ޔޫއްޕެގެ "ދައުވަތު" ޖޫންގައި

ޔޫސުފް (ޔޫއްޕެ) ޝަފީއު ޑައިރެޓްކޮށް މި އަހަރު ގެނެސްދޭ ތިން ވަނަ ފިލްމު "ދައުވަތު" އަންނަ ޖޫން މަހު އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.


މި ވަގުތު އޮލިމްޕަހުގައި ދައްކަމުން އަންނަ ލޯބީގެ ފިލްމު "ނަފުރަތުވުމުން" ގެ ޑައިރެކްޓަރު ބުނީ ޖޫންގައި ފިލްމު އަޅުވަން ނިންނި ނަމަވެސް އަދި ސީދާ ތާރީހެއް ނުނިންމާ ކަމަށެވެ.

"ރޯދައިގެ ކުރިއަކުން ދެން ނެތް ފިލްމެއް އަޅުވާނެ ވަގުތެއް. އެހެންވީމަ ރޯދަ މަސް ނިންމާފައި ޖޫން މަހުގެ ތެރޭގައި ދައުވަތު ބެލުންތެރިންނަށް ގެނެސް ދޭނަން،" މިދިޔަ މަހު "40+" ވެސް ގެނެސް ދިން ޔޫއްޕެ ބުންޏެވެ.

ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ދައުވަތު" އަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ "ނަފުރަތުވުމުން" ގެ ވެސް ތަރިން ކަމަށްވާ އަލީ (ދޮންއައްޔަ) އާޒިމް، މަރިޔަމް އައްޒަ އަދި އަހުމަދު (އީސަ) އާނަންދެވެ.

ފިލްމުގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ވަނީ ބ. ދަރަވަންދޫގައި އެއްކޮށް ނިންމާލައިފަ އެވެ. ޔޫއްޕެ ބުނީ މި ވަގުތު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކަމަށެވެ.

ދޮންއައްޔަ: ފިލްމުތަކުން މިހާރު ފެންނަލެއް ގިނަ.

މި ފިލްމަކީ ލޯބި ހާސިލު ކުރަން ސިހުރުހާހޫރަ ފަދަ ކަންކަން ކުރުމުން ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.

"ދައުވަތު" އަކީ ވީ މީޑިއާގެ މުނިފޫހި ގޮފި ހިއްސާވެގެން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ.

މި އަހަރުގެ މިހާތަނަށް ހަތަރު ފިލްމެއް ވަނީ އޮލިމްޕަހަށް ގެނެސްފަ އެވެ. އެއީ ސިނަމާގައި މިހާރު އޮތް "ނަފުރަތުވުމުން" ގެ އިތުރުން "ނިވައިރޯޅި"، "ގޮށްރާޅު" އަދި "40+" އެވެ.