23 ޖޫން 2019 - 07:37
ޖޫންމަހުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މެންދުރުފަހުގެ ވަގުތެވެ. މެންދުރު ނަމާދަށް ފަހު، ކައިގެން ގިނަ މީހުން ބަނޑުދަމާލާ ވަގުތެވެ. ހަމަހިމޭން މާލޭގެ ހަމަހިމޭންކަން އެންމެ ފުންވާ ދަނޑިވަޅެވެ. ހިރަފުސްގަނޑު ބޯމަތިކުރަމުން "ބޮޑުބަދިގެ" އަންނަތަން އަހަންނަށް ފެނުނެވެ. އަހަރެން ބައްޕަގެ ފުރަގަހަށް ވަދެ ނިވައިވީމެވެ. ބޮޑުބަދިގެއަކީ މާލޭގައި ދުއްވާ ދެތިން ލޯރީގެ ތެރެއިން އެންމެ ބޮޑު، އަޑުގަދަ ލޯރިއެވެ. އޭގެ ދުންހޮޅިން ނުކުންނަ އޮލަ ދުމާއި، ބިންމަތީގެ ހިރަފުސް އެކުވުމުން އެ ލޯރި އަބަދުވެސް އަހަންނަށް ފެންނަނީ ބިރުވެރި ސިފަޔަކަށެވެ. އަހަރެން ހުރަސްކޮށްފައި ލޯރި ދިޔައިރު އަހަރެންގެ ހިތް ޑަންޑަންލާފައި ތެޅެއެވެ. ބައްޕަ ހުރީ މީހަކާ ވާހަކަދައްކާށެވެ. ލޯރި އެހާ ކައިރިން ދިޔައިރު ވެސް ބައްޕައަށް ކަހަރުވަކެކޭ ވެސް ހިޔެއްނުވެއެވެ. އުމުރުން ތޭރަ އަހަރުގެ އަހަރެން ކަހަލަ އަންހެންކުއްޖަކަށް ބައްޕައަކީ ބިރުކުޑަ މީހަކަށް ވަނީ އެހެންވެއެވެ.
އަހަރެން ބައްޕަގެ ބިރުކުޑަކަމުގެ އިތުރަށް، ބައްޕައަކީ އަހަރެން ދެކެ އެންމެ ލޯބިވާ މީހާއެވެ. އަހަންނަށް ފެނުނު އެންމެ ރުޅިމަޑު މީހާއެވެ. އަހަންނާ ދިމާއަށް ކިތަންމެ ބާރަށް ބައްޕަ އެއްޗެއް ބުންޏަސް، އޭގެ ފަހަތުގައި ލޯބި ފިޔަވައި އެހެން އެއްޗެއް ނޯވެއެވެ. ބައްޕަގެ ދީލަތިކަމާއި، ޝުކުރުވެރިކަން ވެސް އިންތިހާއެވެ. ބައްޕަ އަތުގައި ދެ ރުފިޔާ އޮތަސް އެއިން އެއް ރުފިޔާ މީހަކަށް ދޭކަށް ބައްޕަ ޖެހިލުމެއް ނުވެއެވެ. ކިތަންމެ ފަހަރަކު ދެ ރުފިޔާ އެކުގައި ވެސް ދޭތަން އަހަރެން ދެކެމެވެ.
އަހަރެންގެ ގެއަކީ ބޮޑު މެހުމާންސަރާއެކެވެ. ގޭގައި މެހުމާނުން ނުތިބޭ ދުވަސްވަރެއް އަހަރެން ހަނދާނެއް ނުހުރެއެވެ. ދެ ޖިންސުގެ އެކި އުމުރުގެ ކުދިންނެވެ. އެ ގެއަކީ މާލޭގައި ހުންނަ ބޮޑެތި ގެތަކުގެ ތެރެއިން ވެސް ބޮޑު ގެއެކެވެ. މާގަހާއި، ތަރުކާރީގަހުގެ އިތުރަށް، ގޯތީގެ އުތުރުކޮޅުގައި ބޮޑުސިންގާ ދެ އަނބުގަސް ހުރެއެވެ. އާވި އަނބުގަހަކާއި އާދައިގެ އަނބުގަހެކެވެ. އެއިން ގަހެއްގެ ވަށަމިން އަތްގުޅިކަނީ އަހަރެންގެ ކަހަލަ ތިން ކުދިން އަތުގުޅައިލީމައެވެ. އެއްގަހުގެ ތެރެއަށް އަނެއް ގަހުގެ ގޮފިތައް ވަދެ، ގޭގެ ބޮޑު ބަޔަކަށް އޮންނަނީ ގަހުގެ ހިޔާއެޅިފައެވެ. އާވި އަނބުގަހުގައި އާދައިގެ އަނބު އަޅައިފައިހުންނަހެން ވެސް ހީވާނެއެވެ. އަނބު މޫސުމުގައި އަހަރެންގެ ގެއާއި، އަވަށްޓެރި ގެތަކަށް ވެސް އަނބު މަހާސަމާއެއް އައިސްގެންއުޅޭ ކަހަލައެވެ. ރިހަޔަކަށް އަނބުރިހައެވެ. ފަންޏަކަށް އަނބުފަންޏެވެ. ކައި ނިމިގެން ފޮނިކާއަކަށް ވެސް އަނބެވެ.
ގޯތީގައި ދެ އިމާރާތް ހުރެއެވެ. ހުޅަނގު އިމާރާތް ނުވަތަ މަގުމަތީ ފަރާތުގައި އަހަންނާއި، އަހަރެންގެ މަންމައާއި ބައްޕައެވެ. އިރުމަތީ އިމާރާތަކީ މެހުމާންސަރާއެވެ. ދެކުނު ފަރާތުން ދެ އިމާރާތް ގުޅޭ ހިސާބެއް ވެސް އޮވެއެވެ. ގޯތީގެ މެދުގައި އޮންނަނީ އެކި ކަހަލަ ގަހެވެ. ހަތަރު ދިވެހިރުއް ހުރެއެވެ. ތޮރަޔާއި، ބަރަބޮލާއި، ތޮޅިވެލެއް ވެސް އޮވެއެވެ. ފެންވަޅެއް ހުރެއެވެ. ބަދިގެއެއް ހުރެއެވެ. ކުކުކުޅުކޮއްޓެއް ހުރެއެވެ. ބޮޑު ދެ ގިފިލި ހުރެއެވެ. ގިފިލި ތެރޭގެ ބޮޑުބައިގައި އޮންނަނީ ކެޔޮގަހެވެ. އޭގެ އިތުރަށް ވެސް ގޯތީގައި ކުޅެ ސަކަރާތްޖަހާނެ ހުސްބިން އޮވެއެވެ. ޖޯއްޔާއި އުނދޯލި ހުރެއެވެ.
އާންމު ގޮތެއްގައި އަހަންނާއި ގޭގައި ދެން އުޅޭ ކުދިން އުޅޭނީ ވަކީންނެވެ. ބޭނުން ނަމަ އެހެން މީހުންނަށް ނުފެނި ވެސް އަހަންނަށް ގޭގައި އުޅެވޭނެއެވެ. އަހަރުމެން ދިމާވާންޖެހޭ ސަބަބެއް ނޯންނާނެއެވެ. އަހަރެންގެ ހުރިހާ ކަންކަމެއް ހުންނާނީ ހަމަޖެހިފައެވެ. ކެއްކުމާއި، ބާޒާރުކުރުމާއި، އެހެނިހެންކަންކަމަށް ކުދިން ތިބެއެވެ. އެ ކުދިން ވެސް ދިރިއުޅޭނީ މެހުމާންސަރާގައެވެ. ކިޔަވަން މާލެއަންނަ ކުދިންނާއި، ބައްޔެއްވެގެން ފަރުވާހޯދަން އަންނަ ކުދިންނާއި މީހުން ވެސް މެހުމާންސަރާގައި ތިބެއެވެ. ތިބުމާއި، ކެއުންބުއިން އޮންނަނީ ހިލެއެވެ. މާ ބޮޑަށް އަތްމަތި ދަތިވެއްޖެއްޔާ ބޭސްފަރުވާއަށް ވެސް ޚަރަދުކުރާނީ އަހަރެންގެ ބައްޕައެވެ.
