އާދިއްތަ ދުވަހާ ގުޅޭ
އަހަރެންގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ. ވިދަން ފެށިއެވެ. ގުގުރަން ފެށިއެވެ.
"ހާދަ ދުރެއްގަ ތި އިށީނީ؟" ޝަރީފު ބުންޏެވެ. "މިކޮޅަށް ޖެހިލަބަލަ! އަހަރެން ނޫޅެމޭ ކާލާކަށް."
"ކޮބާ މި ގޭ މީހުން؟" އަހަރެން ދެއްކީ މުޅީން އެހެން ވާހަކައެވެ.
"އަދި މީހުން ނުފެނިގެން އުޅޭކަށް ނުޖެހެއެއްނު!" ޝަރީފު އިނީ ވަރަށް ހަމަޖެހިފައެވެ. "ޑްރިންކެއް ބޭނުން؟"
ޝަރީފު އަހާ ސުވާލަކަށް އަހަރެން ޖަވާބެއް ނުދެމެވެ. އިވޭކަމަށް ވެސް ނަހަދަމެވެ.
"މީހުން އުޅޭ ތަނެއް ވިއްޔާ އެ މީހުން ފެންނަންޖެހޭނެއްނު،" އަހަރެން ބުނީމެވެ. "ހަމަ މިހެން ބޭރުން އައިސް ގޭތެރޭގައި އިށީންނަން ވާނެތަ؟"
"މީ ހުސްގެޔެކޭ މަންޖޭ،" ޝަރީފު ތަންކޮޅެއް ގާތަށް ޖެހިލަމުން ބުންޏެވެ. "އަހަރުމެން ދެ ކުދިން އެކަނި މި ތިބީ. ދެން އިންނާނީ އިބިލީސް."
ޝަރީފުގެ ވާހަކައިގައި އެހެން ކުލައެއް ޖެހެން ފެށިއެވެ. އަހަރެން ހިތަށްއެރިއެވެ. ޝަރީފުގެ އަތްދަށުން ސަލާމަތްވެގެން އަހަންނަށް ނުކުމެވުނަސް ތެމިފޯވާނެއެވެ. ހިނގައިގަންނާނެ ދިމާއެއް އަހަންނަކަށް ނޭނގޭނެއެވެ. އަޑުއަހައިފައިއޮންނަ ގޮތުން، ވާރޭވެހޭއިރު މާލެއިން ޓެކްސީއެއް ނުލިބޭނެއެވެ.
"އަހަރެން ބުނީމެއްނު ހުސް ގެއެއްގަ އެކަނި ހުންނާކަށް ބޭނުމެއް ނޫނޭ." ތަންކޮޅެއް ދުރަށްޖެހިލަމުން އަހަރެން ބުނީމެވެ.
"މީ ރައްޓެއްސަކު ފުރައިގެން ދަމުން އަހަންނާ ހަވާލުކޮށްފަހުރި ތަނެއް،" ޝަރީފު އަނެއްކާ ވެސް ގާތަށް ޖެހިލިއެވެ. "އަހަރެން މިހެން ރައްޓެހިން ގޮވައިގެން އައިސް އުޅެމޭ. ހިނގާބަލަ ކޮޓަރިތައް ބަލައި.."
"އުހޫނ!" އަހަރެން ވަގުތުން ބުނީމެވެ. "އަހަރެން ނޫޅެން ކޮޓަރި ބަލާކަށް."
ޝަރީފު ހީކުރީ އޭނަގެ ނިޔަތަކީ ކޮބައިކަން އަހަންނަކަށް ނޭނގޭނެ ކަމަށެވެ. މަޅީގައި ބެދިފައިހުއްޓަސް އަހަންނަކީ ޝަރީފު ހީކުރާ ވަރުގެ ބޮޑު މޮޔައެއް ނޫނެވެ. ހިތަށްއެރިއެވެ. ރަނގަޅު ދަނޑިވަޅެއް ލިބިއްޖެއްޔާ ނޫނީ ދުއްވައެއްނުގަންނާނަމެވެ. ކެތްތެރިވެގެން އިންނާނީއެވެ. އަހަރެންގެ ނިޔަތް ޝަރީފަށް އެނގިއްޖެއްޔާ ދެން އޭނަ ކުރާނީ ކީއްކަމެއް ވެސް ނޭނގެއެވެ.
