"ނިވައިރޯޅި"ގެ ޓިކެޓް ވިއްކަން ފަށައިފި

އަންނަ އަހަރު އަޅުވާ ފުރަތަމަ ދިވެހި ފިލްމު "ނިވައިރޯޅި" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.


ބަތަލާ އަދި ޕްރޮޑިއުސަރު ނިއުމާ މުހައްމަދު ބުނީ އޭނާގެ ވަދާއީ ފިލްމުގެ ޓިކެޓް މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް އޮލިމްޕަހުން މެންދުރު ފަހު 2:00 އިން ރޭގަނޑު 9:00 އަށް ވިއްކާނެ ކަމަށެވެ.

އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރާ "ނިވައިރޯޅި" ގެ ޕްރިމިއާ ޝޯގެ ޓިކެޓް 150ރ. އަށް ވިއްކާ އިރު، ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100ރ. އަށެވެ.

"މި ފަހަރު އަހަރެމެން ޓިިކެޓް ނޯޓެއް ނުކުރަން. އެހެންވެ އެކަމަށް ހާއްސަ ވަކި ނަމްބަރެއް ވެސް ނީންނާނެ. އޮލިމްޕަހަށް ގޮސްގެން ޓިކެޓް ގަނެވޭ ގޮތަށް ހަމަޖެހިފައި އިންނާނީ،" ނިއުމާ ބުންޏެވެ.

އޭނާ ބުނީ އޮލިމްޕަހުގައި ކުލަގަދަ އިވެންޓަކާ އެކު ފިލްމު ޕްރިމިއާ ކުރުމަށް ފަހު، އަންނަ މަހުގެ 5 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީ ތިލަ ދެކުނު ސިނަމާގައި ވެސް ފިލްމުގެ ކުލަގަދަ ޕްރިމިއާއެއް ބާއްވާނެ ކަމަށެވެ. މީގެ އިތުރުން އަންނަ މަހުގެ ތެރޭގައި، މަދުވެގެން 30 ރަށެއްގައި "ނިވައިރޯޅި" ދައްކަން ވަނީ އަމާޒު ހިފައިފަ އެވެ.

މި އަހަރު އަޅުވަން ނިންމާފައި ފަހުން އަންނަ އަހަރަށް ފަސްކުރި "ނިވައިރޯޅި" އަކީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ 2011 ގެ "ލޫދިފާ" އަށް ފަހު ސިނަމާ އަށް އަންނަ އޭނާގެ ފުރަތަމަ ފިލްމެވެ.

"ނިވައިރޯޅި" އިން ނިއުމާއާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.