ހުޅަނގުގެ މަޝްހޫރު އާޓިސްޓުން އެންމެ އާންމުކޮށް ޓުއާތަކަށް ދާ އޭޝިއާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. މިހާރު މިއޮތީ އަނެއްކާ ވެސް ވަރުގަދަ ލަވަކިޔުންތެރިއެއް އިންޑިއާ އަށް ދާން ހަމަޖެހިފަ އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ މި އަހަރުގެ ފަހުކޮޅު ކޮންސަޓަކަށް އިންޑިއާ އަށް ދާން މިހާރު ވަނީ ނިންމައިފަ އެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި 31 އަހަރުގެ ރިއާނާ އިންޑިއާގެ ކޮންސަޓް ބާއްވަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މުމްބާއީގަ އެވެ.

މި ދަތުރުވެގެން ދާނީ ގްރެމީ ހާސިލުކޮށްފައިވާ ބާބެޑޯސް އަށް އުފަން ލަވަކިޔުންތެރިޔާ ޝޯއަކަށް އިންޑިއާ އަށް ދާ ފުރަތަމަ ފަހަރަށެވެ. އެހެންވެ ޔަގީނުން ވެސް އިންޑިއާގައި ތިބި ރިއާނާގެ ފޭނުންނަށް ބޮޑު އީދަކަށް ވާނެ އެވެ.

މިދިޔަ އަހަރު ވެސް ރިއާނާ އިންޑިއާ އަށް ދާން އުޅޭ ކަމުގެ އަޑުތަކެއް އެރި އެވެ. ނަމަވެސް އަހަރު ނިމުނީ އެކަން ނުވެ އެވެ. އެކަމަކު މި ފަހަރު މިއީ ޔަގީން ފަހަރެކެވެ.

ކޮންސަޓާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މި ފަހުން އިންޑިއާގައި ޕަފޯމްކޮށްފައިވާ މަޝްހޫރު ނަންތަކުގެ ތެރޭގައި އިނގިރޭސި ބޭންޑް ކޯލްޑްޕްލޭ، ޖަސްޓިން ބީބާ، ޗެއިން ސްމޯކާޒް، ޑީޖޭ މާޝްމެލޯ އަދި ބްރަޔަން އެޑަމްސް ހިމެނެ އެވެ.