އިންޑިއާގެ ކުރީގެ ފުޓްބޯޅަ ކޯޗް ސައީދު އަބްދުލް ރަހީމްގެ ރޯލް އަޖޭ ދޭވްގަން ކުޅޭ ފިލްމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭގެ ޑައިރެކްޓައަރު އަމިތު ޝަރުމާ ބުނެފި އެވެ.
އޭނާއަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބަދާއީ ހޯ" ގެ ޑައިރެކްޓަރެވެ. އުމުރުން ދުވަސްވީ މަޔަކު އަލުން ބަލިވެ އިނުމުން ދިމާވާ ހާދިސާތަކެއް ކިޔައި ދިން އެ ފިލްމަކީ އެންމެ 29 ކްރޯޑް ރުޕީސް (4.14 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 221 ކްރޯޑް ރުޕީސް (31.6 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
"ބަދާއީ ހޯ" ގެ ބޮޑު ކާމިޔާބީ އަށް ފަހު އަމިތު ޑައިރެކްޓް ކުރާ ފުޓްބޯޅަ ފިލްމަކީ ޒީ ސްޓޫޑިއޯސް އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފިލްމު މިދިޔަ ޖުލައި މަހުގެ ތެރޭގައި އިއުލާން ކުރި ނަމަވެސް އޭގެ ނަން އަދި ހާމައެއް ނުކުރެ އެވެ.
މި ފިލްމާ ބެހޭ ގޮތުން އަމިތު ބުނީ އޭނާ ފިލްމުގެ މަސައްކަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
"މިއީ ތާރީހާ ގުޅިފައި އޮތް ފިލްމަކަށްވާތީ ސްކްރީންޕްލޭ ފައިނަލް ކުރުމުގެ ކުރިން އަހަރެމެން މި އަންނަނީ އިތުރު ދިރާސާތައް ހަދައި، ސްކްރީންޕްލޭ އިތުރަށް މުއްސަނދި ކުރުމުގެ މަސައްކަތް ކުރަމުން،" ބޯނީ ޕްރޮޑިއުސްކޮށް، އޭނާގެ ފިރިހެން ދަރިފުޅު އަރުޖުން ކަޕޫރް ލީޑް ރޯލް ކުޅުނު 2015 ގެ "ތޭވަރު" ވެސް ޑައިރެކްޓް ކުރި އަމިތު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފިލްމެއްގެ ޝޫޓިން ފެށުމުގެ ކުރިން އޭނާ އަބަދު ވެސް އެންމެ ބޮޑަށް ބަލާ ކަމަކީ ސްކްރިިޓް ފުރިހަމަ ކުރުމެވެ.
"އިންޑިއާގެ އޯޑިއަންސް ވެސް މިހާރު ވަރަށް ހުށިޔާރު. ކޮންމެ ކޮންމެ ކަހަލަ ފިލްމެއް މިހާރު ބެލުންތެރިން ގަބޫލެއް ނުކުރާނެ،" އަމިތު ބުންޏެވެ. "އެހެންވީމާ ބޮޑު ފިލްމެއް ކުޑަ ފިލްމެއް މީގައި ތަފާތެއް ނެތް ސްކްރިޕްޓް މޮޅަށް ގެނެސް ދީގެން ރަނގަޅު ފިލްމެއް ގެނެސް ދެވޭނީ. އަހަރަން އަބަދު ވެސް މަސައްކަތް ކުރަނީ އެކަން ވިސްނުމުގައި ބަހައްޓައިގެން. މި ފިލްމު ވެސް ހަދާނީ ވަރަށް ފަރުވާތެރިކަމާ އެކު."
އަޖޭގެ ފުޓްބޯޅަ ފިލްމުގެ ޝޫޓިން ފަށާނެ އިރެއް އަދިއެއް ނޭނގެ އެވެ. ބެލެވޭ ގޮތުން މި ފިލްމު ސިނަމާތަކަށް އަންނާނީ އެންމެ އަވަސްވެގެން ވެސް 2020 ގަ އެވެ. އަންނަ އަހަރަކީ އަޖޭ އަށް ވަރަށް ބިޒީ އަދި ގިނަ ފިލްމުތަކެއް ގެ މަސައްކަތް ކުރަން ހުރި އަހަރެކެވެ.
އެގޮތުން ތާރީހީ ހާދިސާއަކަށް ހަދާ "ތާނަޖީ: ދި އަންސަންގް ވޮރިއާ" އާއި "ދޭ ދޭ ޕިޔާރް ދޭ" އާއި "ޓޯޓަލް ދަމާލް" އަކީ އަންނަ އަހަރު ރިލީޒް ވާނެކަން ކަށަވަރުވެފައިވާ އަޖޭގެ ފިލްމުތަކެވެ. އަދި ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމަކަށް ވެސް އޭނާ އޮތީ ސޮއިކޮށްފަ އެވެ.