީޓް.

"އަހަރެމެން ކުރިން ވެސް ޝައްކެއް ނުކުރަން އޭބީސީން މި ޝޯ ގެނެސް ދޭން ފެށީމަ ބެލުންތެރިން އަށް މިއަށް ތަރުހީބު ދޭނެކަމާ ދޭތެރެއަކު،" އޭނާ ބުންޏެވެ. "ބައެއް ބަދަލުތަކާ އެކު އޭބީސީން ޝޯ ގެނެސްދޭ އިރު، މީގެ ޓީއާރްޕީ ވަނީ ވަރަށް ބޮޑަށް އުފުލިފައި. މިއީ ކުރިއަށް ދާން އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް.

ޗެނިން ބުނީ އިތުރު ހުނަރުވެރިންތަކެއް އާންމުންނާ ހަމައަށް ގެނެސް ދޭން އޭބީސީ އަށް ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

"އެމެރިކަން އައިޑޮލް" ސީޒަން 16 ދައްކަން ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ 11 ގަ އެވެ.

ފްރެމެންޓެލް މީޑިއާގެ މި ޝޯއަކީ ކުރިން ގެނެސް ދިނީ ފޮކްސް އިންނެވެ.