"ބޮސް" އާއި "4426" އަންނަ މަހު އޮލިމްޕަސް ސްކްރީނަށް ގެންނަނީ

ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އެންމެ ފަހުން ގެނެސް ދިން ކާމިޔާބު ދެ ފިލްމް ކަމަށްވާ "ބޮސް" އާއި "4426" އަނެއްކާ ވެސް އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.


ނަހުލާ ބުނީ "4426" އަންނަ މަހުގެ 2 ގައި ދައްކާނެ ކަމަށެވެ. އަދި "ބޮސް" ދައްކާނީ އަންނަ މަހުގެ 3 ގަ އެވެ. މި ދެ ފިލްމްގެ އިތުރު ޝޯތަކެއް އަޅުވަން ނިންމީ ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ ކަމަށް، ކާމިޔާބު ޕްރޮޑިއުސަރު/ޑައިރެކްޓަރު ބުންޏެވެ.

"ކޮންމެ ފިލްމެއްގެ ވެސް އެއް ޝޯ މި އަޅުވަނީ. މިހާރު ދެ ފިލްމްގެ ރަސްމީ ފޭސްބުކް ޕޭޖްތަކަށް އިންބޮކްސްކޮށްގެން ދެ ފިލްމްގެ ޓިކެޓް ވެސް ބުކްކޮށްލެވޭނެ،" ނަހުލާ ބުންޏެވެ. "އަދި މި މަހުގެ ސައްބީހުން ފެށިގެން އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނެ."

"ބޮސް" ގެ ޓްރެއިލާއެއް.

"ބޮސް" އަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް އައިޝަތު ރިޝްމީ މިދިޔަ އަހަރު ޑައިރެކްޓް ކުރި ފިލްމެކެވެ. އެ ފިލްމްގެ ތަރިންނަކީ މަރިޔަމް އައްޒަ އާއި އަލަށް ތައާރަފުވި މުހައްމަދު ޔުނާންގެ އިތުރުން ފާތުމަތު (އަޒޫ) އާޒިފާ އާއި އިބްރާހީމް (ޖިމީ) ޖިހާދެވެ.

ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓް ކުރި "4426" އަކީ ބިރުވެރި ފިލްމެކެވެ. ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒް ކުރި ފިލްމްގެ ކާސްޓުންގެ ތެރޭގައި އައްޒަ، ޔޫސުފް (ޔޫއްޕެ) ޝަފީއު، ޝީލާ ނަޖީބް، ޖިމީ، މުހައްމަދު ފައިސަލް، ޖުމައްޔިލް (ޖުމަލް) ނިމާލު އަދި އަލީ ފާރޫގް ހިމެނެ އެވެ.

މި ފިލްމަކީ މި އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ވެސް ރާއްޖޭން ބައިވެރި ކުރި ފިލްމެކެވެ.

"4426" ގެ ޓްރެއިލާއެއް.

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު "ބޮސް" އާއި "4426" އަކީ ރިލީޒް ކުރި ފަހުން އެކި ފަހަރު މަތިން މީގެ ކުރިން ވެސް ޝޯތަކެއް ދައްކާފައިވާ ދެ ފިލްމެވެ. މިއީ މި ފަހުން އެޅުވި ފިލްމްތަކުގެ ތެރެއިން އެންމެ ގިނަ ޝޯތައް ދެއްކި ދެ ފިލްމް ވެސް މެ އެވެ.

ނަހުލާ މިހާރު އަންނަނީ ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރިޒް "ހުވާ" ގެ މަސައްކަތް ކުރަމުންނެވެ. އޭނާއަކީ މީގެ ކުރިން ވެސް ކާމިޔާބު ރީތި ފިލްމެއްތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ.

އޭގެ ތެރޭގައި "ކަލާޔާ ނުލާ"، "ޒުލޭހާ" އަދި "ޔޫސުފު" ފަދަ ފިލްމްތައް ހިމެނެ އެވެ.

އޮލިމްހުގައި އެންމެ ފަހުން އެޅުވި ފިލްމަކީ މަރިިޔަމް މޫސާގެ "ތިޔަ ލޯތްބާ ދުރަށް" އެވެ. އެ ފިލްމާ އެކު ޖުމްލަ 4 ފިލްމް މި އަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވެ އެވެ.

އެއީ ޔޫއްޕެގެ "ދެވަންސޫރަ" އާއި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އަދި އަމްޖަދު (އަމްޖޭ) އިބްރާހީމްގެ "ރޭވުމުން" އެވެ.