10 ޖުލައި 2019 - 08:46
އަހަރެންގެ އުމުރުން އެންމެ ސާދަ އަހަރުގައެވެ. ކައިވެންޏަކީ ކޯޗެއްކަމެއް، އަންބެއްގެ ޒިންމާއަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ކުޅެމަޖާކުރާ އުމުރެވެ. މަނަވަރުބަލަންދިޔުމާއި، ފަސްއޮށްކުޅުމާއި، ފިކުރެއް ހިޔާލެއް ނެތި ދުވެ، ސަކަރާތްޖަހާ އުމުރެވެ. އެކަމަކު މީހެއް ޖެހި ބެދޭމަޅިއެއްގައި އަހަރެން ހައްޔަރުވެ ނިމުނީއެވެ. ހުވަފެންތައް ވިއްސިވިހާލިވީއެވެ. އުންމީދުތައް ފެނަށްވެ ބިމަށް އޮބުނީއެވެ. އަހަރެންގެ ހުއްދަނެތިއެވެ. އަހަރެން ރުހުން ނުދެނީހެވެ. އެންމެ ދެރަވިކަމަކީ އެއީއެވެ. ކައިވެނި ޕާޓީ ފެށުނީއްސުރެ ނިމެންދެން ވެސް އަހަރެންގެ ތުންފަތުން ހިނިތުންވުމެއްގެ އަސަރު ފެނުނު މީހަކު ނުހުންނާނެއެވެ.
ކައިވެނީގެ ފުރަތަމަ ރޭގައި ރުއިން ނޫން ކަމެއް އަހަރެން ނުކުރަމެވެ. އެ އަޑުއަހާނެ މީހަކު ނެތެވެ. އަހަންނަށް ހަމްދަރުދީވާނެ މީހަކު ނެތެވެ. އެނދުގައި އޮތް ކަންނޭލެކޭ އަހަންނެކޭ އެއްވެސް ތަފާތެއް ނެތެވެ. އެނދު ވަށައިގެން ދަމައިފައިހުރި ބޮޑު މަދިރިގެ އަހަރެންނަށް ސިފަކުރެވުނީ ޖަލެއް ގޮތުގައެވެ. ދެ އަތުގެ މުށުތެރެއަށް އެނދުގެ ފޮތިގަނޑު ގުޅަކެރުވެމުންދިޔައިރު، ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކުގެ ސަބަބުން މަންޒަރު ފުސްވެ، އަރު ބެދެމުންދިޔައެވެ. ހަރަކާތް ހުސްވެ، ހިއްސުކެނޑެމުންދިޔައެވެ. ކިރުއިލޮއްޓެއްގައި ތަތްވެފައިވާ ދޮންދޫންޏެކޭ އަހަންނެކޭ މާ ބޮޑު ތަފާތެއް ނެތެވެ.
ނިދުނުއިރެއް އަހަންނަކަށް ނޭނގެއެވެ. ހޭލެވުނުއިރު އިރެއްނާރައެވެ. ކުޑަދޮރުން ފެނުނު އަލިން ލަފާކުރެވުނު ގޮތުގައި އިރުއަރަން ތައްޔާރުވަނީއެވެ. އަހަރެން ގަޑިއެއް ނުބަލަމެވެ. ބެލުމުގެ ބޭނުމެއް ނެތެވެ. ހިތަށްއެރިއެވެ. ދުވަސް ފެށޭނީ ކިހިނެއްކަމެއް ނިމޭނީ ކިހިނެއްކަމެއް ދެނެއް އަހަންނަކަށް ނޭނގޭނެއެވެ. ކުރަންޖެހޭނީ ކީއްކަމެއް ނުކުރެވޭނީ ކީއްކަމެއް ވެސް ނޭނގޭނެއެވެ. އަހަންނަށް ބަލައިލެވުނީ އަހަރެންގެ މަގަތުގައި އޮށޯވެގެންއޮތް މީހާއަށެވެ. އަހްސަނަށެވެ. އެއީ އަހަރެން ދަންނަ މީހެއް ނޫނެވެ. ދަސްކުރާހިތްވާ މީހެއް ވެސް ނޫނެވެ. އަހަރެން ގާތުގައި ބާއްވަން ބޭނުންވާ މީހެއް ވެސް ނޫނެވެ. ރުހުމަކު އަހަރެން ގަޔަކު އަހްސަނަކަށް އަތެއް ނުލެވޭނެއެވެ. އިނގިލި ކުރި ވެސް ޖައްސައެއް ނުލެވޭނެއެވެ. ނުރުހުމުގައި ކޮންމެ ކަމެއް ވެސް ކުރެވިދާނެއެވެ. އަހަރެން ބޭނުންވަނީ އެނދުން ތެދުވެގެން ދުއްވައިގަންނާށެވެ. ގެއިން ނުކުންނާށެވެ. ދާނެ ވަކި މަންޒިލެއް ނޭނގެއެވެ. ވަރުބަލިވަންދެން އަހަރެން ދުވާނީއެވެ. ވަރުބަލިވީމައި ހުއްޓޭނީއެވެ. އަނެއްކާ ވެސް ދުއްވައިގަންނާނީއެވެ. އިރުއަރައި ރަނގަޅަށް އަލިވިއިރު ވެސް އަހަރެން އޮތީ އެ ކަހަލަ ބޭކާރު ހިޔާލުތަކެއްގައެވެ.