ގޭގައި އުޅޭ ކުދިންނާ ވާހަކަދެއްކުން އަހަންނަށް މަނައެއް ނޫނެވެ. ބައެއް ދުވަސްދުވަހު ކުދިންނާ އެކުވެގެން އަހަރެން ވެސް ކުޅެންއުޅެމެވެ. ގިނައީ އަހަންނާ އެއް އުމުރެއްގެ ކުދިންނެވެ. ގިނަ ދުވަސްވާ ވަރަކަށް ކުދިންނާ އޮންނަ އެކުވެރިކަން ބަދަހިވެއެވެ. އަހަރުމެން އެކުގައި އުނދޯލިހެއްލަމެވެ. ބެޑުމިންޓަން ކުޅެމެވެ. ފީކޯއިކުޅެމެވެ. އަނބު ބިންނަން އެއިން ކުއްޖަކު ފުރާޅަށް އަރައިފިއްޔާ އަހަރެން ވެސް އަރުވައެވެ. އަހަންނަކީ އުސް ތަންތަނަށް އަރަން ބިރުގަންނަ ކުއްޖެކެވެ. އުސް ތަނެއްގައި ހުރެފައި ތިރި ބަލައިލައިފިއްޔާ އަހަރެންގެ ބޮލަށް އެނބުރުންއަރައި މޭތެޅޭ ގޮތް ވެސް ވެއެވެ. އެއް ފަހަރަކު ފުރާޅުން ފައިބަން އަހަންނަށް ނުކެރިގެން އުޅެނިކޮށް ބައްޕައަށް އެ ކަން އެނގިގެން ބައްޕަ ގާތަށް ވަރަށް ރުޅިއައެވެ. އެއީ ލޯބީގެ ސަބަބުން އަންނަ ރުޅިއެވެ. ލޯބިނުވާތީ އަހަންނަށް ކުރާ ނަފުރަތެއް ނޫނެވެ.
ގޯތި ބޮޑުވެފައި، އެކުގައި ކުޅޭނެ ކުދިން ގިނަވެފައި، ކުޅޭނެ ޖާގަ ބޮޑުވުމަކީ، ފައިސާފޮއްޗެއްގެ ނަމަ އެއް ފުށެވެ. އޭގެ އަނެއް ފުށް ވެސް އޮވެއެވެ. އެއީ ރޭގަނޑުވުމުން ވެރިވާ ނާމާންކަމެވެ. ގޯތީގައި ދިއްލާފައިހުންނަނީ ފަނޑު އެންމެ ބޮތްކެކެވެ. އެއީ މަގުހިނގަން ނުވަތަ ގިފިއްޔަށް ދާން ފަސޭހަޔަކަށެވެ. އެ ބޭނުން ވެސް ފުދޭނީ ކިރިޔަކިރިޔާއެވެ. ގަސްތަކު ތެރެއަށް އަލިގުޅަ ވެއްޓޭތަން ފެނުމަކީ އާންމުކަމެކެވެ. ހަގީގަތް ނޭނގޭ އަޑުއަޑުއިވެއެވެ. ކުއްލިއަކަށް ކުކުޅުހާތައް ބިރުންއުޅޭ އަޑާއި، ބަކަރި ގޮވާ އަޑު ވެސް އިވިދާނެއެވެ. އެކަމަކު ގޭގައި ބަކައްޓެއް ނުގެންގުޅެއެވެ. ހަނދުވަރު ކިތަންމެ ރީއްޗަސް ރޭގަނޑު ގޯތިތެރެއަށް ނުކުތުން އަހަންނަށް އޮންނަނީ މަނާކޮށްފައެވެ. އަހަރެންގެ ރައްކަލަކަށް ޓަކައެވެ.
