ސްރީ ސާންތު ދެން ބޭނުމީ ސްޓީވެން ސްޕީލްބާގްގެ ފިލްމެއްގައި މަސައްކަތްކޮށްލަން

އިންޑިއާގެ ކްރިކެޓް ކުޅުންތެރިންގެ ތެރެއިން ސްރީ ސާންތަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އިން ގިނައިން ފެންނަ ތަރިއެކެވެ. މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ރޯލްތައް ކުޅެފައިވާ ސްރީ ވަނީ ދާދި ފަހުން ކަލާޒުން ނިންމައިލި ރިއަލިޓީ ޝީ "ބިގް ބޮސް" ސީޒަން 12 ގައި ވެސް ވާދަކޮށް ގަދަ ތިނަކާ ހަމައަށް ވެސް ދަތުރުކޮށްފަ އެވެ.


ކަލާޒުން މިހާރު ދައްކާ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ސީޒަން ނުވައެއްގެ ބައިވެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. އަދި ކުރިން ސްރީ ވަނީ ކަލާޒްގެ ޑާންސް ޝޯ "ޖަލަކް ދިކްލާޖާ" ގައި ވެސް ވާދަކޮށްފަ އެވެ.

"އަކްސަރު 2" އާއި "ކެބަރޭ" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅުނު ކްރިކެޓް ތަރީގެ ދެން އޮތް ހުވަފެނަކީ ހޮލީވުޑަށް ގޮސް، މަޝްހޫރު ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ ފިލްމެއްގައި މަސައްކަތް ކުރުމެވެ.

އިންޑޯ-އޭޝިއަން ނިއުސް ސާވިސެސް (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ސްރީ، 35، ބުނީ ސްޕީލްބާގާ އެކު ފިލްމެއްގައި މަސައްކަތްކޮށްލުމަކީ އެންމެ ބޮޑު އެއް ހުވަފެން ކަމަށެވެ.

"މައްސަލައެއް ނެތް ކިތަންމެ ކުޑަކުޑަ ރޯލަކަށް ވިޔަސް އަހަރެން ބޭނުން އޭނަގެ ފިލްމެއްގައި މަސައްކަތްކޮށްލަން. ޔަގީނުން ވެސް އެއީ ހަޔާތުގައި ލިބޭނެ ވަރަށް ބޮޑު ތަޖުރިބާއަކަށް ވާނެ،" ދެ ކުދިންގެ ބައްޕަ ބުންޏެވެ.

ސްރީ ބުނި ގޮތުގައި އޭނާ ހަޔާތަކީ ކުރިން އުންމީދު ނުކުރާ ކަހަލަ ކަންތައްތަކުން ފުރިގެންވާ ދިރިއުޅުމެކެވެ. އެހެންވެ ސްޕީލްބާގާ އެކު މަސައްކަތްކޮށްލަން އުންމީދު ކުރުމަކީ ވެސް ނުވާނެ ކަމަކަށް ބަލައިގެން ނުވާނެ ކަމަށް ބުންޏެވެ.