އޮސްކާ އަށް އިތުރު އާ ކެޓަގަރީ މިހާރު ވަނީ އުނިކޮށްފައި.
10 ސެޕްޓެމްބަރ 2018 - 08:19
ފިލްމްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާ އަށް ދާދި ފަހުން އިތުރުކުރި އާ ކެޓަގަރީ "އައުޓްސްޓޭންޑިން އެޗީވްމަންޓް އިން ޕޮޕިއުލާ ފިލްމް" އަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ކުރިއަށް އޮތް އޮސްކާ އެވޯޑްގައި އެ ކެޓަގަރީ ނުހިމަނަން ނިންމައިފި އެވެ.
"އައުޓްސްޓޭންޑިން އެޗީވްމަންޓް އިން ޕޮޕިއުލާ ފިލްމް" ކެޓަގަރީ އޮސްކާ އަށް އިތުރު ކުރަން ނިންމިކަން އިއުލާން ކުރީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެވެ.
އޮސްކާގެ ބެލެނިވެރިޔާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސް (އޭއެމްޕީއޭއެސް) އިން ބުނެފައިވާ ގޮތުގައި އަލަށް ތައާރަފު ކުރަން ނިންމި ކެޓަގަރީއަކީ ބޮކްސް އޮފީހުގައި ނާކާމީޔާބީއާ ކުރިމަތިވިޔަސް އޮސްކާގެ ކެޓަގަރީތަކަށް ނޮމިނޭޓް ނުވާ ފިލްމުތަކަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން އިތުރުކުރި ކެޓެގަރީއެކެވެ.
އޮސްކާ އެވޯޑް މިހާތަނަށް ދެމުން އައީ 25 ކެޓަގަރީއަކުންނެވެ.
Change is coming to the #Oscars. Here's what you need to know:
— The Academy (@TheAcademy) August 8, 2018
- A new category is being designed around achievement in popular film.
- We've set an earlier airdate for 2020: mark your calendars for February 9.
- We're planning a more globally accessible, three-hour telecast. pic.twitter.com/oKTwjV1Qv9
އޮސްކާ އަށް ގެންނަން ނިންމި ބަދަލުތައް.
ނަމަވެސް "އައުޓްސްޓޭންޑިން އެޗީވްމަންޓް އިން ޕޮޕިއުލާ ފިލްމް" ކެޓަގަރީ އިއުލާން ކުރުމާ އެކު، އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި އެ ކެޓެގަރީ އުނިކުރަން އެތައް ބަޔަކު ގޮވާލައިފައިވެ އެވެ.
މިކަމާ ގުޅިގެން އޭއެމްޕީއޭއެސްގެ ޗީފް އެކްޒެކެޓިވް ޑޯން ހަޑްސަން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑުން އަލަށް އިތުރު ކުރި ކެޓަގަރީ އުނި ކުރަން ނިންމާފައިވާ ކަމަށެވެ.
"އަދި މިކަމާ ގުޅޭ ގޮތުން ދެން އަހަރެމެން ގޮތެއް ނިންމާނީ ވަރަށް ފުޅާކޮށް މަޝްވަރާ ކުރުމަށް ފަހު،" އޭނާ ވިދާޅުވި އެވެ. "އެކެޑެމީ އެވޯޑަކީ އަބަދު ވެސް ބަދަލުތަކަށް މަރުހަބާ ކިޔާ އެވޯޑެއް. އެކަމަކު އެ ބަދަލުތައް ތަންފީޒު ކުރާނީ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން."
މި އަހަރުގެ މާޗް 5 ގައި ބޭއްވި 90 ވަނަ އޮސްކާ އެވޯޑް ހަފުލާއަކީ އޮސްކާގެ ތާރީހުގައި ވެސް އެންމެ ދަށްކޮށް ވިއުސް ލިބުނު ހަފުލާ އެވެ. އެހެންވެ އަންނަ އަހަރުން ފެށިގެން އޮސްކާ އަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެވޯޑް ހަފުލާ ކުރިއަށް ގެންދާ ވަގުތު ކުރުކޮށްލުން ވެސް ހިމެނެ އެވެ.
އެގޮތުން އެވޯޑް ހަފުލާ އަންނަ އަހަރުން ފެށިގެން ތިން ގަޑިއިރަށް ވުރެ ދިގު ނުކުރަން ވަނީ ނިންމައިފަ އެވެ. އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ ބާއްވާނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy