ބިރުވެރި މާލެ ދަތުރު

ބުދަ ދުވަހާ ގުޅޭ


"ޔަގީނުން ވެސް ނާސިހާއަށް ދެވޭ ވަރުގެ އަގެއް ވެސް ނަގާނަމޭ. ކީކޭ ބުނަނީ؟" ޝަރީފު ބުންޏެވެ.

އަހަރެން ހިތަށްއެރިއެވެ. ހިލޭ ނޫން ނަމަ އޭގެ މާނައަކީ ޝަރީފުގެ އަމިއްލަ އެދުމެއް ނެތްކަމެވެ. ނުބައި މީހުން ކިތަންމެ ގިނަޔަސް ރަނގަޅު މީހުން ވެސް އުޅޭނެއެވެ. އިންސާނިއްޔަތުކަމަކީ ވެސް އޮންނަ އެއްޗެކެވެ.

"ކޮންމެވެސް ވަރެއްގެ އިތުބާރެއް ކޮށްބަލަ! ހެޔޮނުވާނެ!" އާދޭހުގެ ރާގެއްގައި ޝަރީފު ބުންޏެވެ. "އަހަރުމެން މީ އެއް އަތޮޅެއްގެ ދެ މީހުންނޭ."

"އޯކޭ! އަހަރެން ވިސްނާނަން." ފޯނުކޯލު ކުރުކޮށްލުމުގެ ގޮތުން އަހަރެން ބުނީމެވެ.

ޝަރީފު ފޮނުވި ސޭންޑުވިޗެއް އަހަރެން ނުކަމެވެ. އެނދުގައި އޮށޯވެލައިގެންއޮވެ އެތައްއިރަކު އަހަރެން ވިސްނީމެވެ. ހަދަންވީ ކިހިނެއް ހެއްޔެވެ؟ ދެރަ ގޮތެއް ވަންދެން ތަން ބަދަލުނުކޮށް މަޑުކުރަންވީ ހެއްޔެވެ؟ ފެންނަމުންދިޔަ ރަތް ސިގުނަލުތަކަށް ދެ ލޯ މަރައިލަންވީ ހެއްޔެވެ؟ ރަނގަޅަށް ވިސްނައިފި ނަމަ އެއިން އިބުރަތެއް ލިބޭހާ ގިނަ ފިލާވަޅު ލިބިއްޖެއެވެ. އެއްޗެހިދޮންނަން އުޅޭއިރު ކިތައް ފަހަރު ޖައުފަރަށް "ނޭނގި" އަހަރެން ގައިގައި ޖެހެވިއްޖެ ހެއްޔެވެ؟ ކޮނޑަކު ނޫނެވެ. ބުރިކަށްޓަކު ވެސް ނޫނެވެ. އެއިން ކޮންމެ ފަހަރަކު ވެސް ޖައުފަރު ބޭނުންވި މަގުސަދު ހާސިލުނުވީ އަހަރެންގެ ހުސިޔާރުކަމުންނެވެ. އެއްފަހަރު ވެސް ޖައުފަރުގެ ނިޔަތް އަހަންނަށް އެނގުނުކަމަކަށް ނުހަދަމެވެ. ރުޅިއައިސްގެން އެއްޗެއް ނުބުނަމެވެ. އެއީ ޖައުފަރަށް ދެވުނު ޒާތެއްގެ ފެހި ސިގުނަލެއް ނޫނީ ދެން އެހެން ކޯޗެއް ހެއްޔެވެ؟ ވާކަމެއް ނުވާކަމަކަށް ހެދުމަކީ ހައްލެއް ހެއްޔެވެ؟ ނޫނެކެވެ. އަހަރެންގެ ހިތް ބުންޏެވެ. ވަގުތު އަންނަނީ ކުޑަތަންވަމުންނެވެ. ކޮންމެ އިރަކު ވެސް އަހަންނަށް ބޮނޑިއެއްލިބިދާނެއެވެ. އެއީ ވަހުމެއް ނޫނެވެ. ސިކުނޑި އަހަރެންނަށް ފޮނުވާ އިންޒާރުތަކެކެވެ. އެހެން ހައްލެއް ވެސް ވިސްނުނެވެ. ޖައުފަރުގެ އަންހެނުން ހަފީޒާއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމެވެ. އުފެދުނު ސުވާލަކީ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެއްކޮޅުން ހަފީޒާ ނުލާހިކު ހެވެވެ. އެކުވެރިއެވެ. އެކަމަކު ހަފީޒާގެ ފިރިމީހާއާ ބެހޭގޮތުން އަހަރެން ބުނާ އެ ފަދަ އެއްޗެއް ހަފީޒާ ގަބޫލުކުރާނެ ހެއްޔެވެ؟ އަނެއްކޮޅުން ޖައުފަރަށް އެ ކަން އެނގިއްޖެއްޔާ އަހަންނަށް ގޭގައި ހުންނަން ކުޅަދާނަވާނެ ހެއްޔެވެ؟ ކިތައް ގެއަށް އަހަންނަށް ބަދަލުވެވިއްޖެ ހެއްޔެވެ؟ އެހެން ގޮތެއް ވެސް ވިސްނުނެވެ. އަހަރެންގެ ކޮޓަރީގައި ސަނާ ބާއްވަންވީ ހެއްޔެވެ؟ ދެން ހިތަށްއެރިއެވެ. އަހަންނާ ހެދި އެހެން މީހަކަށް އުނދަގޫޖައްސަންވީ ކީއްކުރަން ހެއްޔެވެ؟ އަހަރެންގެ ކަންތައްތަކާ ކުރިމަތިލާން ޖެހޭނީ އަހަންނެވެ.

