ދިވެހި ސިނަމާގެ ސުރުހީތައް

އަންނަ މަހު ރިލީޒް ކުރާ ހޮރޯ ކޮމެޑީ "40+" ގެ އިތުރު ޓީޒާތަކެއް ދައްކާލައިފި އެވެ.


މި ފިލްމު އަންނަ މަހުގެ 5 ގައި އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރަން ތައްޔާރުވަމުން އަންނަ އިރު، ފިލްމުގެ ޓިކެޓް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ. "40+" އަކީ ޔޫސުފު (ޔޫއްޕެ) ޝަފީއު 2016 ގައި ގެނެސް ދިން "ނޯޓީ 40" ގެ ދެވަނަ ބައެވެ. އެކަމަކު ކުރީގެ ފިލްމާ ހިލާފަށް މި ފަހަރު ފިލްމުގައި ބޮޑަށް އޮންނާނީ މަޖާ ގޮތަކަށް ބިރުވެރި ކަންތައްތަކެއް ގެނެސް ދިނުމެވެ.

މި ފަހަރު ވެސް ފިލްމު ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ހަމަ ޔޫއްޕެ އެވެ.

ތ. ބުރުނީގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ އޮލިމްޕަހުގައި ޕްރިމިއާ ކުރަން ތައްޔާރުވަމުން އަންނަ އިރު، "40+" ހދ. ކުޅުދުއްޓާއި އައްޑޫ ކަހަލަ ބޮޑެތި އާބާދީތައް ހިމެނޭ ސަރަހައްދުތަކުގައި ވެސް އަޅުވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެހެން އަތޮޅުތަކުގައި ވެސް ފިލްމު ދައްކާނެ އެވެ.

"ނޯޓީ 40" ގެ މައިގަނޑު ތަރިން ކަމަށްވާ ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކް، އަހުމަދު ސައީދާއި އޭނާގެ އަންހެނުން ފާތިމަތު (އަޒޫ) އަޒީފާ އަދި އަލީ (ދޮން އައްޔަ) އާޒިމް ފެނިގެން ދާނެ އެވެ. މީގެ ކާސްޓާ އަލަށް ގުޅުނު މަޝްހޫރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ އަދި އަހުމަދު (އާނަންދު) އީސަ ހިމެނެ އެވެ.

އަދި ފިލްމުން އާ އެކްޓަރުންތަކެއް ވެސް ފެނިގެން ދާނެ އެވެ.

"ގޮށްރާޅު" ގެ ތަޅާލުންގަނޑުން ބައެއް

މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކްރައިމް ތުރިލާ "ގޮށްރާޅު" ގައި ހިމެނޭ ތަޅާފޮޅުމުގެ މަންޒަރެއްގެ ބޮޑުބައި ދައްކުވައިދޭ އާ ޓީޒާއެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އަންހެން ކުއްޖެއްގެ މައްސަލާގައި ޒުވާން ފިރިހެނަކާއި ގޭންގަކާ ދެމެދު ހިނގާ ހާޖާނުގަނޑެއް ދައްކުވައިދޭ މި ފިލްމަކީ އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ގެނެސް ދިން ބިރުވެރި ފިލްމު "4426" އެވެ.

މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ މަގުބޫލު އެކްޓަރު ޖުމައްޔިލް (ޖުމަލް) ނިމާލާ އެކު، އައު ކާސްޓެއް ފެނިގެން ދާ "ގޮށްރާޅު" އަކީ މި އަހަރު އެޅުވި ފުރަތަމަ ފިލްމު "ނިވައިރޯޅި" ގެ ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

"ސޯލް" ގެ ޕޯސްޓް ޕްރޮޑަކްޝަން ކުރިއަށް

މިދިޔަ މަހު ބެލުންތެރިންނަށް ޓީޒާ ޓްރެއިލާ ދައްކައިލި އަލީ ސީޒަންގެ ކުރު ފިލްމު "ސޯލް" ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ސްރީ ލަންކާގައި ފަށައިފި އެވެ.

ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޑަބިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. "ސޯލް" އިން ލަންކާ ތަރިންތަކެއް ވެސް ފެނިގެން ދާނެ އެވެ.

ބައިސްކޯފާއި ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ މި ފިލްމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައި ދޭނެ ފިލްމެއް ކަމަށް ސީޒަން ބުންޏެވެ. އަދި "ސޯލް" ވަރަށް އަވަހަށް ބައިސްކޯފް އެޕަށް ވެސް ދޫކޮށްލާނެ އެވެ.

"ހީލީމާ" ބެލި މީހުންނަށް "ބޭނުން"

ބަތަލާ މަރިޔަމް އައްޒަ އާއި އޭނާގެ ކުރީގެ ފިރިމީހާ އިސްމާއިލް (ޖުމާ) ޖުމައިހް 2016 ގައި ކުޅުނު ވީޑިއޯ ލަވަ "ހީލީމާ" ބެލި މީހުންނަށް މި ފަހަރު މި އޮތީ އެ ލަވައިން ކުރި ފަޅުވައިގެން ގެނެސް ދިން "ހީލީމާ އެގެއިން: ބޭނުން" އެވެ.

މި ފަހަރު ވެސް އަޒްހާން އިބްރާހީމް ޑައިރެކްޓް ކުރި ލަވައަކީ މަޑުމައިތިރި ލޯބީގެ ލަވައެކެވެ. އެކަމަކު ކާސްޓް ތަފާތެވެ.

އަސަރު ގަދަ ވާހަކައެއް ކިޔައިދޭ ލަވައިން މި ފަހަރު ފެނިގެން ދަނީ ދެ މޮޑެލުން ކަމަށްވާ ޖަމްޝީދާ ޖަމްޝީދާއި މުހައްމަދު އިޝްފާނެވެ. މިއީ މި ދެ މީހުންގެ އަލަތު ވީޑިއޯ ލަވަ ވެސް މެ އެވެ.

"ބޭނުން" އަކީ ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިގަންނަ ކަހަލަ ގޮތަކަށް ހަދާފައިވާ ލަވައެކެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ މި ލަވަ ބަލައިލުމުން ކުޑަވަރެއްގެ ފިލްމެއް ބަލައިލުމުން ކުރެވޭ ކަހަލަ އިހުސާސްތަކެއް ކުރެވިގެން ދިއުމެވެ.