ސޯފީ އާއި ޖޯ.
02 މެއި 2019 - 11:53
މިހާރު ފަހު ސީޒަން ދައްކަމުން އަންނަ، އެޗްބީއޯގެ މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ސަންސާ ސްޓާކްގެ ރޯލް ކުޅޭ ބަތަލާ ސޯފީ ޓާނާ ލޯބިވެރިޔާ ޖޯ ޖޯނަސްއާ ކައިވެނިކޮށްފި އެވެ.
އެ ދެ މީހުން ކުއްލި ގޮތަކަށް ބުދަ ދުވަހު ލޮސް ލޮސް އެންޖެލިސްގައި ކައިވެނިކުރި އިރު، އެންގޭޖްމަންޓް އިއުލާންކޮށްފައި ވަނީ 2017 ގެ އޮކްޓޯބަރުގަ އެވެ.
ޖޯ އަކީ އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް އެއްބަނޑު އެއްބަފާ ބޭބެއެކެވެ. ކުރިން އަޑުއަރާފައިވާ ގޮތުން ސޯފީ، 23، އާއި ޖޯ، 29، ކައިވެނި ކުރާނީ މި އަހަރުގެ ފަހުކޮޅު ފްރާންސްގެ ވެރިރަށް ޕެރިހުގަ އެވެ.
ނަމަވެސް "ސަޕްރައިޒް" ވެޑިންއެއްގެ ގޮތުގައި އެ ދެ މީހުންގެ ކައިވެނި ކުރެވިގެން ދިޔަ އިރު، އެ ހަފުލާގައި ބައިވެރިވެފައި ވަނީ އާއިލާ އާއި ގާތް ރައްޓެހިންނެވެ. ކައިވެނީގެ ރަސްމިއްޔާތުގެ ތެރެއިން ނަގާފައިވާ ވީޑިއޯތަކެއް ޑީޖޭ ޑިޕްލޯ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި ސޯފީގެ "ގޭމް އޮފް ތުރޯންސް" 8 ވަނަ ސީޒަނާ އެކު މި މަހުގެ 19 ގައި ނިންމައިލާ އިރު، އޭނާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެން ދާނީ އަންނަ މަހުގެ 7 ގައި ރިލީޒް ކުރާ "އެކްސް މެން" ސީރީޒްގެ 12 ވަނަ ފިލްމު "ޑާކް ފީނިކްސް" އިންނެވެ.
ތިން ބެއިން ހިމެނޭ ބޭންޑް "ޖޯނަސް ބްރަދާޒް" ވަރަށް ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ދާދި ފަހުން އެނބުރި އައި ލަވަ "ސަކާ" ދައްކައިލި އިރު އެ ލަވައިން ބޭނޑްގެ އެހެން މެމްބަރުންގެ ހަޔާތުގެ ބައިވެރިންނާ އެކު ސޯފީ ވެސް ޖޯއާ އެކު ފެނިގެން ގޮސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy