ބިރުވެރި މާލެ ދަތުރު

އާދިއްތަ ދުވަހާ ގުޅޭ


"އަހަރުމެން ނޫނީ ނުތިބޭނެ ކުށެއް ނެތި ކުށްވެރިވެފަތިބޭ ބައެއް،" އަމްޖަދު ބުންޏެވެ. "ކީއްކުރާނީ؟ ދެން ތަނެއް ކުއްޔަށްހިފާ! ނަމަނަމަ ހިލޭ ނުހުންނާތި ދެން. އޭރުން ތި މައްސަލަ ހައްލުވާނީ."

"މަ ވެސް ބޭނުމީ ތިހެނޭ ހަދަން،" އަހަރެން ބުނީމެވެ. "އަހަންނަކަށް ނޭނގޭ ތަނެއް ހޯދާނެ ގޮތެއް. ކޮންމެ ފަހަރަކު ވެސް މީސްމީހުން ގާތުގަ މި ބުނަނީ. ތަންތަން ލިބޭ. އެ މީހުން ފައިސާއެއް ނުހިފަޔޭ. އަހަރެން ބުނަމޭ ފައިސާ އެބަހުއްޓޭ! ކުއްޔަށޭ ހުންނަން ބޭނުމީ ވެސް. ހައްތާ ވެސް މުއްދަތު ކިހާ ކުރުހޭ، އެކަނި ނޫންހޭ ހުންނަނީ، ގޭގަ އުޅޭ ވަގުތުކޮޅު ވެސް ކިހާ ކުޑަހޭ ކިޔާފަ ލާރީގަ ނުހިފަނީއޭ. އަނެއްކާ ވެސް މި ބަލަނީ ކޮޓަރިއެއް ލިބޭތޯ."

"އާނ ބަލާބަލަ! ވަރިހަމައޭ މިކޮޅުން އިތުރަށް ފައިސާ ފޮނުވަން ޖެހުނަސް،" އަމްޖަދު ހިތްހަމަނުޖެހިފައި ބުންޏެވެ. "އަހަރުމެންނަކީ ހަލާލު މަސައްކަތްކޮށްގެން ދިރިއުޅޭ މީހުންނޭ. ލާރި ނެތިގެނެއް ނޫޅެމޭ. ވަކިން އުޅެވޭ ގޮތަށް ހުރި ތަނެއް ކުއްޔަށްހިފާ. އޭރުން އެ ތަނުގަ ނާސިހާ އެކަންޏެއްނު އުޅޭނީ. އެއްވެސް ކަމަކަށް ދައްޗެއް ނުވާނެއްނު."

ހުރިހާ ވެސް މައްސަލައަކީ އަހަރެން މާލެއަށް ނުފަރިތަކަމެވެ. ކޮލެޖަށް ގޮސް ރައްޓެހިންނާއި، ރައްޓެހިންގެ ރައްޓެހިންނާ ވެސް ވާހަކަދެއްކީމެވެ. ކޮންމެ ކުއްޖަކީ ވެސް މާލޭގައި އުޅޭ ރަށު މީހެއް ގާތުގައި ހުންނަ ކުއްޖެކެވެ. ކައިބޮއިހަދަނީ ގޭގެ މީހުންނާ އެކުގައެވެ. ވަކިން ކޮޓަރިއެއް ހިފައިގެންއުޅޭ މީހަކު ނެތެވެ. މާލޭގެ ކުލީ ތަންތަނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ވެސް ނެތެވެ. ފާޒިރާ ވެސް ވަރަށް މަސައްކަތްކޮށްދިނެވެ. ކޮލެޖު ނިންމައިފައި އަހަރުމެން ނުކުންނަނިކޮށް ފާޒިރާއަށް ރައްޓެއްސަކު ގުޅިއެވެ. ތަނެއް ހަމަޖެހުނެވެ.

