2020 ގެ ބަފްޓާ އެވޯޑް ބާއްވާ ތާރީހު ވެސް އަވަސްކޮށްފި

އެކެޑެމީ އެވޯޑް ނުވަތަ އޮސްކާ އެވޯޑް ހަފުލާ 2020 އިން ފެށިގެން ބާއްވާ ތާރީހު އަވަސް ކުރަން ނިންމިކަން އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސް (އޭއެމްޕީއޭއެސް) އިން އިއުލާން ކުރިތާ ހަތަރު މަސް ފަހުން ބަފްޓާ އެވޯޑް ވެސް 2020 ގައި ބާއްވާ ތާރީހު އަވަސް ކުރަން ނިންމައިފި އެވެ.


ބަފްޓާ އިންތިޒާމު ކުރާ ބްރިޓިޝް އެކެޑެމީ އޮފް ފިލްމު އެންޑް ޓެލެވިޝަން އާޓްސް އިން ބުނި ގޮތުގައި 2020 އިން ފެށިގެން އެވޯޑް ހަފުލާ ބާއްވާނީ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު އެވެ.

އަންނަ އަހަރު ބާއްވާ 72 ވަނަ ބަފްޓާ އެވޯޑްސް ބާއްވަން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އެވޯޑް ހަފުލާ ބާއްވާ ތާރީހު 2020 އިން ފެށިގެން އަވަސް ކުރަން ނިންމި މައިގަނޑު ސަބަބަކީ އޮސްކާ އެވޯޑްގެ ކުރިން ބަފްޓާ އެވޯޑް ބޭއްވުމެވެ.

ދެހާސް ވިހީގެ އޮސްކާ އެވޯޑް ހަފުލާ މިހާރު ތާވަލުކޮށްފައި އޮތީ ފެބުރުއަރީ 9 ގަ އެވެ. އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

އޮސްކާ އެވޯޑް ހަފުލާ އަށް ބަދަލުތަކެއް ގެންނަން ނިންމިކަން އޭއެމްޕީއޭއެސް އިން އިއުލާން ކުރީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. އެގޮތުން ގެންނަން ނިންމި ބަދަލުތަކުގެ ތެރޭގައި އެވޯޑް ހަފުލާ ކުރިއަށް ގެންދާ ވަގުތު ތިން ގަޑިއިރަށް ކުރުކޮށްލުން ހިމެނެ އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ އޮސްކާ އެވޯޑަށް އައުޓްސްޓޭންޑިން އެޗީވްމަންޓް އިން ޕޮޕިއުލާ ފިލްމުގެ ނަމުގައި އާ ކެޓަގަރީ އިތުރު ކުރަން ވެސް ނިންމި އެވެ. އެކަމަކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އަލުން މުރާޖައާ ކުރަން ކަމަށް ބުނެ އެ ކެޓަގަރީ އަންނަ އަހަރުގެ އެވޯޑްސްގައި ނުހިމަނަން ވަނީ ނިންމައިފަ އެވެ.

އިނގިރޭސިވިލާތުގައި ދޭ ބަފްޓާއަކީ އެމެރިކާ އިން ބޭރުގައި ހޮލީވުޑްގެ އުފެއްދުންތަކަށް ދޭ އެންމެ ޝަރަފުވެރި އަދި އެންމެ ނުފޫޒު ގަދަ އެވޯޑެވެ. މި އަހަރުގެ ބަފްޓާ ބާއްވާފައި ވަނީ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ.

އޮސްކާ އާއި ބަފްޓާގެ އިތުރުން ހޮލީވުޑްގެ ގިނަ ބަޔަކު ދެން އެންމެ އިންތިޒާރު އަނެއް އެވޯޑް ހަފުލާއަކީ ގޯލްޑެން ގްލޯބް އެވޯޑްސް އެވެ. އެ ހަފުލާއަކީ ވެސް އޮސްކާގެ ކުރިން ބާއްވާ ހަފުލާއެކެވެ. މި އަހަރު ބޭއްވި 75 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސް ހަފުލާ އޮތީ ޖެނުއަރީ މަހުގެ 7 ގަ އެވެ.

އަންނަ އަހަރުގެ އެވޯޑް ހަފުލާ ވެސް އޮންނާނީ ހަމަ އެ ތާރީހުގަ އެވެ.