"ވާށޭ މަށާއެކީ" މި ފަހަރު ޝްވެކް ސިނަމާ އަށް

މި އަހަރުގެ މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާއެކީ" ޝްވެކް ސިނަމާގައި ދައްކަން ނިންމައިފި އެވެ.


ޑާކް ރެއިނުން ބުނި ގޮތުގައި ފިލްމް ބަލަލާން އަދިވެސް ވަރަށް ގިނަ ބަޔަކު އެދެމުންދާތީ ޝްވެކް ސިނަމާގައި ދައްކަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ.

ފިލްމުގެ ޓިކެޓް މިއަދުން ފެށިގެން ޝްވެކުން ވިއްކަން ފަށާނެ ކަމަށް ވެސް ޑާކް ރެއިނުން ބުންޏެވެ.

މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކޮށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރި "ވާށޭ މަށާއެކީ ރިލީޒް ކުރީ އެޕްރީލް މަހުގެ ފަހެއްގަ އެވެ.

ފިލްމުގެ ހައުސްފުލް 19 ޝޯ އޮލިމްޕަހުގައި ވަނީ ދައްކައިފަ އެވެ. އަދި ބައެއް ރަށްރަށުގައި ވެސް ހައުސްފުލް ޝޯތަކެއް ވަނީ ދައްކައިފަ އެވެ.

ޑާކް ރެއިނުން ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ ރެއިން ފެށިގެން ޝްވެކް ސިނަމާގައި ފިލްމުގެ ފުރަތަމަ ޝޯ ދެއްކުމަށް ފަހު، ތަރުހީބު ލިބޭ ވަރަކުން ޝޯތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ވާށޭ މަށާއެކީ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

"ވާށޭ މަށާއެކީ" ޓްރެއިލާ

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ފައިސަލާއި މަރިޔަމް ނޫރާ، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އަލީ ޝަޒްލީމް އަދި އަހުމަދު ސުނީ ފަދަ އެކްޓަރުން ހިމެނެ އެވެ.