ބިރުވެރި މާލެ ދަތުރު

އާދިއްތަ ދުވަހާ ގުޅޭ


ޖެހިގެން އައި ދުވަހު ކޮލެޖުގައި އަހަރެން ކިޔަވަން އިންދައި ޝަރީފު ގުޅިއެވެ. އެ ނަންބަރު އަހަރެން ހަނދާންހުއްޓެވެ. ފޯނުގެ އަޑު ކަނޑައިލައިފައި އޮތުމުން އަހަރެން އަޅައެއްނުލަމެވެ. ފޯނު އަނެއް ފުށަށްޖަހައިލީމެވެ. އިރުކޮޅެއް ކޮށްފައި ފޯނަށް ބަލައިލިއިރު ވެސް ޝަރީފު ގުޅަނީއެވެ. އަނެއްކާ ވެސް ފޯނު ބަންޑުންޖެހީމެވެ. އެ ފަދަ ދަނޑިވަޅުގައި އަހަރެންގެ ގަމާރުކަން ހިތަށްއަރައިފައި ދެރަވެއެވެ. ފޯނުން ނަންބަރު "ބްލޮކް" ކުރާ ވާހަކަ އަޑުއަހަމެވެ. އެއީ ކިހިނެއް ކުރާ ކަމެއްކަމެއް ނޭނގެއެވެ. ރަށުގައި އެ ކަހަލަ ކަންތައް ކޮށްދޭނީ އަހަރެންގެ ދަރިންނެވެ. ފޯނެއް ގެންގުޅުނަކަސް އެއިން މާ ގިނަ ކަންތައްކުރާކަށް އަހަންނަކަށް ނޭނގެއެވެ. ވައިބާއިން ވެސް މީހުންނާ ވާހަކަދައްކަމެވެ. އެކަމަކު އެ ހިސާބުން ނިމުނީއެވެ. ފޮޓޯ ފޮނުވަނީ ކިހިނެއްކަން ދަރިން ކިޔައިދެއެވެ. ދެވަނަ ފަހަރު ފޮޓޯއެއް ފޮނުވަން ބަލައިލާއިރު ހަނދާނެއް ނުހުރެއެވެ. ކޮލެޖުގައި އުޅޭ ރައްޓެހިކުދިން ގާތުގައި އެ ފަދަ ކަމެއް ކުރަން ބުނާކަށް ނުކެރުނެވެ. އަހަންނަކީ އެހާ ނޭނގޭ މީހެއްކަން އަންގަން ނުކެރުނީއެވެ.

ކޮލެޖު ނިންމައިފައި ބަލައިލިއިރު ހަތް ފަހަރަށް ޝަރީފު ގުޅައިފައި އޮތެވެ. އަހަންނެއް ނުގުޅަމެވެ. އެ ކަމުން ސަލާމަތްވީތީ ޝުކުރުކުރީމެވެ. ބާރު ވައިރޯޅިއެއް ޖެހުމުން އުޑުމަތި ބަލައިލީމެވެ. އުޑުމަތި އޮތީ ބަނަކޮށެވެ. އެއީ އިތުރު ބިރެކެވެ. ގޮސް ވަންނަންވީ ޖައުފަރުގެ ގެއަށެވެ. އެ ވަގުތަކީ އަހަރެންގެ ހިތުގެ ވިންދު ދެ ގުނައަށް އަވަސްވާ ވަގުތެކެވެ. ގޭގައި މީހަކު ނޫޅެދާނެތީއެވެ. ޖައުފަރު އެކަނި އުޅެދާނެތީއެވެ. އަހަރެން ހުންނަނީ ބިރުން ސިހިސިހިއެވެ. ކިތަންމެ ފަހަރަކު އެހެން ދިމާވެއްޖެއެވެ. އަހަރެން ގެއަށް ވަންނައިރު ގޭގައި އިންނަނީ ޖައުފަރު އެކަންޏެވެ. އަހަރެން ދޮރުން ވަނީއްސުރެ ކޮޓަރިއަށް ވަންނަންދެން އޭނަ އިންނާނީ ކަޅިއަޅައިގެންނެވެ. ގިނަ ވަގުތު އޭނަ ބަލަނީ އަހަރެންގެ މޫނަކަށް ނޫނެވެ. އެ ކަން އެނގޭތީ އަހަރެން ގެއަށް ވަންނަނީ މޭގައި ފޮތްތައް ޖައްސައިލައިގެންނެވެ. އެ ގެއަށް ބަދަލުވީއްސުރެ އަހަރެން ލަނީ އަހަރެން އަތުގައި ހުރި އެންމެ ދިގު ހެދުންތަކެވެ. ހަގީގަތުގައި އަހަރެން ގެންގުޅޭ އެންމެ ދިގު ހެދުން ވެސް ހުންނާނީ އުނަގަނޑަށް ވުރެ ދެ އިންޗިއެއްހާ ތަން ތިރިޔަށެވެ. ވީމާ، އަހަރެންގެ ދަންފުޅި ބައްޓަމާއި، އަޑިއުސް ކިއްސަރުން ފިރިހެނުންގެ ލޮލަށް ކަށިހެރޭނެކަން އަހަންނަށް އެނގެއެވެ. ކޮޓަރިއަށް ވަދެ ތަންޑުއެޅިޔަސް، އެހެން މީހަކު ގެއަށް ނާންނަހާ ހިނދަކު އަހަރެން އިންނަނީ ހިތް އަތްމައްޗަށް ލައިގެންނެވެ. ދޮރުގައި ތަންޑެއް ނުހުރެއެވެ. ކޮޓަރީގެ ދެވަނަ ތަޅުދަނޑިއެއް ޖައުފަރު އަތުގައި އޮވެދާނެއެވެ. ޖައުފަރު އެތެރެއަށް ވަންނަން އުޅެފި ނަމަ އަހަރެންގެ ހަމައެކަނި ރައްކަލަކީ ފާޚާނާއެވެ. އެ ތަނުގައި ވެސް ތަންޑެއް ނުހުރެއެވެ. ހުންނަނީ ފިއްތައިލައިގެން ތަޅުލާ ކަހަލަ ތަޅެކެވެ. އެ ތަނަށް ޖައުފަރު ވަދެއްޖެއްޔާ ހިރިލާނެ ތަންކޮޅެއް ވެސް ނޯންނާނެއެވެ. އަހަރެން ރަނގަޅަށް ބެދުނީއެވެ. ހެދޭނެ އެއްވެސް ގަދައެއް ނޯންނާނެއެވެ. އެ ކަހަލަ ބޭކާރު ފިކުރުތަކުން އަހަރެންގެ ސިކުނޑި އޮންނަނީ ތޮއްޖެހިފައެވެ. އެޕާޓުމަންޓުގެ ދޮރުމައްޗަށް ހުއްޓިފައި ފުން ނޭވައެއް ބޭރުކޮށްލީމެވެ.

"އަޅެ ކޮންމެވެސް އެހެން މީހަކު ގޭގަ އުޅެއްޗޭ!" ހިތާހިތުން ބުނެލީމެވެ.

ދޮރުގައި ޓަކިޖަހައިލީމެވެ. ވަގުތުން ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ ޖައުފަރެވެ. އަހަރެންގެ މުޅި ހަށިގަނޑު ދިޔައީ ފިނިވެގެންނެވެ. ހިތަށްއެރިއެވެ. އޭނަ ހުރީ އަހަރެންގެ އިންތިޒާރުގައި ހެއްޔެވެ؟ އަހަރެން އިސްޖަހައިގެން އެތެރެއަށް ވަނީމެވެ. ޖައުފަރު ހުރީ ކުޑަކޮށް ދޮރުފަތް ހުޅުވައިގެން ދޮރުމަތީގައެވެ. އަހަރެން ދެމިގަންނަންޖެހުނީ ހަނި ދޭތެރެއަކުންނެވެ. އޭނަ ގައިގައި ނުޖެހިއެއް ނުދެވުނެވެ. އެ ވަގުތު ހީވި ކަހަލައެވެ. ކޮޓަރިއާ އަހަންނާ ދެމެދު އެތައް ހާސް ފޫޓެއްގެ ދުރުމިން ހުއްޓެވެ. ވަރަށް ސާބިތުކަމާއި އެކުގައި، ފަސްބެލުމެއް ނެތި އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. ދޮރު ތަންޑުއެޅީމެވެ. އެނދުގައި އިށީނދެލައިގެން ވިސްނަން އިންދައި ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެ ވަގުތު އަހަރެންގެ ކޮޓަރީގައި ޓަކިޖަހާނީ ކާކު ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ އެ ދޮރުފަތުގައި ދޮރުކަޅިއެއް ނުހުރެއެވެ. ހުރި ނަމަ ދޮރުމަތީގައި ހުރީ ކާކުތޯ ވެސް ބެލުނީހެވެ. ދޮރު ހުޅުވަން ގޮސްފައި ވެސް ދޮރުހުޅުވާކަށް ނުކެރުނެވެ. ފޯނު ނެގީމެވެ. ކީއްކުރަން ހެއްޔެވެ؟ ކާކަށް ގުޅަން ހެއްޔެވެ؟ ފިރިމީހާއަށް ގުޅައިފައި ދޮރުގައި ޓަކިޖަހާ ވާހަކަ ބުނެގެން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