"ތަނެއް އޯކޭވެއްޖެ! އަނެއްކާ ވެސް،" ފޯނުން ވާހަކަދައްކައި ނިންމައިފައި ފާޒިރާ ބުންޏެވެ. "ހަމަ މި ތަނަށް ކިޔަވަން އައިސްއުޅޭ ކުއްޖަކު އެބައުޅޭ ފަނަރަ ސަތޭކައަށް ކޮޓަރިއެއް ހިފައިގެން. އިއްޔެ އަހަރުމެންނާ އެއްކޮށް އުޅުނެއްނު ސަނާއެއް. އޭނަ. އޭނަ ބުނީ އެ ގޭގެ ހުރެދާނޯ ހަމަ އެ އަގަށް ކުއްޔަށްދޭ ކޮޓަރި. ވަރަށް ސަޅި ތަނެކޯ. އޯކޭ ދޭންވީތަ؟"

އަހަރެން އެއްބަސްވީމެވެ. އެކަމަކު އެ ތަނުގައި ވެސް ކުޑަކުޑަ އެހެން މައްސަލައެއް އޮތެވެ.

"އެކަމަކު އެއްޗެހި ދޮންނަން ޖެހެނީ ގޭގެ މީހުން ވެސް އެއްޗެހި ދޮންނަ މެޝިނުން،" ފާޒިރާ ބުންޏެވެ. "އެ މީހުން ނުދޮންނަ ދުވަސްދުވަސް ބަލައިގެން އެ ދުވަހަކަށް ސެޓުކުރަން ޖެހޭނީ. ގޭގެ މީހުން ކައްކާ ތަނުގަ ކައްކަން ޖެހޭނީ ވެސް. ކިހިނެއް ހަދާނީ؟"

އަހަރެން ވިސްނައިލީމެވެ. ކެއްކުމުގެ މައްސަލައަށް އަހަރެން ޖެހޭނީ އެހެން ހައްލެއް ހޯދާށެވެ. އެއްޗެހިދޮވުން އެއީ މައްސަލައެއް ނޫނެވެ. މެޝިނަށް އެއްޗެހި އަޅައިފައި ދެން ދާންޖެހޭނީ މެޝިނުން އެއްޗެހި ނަގާށެވެ. ދުވާލަކު އެއްފަހަރު އެ ކަން ކުރާކަށް ވެސް ނުޖެހޭނެއެވެ.

"ކެއުން ހަމަޖައްސަފާނަން އެހެން ތާކުން ވެސް،" އަހަރެން ބުނީމެވެ. "ކޮލެޖަށް އައިސް މި ތާ ކައިރީ މިހިރަ ތަންތަނުން ވެސް ކައިފާނަން. ކުއްޔަށް ފަނަރަ ދީފަ މާ ރީތިކޮށް ވެސް އަހަންނަށް ހަމަޖެއްސޭނެ. ތި ތަން ހޯދާ."

އެ ދުވަހުން އެ ދުވަހަށް ތަން ހަމަޖެހުނެވެ. އެއީ ފަސްވަނަ ތަނެވެ. އެހާ އަވަހަށް ތަނެއް ހަމަޖެހޭނެކަމަކަށް އަހަރެން ހިއެއްނުކުރަމެވެ. ވަގުތުން ފޮށްޓަށް އެއްޗެހި އަޅައިލައިގެން ފެރީއަށް އެރީމެވެ. ގެއިން އަހަރެން ނުކުންނަން ޖެހުނު އަސްލު ސަބަބު ޒާހިރާއަކަށް ކިޔައެއްނުދެމެވެ. ފެރީގައި ދެކޮޅަށް ދަތުރުކުރަން ޖެހުން ބަހަނާއަކަށް ހަދައިފައި ނިންމައިލީއެވެ.

