ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ފިރިހެން ދަރިފުޅު އަންމޯލް ތަކޭރިއާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ބޮލީވުޑަށް ނެރެން ނިންމައިފި އެވެ.

ބަންސާލީ ޕްރޮޑިއުސް ކުރާ އެ ފިލްމަށް ދީފައިވާ ނަމަކީ "ޓިއުޒްޑޭޒް އެންޑް ފްރައިޑޭޒް" އެވެ.

އަންމޯލްއަކީ ޕޫނަމާއި ޕްރޮޑިއުސަރު އަޝޯކް ތަކޭރިއާ އަށް ލިބުނު ދެ ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދެން ހުރީ ޕަލޯމާ ތަކޭރިއާ ކިޔާ އަންހެން ކުއްޖެކެވެ.

އަންމޯލްގެ ފިލްމާ ބެހޭ ގޮތުން ޕޫނަމް ބުނީ ބަންސާލީގެ ފިލްމަކުން ބޮލީވުޑަށް ނުކުންނަން ފުރުސަތެއް ލިބޭނީ ނަސީބުވެރިއަކަށް ކަމަށާއި އޭނާގެ ދަރިފުޅަށް ލިބުނު ރަނުގު ފުރުސަތުގެ ސަބަބުން ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށެވެ.

"މިހާރު އަހަރެމެންގެ ހުރިހާ ފޯކަސްއެއް އޮތީ އަންމޯލްގެ ފިލްމަށް. މިއަށް ވުރެ ވަކު ރަނގަޅު ފުރުސަތެއް އަހަރެންގެ ދަރިފުޅަކަށް ނުލިބޭނެ،" ޕޫނަމް ބުންޏެވެ. "ފިލްމަށް އަންމޯލް ވަރަށް ބޮޑަށް ތައްޔާރު ވާނެ."

"ޓިއުޒްޑޭސް އެންޑް ފްރައިޑޭޒް" އާ ބެހޭ ގޮތުން ރަސްމީކޮށް ބަންސާލީ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރީ ފެބްރުއަރީ މަހު ރިލީޒް ކުރި ކާމިޔާބު ތާރީހީ ލޯބީގެ ފިލްމް "ޕަދްމާވަތު" އެވެ.

މަންމަ ޕޫނަމް، 56، ފަދައިން، އަންމޯލް، 25، އެކްޓިން ހުނަރު ދައްކައިލަން ބޮލީވުޑަށް ފިޔަވަޅު އަޅާ އިރު، ޔަގީނުން ވެސް ބެލުންތެރިން އޭނާއާ ދޭތެރޭ ކުރާ އުންމީދުތައް ބޮޑު ވާނެ އެވެ.

ޕޫނަމް ދެ ދަރިންނާ އެކު.
ޕޫނަމް ދެ ދަރިންނާ އެކު.

ޕޫނަމަކީ 1980 ގެ އަހަރުތަކުގައި ވަރަށް ވިދާލި އަދި ވަރަށް ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާއެކެވެ. ދިވެހިންގެ ތެރޭގައި އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ ސަނީ ޑިިއޯލްއާ އެކު ކުޅުނު ފިލްމް ސަމަންދަރު (1986) އިންނެވެ.

އެ ފިލްމަކީ ރާއްޖޭގެ ރިސޯޓެއްގައި ވެސް ވަރަށް ބޮޑު ބައި ޝޫޓް ކުރި ފިލްމެކެވެ. ޕޫނަމް ވަނީ ބައެއް ޓީވީ ސިލްސިލާތައް ވެސް ކުޅެފަ އެވެ.