"ބޮހީމިއަން ރާޕްސޮޑީ"ގެ ދެވަނަ ބައެއް ފެނިދާނެ

މި އަހަރުގެ އެވޯޑް މޫސުމުގައި އެންމެ ގަދައަށް ވިދާލި އެއް ފިލްމު ކަމަށްވާ "ބޮހީމިއަން ރާޕްސޮޑީ" ގެ ދެވަނަ ބައެއް ހަދަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރޫޑީ ޑޮލެޒާލް ބުނެފި އެވެ.


އިނގިރޭސިވިލާތުގެ ކުރީގެ ބޭންޑް "ކްއީން" އާއި އޭގެ ލީޑް ވޯކަލިސްޓް ފްރެޑީ މާކިއުރީގެ ވާހަކަ ކިޔައި ދިން ފިލްމުގެ ދެވަނަ ބަޔާ ބެހޭ ގޮތުން، "ކްއީން" ގެ ގިނަ ވީޑިއޯތަކެއް ޑައިރެކްޓްކޮށްފައިވާ ރޫޑީ ޕޭޖް ސިކްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ "ބޮހީމިއަން ރާޕްސޮޑީ" އަކީ އަދިވެސް ކިޔައިދެވިދާނެ ވާހަކައެއް ކަމަށެވެ.

އެހެންވެ އެކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނައި، ފިލްމުގެ ސީކްއެލްއެއް ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ކްއީން" ގެ ވާހަކައިގައި އަދިވެސް ކިޔައި ދެވިދާނެ ވަރަށް ޝައުގުވެރި ހާދިސާތަކެއް އެބަ ހުއްޓެވެ. އެހެންވެ، އެ ބޭންޑްގެ މެނޭޖަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ޖިމް ބީޗް ވެސް "ބޮހީމިއަން ރާޕްސޮޑީ" ގެ ދެވަނަ ބައެއް ހެދުމުގެ ހިޔާލު ގެންގުޅޭ ކަމަށް ބުންޏެވެ.

"އަހަންނަށް ވަރަށް ޔަގީން އޭނަ މިކަމާ އުޅޭނެކަން،" ކްއީންގެ "ޝޯ މަސްޓް ގޯ އޮން" އާއި "ދީޒް އާ ދަ ޑޭޒް އޮފް އަވާ ލިވްސް" އަދި "ދި އިންވިޒަބަލް މޭން" ފަދަ ވީޑިއޯތައް ޑައިރެކްޓް ކުރި ރޫޑީ ބުންޏެވެ. "އަދި މިއީ ކްއީންގެ ފެމިލީއާ ވާހަކަ ދައްކައިގެން ކުރެވިދާނެ ކަމެއް."

"ކްއީން" އަކީ 1970 ގައި އިނގިރޭސިވިލާތުގައި އުފެދުނު އެންމެ ކާމިޔާބު އެއް ރޮކް ބޭންޑެވެ. ބޭންޑްގެ މައި ލަވަކިޔުންތެރިޔާ ފްރެޑީ ވަނީ 1991 ގައި މަރުވެފަ އެވެ.

"ބޮހީމިއަން ރާޕްސޮޑީ" ގެ ޓްރެއިލާ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނެރުނު "ބޮހީމިއަން ރާޕްސޮޑީ" ގައި ފްރެޑީގެ ރޯލް ކުޅުނީ އެމެރިކާގެ އެކްޓަރު ރަމީ މާލިކެވެ. އެ ރޯލް ކުޅެގެން އޭނާ އަށް 91 ވަނަ އޮސްކާ އެވޯޑްސް އާއި 76 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ އިތުރުން 72 ވަނަ ބަފްޓާގެ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބިފައިވެ އެވެ. އަދި މި ފިލްމަކީ ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު ފިލްމު ވެސް މެ އެވެ.

ބްރަޔަން ސިންގާ ޑައިރެކްޓް ކުރި "ބޮހީމިއަން ރާޕްސޮޑީ" އަކީ ބޮކްސް އޮފީހުގައި 875.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމަށް ހަރަދު ކުރީ އެންމެ 55 މިލިއަން ޑޮލަރެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