ޖެހިގެންއައި ދުވަހު ޖައުފަރުގެ މަންމަ އައެވެ. އޭރު ގޭގައި ހުސް ކޮޓަރިއެއް ނެތެވެ. މަންމަ ބަހައްޓާނެ ތަނެއް ނެތެވެ. އެޕާޓުމަންޓުގައި އެންމެ ކުޑަ ދުވަސްކޮޅަކަށް ހުރީ އަހަންނެވެ. ބާކީ އޮތީ ގާތްގަނޑަކަށް ވިއްސަކަށް ދުވަހެވެ. ވީމާ އަހަންނަށް އިހުތިޔާރެއް ލިބުނެވެ. އަހަރެންގެ ކޮޓަރިއަށް އެހެން އެނދެއް ވައްދައިފައި ޖައުފަރުގެ މަންމަ އެ ތަނުގައި ބޭއްވުމެވެ. ބަދަލުގައި އަހަރެންގެ އަތުން ކުލި ނުނަގާ ގޮތަށެވެ. އަހަރެން ވިސްނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ. އެހެން އަންހެނަކު އެ ތަނުގައި އޮވެފައި އެ އަންހެނަކީ ޖައުފަރުގެ މަންމަ ކަމުގައިވުމުން އަހަންނަށް ލިބޭ ރައްކާތެރިކަމަށެވެ.

އަހަރެން އެއްބަސްވީމެވެ. ކަންދިމާކުރި ގޮތުން ޖައުފަރުގެ މަންމައަކީ ވަރަށް ވާހަކަދައްކާ މީހެކެވެ. ރައްޓެހި، ހިތްހެޔޮ މީހެކެވެ. އެ ހިސާބުން ކޮޓަރިއަކީ އަހަރެންގެ ހިމާޔަތަކަށް ބަދަލުވިއެވެ. ވިސްނައިގެން އުޅެންޖެހުނީ ކޮޓަރިން ބޭރުގައި އުޅޭއިރު އެކަންޏެވެ. ޖައުފަރަށް "ނޭނގި" ހުރަސްކޮށްލެވޭ ފަޔާއި، ނޭނގި އެނބުރިލެވޭ ވަގުތަށް އަހަރެން ހުންނަނީ ވަރަށް ސަމާލުވެގެންނެވެ. ޖައުފަރު އެ ހުރިހައިކަމެއް ވެސް ކުރަނީ އޭނަގެ އަންހެނުން ހަފީޒާއަށް ނުފެންނަ ގޮތަށެވެ. ދަނޑިވަޅުބަލައިފައެވެ. އެ ކަމުގައި ޖައުފަރު ވަރަށް ކުޅަދާނައެވެ. އަހަރެން އެއަށް ވުރެ ކުޅަދާނަވީމެވެ. ހިތަށްއެރިއެވެ. އެންމެ ދެތިން ހަފުތާއެވެ. ތަނެއް ހޯދަން އިތުރު މަސައްކަތެއް ދެނެއް ނުކުރާނަމެވެ. ތަނެއް ލިބިއްޖެއްޔާ ދާނީއެވެ. ނުލިބިއްޖެއްޔާ އަޅައިނުލާނީއެވެ.

ކޮލެޖުގައި ވަރަށް ބުރަކޮށް އުޅުނު ދުވަހެކެވެ. އިންޓަވަލު ގަޑީގައި އެއްޗެއް ކާނެ ފުރުސަތު ވެސް ނުލިބެއެވެ. ކިލާސް ނިމުމުން ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އުޑުމަތި އޮތީ ވަރަށް ބަނަކޮށެވެ. ހީވަނީ ދެންމެދެންމެ ވެހިގެންފާނެހެންނެވެ. ފައިލަށް ކަރުދާސްތައް ލައިފައި ފައިލު ލައްޕައިލި ތަނާ ޝަރީފު ގުޅިއެވެ. އޭރު ފޯނުގެ އަޑު ކަނޑައިލައިފައި އޮތުމުން ރަނގަބީލެއް ނުވެއެވެ. ގާތުގައި ތިބި ކުދިންނަކަށް ވެސް ނޭނގެއެވެ. ނަގަންނުނަގަން ހުއްޓައި ފޯނު ކެނޑުނެވެ. ދެވަނަ ފަހަރަށް ޝަރީފު ގުޅިއިރު އަހަރެން ހުރީ ކޮލެޖުގެ ގޯތިތެރޭގައެވެ. ނުކުންނަންވެގެން ދޮރާ ދިމާއަށް ދަނީއެވެ. އެ ފަހަރު ފޯނު ނެގީމެވެ.

"ބޭރުގަ މިހިރީ. ހިނގާ ތަން ބަލާލަން ދަމާ!" ޝަރީފު ބުންޏެވެ.

އަހަރެން ހިތަށްއެރިއެވެ. ތަން ބަދަލުކުރުން އެހާ މުހިންމެއް ނޫނެވެ. އެހެން ތާކަށް ނުގޮސް ދެން މަޑުކުރާނީއެވެ.

"ދެން އޯކޭ މިހާރު،" އަހަރެން ބުނީމެވެ. "ވާރޭ ވެސް އަންނަންކަންނޭނގެ އެ އުޅެނީ. މި ދަނީ ގެއަށް ދާން."

"އަހަނ! އެހެން ކަމަކުނުދާނެއްނު!" ޝަރީފު ބުންޏެވެ. "މިހާ މަސައްކަތުން ތަނެއް ހޯދީމަ އަޅެ ތަން ބަލައިލެވިދާނެއްނު. ބަލާފަ ކަމުނުދަންޏާ ދެން އަޅާނުލާނީ. އަހަރެން ހަމަ ބޭނުންވޭ ތަން ދައްކާލަން. ތި އުޅޭ ތަނާ މާ ދުރެއް ނުވާނެ. ވާރެއެއް ނުވެހޭނޭ. ކޮންއިރެއް އެހެން އޮންނަތާ. އެއީ އޮއިކަޅު. ތަން ކަމުގޮއްސިއްޔާ ހަމަ ނާސިހާއަށް ރަނގަޅުވާނީ. ބާކީ އޮތް ދުވަސްކޮޅު ތަންކޮޅެއް ހަމަޖެހިލައިގެން ހުރެވޭނެއްނު."

"ތީ ވެސް ތެދެއް!" އަހަރެން އެއްބަސްވީމެވެ. "ހިނގާބަލަ ބަލައިލަން."

އަހަރެން ބޭރަށް ނުކުތްއިރު މެދު އުމުރަށް ވުރެ ތަންކޮޅެއް ޒުވާން މީހަކު ސައިކަލުމަތީގައި އިނެވެ. ހުތުރު މީހެއް ނޫނެވެ. ރީތި މީހެއް ވެސް ނޫނެވެ. އަހަރެން ފެންނައިރަށް އޭނައަށް އަހަރެން އެނގިގެން އަތްނެގިއެވެ. މަގުމަތީގައި މީހުން ވަރަށް ގިނަ ވަގުތެކެވެ. އެހެންވެ ވަރަށް ޖެހިލުންކުޑަކަމާ އެކުގައި ސައިކަލު ކައިރިއަށް ދިޔައީމެވެ.