"ކާކު؟" ދޮރުކައިރީގައި ހުރެފައި އަހަރެން ބުނީމެވެ.

"ޖައުފަރު!" ބޭނުން ބުނި އަޑުއިވުނެވެ.

އަހަރެން އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ޖައުފަރު ކޮންމެހެން ކޮޓަރިއަށް ވަންނަން އުޅެނީ ކީއްކުރަން ހެއްޔެވެ؟ ކުއްލިއަކަށް ހަނދާންވީ ސަތޫ ދިން ފިލާވަޅެވެ. ބިރުން ވިރިވިރި ހުއްޓައި ޖެހިލުން ކުޑަކޮށްލައިފައި ދޮރު ހުޅުވައިލީމެވެ. ޖައުފަރު ހުރީ ކޮތަޅެއް ހިފައިގެންނެވެ. އަހަރެން ފެނުމުން ކޮތަޅު ދިއްކޮށްލިއެވެ.

"ތީ ކާކު ދިން އެއްޗެއް؟" އަހަރެން އެހީމެވެ.

"ނޭނގެ! ދެންމެ މީހަކު ހިފައިގެންއައި އެއްޗެއް،" ޖައުފަރު ބުންޏެވެ. "ނާސިހާއަށް ރައްދުކޮށްދޭށޯ ކިޔައިފަ ދިޔައީ."

އެ ކޮތަޅުގައި ހިފާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަމައެހެންމެ، ޖައުފަރު ކުރިމަތީގައި ހުންނާކަށް ވެސް އަދި ޖައުފަރާ އިތުރު ވާހަކައެއްދައްކާކަށް ވެސް ބޭނުމެއް ނޫނެވެ. ވީމާ ކޮތަޅުގައި ހިފީމެވެ. ކޮޓަރީގެ ދޮރު ލެއްޕީމެވެ. ބަންދުކޮށް ހީރަހެއް ޖަހައިފައިވާ ލުއި ކަރުދާސް ކޮތަޅު އެނދުމަތީގައި ބަހައްޓައިގެން އެއަށް ބަލަން ހުރީމެވެ. ކާކު ކީއްކުރަން ފޮނުވި އެއްޗެއްބާއެވެ؟ ފޯނު ރަނގަބީލުވާން ފެށިއެވެ. ބަލައިލިއިރު ޝަރީފުގެ ކޯލެކެވެ. އަހަރެން ފޯނު ނެގީމެވެ. ސަލާމަތްނުވާނެކަން އެނގޭތީއެވެ.

"ކީއްކުރަންތަ ތި ވަރަށް ތި ގުޅަނީ އަހަންނަށް؟" ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ.

"ތި ވަރަށް ކޮތަޅަށް ކަޅިއަޅަނީ ކީއްވެ؟" ޝަރީފު ހިނިއައިސްފައި އެހިއެވެ.

އަހަރެން ވަށައިގެން ހޯދައިލީމެވެ. ކޮޓަރީގައި ކެމެރާ ހަރުކޮށްފައި ހުރީ ހެއްޔެވެ؟ އަހަރެންގެ ހިތުގެ ވިންދު ކުރިޔަށް ވުރެ އަވަސްވިއެވެ.

"ކިހިނެއް ޝަރީފަށް އެނގެނީ؟" ބިރުގެންފައި އަހަރެން ބުނީމެވެ.