"ހިނގާ ދެން ދަމާ!" އަހަރެން ބުނީމެވެ. "މިހާރު މާ ލަސްވެއްޖެ!"
"އަދި ވާހަކަދައްކާލަން މަޑުކޮށްބަލަ!" ހިތްހަމަނުޖެހިފައި ޝަރީފު ބުންޏެވެ. "ދަސް ވެސް ވާނީ ވާހަކަދައްކައިލާ ހަދައިލީމައެއްނު. ހެސްކިޔާފަ އެބަ ވެހޭ. ވާރޭ ހުއްޓައިލީމަތާ ދެވޭނީ ވެސް."
މޫސުން ތަންދިނީ ޝަރީފަށެވެ. އަހަރެން ވައްކަޅިން ދޮރަށް ބަލައިލީމެވެ. ދޮރުހުރީ ތަންޑުނާޅައެވެ.
"ކޮލެޖުން އައިސް އަހަރެން މިހިރީ ވަރަށް ވަރުބަލިވެފަ،" އަހަރެން ބުނީމެވެ. "އަހަރެން ބޭނުން އަވަހަށް ގެއަށް ދާން. މިހާރު މި ތަން ފެނިއްޖޭ!"
ޝަރީފު ދާކަށް ނޫޅުނެވެ. ތެދުވާކަށް ވެސް ނޫޅުނެވެ. އައިސްއަލަމާރި ހުރީ ދޮރު ކައިރީގައެވެ. ޝަރީފު ގޮސް އައިސްއަލަމާރި ހުޅުވައިލިއެވެ.
"ކޯޗެއް ބޯނީ؟" ޝަރީފު އެހިއެވެ. "ވާރޭވެހޭއިރު، އޭސީގަ ތިބެގެން ފިނިއެއްޗެއް ބޯލީމަ ނިކަން އަރާމުވާނެ."
އަހަރެން ހުރީ ހެނދުނު ސައިބުއި ގޮތަށެވެ. ވަރަށް ބަނޑުހައިވެފައެވެ. ފެންބޮވައިފައެވެ. އެކަމަކު އަހަރެން އެ ވަގުތު ހަނދާންވީ ހިންދީ ސީރީޒްގެ މަތިންނެވެ. އައިސްއަލަމާރިން ފުޅިއެއް ނަގައިފައި ތަށްޓަށް ޖޫސްއަޅާ ވަގުތު އެ ތަށީގެ ތެރެއަށް ވައްޓާލާ ބޭސްގުޅައެވެ. ނުވަތަ އަޅާލާ ކުނޑިތަކެވެ. އެ ބޮއިގެން އަހަރެން އޮންނާނީ ތަންޑާވެފައެވެ. ހޭއަރާއިރު އޮންނާނީ ވާނެ އެއްޗެއް ވެ ނިމިފައެވެ. ދެން ކުރާނެ ކަމެއް ނޯންނާނެއެވެ.
"އަހަރެން ނެތް އެއްޗެއް ބޯހިތެއް،" ގަދަކަމުން ހިނިތުންވެލައިފައި އަހަރެން ބުނީމެވެ. "އަހަރެން ބަނޑުހައެއް ނުވޭ. ވަރަށް ގަދަޔަށް ކައިގެން މިހިރީ. ހިނގާބަލަ ޓެކްސީއެއް ލިބޭތޯ ބަލައިލަން."
އަހަރެން ދައްކާ ވާހަކައާއި ޝަރީފު ދައްކާ ވާހަކަ ދިމައެއް ނުވެއެވެ.
"ފެންތަށްޓެއް ބޯލަންވީނު!" ޝަރީފު އެދުނެވެ. "އެބަހުރި ވަރަށް އަގުބޮޑު ފެނެއް ވެސް. ރަހަދައްކާލަންތަ؟"
"ފެނެއް ނުބޮވާ!" އަހަރެން ބުނީމެވެ. "ހިނގާ ދެން ދަމާ! ވާރޭ ތުނިކޮށްލައިފިކަންނޭނގެ."
"އަނގަތަޅައިލަން އިހަށް މަޑުކޮށްބަލަބަލަ!" ކުރިއަށް ވުރެ ބޮޑަށް ހިތްހަމަނުޖެހިފައި ޝަރީފު ބުންޏެވެ. "ކޮންތާކަށް ނުދެވިގެންތަ ތި އުޅެނީ؟"
"ދެން އަޅެ އަހަރެން ދިޔަދީބަލަ!" އަހަންނަށް ރޮވޭ ގޮތްވިއެވެ. "ބުނީމެއްނު ތީ އަހަރެން އަތޮޅުގެ މީހެކޭ."