ރޭގަނޑުވުމުން ގޯތިތެރެ ނާމާންވަނީ ކީއްވެގެން ހެއްޔެވެ؟ މަންމައާއި ބައްޕަ އެ ވާހަކަދައްކާތީ އަހަރެން އަހަމެވެ. ބައްޕަ ކިތަންމެ ހެޔޮ ނިޔަތެއްގައި، ހިލޭސާބަހަށް ގޭގައި ބަޔަކު ބޭތިއްބިޔަސް އެ ވަރު ދަންނަނީ ކިތައް މީހުން ހެއްޔެވެ؟ ލިބޭ މިންވަރަށް ވުރެ އިތުރަށް ބޭނުންނުވާނީ ކާކު ހެއްޔެވެ؟ އިންސާނުންގެ ނިޔަތަކީ ހުސްވާ އެއްޗެއް ނޫނެވެ. ގެއިން ތަންކޮޅެއް ލިބިއްޖެއްޔާ ކޮންމެ މީހަކަށް ވެސް ރަނގަޅެވެ. އަހަންނާ ކައިވެނިކުރެވިއްޖެއްޔާ މާ ރަނގަޅެވެ. އަހަރެންގެ މަންމައާއި ބައްޕަ ވަރިކުރުވައިފައި އެ ދެމެދަށް ވަދެވުނަސް ލިބޭ މޮޅު މަދެއް ނުވާނެއެވެ. އިސްތިރިވަރިތޮޅިއެއް ނަހަދަންވީ ސަބަބެއް ނެތެވެ. ސިހުރުހާހޫރައަށް މޮޅެތި އަތޮޅުތަކުން ގެއަށް އަންނަ މީހުން ވަރަށް ގިނައެވެ. އެކަމަކު ސިހުރަކީ ކޯޗެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ދުވަހަކު ވެސް ސިހުރެއް ނުދެކެމެވެ.
ހަލާކުވެފައިހުންނަ ފަންކާއާއި، ބޭނުން ނުކުރާ ސުވިޗާއި، ބޭނުން ނުކުރާ ގަޑި ރޫޅުމަކީ މުނިފޫހިފިލުވަން އަހަރެން ކުރާކަމެކެވެ. އަނދައިގެން ބޭކާރުވެފައިހުންނަ ބޮތްކާއި ހޮޅިބުރި ތަޅާލައިގެން އޭގެ އެތެރެ ވެސް ބަލަމެވެ. އެ އެއްޗެހި ދިއްލޭ ގޮތް އަހަންނަށް ވިސްނޭތޯއެވެ. ބައެއް ފަހަރު ރަނގަޅަށް ހުންނަ އެއްޗެހި ވެސް ރޫޅަމެވެ. ގޭގައި ހުންނަ ފޯނުން ވެސް އަހަންނަށް ނެއްޓެންހުންނަ ތަންތަން ނައްޓައިފައި ރާވަމެވެ.
ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ކުޑަ ރޭޑިޔޯ ހިފައިގެން ބޮޑު އުނދޯލީގައެވެ. އެއީ ބައްޕަ ގެންގުޅޭ ރޭޑިޔޯއެކެވެ. ފެންޑާގައިހުންނަ އުނދޯލީގެ ފަހަތުގައި އުވަ ފައްލަވައެއް ހުރެއެވެ. އުވަޔަކީ ގާ އެންދީމައި ހުންނަ އަޅިއެވެ. އެ ބޭނުންކުރަނީ ސިމެންތީގެ ބަދަލުގައެވެ. ރޭޑިޔޯއާއި އެކި ކަހަލަ އެއްޗެހި ރޫޅާރާވާހެދުމަކީ ފިރިހެންކުދިން ކުރާކަމެކެވެ. އެކަމަކު އަހަންނަކީ އެ ކަހަލަ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އެ ޝައުގުވެރިކަން އައީ ކޮން ދިމާއަކުންކަމެއް ނޭނގެއެވެ. އިސްޕީކަރަށް ނަރު އައިސްފައިހުންނަ ގޮތާއި، ބޭސްގުޅައާއި ތަވީދު ބައްޓަމަށްހުންނަ ސާމާނުތަކުން ކުޅޭ ދައުރާ މެދު އަހަރެންގެ ހިތުގައި ސުވާލު އުފައްދަމެވެ. ހިތަށްއަރައެވެ. އެއިން ހަމަ އެންމެ އެއްޗެއް ނެތަސް ރޭޑިޔޯއިން އަޑެއް ނާންނާނެބާއެވެ؟ އެންމެ ނަރެއް ބުރިކޮށްލިޔަސް ރޭޑިޔޯ ހަލާކުވީބާއެވެ؟
"މޫނިސާ!" މީހަކު ގޮވައިލި އަޑު އިވުނެވެ.
