ކޮމެޑީ ފިލްމު "މާމުއި"ގެ ޓްރެއިލާ ދައްކާލައިފި

ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމު "މާމުއި" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


ޖުލައި 1 ގައި އޮލިމްޕަސް ސްކްރީނަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކޮށްފައިވާ ކޮމެޑީއެކެވެ. އޭނާ އެންމެ ފަހުން، މިދިޔަ އަހަރު ރިލީޒް ކުރި ފެމިލީ ޑްރާމާ "ވަކިން ލޯބިން" އެވެ.

ބޮޑު ކާސްޓެއް ފެނިގެންދާ "މާމުއި" އަކީ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އެޗްއާރްސީއެމްގެ ކުރީގެ ނައިބް ރައީސް އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

މީގެ ކާސްޓުންގެ ތެރޭގައި މިހާރުގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، ނުޒުހަތު (ނުޒޫ) ޝުއައިބް، އަބްދުﷲ (ފުބޫ) ޝާފިއު، މަރިޔަމް (މަޖޫ) މަޖުދާ އަދި އިސްމާއީލް (ޖުމާ) ޖުމައިލް އާއި ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެ އެވެ. "މާމުއި" ގެ އެންމެ ވަރުގަދަ އެއް ރޯލުން މި ފަހަރު ފެނިގެން ދާނީ އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޑާކް ރެއިނުން ބުނާ ގޮތުގައި "މާމުއި" ވެގެން ދާނީ ބެލުންތެރިން ބޭނުންވާ ކަހަލަ ވަރަށް މަޖާ އަދި ތަފާތު ފިލްމަކަށެވެ. މި ފިލްމު ސްކްރީނަށް ގެނައުމުގެ ކުރިން އެ ސްޓޫޑިއޯ އިން ވަނީ ފިލްމުގެ ވާހަކައިން ކުރި ފަޅުވައިގެން "މާމުއި" ސްޓައިލްގެ އިތުރު ފިލްމެއް ވެސް ގެނެސް ދޭން ނިންމައިފަ އެވެ.

ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސް ދިން ފުރަތަމަ ފިލްމަކީ އަހުމަދު ޝިނާން ޑައިރެކްޓް ކުރި ކްރައިމް ތުރިލާ "ގޮށްރާޅު" އެވެ.