ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް، އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި އެވެ.


އަދި ނަން އިއުލާން ނުކުރާ އެ ފިލްމު ޕްރޮޑިއުސްކުރާ ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ކުރި ޓްވީޓެއްގައި ބުނީ އަނުރާގްގެ އާ ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ގައި ކަމަށެވެ.

ވަރަށް ބޮޑު ބައި ޝޫޓްކޮށް ނިމިފައިވާ އެ ފިލްމުގެ ތަރިންނަކީ އަބީޝެކް ބައްޗަން، ފާތިމާ ސަނާ ޝެއިހް، ރާޖްކުމާރު ރާއޯ، އަދިތިޔާ ރޯއި ކަޕޫރް އަދި ސާނިޔާ މަލްއުތުރާ އެވެ.

ސެޕްޓެމްބަރު 6 އަށް ތާވަލުކުރި ބޮޑު އެހެން ފިލްމެއް ވެސް މިހާރު ވަނީ ރިލީޒް ކުރުން ފަސްކޮށްފަ އެވެ.

އެއީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ "ގުޑް ނިއުސް" އެވެ. މިހާރު މި އަހަރުގެ ޑިސެމްބަރު 27 އަށް ތާވަލުކޮށްފައިވާ އެ ފިލްމުގެ ތަރިންނަކީ ކަރީނާ ކަޕޫރް، އަކްޝޭ ކުމާރު، ކިއާރާ އަދްވާނީ އަދި ދިލްޖީތު ދޮސަންޖެވެ.

"ހުކަޕް" ލަވަ ދައްކާލައިފި

މި މަހުގެ 10 ވަނަ ދުބަހު ރިލީޒްކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަށް އާލިއާ ބަޓް ކުޅުނު ލަވަ "ހުކަޕް" ދައްކާލައިފި އެވެ.

ފޯރިގަދަ އަދިި ކުލަގަދަ ސެޓްތަކާއި ކޮސްޓިއުމްތަކެއް ފެނިގެންދާ މި ލަވައިން އާލިއާ އެކު ފެނިގެން ދަނީ އެ ފިލްމުގެ ބަތަލު ޓައިގާ ޝްރޮފެވެ. މިއީ އާލިއާ އާއި ޓައިގާގެ ޖޯޑު ސްްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.

"ހުކަޕް" ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރާއި ޝޭކަރެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ވިޝާލް-ޝޭކަރެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ އާލިއާ 2012 ގައި ބޮލީވުޑަށް ނުކުތް ކަރަން ޖޯހަރު ހަމަ އެ ނަމުގައި ގެނެސް ދިން ފިލްމުގެ ދެވަނަ ބައެވެ. އެ ފިލްމުގެ ތަރިންނަކީ އާލިއާ އާއި ވަރުން ދަވަންގެ އިތުރުން ސިދާތު މަލްއުތުރާ އެވެ.

މި ފަހަރު ޕުނީތު މަލްއުތުރާ ޑައިރެކްޓް ކުރި ފިލްމުގެ ތަރިންނަކީ ޓައިގާ އާއި އަލަށް ތައާރަފުވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ.

"އާޓިކަލް 15" ޖޫން 28 ގައި

ދާދި ފަހުން ޝޫޓިން ފެށި އަޔޫޝްމަން ކުރާނާގެ "އާޓިކަލް 15" އަންނަ މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ފިލްމު "މުލްކް" ގެ ޑައިރެކްޓަރު އަނޫބަވް ސިންހާގެ ފިލްމެކެވެ. އިންޑިއާގެ ގާނޫނުއަސާސީން ހުރިހާ ރައްޔިތުންނަށް ލިބިދޭ ހަމަހަމަކަމުގެ މައްޗަށް ބިނާކޮށް ހަދާ "އާޓިކަލް 15" އަކީ އިންވެސްޓިގޭޓިވް ޑްރާމާއެކެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި މުހައްމަދު ޒީޝާން އައްޔޫބް، ކުމުދު މިޝްރާ، މަނޯޖް ޕަހްވާ، ސަޔާނީ ގުޕްތާ އަދި އީޝާ ތަލްވާރު ހިމެނެ އެވެ.

މިދިޔަ އަހަރު "ބަދާއީ ހޯ" އާއި "އަންދާދުން" ކުޅުނު އަޔޫޝްމަން "އާޓިކަލް 15" ގައި ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ.

"ސެޓެލައިޓް ޝަންކަރު" ސެޕްޓެމްބަރު 6 އަށް

މި އަހަރުގެ ސެޕްޓެމްބަރު 6 ގައި ރިލީޒްކުރަން ތާވަލު ކުރި ބޮޑު ދެ ފިލްމެއް ފަސްކުރުމާ ގުޅިގެން، ޒުވާން އެކްޓަރު ސޫރަޖް ޕަންޗޯލީގެ އާ ފިލްމު "ސެޓެލައިޓް ޝަންކަރު" އެ ތާރީހަށް ތާވަލުކޮށްފި އެވެ.

ކުރިން އެ ފިލްމު ރިލީޒް ކުރަން އޮތީ އަންނަ މަހުގެ 5 ގަ އެވެ.

"ސެޓެލައިޓް ޝަންކަރު" އަކީ އިރުފާން ކަމަލް ޑައިރެކްޓް ކުރާ ފިލްމެކެވެ. މީގައި ސޫރަޖް ފެނިގެން ދާނީ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ. އަދި މިއީ 2015 ގައި "ހީރޯ" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރުގެ ދެވަނަ ފިލްމެވެ.

"ސެޓެލައިޓް ޝަންކަރު" ގެ ބަތަލާއަކީ މޭގާ އާކާޝް އެވެ.