ބަލިވެއިން ކަމަށް ބުނާ ވާހަކަ އަނުޝްކާ ޝަރުމާ ދޮގުކޮށްފި

މީގެ އަހަރެއްހާ ދުވަސް ކުރިން އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީއާ ކައިވެނި ކުރި ބޮލީވުޑްގެ ޒުވާން ބަތަލާ އަނުޝްކާ ޝަރުމާ ބަލިވެއިން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.


ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މި ފަހުން ރިޕޯޓް ކުރަމުން އަންނަ ގޮތުގައި 30 އަހަރުގެ ބަތަލާ މި ވަގުތު އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ.

ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ދުރަށް ޖެހިލައި، ޒާތީ ދިރިއުޅުމަށް ވަގުތު ހުސްކުރަން ބޭނުންވާ ކަމަށް ބުނެފައިވާތީ ވެސް މީޑިއާތަކުން ސިފަކޮށްފައި ވަނީ އެއީ އަނުޝްކާ ބަލިވެއިންކަމުގެ ސިގްނަލެއްގެ ގޮތުގަ އެވެ. އަދި މި މަހުގެ 21 ގައި ރިލީޒް ކުރާ "ޒީރޯ" އަށް ފަހު، ކުޅޭނެ އާ ފިލްމަކަށް ސޮއި ވެސް ކޮށްފައި ނުވާތީ މީޑިއާތަކުން ދެކެނީ އެއީ އަނުޝްކާ ބަލިވެއިންކަމުގެ ހެއްކެއްގެ ގޮތުގަ އެވެ.

ނަމަވެސް ބަލިވެއިން ކަމަށް ބުނާ ވާހަކަތައް، 2008 ގައި ފިލްމު "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ވަނީ ދޮގުކޮށްފަ އެވެ.

ވިރާޓް އާއި އަނުޝްކާ.

"ބައެއް މީހުން ފަތުރާފާނެ ނުވެސް ހައްދަވާ ކަންކަމަކުގެ ވާހަކަ ވެސް. އަހަރެން ބަނޑުބޮޑެއް ނޫން،" ހިންދުސްތާން ޓައިމްސް އަށް އަނުޝްކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކައިވެނި ކުރާ ބައެއް މީހުން ކައިވެނި ސިއްރުކޮށްގެން އުޅުނަސް، މާބަނޑުވުމަކީ ސިއްރު ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ ބައެއް މީހުން ފަތުރާ ތާކުންތާކު ނުޖެހޭ ވާހަކަތަކަށް އޭނާ މާ ބޮޑު ސަމާލު ކަމެއް ނުދޭ ކަމަށް ވެސް ބުންޏެވެ.

"އެކަމަކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކައިވެނިކޮށްގެން އުޅޭ ދެ މީހުން ކަމަށް ވަންޏާ ކޮންމެވެސް ދުވަހަކުން ދަރިއަކު ވެސް ހޯދާނެކަން،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އެކަމަކު މި ވަގުތަކު އަހަރެމެންގެ ނެތް ދަރިއަކު ހޯދުމުގެ ޕްލޭނެއް."

ޝާހްރުކް ހާނާ އެކު ކުޅެފައިވާ "ޒީރޯ" އަކީ މި އަހަރު ރިލީޒްވާ އަނުޝްކާގެ ހަތަރު ވަނަ ފިލްމެވެ. މި އަހަރު ރިލީޒްވި އޭނާގެ ފިލްމުތަކަކީ "ޕަރީ"، "ސަންޖޫ" އަދި "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ.