އިޝްތިހާރުތަކުން އެންމެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރު ވިރާޓް ކޯލީ އާއި ދީޕިކާ ޕަދްކޯން އަށް

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ ތެރެއިން މިދިޔަ އަހަރު ބްރޭންޑްތައް އެންޑޯޒްކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބަތަލާ ދީޕިކާ ޕަދްކޯން އާއި ކްރިކެޓް ތަރި ވިރާޓް ކޯލީ ކަމަށް ޑަފް އެންޑް ފެލްޕުން ބުނެފި އެވެ.


ފައިނޭންސް ސާވިސް ކޮމްޕެނީ ޑަފް އެންޑް ފެލްޕްސް އިން ނެރުނު ސެލެބްރިޓީ ބްރޭންޑް އިވެލުއޭޝަން ރިޕޯޓް 2018 "ދަ ބޯލްޑް، ދަ ބިއުޓިފުލް އެންޑް ދަ ބްރިލިއަންޓް" ގައިވާ ގޮތުން ބަތަލާ އަނުޝްކާ ޝަރުމާގެ ފިރިމީހާ އަށް މިދިޔަ އަހަރު އިޝްތިހާރުތަކުން 170.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މި ލިސްޓްގެ އެއް ވަނަ، ޖެހިޖެހިގެން އޭނާ އަށް ލިބުނު ދެވަނަ ފަހަރެވެ.

ކްރިކެޓް ކުޅެގެންނާއި އަމިއްލަ އަށް ހިންގާ އެކިއެކި ވިޔަފާރިތަކުން ވެސް ވިރާޓަކީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ.

ދީޕިކާ އަށް ލިސްޓްގެ ދެވަނަ އިން ޖާގަ ލިބުނީ 102.5 މިލިއަން ޑޮލަރާ އެކީގަ އެވެ. އެކްޓު ކުރަމުން މިހާރު ފިލްމު ޕްރޮޑިއުސް ވެސް ކުރަން ފަށާފައިވާ ދީޕިކާއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ އެއް ބަތަލާ ވެސް މެ އެވެ. އަނެއްކޮޅުން އޭނާގެ މަޝްހޫރުކަމާ އެކު ދީޕިކާވެފައި ވަނީ ބްރޭންޑްތަކުގެ ލޯ އެންމެ ބޮޑަށް އަމާޒުވެފައިވާ އެއް ބަތަލާއަށެވެ.

އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރަކީ ވެސް ބްރޭންޑްތަކުގެ އުފެއްދުންތައް އެންޑޯޒްކޮށްގެން ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ އޮތީ މި ފަހަރު ލިސްޓްގެ ހަތަރު ވަނައިގަ އެވެ. އެއީ 63 މިލިއަން ޑޮލަރާ އެކީގަ އެވެ.

"ދަ ބޯލްޑް، ދަ ބިއުޓިފުލް އެންޑް ދަ ބްރިލިއަންޓް" ގެ ތިން ވަނައިން ޖާގަ ލިބުނީ އަކްޝޭ ކުމާރަށެވެ. ތަފާތު އެކި އުފެއްދުންތައް އިޝްތިހާރުކޮށްގެން އޭނާ އަށް މިދިޔަ އަހަރު 67.3 މިލިއަން ޑޮލަރު ލިބުނު އިރު، ލިސްޓްގެ ފަސް ވަނައިގައި އޮތީ ޝާހްރުކް ހާނެވެ.

މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ފްލޮޕްވި އެކްޓަރަށް ބްރޭންޑްތަކުން މިދިޔަ އަހަރު ލިބިފައި ވަނީ 60.7 މިލިއަން ޑޮލަރެވެ.

އަކްޝޭ އަންހެނުން ޓްވިންކަލް ކަންނާއާ އެކު.

"ދަ ބޯލްޑް، ދަ ބިއުޓިފުލް އެންޑް ދަ ބްރިލިއަންޓް" ގެ ގަދަ 10 ގެ އިތުރު ވަނަތަކަށް ބަލާ އިރު، 55.8 މިލިއަން ޑޮލަރާ އެކު ހަ ވަނަ އިން ޖާގަ ލިބުނީ ސަލްމާން ހާނަށެވެ. ހަތް ވަނަ އިން 41.2 މިލިއަން ޑޮލަރާ އެކު އަމީތާބް ބައްޗަން ޖާގަ ހޯދި އިރު އަށް ވަނައިގައި 36.5 މިލިއަން ޑޮލަރާ އެކު އޮތީ ޒުވާން ބަތަލާ އާލިއާ ބަޓެވެ.

ނުވަ ވަނަ އިން ވަރުން ދަވަން އަށް 31.6 މިލިއަން ޑޮލަރާ އެކު ޖާގަ ލިބުނު އިރު، 2017 ގެ ލިސްޓްގެ ހަތް ވަނަ އިން ޖާގަ ލިބުނު ރިތިކް ރޯޝަން މި ފަހަރު އޮތީ 10 ވަނައިގަ އެވެ. އެއީ 31.0 މިލިއަން ޑޮލަރާ އެކީގަ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