ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އޭނާގެ "ފެންޓީ ބިއުޓީ" ބްރޭންޑް އިންޑިއާގައި އިފްތިތާހުކުރުމަށް މުމްބާއީއަށް ހިނގައްޖެ އެވެ.
އެ ބްރޭންޑް އިފްތިތާހުކުރުމަށް އިއްޔެ މުމްބާއީގައި ބޭއްވި އިވެންޓަށް ދިޔަ ޕަޕަރާޒީންނާ މެދު ރިއާނާ ބެހެއްޓި ގާތްކަމާއި އޯގާތެރިކަމުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު އޮހެން ވަނީ ފަށައިފަ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ރިއާނާ ވަނީ އޭނާގެ އިންޑިއާގެ ފޭނުން "މޮޔަ" ކޮށްލައިފަ އެވެ.
އެ އިވެންޓުގެ ރެޑްކާޕެޓުގައި ރިއާނާ ހުރީ ކަޅުކުލައިގެ ހެދުމެއްގަ އެވެ. ފޮޓޯގްރާފަރުން އޭނާގެ ނަމުން ގޮވައި ފޮޓޯ ނެގުމަށް އެދެމުންދިޔައިރު، ރިއާނާ ދިޔައީ ހިނިތުންވުމާ އެކު އެމީހުންނަށް އެ ފުރުސަތު ދެމުންނެވެ.
އެންމެ ބޮޑަށް ސަމާލުކަމެއް ލިބުނީ އެތަނުގައި ހުރި ފޮޓޯގްރާފަރަކު ރިއާނާއާ އެކު ފޮޓޯއެއް ނެގުމަށް އެދުމުން، ރިއާނާ ވަރަށް އުފަލާ އެކު އެކަމަށް އެއްބަސްވެ، އޭނާ ރެޑްކާޕެޓަށް އެރުވުމަށް ދައުވަތު ދިން ވަގުތަށެވެ. އަދި އެ ފޮޓޯގްރާފަރުގެ ކޮނޑުގައި އަތްލައިގެން ހުރެ ރިއާނާ ވަނީ އޭނާއާ އެކު ފޮޓޯއަށް ހުއްޓިފަ އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ.
ބައެއް މީހުން ބުނެފައި ވަނީ އިންޑިއާގެ މަޝްހޫރު ތަރިން ވެސް ޕަޕަޒާނީންނާ އެކު މި ކަހަލަ ގާތްކަމެއް ނުބަހައްޓާ ކަމަށެވެ. "މިއީ ހަގީގީ ރާނީއެއްގެ ސިފައެއް،" ކަމަށް އެކަކު ކޮމެންޓް ކޮށްފައިވެ އެވެ.
"ފެންޓީ ބިއުޓީ ކީ ހަވޭލީ"ގެ ނަމުގައި ބޭއްވި އެ އިވެންޓުގައި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އިޝާ އަމްބާނީ ވެސް ބައިވެރިވި އެވެ.
މިއީ ރިއާނާ އިންޑިއާއަށް ކުރި ދެވަނަ ދަތުރެވެ. މީގެ ކުރިން މާޗު 2024 ގައި އޭނާ ވަނީ އަމްބާނީ އާއިލާގެ ކައިވެނިގެ ކުރީގެ ހަފްލާތަކުގައި ޖާމްނަގަރުގައި ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.
އެ ފަހަރުގެ ދަތުރު ނިންމާލުމަށް ފަހު ރިއާނާ ބުނެފައި ވަނީ އިންޑިއާގައި ހޭދަވި ދުވަސްކޮޅަކީ ވަރަށް އުފާވެރި ދުވަސްކޮޅެއް ކަމަށާއި، އަވަހަށް އެނބުރި ދާން ބޭނުންވާ ކަމަށެވެ.