ޝަރީފު ހީނގަތެވެ. އަހަރެން ހާސްވާ ވަރަކަށް ޝަރީފު އުފާވާ ކަހަލައެވެ.

"ތި ހީވީ ރަނގަޅަށް،" ޝަރީފު ބުންޏެވެ. "ކޮޓަރީގަ ކެމެރާއެއް ހުންނާނެ. ފާޚާނާގަ ވެސް ހުންނާނެ."

އަހަރެންގެ މުޅި ހަޔާތުގައި ވެސް އެހާ ހާސްވި ދަނޑިވަޅެއް ނާދެއެވެ. އިންޓަނެޓުގެ ވާހަކައާއި، މީހުންނަށް ލަނޑުދޭ ވާހަކައާއި، ބްލެކްމެއިލްކުރާ ވާހަކަ ވެސް އަޑުއަހަމެވެ. އަހަންނަށް އެ ކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް ހިޔެއްނުކުރަމެވެ. ޝަރީފު ހޭން ފެށިއެވެ.

"ހާސްވީތަ؟" ޝަރީފު ބުންޏެވެ. "އެއީ ސަމާސައަކަށް ބުނި އެއްޗެކޭ."

ދެން ވެސް އަހަރެން އެއްޗެއް ނުބުނަމެވެ. ތެދަކީ ކޮބައިކަން ނޭނގޭތީއެވެ.

"ނާސިހާ!" ޝަރީފު ގޮވައިލިއެވެ. "މަޖަލަކަށޭ އެހެން ބުނީ. އަހަރެން ކިހިނެއްތަ ތި ގޭގަ ކެމެރާ ހަރުކުރާނީ؟ އަހަންނަށް މިހާރު ކޮންމެވެސް ވަރަކަށް އެނގޭ ނާސިހާގެ ގޮތް. މީހަކު އެއްޗެއް ދިނަކަސް ނާސިހާ އެ އެއްޗެއް ނުހުޅުވާނެ. ބަލަހައްޓައިގެން ހުންނާނީ. އެހެންވެ އެހެން ބުނީ. ތި ކޮތަޅު ހުޅުވަބަލަ! ބަންދުކޮށްފަ އޮތް ސޭންޑްވިޗެއް އޮންނާނީ. ހިތަށްއެރީ ބަނޑުހައިވެފައޭ ހުންނާނީ."

އަހަންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ކޮތަޅު ހުޅުވައިލީމެވެ. ތެދެކެވެ. އޭގައި އޮތީ ސޭންޑްވިޗެކެވެ. އަހަރެން ހުރީ ވަރަށް ބަނޑުހައިވެފައެވެ. އެކަމަކު، އެ ސޭންޑްވިޗް ކާކަށް ނުކެރުނެވެ.

"ކީއްކުރަން މި ކަހަލަ ކަންތައް ކުރަނީ؟" އަހަރެން އެހީމެވެ.

"އަހަނ! ކޮފީއަކަށް ހިނގާށޭ ބުނީމަކާ ނުދިޔަ،" ޝަރީފު ބުންޏެވެ. "ދެން ތި ކަހަލަ ކަމެއްނު ކުރެވޭނީ. އުންމީދެއް ނުކުރަން ނާސިހާ ތި ކާނެކަމަކަށް ވެސް. އެކަމަކު އަހަންނަށް ފޮނުވިދާނެތާ!"

"ޝަރީފު!" އަހަރެން ބުނީމެވެ.

"ލައްބަ!" ސަމާސާ ރާގެއްގައި ޝަރީފު ބުނެލިއެވެ.

"އަހަރެން މީ ތިން ކުދިންގެ..." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"މަންމައެކޭ، މީހެއްގެ އަންބެކޭ.." ޝަރީފު ބުންޏެވެ. "އަހަންނަށް އެނގެޔޭ އެކަން. ތި ސޭންޑްވިޗް ކާލިޔަކަސް ވަރިއެއް ވެސް ނުވާނެ. ތިއަކު އޫރުމަހެއް ވެސް ނުހުންނާނެ. އަހަރެން ދެކެ ތިހާ ބިރުނުގަނެބަލަ! ރައްޓެއްސެކޭ މީ. އަންހެނެއްގެ ފިރިހެން ރައްޓެއްސެއް ހުރުމަކީ ހަރާންކަމެއް ނޫނެއްނު ނާސިހާ. ހުރިހާ ފިރިހެނުން އެއް ފުރޭނިން ނުފުރާނަބަލަ! އަހަރެން މީ ނާސިހާއަށް ހެޔޮއެދޭ މީހެކޭ. ނާސިހާ ތި އުޅެނީ ހުންނާނެ ތަނެއް ބޭނުންވެގެނެއްނު. އެ ކަން ވެސް ހަމަޖައްސައިފިން."