އަހަރެން ބަލައިލިއިރު މެދު އުމުރެއްގެ މީހަކު ދޮރުމަތީގައި ހުއްޓެވެ. އޭނަގެ ނަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އެއީ ވަރަށް ފަހުން ބޭހަކަށް ގެއަށް އައި މީހެކެވެ.
"މިއަދު ކޮރާކުޅެލާކަށް ނުނިކުންނަން؟" އޭނަ އެތެރެއަށް ވަންނަމުން އެހިއެވެ.
އޭނަ ބަލާ ގޮތް އަހަންނަކަށް ކަމަކުނުދިޔައެވެ. އޭނަގެ ހިނިތުންވުމުން ހިތްހެޔޮކަން އަހަންނަށް ނުފެންނަނީއެވެ. ބަދަލުގައި އަހަރެންގެ ޅަ ސިކުނޑިއަށް ސިފަވަނީ އޭނަގެ މަކަރުވެރިކަމެވެ. ކުށްހީއަކަށްވުން ގާތެވެ. އެ މީހާގެ މަކަރުވެރި އެއްވެސްކަމެއް އަހަންނަކަށް ފެނިފައެއް ނުވެއެވެ.
"މިއަދު ނެތް ކުޅެން ނުކުންނަހިތެއް." އަހަރެން ބުނީމެއެވެ.
"އެހެންތަ؟" އެތެރެއަށް ވަދެގެން އައިސް އުނދޯލި ކައިރީގައި ހުއްޓިފައި، އުނދޯލީގެ ދަނގަނޑުގައި ހިފާއްޓައިލަމުން އޭނަ ބުންޏެވެ. "ބައްޕަޔާ މަންމަ ގެޔަކު ނޫޅުއްވާ ދޯ؟"
އަހަރެން ޖަވާބެއް ނުދެމެވެ. އޭނަޔާ ވާހަކަދައްކާ ހިތްނުވީއެވެ.
"ކީއްތިކޮށްލަނީ؟" އުނދޯލި މަޑުމަޑުން ހެއްލައިލަމުން އޭނަ އެހިއެވެ. "ރޭޑިޔޯއެއް ރޫޅާލަނީތަ؟ ހާދަ މޮޅުވެއްޖޭ ދޯ؟ ބޭބެގެ ރޭޑިޔޯ ވެސް ސަކަރާތްވެގެން މިއުޅެނީ. ހަދައިދޭންވާނެ. ފެންތައްޓެއް ލިބިދާނެތަ؟"
ފެންދޭން ބުނެފިއްޔާ ނޫނެކޭ ނުބުނަން ބައްޕަ އޮންނަނީ ބުނެފައެވެ. އަހަންނެއް ނޫނެކޭ ނުބުނަމެވެ. އެކަމަކު އާނއެކޭ ވެސް ނުބުނަމެވެ. އެ މީހާ ވިސްނައިލިއެވެ.
"ހެޔޮތަ ބޭބެ އުވަކޮޅެއް ގެންދިޔަސް؟" އޭނަ ސުވާލުކުރިއެވެ. "ބައްޕަ ބުނެފައޮންނަނީ ބޭނުންވެއްޖެއްޔާ ގެންދާށޭ. ބައްޕަގެ މަސައްކަތެއްގަ މި އުޅެނީ."