"އެހެންވެޔޭ ކަމެއް ކޮށްދެވޭތޯ މި އުޅެނީ،" ޝަރީފު ބުންޏެވެ. "ނާސިހާ ވެސް ޖެހޭނެ އެވަރު ދަންނަން."
އަހަރެން އެ ވަގުތު އުންމީދުކަނޑައިލީމެވެ. ހިތަށްއެރިއެވެ. ސަލާމަތްވެވޭނެ އެއްވެސް މަގެއް ނެތެވެ. އެހެންނަމަވެސް، އަހަންނަކީ ބަރާބަރަށް ނަމާދުކުރާ މީހެކެވެ. އެހެން ކަންކަން އެންމެ ފުރިހަމަ ނުވިޔަސް ނަމާދަށް އަހަރެން ފަރުވާތެރިވަމެވެ. އެ ދަނޑިވަޅުގައި ހިތާހިތުން ދުއާއެއް ކޮށްލީމެވެ. އަހަރެންނަށް ކޮންމެވެސް މަގެއް ދައްކަވާތޯއެވެ. ކުއްލިއަކަށް ޝަރީފަށް ފޯނުކޯލެއް އައެވެ. ފޯނު ނަގައިފައި ނަންބަރު ފެނުމާއެކު ޝަރީފު ވަރަށް ހާސްވިތަން އަހަންނަށް ފެނުނެވެ. އަވަސްއަވަހަށް ފޯނު ނެގިއެވެ.
"އާނ! އާނ!" ޝަރީފު ހައެއްކަ ފަހަރު އެހެން ބުންޏެވެ. "މި ދަނީޔޭ! ގަޑިޖެހޭއިރަށް ދާނަމޭ! އާނ އެނގެޔޭ!"
ޝަރީފަށް ގުޅީ ކާކުކަމެއް އަހަންނަކަށް ނޭނގެއެވެ. އެހެންނަމަވެސް، ވާހަކަދެއްކި މީހެއްގެ އަޑު ގަދަކަމުން ކޮންމެވެސް ވަރަކަށް އަހަންނަށް އަޑުއިވުނެވެ. އަޑުގެ ވެރިޔަކީ އަންހެނެކެވެ. ޤުރުއާން ކިލާހުން ކުއްޖަކު ގެނައުމުގެ ވާހަކަދެކެވުނެވެ. ފޯނު ބޭއްވިއިރު ޝަރީފު ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ލިބުނު ރަނުގެ ފުރުސަތު އޭނައަށް ގެއްލޭތީއެވެ.
"އާނ ހިނގާ ދަމާ!" ޝަރީފު ބުންޏެވެ. "އަހަރެން ބަލާނަން ޓެކްސީއެއް ލިބޭތޯ."
އަހަރެން ފުންމައިގެން ތެދުވީމެވެ. ދޮރާ ދިމާއަށް ހިނގައިގަތީމެވެ. ދޮރު ހުޅުވައިލައިފައި ޝަރީފު ހުއްޓުނެވެ. އަހަރެން ހުރީ ޝަރީފާ ވަރަށް ގާތުގައެވެ.
"އެހެންނޫނީ އެހެން ގޮތެއް ވެސް ހެދިދާނެ،" ޝަރީފު މަޑުމަޑުން ބުންޏެވެ. "އަހަރެން އަންނަންދެން ނާސިހާ މަޑުކޮށްލަން.."
"އުހުނއުހުނ!" އަހަރެން ތެޅިފޮޅިގެންފައި ބުނީމެވެ. "އަހަންނަކަށް މަޑެއްނުކުރެވޭނެ. އެކަނި އިންނަން އަހަރެން ނުލާހިކު ބިރުގަނޭ."
"އެއްވެސް މައްސަލައެއް ނޫނޭ އެއީ،" ޝަރީފު ބުންޏެވެ. "އަހަރެން ދޮރު ތަޅުލާފަ ދާނީ. މީހަކު ނުވަންނާނެ."
"އުހުނއުހުނ!" އެހެން ބުނިއިރު އަހަރެން ހުރީ ދޮރުން ބޭރުގައެވެ. "އަހަރެން ބޭނުމެއް ނޫން މިތާ އިންނާކަށް. މީހުން ނޫޅޭ ފަޅު ގެއެއްގަ އަހަންނެއް ނީންނާނަން."
