ހޮލީވުޑްގެ ވަރުގަދަ ދެ އެކްޓަރުން ކަމަށްވާ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޑް ޕިޓް ލީޑް ރޯލަށް ލައިގެން، ކުޅަދާނަ ޑައިރެކްޓަރު ކްއެންޓިން ޓެރެންޓީނޯ ހަދާ ފިލްމް "ވަންސް އަޕޮން އަ ޓައިމް ހޮލީވުޑް" ރިލީޒްކުރާ ތާރީހު އަވަސްކޮށްފި އެވެ.
ހޮލީވުޑްގައި ހިނގާފައިވާ ގަތުލުތަކެއްގެ މައްޗަށް ހަދާ ފިލްމް ރިލީޒްކުރާ ގޮތަށް ކުރިން އޮތީ އޮގަސްޓް، 9، 2019 ގަ އެވެ. ނަމަވެސް މިހާރު ފިލްމް ތާވަލުކޮށްފައި ވަނީ ޖުލައި، 26، 2019 އަށެވެ.
ސޮނީ ޕިކްޗާޒްގެ ފިލްމް އަވަސްކުރި ސަބަބަކީ ކުރިން ތާވަލުކުރި ތާރީހަކީ ފިލްމްގެ ވާހަކަ ބިނާވާ ހާދިސާ އަށް 50 އަހަރު ފުރޭ ދުވަހަށްވެފައި، އެ ދުވަހު ފިލްމް ރިލީޒްކޮށްފި ނަމަ، ބައެއް ކަހަލަ ފިއްތުންތައް ފިލްމަށް ކުތިމަތިވެދާނެ ކަމަށް ބަލައިފަ އެވެ.
"ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ މައިގަނޑު ވާހަކައަކީ ހޮލީވުޑް ހިލްސްގައި 1969 ގައި ހިނގި މަޝްހޫރު ޗާލްސް މެންޝަން ގަތުލު ހާދިސާ އެވެ. އެ ހާދިސާގައި ބަތަލާ ޝެރޯން ޓެޓޯންއާ އެކު އިތުރު ހަތަރު މީހަކު އަނިޔާވެރި ގޮތަކަށް މަރައިލަ އެވެ.
މި ފިލްމްގައި ލިއޮނާޑޯ ފެނިގެން ދާނީ ރިކް ޑާލްޓަން ކިޔާ އެކްޓަރެއްގެ ރޯލުންނެވެ. އަދި ފިލްމްގައި ޕިޓް ކުޅޭ ކްލިފް ބޫތު ކެރެކްޓާއަކީ ސްޓަންޓް ޑަބަލްއެއްގެ ރޯލެވެ.
"ވަންސް އަޕޮން އަ ޓައިމް ހޮލީވުޑް" ގެ އިތުރު ކާސްޓުންގެ ތެރޭގައި މާގޯ ރޮބީ، އަލް ޕަޗީނޯ، ޓޮމޮތީ އޮލިފަންޓް، ބާޓް ރެނޮލްޑްސް، ޑެމިއަމް ލުވިސް، ޑަކޯޓާ ފެނިން، ލޫކް ޕެރީ އަދި ސްޕެންސާ ގެރެޓް ހިމެނެ އެވެ.
ސަތޭކަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ ފިލްމްގެ ޝޫޓިން ވަރަށް ބާރަށް ކުރިއަށްދާ އިރު، ދާދި ފަހުން ވަނީ ފިލްމްގައި ލިއޮނާޑޯ އާއި ޕިޓް ފެނިގެން ދާނެ ގޮތް ވެސް ދައްކާލައިފަ އެވެ.