ޝަރީފު ބުނީ ރަނގަޅު ވާހަކައެކަން އަހަރެން ގަބޫލުކުރަން ޖެހުނެވެ. ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެއެވެ. ޝަރީފަކީ ހެޔޮއެދޭ މީހެކެވެ. ނޫން ނަމަ ކޮންމެހެން އަހަންނަށް ތަނެއް ހޯދާކަށް ޝަރީފަކަށް ނުޖެހޭނެއެވެ.

"އަހަރެން ތަނެއް ހޯދާކަން ކިހިނެއް އެނގުނީ؟" އަހަރެން އެހީމެވެ.

"އެއްކަހަލަ ފިހާރައިގެ ކައުންޓަރުގަ އިން ކުއްޖާ ގާތުގަ ބުނީމެއްނު ތަނެއް ހޯދައިދޭށޭ،" ޝަރީފު ކިޔައިދިނެވެ. "އަހަރެން ހުރިހާ ވާހަކައެއް އަޑުއެހީމޭ. އަހަންނަކީ ތިހެން އެކަނި އައިސްއުޅޭ ދަތުރުވެރިންނަށް ވަރަށް އެހީވާ ހިތްވާ މީހެއް. ނުބައި ނިޔަތެއްގަ ކުރާ ކަމެއް ނޫނޭ މީ."

"އަސްލު ވެސް؟" އަހަރެން ބުނީމެވެ. "އެކަމަކު އެއްވެސް ބޭނުމެއް ނެތި މީހުން ތިހެން ކަންތައް ކޮށްދޭތަ؟"

"ނާސިހާ! ނާސިހާއަކަށް ނޭނގޭނެ އަހަންނަކީ ކާކުކަމެއް. ޝަރީފު ކިޔާ މީހެއްކަން އެނގޭނީ،" އޯގާތެރި ރާގެއްގައި ޝަރީފު ބުންޏެވެ. "ބައްދަލުވެ ވާހަކަދައްކާލީމަ އަހަރެންގެ ގޮތް އެނގޭނީ. ނިކުމެބަލަ ބޭރަށް. ހިނގާބަލަ ސައިކަލު ދުއްވައިލަން. ބުރިޖަށް އަރައިފިންތަ؟ ޔަގީން ނާރާނެކަން."

"އަމައްޔާތް!" އަހަންނަށް ބުނެވުނެވެ. "އަހަރެންނަކީ މީހެއްގެ އަންބެކޭ. ނުދާނަން ހިލޭ ފިރިހެނަކާ އެއްކޮށް ބުރުޖަހާކަށް. ތިހެނެއް ތި ކަމެއް ނުވާނެ."

"ދެން ކިހިނެއް މި ކަން ވާނީ؟" ޝަރީފު އެހިއެވެ. "ބުނީމަތާ އެނގޭނީ."

ވާހަކަދައްކަން ފެށުމުން އަހަރެން ކުޑަކޮށް ބިރުކެނޑެން ފެށިއެވެ. ޝަރީފުގެ ބޭނުމަކީ ވެސް އެއީކަމަށް ވެދާނެއެވެ.

"މިހާރު އަހަރެން ނާސިހާއަށް ތަނެއް ވެސް މި ހޯދީ،" ޝަރީފު ބުންޏެވެ. "ޔަގީން އެ ތަން ފެނިފަ ނާސިހާ ވަރަށް އުފާވާނެކަން. ހިލެއެއް ނޫނޭ އެ ތަން ލިބޭނީ. ޔަގީނުން ވެސް ނާސިހާއަށް ދެވޭ ވަރުގެ އަގެއް ވެސް ނަގާނަމޭ. ކީކޭ ބުނަނީ؟"

ނުނިމޭ