ޕެނަމާ ޕޭޕާސްގެ ވާހަކަ ކިޔައިދޭނީ ސްޓީވެން ސޮޑަބާގް

ނުފޫޒުގަދަ އެތައް ބަޔަކު އުސޫލުތަކުން ބޭރުން ހިންގާފައިވާ ކަމަށް ބުނާ މާލީ މުއާމަލާތްތަކެއްގެ މައުލޫމާތު ލީކްކޮށްލި ޕެނަމާ ޕޭޕާސް އަށް ބިނާކޮށް، އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސޮޑަބާގް "ލައުންޑްރޯމެޓް" ގެ ނަމުގައި ފިލްމެއް ހަދަން ނިންމައި މީގެ ކާސްޓަށް އޮސްކާ ހޯދާފައިވާ ބަތަލާ މެރީލް ސްޓްރީޕް ހަމަޖައްސައިފި އެވެ.


ރިޕޯޓްތައް ބުނާ ގޮތުން މި ތުރިލާގެ ކާސްޓަށް އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް އުފުލައިލި ގެރީ އޯލްޑްމަން އާއި އެންޓޯނިއޯ ބަންޑާރެސް ވެސް ގެންނަން މިހާރު އަންނަނީ ވާހަކަތައް ދެކެވެމުންނެވެ.

ބެލެވޭ ގޮތުން "ލައުންޑްރޯމެޓް" ގެ ޑިސްޓްރިބިއުޝަނާ ހަވާލު ވާނީ ނެޓްފްލިކްސް އިންނެވެ. މި ފިލްމް ބިނާ ކުރަނީ ދެ ފަހަރު ޕްލިޓްޒާ ޕްރައިޒް ދެ ފަހަަރށް ހާސިލުކޮށްފައިވާ ލިޔުންތެރިޔާ ޖޭކް ބާންޒްޓެއިން މިދިޔަ އަހަރު ނެރުނު "ސިކްރެސީ ވޯލްޑް: އިންސައިޑް ދަ ޕެނަމާ ޕޭޕާޒް އިންވެސްޓިގޭޝަން އޮފް އިލިޒިޓް މަނީ ނެޓްވާކްސް އެންޑް ދަ ގްލޯބަލް އެލީޓް" އަށެވެ. މީގެ ސްކްރީންޕްލޭ ލިޔަނީ ސޮޑަބާގާއި ސްކޮޓް ޒީ ބާންސް އެވެ.

"ލައުންޑްރޯމެޓް" ގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނެނީ ސޮޑަބާގާއި ލޯރެންސް ގްރޭ، ގްރެގަރީ ޖެކޮބްސް، މައިކަލް ޝުގާ އަދި ސްކޮޓް އެވެ.

ގެރީ، ސްޓްރީޕް އަދި ބަންޑާރެސް: ސޮޑްބާގްގެ ފިލްމުން ފެންނާނެ.

ފިލްމްގެ ވަރަށް މުހިއްމު ކެރެކްޓާއަކުން މިދިިޔަ އަހަރު ރިލީޒް ކުރި "ދަ ޕޯސްޓް" ގެ ބަތަލާ ސްޓްރީޕް ފެނިގެންދާ އިރު، އޭނާގެ ރޯލާ ބެހޭ ގޮތުން އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ފިލްމްގައި އޭނާގެ ކެރެކްޓާ ވަރަށް ވަރުގަދަ ވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޓްރީޕް، 68، ގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި 2008 ގައި ރިލީޒް ކުރި "މާމާ މިއާ" ގެ ސީކްއެލް "މާމާ މިއާ! ހިއަ ވީ ގޯ އެގެއިން" އާއި "މޭރީ ޕޮޕިންސް ރިޓާން" ހިމެނެ އެވެ.

މިދިޔަ މާޗް މަހު "އަންސޭން" ގެނެސް ދިން ސޮޑަބާގްގެ ޑައިރެކްޝަނެއް ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ އަންނަ އަހަރު އެވެ. އެއީ ކުޅިވަރު ޑްރާމާ "ހައި ފްލައިން ބާޑް" އެވެ. އަދި "ދަ ލައުންޑްރޯމެޓް" ރިލީޒް ކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.