ވަރުގަދަ ތަރިންތަކެއް އެއް ފިލްމަކުން ފެނުމަކީ އަބަދުވެސް ބެލުންތެރިން ވަރަށް ޝައުގުވެރިވާ ކަމެކެވެ. ނެޓްފްލިކްސް އިން މިހާރު އަންނަނީ ހޮލީވުޑްގެ އޭ-ލިސްޓް ދެ ބަތަލާ އަކު ހިމަނައިގެން ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ.
އެ ދެ ތަރިންނަކީ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވާ އަދި އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ނިކޯލް ކިޑްމަން އާއި މެރީލް ސްޓްރީޕެވެ. ދެ ތަރިން އެކީގައި ކުޅެން ނިންމާފައިވާ ދެވަނަ ފީޗާ ފިލްމުގެ ނަމަކީ "ދަ ޕްރޮމް" އެވެ.
މިއީ ބްރޯޑްވޭ މިއުޒިކަލްއެއްގެ ގޮތުގައި ގެނެސް ދީގެން ޓޯނީ އެވޯޑަށް ނޮމިނޭޓްވި "ދަ ޕްރޮމް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މަޝްހޫރު ޑައިރެކްޓަރު/ސްކްރީން ރައިޓަރު ރަޔަން މާފީ އާއި ނެޓްފްލިކްސް ގުޅިގެން ގެނެސް ދޭން ނިންމާފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޭމްސް ކޯޑެން، ކީގަން-މައިކަލް ކީ، އެންޑްރީ ރެނެލްސް، އޯކްވަފިނާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އެރިއާނާ ގްރަންޑޭ ހިމެނެ އެވެ.
"ދަ ޕްރޮމް" ގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މީޑިއާތަކުން ބުނީ ނެޓްފްލިކްސްއާ ގުޅިގެން މާފީ މި ފިލްމު ހަދަނީ އެ ކުންފުންޏާ އެކު ހަދާފައިވާ 300 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
"ދަ ޕްރޮމް ހަދަން" ނިންމި އިރު ނެޓްފްލިކްސްއާ އެކު އޭނާ ވަނީ "ދަ ބޯއިސް އިން ދަ ބޭންޑް" ކިޔާ ސީރީޒެއް ވެސް ހަދަން ނިންމައިފަ އެވެ. މާފީގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި "ގްލީ" އާއި "އެމެރިކަން ހޮރޯ ސްޓޯރީ" ގެ އިތުރުން "ޕޯސް" ހިމެނެ އެވެ.
އޭނާގެ "ދަ ޕްރޮމް" އަށް ކިޑްމަން އާއި މެރީލް ސޮއި ކުރި އިރު، ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ އެޗްބީއޯ އިން ދާދި ފަހުން ގެނެސް ދިން ސިލްސިލާ "ދަ ބިގް ލިޓްލް ލައިސް" ގެ ދެވަނަ ސީޒަނުންނެވެ. ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2002 ގެ "ދި އަވާޒް" އެވެ.