ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ނެރޭ ފިލްމަކަށް ވާނީ އަބިޝެކް ކަޕޫރް ޑައިރެކްޓް ކުރާ "ކެދަރްނާތު" ކަމަށް އަނެއްކާ ވެސް ބެލެވެން ފަށައިފި އެވެ.

ފިލްމްގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އަންގާރަ ދުވަހު ފިލްމްގެ ޕޯސްޓަރަކާ އެކު ކުރި ޓްވީޓްތަކެއްގައިވާ ގޮތުން އެ ފިލްމް ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މި ފިލްމް ފުރަތަމަ އިއުލާން ކުރި އިރު، ރިލީޒް ކުރާ ތާރީހަކަށް ހަމަޖެއްސީ މި އަހަރުގެ ޑިސެމްބަރު 21 އެވެ.

"ކެދަރްނާތު" ގެ ޑައިރެކްޓަރު އަބިޝެކާއި ޕްރޮޑަކްޝަން ހައުސް ކްރިއާޖް އެންޓަޓައިމަންޓާ ދެމެދު މައްސަލަތައް ޖެހި، ފިލްމްގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓި އެންމެ ފަހުން މައްސަލަ އަށް ނިމުމެއް އައީ ފިލްމަށް ކްރިއާޖާއި ފިލްމްގައި ކުރިން ހިއްސާވި އެހެން ސްޓޫޑިއޯތަކަށް ރޯނީ ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.

މިހާރު "ކެދަރްނާތު" އަކީ ރޯނީގެ އާރްއެސްވީޕީ އާއި އަބިޝެކްގެ ގާއި އިން ދަ ސްކައި ޕިކްޗާ ގުޅިގެން ހަދާ ފިލްމެކެވެ. ރޯނީ ފިލްމާ ހަވާލުމަށް ފަހު، ކުރިން ބުނެފައި ވަނީ "ކެދަރްނާތު" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.

އެކަމަކު މި ފިލްމް މި އަހަރު ރިލީޒް ނިންމައި އާ ތާރީހެއް އިއުލާން ކުރި، ފިލްމްގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިލި ގޮތަށް މަސައްކަތް އޮތީ ހުއްޓިފަ އެވެ.

އެހެންވެ ފިލްމަށް ދިމާވި މައްސަލަތަކާ ގުޅިގެން ސާރާ، 24، ފަހުން ވަނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފިލްމް "ސިބްމާ" އަށް ސޮއިކޮށްފަ އެވެ. ރަންވީރް ސިންގް ބަތަލުގެ ރޯލް ކުޅޭ ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ގަ އެވެ. "ސިމްބާ" ގެ ޝޫޓިން އަންނަ މަހު ފަށަން ވަނ ނިންމައިފަ އެވެ.

"ސިމްބާ" ގެ ކުރިން "ކެދަރްނާތު" ސިނަމާތަކަށް އަންނާތީ ކޮންމެ ގޮތެއް ވިޔަސް ސާރާގެ ބޮލީވުޑަށް ތައާރަފުވެގެން ދާނެ ފިލްމަކީ ސުޝާންތު ސިންގް ރާޖްޕޫތާ އެކު އޭނާ ފެނިގެންދާ "ކެދަރްނާތު" އެވެ.

"ކެދަރްނާތު" އަކީ 2013 ގައި އުތުރު އިންޑިއާ އަށް ކުރި ގަދަ ވިއްސާރައިގައި އުއްތަރުކަންދް ސްޓޭޓް ފެނު އަޑިއަށް ދިޔަ ހާދިސާގެ ތެރެއިން ހިނގާ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ.

މި ފިލްމަކީ 2016 ގައި ރިލީޒް ކުރި ފްލޮޕް ފިލްމް "ފިތޫރް" އަށް ފަހު، އަބިޝެކް ޑައިރެކްޓް ކުރާ ފިލްމެވެ. އަބިޝެކް ބުނި ގޮތުގައި "ކެދަރްނާތު" ބާކީ މަންޒަރުތައް މި މަހު ފަހުކޮޅު ނަގަން ފަށާނެ އެވެ.