"އަރާ!" ޝަރީފު ބުންޏެވެ.

"އޭނ؟" އަހަރެން ބުނީމެވެ. "އުހޫނ! ސައިކަލަކު ނުދާނަން. އަހަރެން ދަންޏާ ދާނީ ކާރެއްގަ. ދާންވީ ތަން ބުނޭ."

"ތިހެންވިއްޔާ މަ ވެސް ކާރުގަ ދާނީ." ސައިކަލުން ފައިބަމުން ޝަރީފު ބުންޏެވެ.

އިރުކޮޅަކު މަޑުކޮށްލިތަނާ ޓެކްސީއެއް ލިބުނެވެ. އަހަރެން ކުރީ ސީޓަށް ދެމިގަތީމެވެ. ފަހަރެއްގައި ވެސް ޝަރީފަށް ފުރުސަތެއް ލިބުނަ ނުދިނުމަށް ޓަކައެވެ. ޝަރީފު އެރީ ފަހަތަށެވެ. ދާންވީ ތަން ބުނީ ޝަރީފެވެ. އަހަރެން ވާހަކައެއް ނުދައްކަމެވެ. ޓެކްސީ ގޮސް އެ ބުނި ތާކަށް މަޑުކުރިއެވެ. އެ ގެއަކީ މުޅިން ނިމިފައިހުރި ގެއެއް ނޫނެވެ. އެންމެ މަތީ ބައިތަކުގައި މަސައްކަތް ހިނގައެވެ. ދެބައިކުޅަ އެއްބައި ހުރީ އެއްކޮށް ނިމިފައެވެ. ސިޑި ވެސް ހުރީ އަތްގަނޑު ހަރުކޮށް، ތަށިމުށިޖަހައި ވެސް ނިމިފައެވެ. ލިފްޓު ގޮޅި ހުއްޓެވެ. އެކަމަކު ލިފްޓެއް ނެތެވެ. ވަރަށް ފަހުން ހަދައިފައިހުރި، ރީތި ތަނެކެވެ. ދުވަހަކު ވެސް އެހާ ރީތި ތަނަކަށް އަހަރެން ނުވަންނަމެވެ. އެ ވަގުތު ވަރަށް ބޯކޮށް ވާރޭވެހިގަތެވެ.

"އަހަނ! ވާރޭ!" އަހަންނަށް ބުނެވުނެވެ.

"އެ ކަމާ ނުވިސްނަބަލަ! މި ތަނުގަ ހުރި ރޫމެއް ނާސިހާއަށް ހިފައިގެން މި އުޅެނީ. އަރާބަލަ!" ޝަރީފު އެދުނެވެ.

"އަހަރެން ބޭނުމެއް ނޫން އެކަނި ހުންނާކަށް،" އަހަރެން ބުނީމެވެ. "އަހަރެން ބޭނުންވަނީ މީހުން އުޅޭ ގެއެއްގަ ވަކިން ހުންނަ ކޮޓަރިއެއްގަ އުޅެން. އެކަނި އެޕާޓުމަޓެއްގަ އުޅޭކަށް ނުކެރޭނެ."

"ތި ވީ މާ ރަނގަޅަކަށްނު. މި ގޭގަ އުޅޭނެ މީހުން،" ޔަގީންކަމާ އެކުގައި ޝަރީފު ބުންޏެވެ. "އަރާބަލަ މައްޗަށް. މި ގޭ މީހުންނާ ވެސް ވާހަކަދައްކާފަ އޮންނާނީ. ހުރިހާ ކަމެއް އޯކޭވެފައޭ އޮންނާނީ. އަރާބަލަ!"

ސިޑީގެ ކުރީގައި ހުރީ އަހަރެންނެވެ. ޝަރީފު ހުންނަނީ އެއް ހަރުފަތް ފަހަތުގައެވެ. ވާރޭ ހައްތަހާ ބޯކުރިއެވެ.

"އަރާއަރާ!" ޝަރީފު ބުނެއެވެ. "އަހަރެން ބުނަންދެން އަރާ!"

އަހަރެން މަޑުމަޑުން މައްޗަށްއެރީމެވެ. އެހެން މީހަކު ސިޑިން އަރާފައިބާ ތަނެއް ނުފެނެއެވެ. އޭރު ވެސް މަތީ ބައިތަކުގައި މަސައްކަތްކުރާ އަޑުއިވެއެވެ.