ރޭގަނޑު އަށްގަޑި ބައިވިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެންގެ އިންތިޒާރުގައި ފާޒިރާއާއި ސަނާ ތިއްބެވެ. ހުންނަން ހަމަޖެހިފައިވާ ގެއަށް އައީ ތިން މީހުން އެކުގައެވެ. އަރަން ޖެހުނީ ތިންވަނަ ފަންގިފިލައަށެވެ. އެއީ ރީތިކޮށް ހަދައިފައިވާ ތަނެކެވެ. ބޮޑު އެޕާޓުމަންޓެކެވެ. ހަތަރު ކޮޓަރި ހުއްޓެވެ. އެއް ކޮޓަރީގައި ހަފީޒާއާއި ޖައުފަރެވެ. އަނެއް ކޮޓަރީގައި ސަނާއެވެ. ދެން ބާކީ ހުރި ދެ ކޮޓަރިން އެއް ކޮޓަރި އަހަންނަށެވެ. އަނެއް ކޮޓަރީގައި ވެސް ބަޔަކު އުޅޭހެން ހީވިއެވެ. އެ ކޮޓަރި ހުރީ ދިއްލައިފައެވެ. ގެއިން އަހަރުމެންނަށް މަރުހަބާކިއީ ޖައުފަރެވެ. ދެބައިއުމުރުގެ ފިރިހެނެކެވެ. އިސްކޮޅުން ދިގު، ކަސްރަތީ ނޫން ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިކޮޅު މަދު، ބަރު އަޑެއްގެ ވެރިޔެކެވެ. އެނގިފައިވާ ގޮތުގައި ގޭގެ ވެރިމީހާއަކީ އެއީއެވެ. ޖައުފަރާ ފުރަތަމަ ހަތަރުކަޅި ހަމަވި ވަގުތު ވެސް ޖައުފަރުގެ ބެލުމާ މެދު އަހަރެންގެ ހިތުގައި ޝައްކުއުފެދުނެވެ. ފޮރުވިފައިވާ ނިޔަތެއް އޭނަގެ އޮތްހެން ހީވިއެވެ. އެހެނަސް އެއީ ހީއެކެވެ. ޖައުފަރުގެ އަނބިމީހާއަކީ ހަފީޒާއެވެ. އަހަންނަކީ އާދައިގެ އިސްކޮޅެއްހުންނަ މީހެކެވެ. ހަފީޒާ އަރަނީ އަހަރެންގެ ކޮނޑާ ހަމައަށެވެ. އަނަރޫފަކަމުގެ އިތުރަށް ހެލިފެލިވާ ގޮތުން ހަފީޒާއަކީ ބަލިމީހެއްކަން އެނގޭވަރު ވެއެވެ. އެކަމަކު ހިނިތުންވެލައިފައި ނޫނީ އެންމެ ބަހެއް ވެސް ހަފީޒާ ނުބުނެއެވެ. އަހަރުމެންނަކީ އަލަށް ފެނުނު ބައެއްހެން ފަހަރެއްގައި ވެސް އިހުސާސްވިޔަކަ ނުދެއެވެ.

"އަވަހަށް ފޮށި ވައްދާ އެތެރެއަށް،" އޯގާތެރިކަމާ އެކުގައި ހަފީޒާ ބުންޏެވެ. "މި މޭޒުގަ ކެއުން އޮންނާނީ. އެހެރީ ދޮންނަމެޝިން. އެންމެންގެ ގަޑިތައް ބަހާފަ ހުންނާނީ. ފޮތް ބަލައިލާފަ ބުނާނަން ނާސިހާގެ ގަޑި. ކަންޏާ ކާއެއްޗެހި އަމިއްލައަށް ގަނެގެން އައިސް ކައްކަންވީ. ނޫނީ އެއްޗެހި ގަނެގެން ކޮޓަރިއަށް ގެނެސްގެން ކެޔަސް މައްސަލައެއް ނެތް. މި ގޭގެ ހުރިހާ ކަމެއް ބަލަހައްޓާނީ އަހަރެންގެ ފިރިމީހާ ޖައުފަރު. އަހަރެން ވެސް އުޅޭނެ. ދެން ބޭނުންވާނެ ނާސިހާގެ ފޯނު ނަންބަރު. ފަހަރެއްގަ ކޮންމެހެން ގުޅާލަން ޖެހުނަސް ގުޅޭނީ އޭރުންތާ. ޖައުފަރު ނަންބަރަށް ނާސިހާގެ ނަންބަރު ފޮނުވާލާފަ ބާއްވާ."

