އުރްމިލާ އަށް ގޮނޑި ކާމިޔާބެއް ނުކުރެވުނު

މި މަހުގެ 19 ގައި ނިންމައިލި އިންޑިއާގެ އާންމު އިންތިހާބުގައި ވާދަކުރި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން ބަތަލާ އުރުމިލާ މަޓޯންޑްކަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.


އިދިކޮޅު ކޮންގްރެސް ޕާޓީގެ ޓިކެޓްގައި އޭނާ ވާދަކުރީ މުމްބާއީ އުތުރު ދާއިރާއަށެވެ. އެ ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން މި ފަހަރު ވެސް ކާމިޔާބު ކުރީ ގޮނޑި ފުރަމުން ގެންދިޔަ ބީޖޭޕީގެ ކެންޑިޑޭޓް ގޯޕާލް ޝެޓީ އެވެ. އޭނާ ވަނީ ވޯޓްލީ މީހުންގެ 73 ޕަސަންޓް ވޯޓް ހޯދައިފަ އެވެ.

ގޯޕަލްއާ އެންމެ ގާތުން ވާދަ ކުރި އުރުމިލާ އަށް ލިބުނީ ވޯޓްލީ މީހުންގެ 22.4 ޕަސަންޓް ވޯޓެވެ. އެއީ އެންމެ 39،977 ވޯޓެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނޭ އުރުމިލާ ކޮންގްރެސް ޕާޓީ އަށް ސޮއިކުރީ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.

އުރުމިލާ ދާދި ފަހުން ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ފިލްމީ ކެރިއަރު ނިމުމަކަށް އައިސްފައިވާތީ، ސިޔާސީ ދާއިރާ އިން ރައްޔިތުންނަށް ހިދުމަތް ކުރުމަކީ މިހާރު ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ކޮންގްރެސްއާ ގުޅުނީ ވެސް އެ ބޭނުމުގައި ކަމަށް ބުންޏެވެ.

އުރުމިލާ، 45، ބުނި ގޮތުގައި ގޮނޑި ކާމިޔާބު ނުކުރެވުނަސް، ކޮންގްރެސްއާ އެކު ސިޔާސީ މަސައްކަތުގައި ދެމިހުންނާނެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އަށް މެމްބަރުން ހޮވަން ބޭއްވި އާންމު އިންތިހާބުގެ ވޯޓް ގުނަން މިއަދު ފަށާފައިވާ އިރު، އެކްޓަރު ސަނީ ޑިއޯލް ވަނީ އޭނާ ވާދަ ކުރި ޕަންޖާބްގެ ގުރުދާސްޕާރުގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.