ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުން މި އަހަރު އެންމެ އިންތިޒާރު ކުރާނެ އެއް ފިލްމަކީ ކްއެންޓިން ޓެރެންޓީނޯގެ އާ ފިލްމު "ވަންސް އަޕޮން އަ ޓައިމް ހިން ހޮލީވުޑް" އެވެ. ތާރީހު ނޯޓްކޮށްލާށެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.
މި ފިލްމު ބަލައިލަން ކެތްމަދުވެފައި ތިބި މީހުންނަށް މިހާރު އޮތީ އުފަލެކެވެ. ފިލްމުގެ ލީޑް ތަރިންގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ދައްކައިލުމަށް ފަހު، މިހާރު މި ވަނީ ޓީޒާ ޓްރެއިލާ ވެސް ދައްކާލައިފަ އެވެ.
މި ފިލްމަކީ 1969 ގައި ހޮލީވުޑްގައި ހިނގާފައިވާ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ބްލެކް ކޮމެޑީ ކްރައިމް ޑްރާމާއެކެވެ. ފިލްމު ޓީޒާ އިން ވެސް ފެންނަ ގޮތުގައި ފިލްމު ރެޓްރޯގެ ހަނދާންތަކުގެ ތެރެއަށް ބެލުންތެރިން ގެންގޮސް ދޭނެ އެވެ.
އަނެއްކޮޅުން ފިލްމުގެ ކާސްޓް ވެސް އެހާމެ ޝައުގުވެރި އެވެ. އޭ-ލިސްޓް ތަރިންތަކެއް ފެނިގެންދާ "ވަންސް އަޕޮން އަ ޓައިމް ހިން ހޮލީވުޑް" ގެ އެންމެ ހާއްސަ ތަރިންނަކީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބްރެޑް ޕިޓެވެ. ފިލްމުގެ ބަތަލާއަކީ މާގޯ ރޮބީ އެވެ.
އިތުރު ކާސްޓުންގެ ތެރޭގައި އަލް ޕަޗީނޯ، ޑަކޯޓީ ފޭނިންގް، ޑެމިއަން ލުވިސް، ދާދި ފަހުން ސްޓްރޯކެއް ޖެހިގެން މަރުވި ލޫކް ޕެރީ، އޮސްޓިން ބަޓްލާ، ލޭނާ ޑެހަމް، ކްލިފްޓަން ކޮލިން ޖޫނިއާ އަދި ސްކޫޓީ މެކްނައިތީ ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.
އޮސްކާ ހާސިލުކޮށްފައިވާ ޓެރެންޓީނޯ ސްކްރީންޕްލޭ ވެސް ލިޔުނު "ވަންސް އަޕޮން އަ ޓައިމް ހިން ހޮލީވުޑް" އަކީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2015 ގެ "ދަ ހޭޓްފުލް އެއިޓް" އެވެ.