ޖައުފަރުގެ ފޯނު ނަންބަރު ދިނުމުން އެ ނަންބަރަށް އަހަރެންގެ ނަންބަރު ފޮނުވައިލީމެވެ. ހަފީޒާ ބުނީ ތެދެކެވެ. ފަހަރެއްގައި އަހަންނަށް ގުޅާލަންޖެހޭ ކަހަލަ ހާލަތެއް އަތުވެދާނެއެވެ. އަހަރެން ހިތަށްއެރިއެވެ. އެންމެ ފަހުން އަހަރެން ބޭނުންވި ކަހަލަ ތަނެއް ލިބުނީއެވެ. ތަން ރީއްޗެވެ. ކުލި ގަބޫލުކުރެއެވެ. އެއްވެސް ފިކުރެއް، ހާސްކަމެއް ނެތެވެ. ކޮޓަރިއަށް ވަދެފައި ހަމަޖެހިލީމެވެ. އެނދުގެ ގޮދަޑިއާއި، އަޅައިފައިވާ ފޮތިގަނޑާއި، ބާލީހުގެ އުރަ ވެސް ސާފުތާހިރެވެ. ހިރަފުހެއް ނެތެވެ. ދޮންނާކަށް ނުޖެހެއެވެ. ފާޚާނާ ބަލައިލިއިރު އެ ތަން ވެސް އަހަރެން ވަރަށް ހިތްހަމަޖެހެއެވެ. އަމްޖަދަށް ގުޅައިފައި ވަރަށް އުފަލާއެކު ހުރިހައި ވާހަކައެއް ކިޔައިދިނީމެވެ.

ފަސްވަނަ ގޭގެ ފުރަތަމަ ދުވަހެވެ. އަހަރެން ކުރަންޖެހޭ މަސައްކަތެއް ނެތެވެ. ކުރާ ކަންކަމަށް ލޯއަޅާނެ ބަޔަކު ނެތެވެ. ގަޑިޖެހިދާނެ ކަމުގެ ބިރެއް ވެސް ނެތެވެ. އެ ގެއިން ނުކުމެފައި މަގުގެ ދެކޮޅު ބަލައިލީމެވެ. އަމާން މަގެކެވެ. ހިނގައިފައިދާ ދެތިން މީހެއް ފިޔަވައި އެހެން މީހަކު ނެތެވެ. ކޮލެޖާ ދިމާއަށް ހިނގައިގަތީމެވެ. ކުއްލިއަކަށް އަހަންނަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނެވެ. އެއީ ކުރިން ދުވަހަކު ވެސް ކުރެވުނު ކަހަލަ އިހުސާސެއް ނޫނެވެ. އަހަންނަށް ހީވަނީ ކޮންމެވެސް މީހަކު އަހަންނަށް ފާރަލާހެންނެވެ. އެ ޝައްކު އިންތިހާއަށް ބޮޑުވުމުން އަހަރެން ފަހަތް ބަލައިލީމެވެ. މަގުގައި މީހުން އުޅެއެވެ. އެކަކު ވެސް އަހަންނާ ދިމާއަކަށް ނުބަލައެވެ. އަހަރެން ދަންނަ އެއްވެސް މޫނެއް ނެތެވެ. ކޮލެޖާ ހަމައަށް ދިޔައިރު ވެސް މީހެއްގެ އުނދަގުލެއް އަހަންނަކަށް ނުވެއެވެ. ހަމަ އެހެންމެ، ހިތުގައި އުފެދުނު ވަހުމު ފިލައިގެނެއް ނުދިޔައެވެ. ކޯލެއް ނަޔަސް އިރުއިރުކޮޅާ ފޯނަށް ބަލައިލެވެއެވެ. އެކަމަކު ނުދަންނަ ކޯލެއް އައީކީ ވެސް ނޫނެވެ.