"އާނ މި ތާ މަޑުކުރޭ!" ޝަރީފު ބުނި އަޑު އިވުނެވެ.

އަހަރެން މަޑުކުރީމެވެ. ޝަރީފު ޖީބުން ތަޅުދަނޑިއެއް ނަގައިފައި އެޕާޓުމަންޓުގެ ދޮރު ހުޅުވައިލިއެވެ. އަހަންނަށް ލިބުނީ ޝޮކެކެވެ. މީހުން އުޅޭ ތަނެއްގެ ތަޅުދަނޑި ޝަރީފު އަތުގައި އޮތީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލު ހިތުގައި އުފައްދަމުން އަހަރެން އެތެރެއަށް ވަނީމެވެ. އެއީ އެންމެ ޒަމާނީގޮތަށް ހަދައިފައިވާ ބޮޑު ގަނޑުވަރެއް ކަހަލަ ތަނެކެވެ. ހުރިހާ ފަރުނީޗަރެއް ހުއްޓެވެ. އޭސީއާއި ބޮޑު ޓީވީއަކާއި މަސްޓޭންކެއް ވެސް ހުއްޓެވެ. ވަރަށް ބޮޑު ސޯފާއަކާއި، ބިއްލޫރި ގަހެއް ވެސް ހުއްޓެވެ. ބަލާބެލުމަށް ހީވަނީ ބަޔަކު އުޅޭ ތަނެއްހެންނެވެ. ނުދަންނަ ބައެއް މީހުންގެ ފޮޓޯ ވެސް ހުއްޓެވެ. ތަޅުންގަނޑުގައި ހުރީ ލަކުޑި ކަހަލަ އެއްޗެކެވެ. ބިއްލޫރިން ހަދައިފައިހުރި ކާމޭޒު ކައިރީގައި ހައެއްކަ ގޮނޑި ހުއްޓެވެ. މޭޒާ ދިމާ މަތީގައި ރީތި މަންދީލައެއް އެލުވައިފައި ހުއްޓެވެ. ކައްކާ ޖާގަ ހުރީ މޭޒުގެ ފަހަތުގައި ވަކިން ހަދައިފައި ހުރި ތަނެއްގައެވެ. ތިން ކޮޓަރި ހުއްޓެވެ.

"ކީއްވެ ޝަރީފު އަތުގަ ތަޅުދަނޑި އޮންނަނީ؟" އަހަރެން ސުވާލުކުރީމެވެ. "ތީ ވެސް މި ގޭ މީހެއްތަ؟"

"އަސްލު މީ އަހަރެންގެ ފްރެންޑެއްގެ ތަނެއް،" ވަރަށް ހަމަޖެހިލައިފައި ދޮރު ލައްޕައިލަމުން ޝަރީފު ބުންޏެވެ. "އިށީނދޭ އިށީނދޭ! ހާދަހާ އުދާހޭ ދޯ؟"

އެއާކޯން ޖައްސައިލުމަށް ފަހު ޝަރީފު ގޮސް ސޯފާގައި އިށީނެވެ. އަހަރެން ހިތަށްއެރިއެވެ. އެ ކަހަލަ ތަނަކުން ކޮޓަރި ކުއްޔަކަށް ނުދޭނެއެވެ. އަހަރެން މި ބެދުނީ މަޅިއެއްގައެވެ. އެކަމަކު ބިރުގަތްކަމަކަށް ނުހެދޭނަމެވެ. އެ ތަނުން ސަލާމަތްވާން ޖެހޭނީ ބުއްދިވެރިކަމާ އެކުގައެވެ. ތެޅިފޮޅިގެންފިއްޔާ ފަހަރެއްގައި ޝަރީފުގެ އަތްދަށުވެދާނެއެވެ. އަހަރެން ގަޔާނުވާ ގޮތަކަށް ސޯފާގައި އިށީނީމެވެ. ޝަރީފު އަތްދިއްކޮށްލިޔަސް އަހަރެންގެ ގައިގައި ނުޖެހޭ ހިސާބު ދުރުގައެވެ. އަހަރެންގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ. ވިދަން ފެށިއެވެ. ގުގުރަން ފެށިއެވެ.

ނުނިމޭ