އަހަރެން ބޯޖަހައިލީމެވެ. ބައްޕަ ހުއްދަދިނުމުން އަހަރެން އިންކާރުކުރާނީ ކިހިނެއް ހެއްޔެވެ؟ ބައްޕަގެ ގެއެކެވެ. ބައްޕަގެ އުވައެވެ. އެ މީހާ މަޑުމަޑުން ގޮސް އުވަފައްލަވަ ކައިރިއަށް ހުއްޓުނެވެ. އަހަރެން ކަޅިޖަހައި ނުލައި ބަލަހައްޓައިގެން އިނީމެވެ.
"މޫނިސާ ކުރާ ކަމެއް މޫނިސާ ކުރޭ!" ޖީބުން ކޮންމެވެސް އެއްޗެއް ނަގަމުން އޭނަ އެދުނެވެ. "ކިތައް އިސްކުރު ތި ރޭޑިޔޯގަ ހުންނަނީ. އަޅެ ގުނައިލައިފަ ބުނެބަލަ!"
އަހަރެން އިސްކުރުތައް ގުނަން ފެށީމެވެ. ފަސް އިސްކުރު އޮތެވެ. އަހަރެން ހައިރާންވީ، އިސްކުރު ގުނައިފައި ކިތައް އިސްކުރުކަން ބުނުމުގެ ކުރިން އެ މީހާ ނުކުމެގެންދިޔައިމައެވެ. ޔަގީނުން ވެސް އެ މީހާ އުވައެއް ނުގެންދެއެވެ. އަހަރެންގެ ސަމާލުކަން އަނެއްކާ ވެސް އެނބުރުނީ ރޭޑިޔޯއަށެވެ.
އިރާދަމުގެ ވަގުތެވެ. ގަޑިން ހަތެއް ޖަހަން ދެތިން މިނެޓު ހުއްޓެވެ. ޔާސީން ސޫރަތް ކިޔަވަން އަހަރެން އިންދައި މަންމަ ހަޅޭއްލަވައިގަތް އަޑު އިވުނެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޝް
23 June 2019
މާޝާﷲ ބިންމާ ހާދަމޮޅޭ ވާހަކަލިޔަން
ކުރަފަތްބޭބެގެ
23 June 2019
ޔޭ މަ ފަސްޓް. ވާހަކަ ސަޅި
ބަބުރޭ
23 June 2019
ދަސްކޮށްބަލަ އެހެން ވާހަކަ ލިޔުންތެރިން. ފުރަތަމަ މިޔޮތީ އަހަރެމެން ގެންގޮސް އެ ޒަމާނާއި އެތަނުގައި ބަހައްޓައިދީފައި. ވާހަކައިގެ މެއިން ކެރެކްޓާގެ ތައާރަފު. އޭނަގެ ބައްޕަގެ ތައާރުފު. މިޔަށް ކިޔަނީ ސަތޭކައިގެ ސިފަކުރުމޭ!
ނާގަބާޑި
23 June 2019
މަތީގަ އިން ފުޓޯއައް ހަމަ ބެލެނީ
ދެންންންންން
23 June 2019
އަޅެ ހާދައޭ ދޯ. ލިބޭނަމަ...
އޯސަމް
23 June 2019
ހޭންޑް ހާދަ ރީއްޗޭ... ދިވެހި ކުއްޖެއްބާ؟
ދުހާން
26 June 2019
ކީއްކުރަން. 2 ފަރު ބަދަ ދެމެދު ބުރިޖެއް އަޅަންވީތަ
ބިންމާފޭންގާރލް
23 June 2019
އޯހހހހ ސަޅި.. ސިހުރުގެ ވާހަކައެއް ދޯ. ވަރަށް އިންތިޒާރުކޮށްފިން ބިންމާގެ ބިރުވެރި ވާހަކަ އަކަށް