އެ ދުވަހަކީ ރީމާގެ އުފަންދުވަހެވެ. ރީމާއަކީ، މާލޭގައި ވަޒީފާއަދާކުރާ އަތްމަތި ތަނަވަސް ކުއްޖެކެވެ. ކިލާސް ނިންމައިފައި ގާތް ރައްޓެހިންނަށް ސައިދޭން ރީމާ ބޭނުންވިއެވެ. ޖުމުލަ ފަސް އަންހެންކުދިންނެވެ. އެ ލިސްޓުގައި އަހަރެން ވެސް ހިމެނުނެވެ. އަހަރުމެން ސައިބޯން ދިޔައީ ކޮލެޖާ ވަރަށް ކައިރީގައި ހުރި ތަނަކަށެވެ. ސައިބޯން ފެށިތަނާ ރީމާ ވައްކަޅިން އަހަންނަށް އިޝާރާތްކޮށްލިއެވެ. ވައަތްފަރާތް ބަލައިލުމަށް އެދުނެވެ. އަހަރެން ބަލައިލިއިރު ނުދަން ފިރިހެނަކު އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އޭނަ ހެދުންއަޅައިފައި ހުރިގޮތުން ހީވަނީ ކޮންމެވެސް މަތީ މަގާމެއްގެ މީހެއްހެންނެވެ. މެދު އުމުރުގެ މީހެކެވެ. ލައިގެންހުރި އަތްދިގު، ހުދު ގަމީހާއި ރަތްކުލައިގެ ޓައީ އޭނަޔާ ގުޅެއެވެ. އެކަނި ސައިބޯންއިންއިރު އޭނަޔާ ޖެހިގެން ހުރި ގޮނޑީގައި ކޯޓެއް އަޅުވައިލައިފައި އޮތެވެ. ޖެލް ލައިފައި ހުރި ފަން އިސްތަށިގަނޑެކެވެ. ތުނި މަތިމަހާއި ތުނބުޅީގެ ސަބަބުން އެ މޫނުގައި ހިތްގައިމު ގޮތެއް ހުއްޓެވެ. އަހަރެން އަވަހަށް މޫނު އަނބުރައިލީމެވެ.

"ރީމް ކުރާ ކަންތައް." އަހަރެން މަޑުމަޑުން ބުނީމެވެ.

"ކީއްތަވީ؟" ރީމާ ހިނިތުންވެފައި ބުންޏެވެ. "ހަޑި؟"

"ރީމް!" އަހަރެން ބުނީމެވެ. "އަހަރެން އުޅެނީ މީހަކާ އިނދެގެންނޭ! ތިން ކުދިން އެބަތިބި. ހަނދާންނެތުނީ؟"

ރީމާ ހީނގަތެވެ. އަހަރެންގެ ފިރިއެއް ހުންނަކަމާއި ކުދިން ތިބި އަދަދު ރީމާއަށް އެނގޭނެއެވެ. އެކަމަކު ރީމާއަކީ އެ ކަހަލަ ލާނެތް ސަމާސާކުރާ ކުއްޖެކެވެ. ރީމާގެ ކަޅިރަވަ ތޫނުވެފައި، ލޮލުގައި އަޅައިގަންނަ ގޮތެއް ހުންނާތީ އޭގެ ފައިދާ އޭނަ ނަގައެވެ. ފިރިހެނުން ޖާދޫގައި ޖައްސައެވެ. އެ ފޮތް ހުޅުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންނަކީ ކާކުކަމާއި، މާލެއަށް އަހަރެން އައި މަގުސަދު އަބަދުވެސް އަހަރެން ހަނދާންބަހައްޓަމެވެ.

ކޮލެޖު ނިންމައިފައި ގެއަށް އައި މަގުމަތީގައި، ގެޔާ ވަރަށް ކައިރީގައި ހުރި ފިހާރައެއް ލޮލުގައި އަޅައިގަތެވެ. އެއީ އާންމު ސާމާނު ވިއްކާ ފިހާރައެކެވެ. އަހަރެން އެ ފިހާރަޔަށް ވަނީމެވެ. ބޭނުންވާ ކުދިކުދި ސާމާނު ގަނެލުމަށް ޓަކައެވެ. އަހަންނަށް ބޭނުންޖެހޭ ކަހަލަ ވަރަށް ގިނަ އެއްޗެހި އެ ތަނުގައި ހުއްޓެވެ. ސޭޓަކަށް އިނީ ޒުވާން އުމުރުގެ އަންހެންކުއްޖެކެވެ. އޭނަގެ ފުރިހަމަ ނަމެއް އަހަންނަކަށް ނޭނގެއެވެ. ނަމަކަށް ބުނީ ސަތޫއެވެ. ސަތޫ ވަރަށް ވާހަކަދައްކައެވެ. އާދަޔާޚިލާފަށް ރައްޓެއްސެވެ. އޭގެ ފަހަތުގައި ސިއްރެއް އޮތްކަމަކަށް އަހަރެން ހިއެއްނުކުރަމެވެ.

"އަހަރެން މިރޭ ވަރަށް ފްރީ!" ސަތޫ ބުންޏެވެ. "ހިނގާ ކޮފީއަކަށް ދަމާ!"

ނުނިމޭ