ޝަރީފު ވެސް ބޭރަށް ނުކުތެވެ. ސިޑިން އަހަރެން ފައިބައިފާނެތީ އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. އަހަރެން ލައިގެންހުރީ ކަރުބޮޑު ހެދުމެކެވެ. ވުމާއެކު އަތުގައި އޮތް ފައިލު ނަގައި މޭގައި ޖައްސަލައިލީމެވެ.
"ތީ ވަރަށް ބޯ ބޮޑު މީހެއް،" ޝަރީފު މަޑުމަޑުން ބުނެލިއެވެ. "ހުސިޔާރު އަންހެނެއް ތީ. ތި ކަހަލަ އަންހެނަކު ފެނުނީމަ ފިރިހެނުން ހަމަ މޮޔަވާނެ. ތިހިރަ އިސްތަށިގަނޑަކާ.."
ކުއްލިއަކަށް ޝަރީފު އެއްފަރާތް ކޮށްލައިފައި އަވަސްއަވަހަށް އަހަރެން ސިޑިން ތިރިއަށް ދުއްވައިގަތީމެވެ. އަހަންނަކީ ސިޑިން އަރައިފައިބަން މާ ފަރިތަ މީހެއް ވެސް ނޫނެވެ. އެއް އަތުން ފައިލު މޭގައި ޖައްސަލައިގެން އަނެއް އަތުން ސިޑީގެ އަތްގަނޑުގައި ހިފަހައްޓަމުން ފޭބުމަކީ ވަރަށް އުނދަގޫކަމަކަށް ވިއެވެ. އެހެންވިޔަސް އަހަރެން ހުއްޓުނީ އެންމެ ތިރީ ހަރުފަތުން ފޭބުނީމައެވެ. ޝަރީފު ކޮބައިތޯއެއް އަހަރެންނެއް ނުބަލަމެވެ. މަގުމައްޗަށް ނުކުމެވުނުއިރު އަހަރެން ހުރީ މައިނޭވާލެވިފައެވެ. ގެންފައިވާ ބިރާއި ވަރުބަލިކަމުގެ ސަބަބުންނެވެ. ވާރޭ ހުއްޓައެއްނުލައެވެ. ފެންގަނޑު އޮތީ ބޮޑުވެފައެވެ.
"އަވަހަށް ބުރުގާއަޅަންވީ!" އެ ގެއިން ނުކުމެވުނީމަ އެންމެ ފުރަތަމަ ވެސް އަހަރެންނަށް ބުނެވުނު އެއްޗަކީ އެއީއެވެ.
އަހަރެންގެ މުޅި ހަޔާތުގައި ވެސް ބުރުގާއަޅަން ހިތަށްއެރި ފުރަތަމަ ފަހަރަކީ އެއީއެވެ. މަގުމައްޗަށް ނުމެފައި ދުއްވައިގަތީމެވެ. އަސްކެންޏެއް ފެނުނިއްޔާ އޭގެ ދަށުންނެވެ. އެހެން ނޫނީ ވީހާ ވެސް ފާރު ކައިރިންނެވެ. އެ ދެވެނީ ރަނގަޅު ދިމާއަކަށް ކަމެއް ނުވެސް އެނގެއެވެ. ދާންވީ ދިމާއަކީ ކޮބައިކަމެއް ވެސް ނޭނގެއެވެ. ދެވުނު ދިމާއަކަށް ދިޔައީއެވެ. ހުރެވުނު ހިސާބު ކިރިޔާ ވެސް ރޭކާލީ އޮލިންޕަސް ފެނުނީމައެވެ. އޭރު އަހަރެން ހުރީ ވަރަށް ބޮޑަ ތެމިފައެވެ. އެ ހިސާބުން ޓެކްސީއެއް ލިބުނެވެ. އަހަރެން ހީކުރީ އަހަރެން ތެމިފައިހުރުމުން ކާރަށް ނާރުވާނެކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. ކާރަށް އަރައިގެން ގެއަށް އާދެވުނުއިރު ވެސް އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެއެވެ. ހިތަށްއެރިއެވެ. ސަލާމަތްވާން އޮތީމައި ސަލާމަތްވީއެވެ. އެހެންނޫން ނަމަ އެއީ ހިތި ނިމުމެއް އަންނާނެ ކަހަލަ ފަހަރެކެވެ. އެ ހިސާބުގަނޑު ދޫކޮށް އެހެން ތަނަކަށް ދާން ނިންމީ އެ ވަގުތުއެވެ. ކޮޓަރިއަށް ވަދެފައި ގައި ނުވެސް ހިއްކައި ފާޒިރާއަށް ގުޅީމެވެ.
