މަޖޫ: ފިލްމް އެވޯޑްސްގެ ހަގީގީ ތަރި

އެވޯޑްސްގައި 5 ކެޓަގަރީއަކުން ނޮމިނޭޓްވެ، ހުރިހާ ކެޓަގަރީއަކުން މޖޫ ވަނީ އެވޯޑްތައް އުފުލާލާފައި.

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް ނިންމާފައި ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) ނުކުމެގެން ދިޔައީ މީގެ ކުރިން ރާއްޖޭގެ ފިލްމީ އެވޯޑެއްގައި ހަދާފައި ނެތް ރެކޯޑަކާ އެކުގަ އެވެ. އޭނާ ނޮމިނޭޓްވި ފަސް ކެޓެގަރީން ވެސް އެވޯޑް ކާމިޔާބުކޮށްގެންނެވެ.


މަޖޫގެ އެންމެ ޝަރަފުވެރި އެއް އެވޯޑަކީ އެންމެ މޮޅު ބަތަލާގެ މަގާމެވެ. "ވާށޭ މަށާއެކީ"ގައި އަދާކުރި ރޯލުން އެ އެވޯޑް އޭނާ ހާސިލްކުރީ ކުޅަދާނަ އެހެން ދެ ބަތަލާއިން ކަމަށްވާ ނިއުމާ މުހައްމަދާއި އައިޝަތު ރިޝްމީއާ ވާދަކޮށްގެންނެވެ.

ފިލްމު އެވޯޑްްސްގައި އެންމެ މޮޅު ފީޗާ ފިލްމަށް ހޮވުނު "ވާށޭ މަށާއެކީ" ގެ ޓީމާ އެކު މަޖޫ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭގެ އިތުރުން އެންމެ މޮޅު އާ ބަތަލާގެ އެވޯޑް "ހުޅުދާން" ގައި ކުޅުނު ބަޔަށް ލިބުނެވެ.

މި އެވޯޑްތަކުގެ އިތުރަށް މަޖޫ ކާމިޔާބުކުރީ "ހުޅުދާން" އިން އެންމެ މޮޅު މޭކަޕް، "ވާށޭ މަށާއެކީ" އިން އެންމެ މޮޅު ކޮސްޓިއުމް އަދި އެންމެ މޮޅު ކޮރިއޮގްރަފީގެ އެވޯޑެވެ.

ފަސް ކެޓަގަރީއަކުން ނޮމިނޭޓްވެ، ހުރިހާ އެވޯޑަށް އުނގަށް އަޅާލި ބަތަލާ ބުނީ "މި ހުރީ އުފަލުން ގޮސް އަސްލު ބުނާނެ އެއްޗެއް ވެސް ނޭނގިފައި" ކަމަށެވެ.

"އެންމެ މޮޅު ބަތަލާގެ މަގާމަކީ އެއްގޮތަކަށް ވެސް އުންމީދުކުރި އެވޯޑެއް ނޫން. ކެރިއަރުގެ މިހާ ކުރީކޮޅު އެ އެވޯޑް ލިބުނީމާ ވަރަށް ވަރަށް އުފާވެއްޖެ. މިއީ މިހާރު ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" މަޖޫ ބުންޏެވެ.

"ސޯލް" ކިޔާ ލަވަ ސީޑީއެއްގެ ލަވައަކުން ކެމެރާގެ ކުރިމައްޗަށް ނިކުތް މަޖޫ ފިލްމީ ދާއިރާ އަށް ތައާރަފުވެގެން ދިޔައީ ޑާކް ރެއިނުން 2014 ގައި ނެރުނު "ހުޅުދާން" އިންނެވެ. އެ ފިލްމަށް ފަހު އޭނާ ވީ ޑާކް ރެއިންގެ ޓީމުން އެންމެ ލޯބިވާ އެއް ބަތަލާއަށެވެ. އެ ސްޓޫޑިއޯގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ މަޖޫގެ ނަން ފިލްމީ ދާއިރާގައި ވިދުވާލި ދެ ފިލްމެވެ.

މަޖޫ އަށް އެންމެ މޮޅު އާ ބަތަލާގެ އެވޯޑް ލިބުނު ފިލްމު "ހުޅުދާން" ގެ ޓްރެއިލާއެއް.

އޭނާ މިހާތަނަށް ކުޅުނީ މުޅިން ވެސް ޑާކް ރެއިންގެ ފިލްމްތައް ކަމަށް ވާތީ މަޖޫ ލޭބަލްވެފައި ވެސް އޮތީ ޑާކް ރެއިންގެ ބަތަލާއެއްގެ ގޮތުގަ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު "ވަކިން ލޯބިން" އަކީ ވެސް ހަމަ އެ ސްޓޫޑިއޯގެ ފިލްމެކެވެ. މަޖޫ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މާޗް، 5، 2018 ގައި ރިލީޒް ކުރާ އެ ފިލްމުންނެވެ.

"އަހަރެން މި ހިސާބަށް ގެނެސް ދިން ބަޔަކީ ޑާކް ރެއިން ކަމަށް ވާތީ އެ މީހުންނަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ. އެކަމަކު އެހެން ސްޓޫޑިއޯތަކުން ވެސް މަޖޫ އަށް ކަމުދާ ކަހަލަ ރޯލެއް އޮފާކޮށްފިއްޔާ ގަބޫލުކުރާނަން،" ދެ ކުދިންގެ މަންމަ ބުންޏެވެ.

މަޖޫ ބުނީ އޭނާގެ ކެރިއަރުގެ ފުރަތަމަ އެވޯޑްގައި މިވަރުގެ ބޮޑު ކާމިޔާބީއެއް ލިބުނީ ފަހަތުގައި އޮތް ވަރުގަދަ ޓީމެއްގެ ސަބަބުން ކަމަށެވެ. އެހެންވެ އެ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

މަޖޫ އަށް މޮޅު ބަތަލާގެ އެވޯޑް ލިބުނު "ވާށޭ މަށާއެކީ" ގެ ޓްރެއިލާއެއް.

"ފިލްމު ކުޅެން އަސްލު ފެށުނީ ރަވީ [ފާރޫގް] ހޯދައި ދިން ޗާންސެއްގެ ތެރެއިން. އެހެންވެ މި ދާއިރާ އަށް މަޖޫ ނެރެދިން މީހަކަށް ވާނީ ރަވީ،" އޭނާ ބުންޏެވެ.

"ދެން ޑާކް ރެއިންގެ ހިއްސާ މީގައި ހަމަ ވަރަށް ބޮޑު ވާނެ."

މަޖޫ ބުނި ގޮތުގައި ކުރިއަށް ދާން ވެސް މިހާރު އޭނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ.

"އެހެންވެ ފޭނުން ކައިރީގައި ވެސް ބުނެލަން ބޭނުންވަނީ ހަމަ ކުރިއަށް ދާނަމޭ. ސަޕޯޓްކޮށްދޭށޭ އަބަދުވެސް،" އޭނާ ބުންޏެވެ.