"ހިތަށްއަރާނެ އަހަރެންނަކީ ހާދަހާ އުނދަގޫ ބޮޑު މީހެކޭ،" އަހަރެން ބުނީމެވެ. "އެކަމަކު މި ތާކު ނޫޅެވޭނެ. އެހެން ތަނެއް ހޯދައިދީ."
"ނޫނޭވާ ސާބަސް،" ފާޒިރާ ބުންޏެވެ. "ކުޅަދާނަ އަންހެނެއް ތީ. މިހާރު ކިހިނެއްވީ؟"
އަހަރެން ވީގޮތް ކިޔައިދިނީމެވެ. ޖައުފަރު ދެކެ ބިރުން އުޅެނިކޮށް އެ ކަން ހައްލުވި ތަނާ ޝަރީފުގެ މަޅީގައި ޖެހުނު ގޮތެވެ. ފާޒިރާއަށް ވެސް ގަބޫލުކުރެވުނެވެ. އެ ގޭގައި އަހަރެން ހުރުމަކީ ރައްކާތެރިކަމެއް ނޫނެވެ. ފާޒިރާއާ ވާހަކަދައްކަނިކޮށް ސަތޫ ގުޅަން ފެށިއެވެ. ވީމާ ފާޒިރާއާ ދައްކަންހުރި ވާހަކަ ކުރުކޮށްލީމެވެ. ސަތޫގެ ފޯނު ނެގީމެވެ.
"އޭ! ލިބިއްޖެ ތަނެއް،" ސަތޫ ބުންޏެވެ. "އެކަމަކު ހުޅުމާލެއަށް ދާންޖެހޭނީ."
އެންމެ ބޭނުންވި ގޮތެއް ނޫނެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުންހިފީމެވެ. ހުޅުމާލޭގައި ޝަރީފަށް ފިލައިގެން އަހަންނަށް އުޅެވޭނެއެވެ.
ޖެހިގެންއައި ދުވަހު ކޮލެޖުން އައިގޮތަށް ހުޅުމާލެއަށް ދިޔައީމެވެ. އެއީ އަހަރެން ބަދަލުވި ހަވަނަ ގެއެވެ. އެ ގެއަކީ މީހުން އުޅޭ ގެއެކެވެ. އަހަންނަށް ވަކި ކޮޓަރިއެއް ލިބުނެވެ. އުސްކޮށް ހަދައިފައި ހުރި ގެއެއް ނޫނެވެ. ފަސް ކޮޓަރި ހުއްޓެވެ. ގޭގެ މީހުން އުޅެނީ ކައިރީގައި ހުންނަ އެހެން ގެއެއްގައެވެ. އަހަރެން ހުރި ގޭގެ ހުރިހާ ތަނަކީ ވެސް މީހުން ކުއްޔަށް އުޅޭ ތަންތަނެވެ. ސާފުތާހިރު ގެއެކެވެ. ބަދިގެއާއި ދޮންނަމެޝިނު ވެސް ހުރެއެވެ. އެ މީހަކު ބޭނުން އެއްޗެއް ކައްކައި، ބޭނުންއިރަކު ދޮންނަންވީއެވެ. އިސްތިރިކުރާ މޭޒާއި އިސްތިރި ވެސް ހުއްޓެވެ. އަމުރުކޮށް، ލޯއަޅައި، ގޮތްކިޔާނެ މީހަކު ނެތެވެ. ވަރަށް ފަސޭހައެވެ. ހިތަށްއެރިއެވެ. ދެން ފިކުރުކުރާކަށް ނުޖެހޭނެއެވެ. އަހަރެން މާލެއަށް އައީއްސުރެ ރަށުގައި މެޓާގަނޑެއް ހިލެމުންދާކަމެއް އޭރަކު ވެސް ނޭނގެއެވެ. އަހަރެން ހިތުން ރަށުގެ ހުރިހައި ކަމެއް ވެސް ދިޔައީ ރަނގަޅަށެވެ.
ނުނިމޭ