އަހްސަންގެ ކައިވެންޏާއެކު އަހަންނަށް އަހަރެން ގެއްލުނެވެ. ހިނދުކޮޅަކަށް ވަގުތު ހުއްޓުނު ކަހަލައެވެ. ލަފުޒު ދުލާ ރުޅިވި ކަހަލައެވެ. އިސްވެ އެކަކާ ވެސް އަހަރެން ވާހަކަދައްކާހިތެއް ނުވެއެވެ. ޝަކުވާ ކުރާހިތެއް ވެސް ނުވެއެވެ. ކޮންމެހެން އެއްޗެއް ބުނަންޖެހުނަސް އަހަރެންގެ ޖަވާބުތައް ކުރުކުރަމެވެ. ކޮޓަރިން ނުކުންނަ ހިތެއް ނުވެއެވެ. ކާހިތެއް ނުވެއެވެ. އެނދުން ތެދުވާ ހިތެއްނުވެއެވެ. އެނދުގައި އޮންނަ ހިތެއްނުވެއެވެ. ހިނިތުންވާން އަހަރެން ހަނދާންނެތުނު ކަހަލައެވެ. އަހަރެންގެ ކަމަކީ އަހްސަންގެ އޯޑަރަށް ކިޔަމަންވުމެވެ. އިތުރު ސުވާލެއް ނޯންނާނެއެވެ. ފެންވަރަމެވެ. އެކަމަކު ނަލަހެދުން ހުއްޓައިލީމެވެ. އޭގެ އެއްވެސް ބޭނުމެއް ނެތީއެވެ. އަބަދުވެސް އަހަރެން ހުންނަނީ އަރުބެދިފައެވެ. މެޔަށް ހީވަނީ ވާންވެފައި ހުންނަހެންނެވެ. ބައްޕަ ގާތުގައި އަހަން ބޭނުންވިއެވެ. ރަންނަމާރީގެ ބުދުކޯލުގައި އަހަރެން ބޭންދީ ކީއްވެ ހެއްޔެވެ؟ އަހަރެން ބޭނުންވާ ގޮތް ނޭހީ ކީއްވެ ހެއްޔެވެ؟ އަހްސަނަށް އަހަރެން ވިއްކާލީ ކީއްވެ ހެއްޔެވެ؟ އަހަރެން ގެންގުޅެން ބައްޕައަށް އުނދަގޫވި ނަމަ އެ ވާހަކަ ނުބުނީ ކީއްވެގެން ހެއްޔެވެ؟ މަރަށް ތެޅެން ދޫކޮށްނުލައި އެއް ފަހަރުން މަރައިލި ނަމަ މާ ހިތަށް ފަސޭހަވީހެވެ. އަހަންނަށް ދިން އަނިޔާ ދުވަހަކު ވެސް އަހަރެންގެ ހިތަކުން ނުފިލާނެއެވެ. ބައްޕައާއި މަންމައަށް ދުވަހަކު ވެސް މާފެއް ނުކުރާނަމޭ ހިތަށްއެރިއެވެ.
އަހްސަނާ ކައިވެނިކުރި ފަހުން އަހަރެން ސައިބޮއި، ކައިހަދަނީ އެކަންޏެވެ. މަންމައާއި ބައްޕަ ފެނުނަސް އަހަރެން ފޫހިވެއެވެ. އަހްސަން ކުރިމަތީގައި އިނދެއްޖެއްޔާ ކާއެއްޗެއްގެ އެއްވެސް ރަހަޔެއް އަހަންނަށް ނުލާ ކަހަލައެވެ. ކޮންމެ އެއްޗެއްގައި ވެސް ލަނީ ފެންރަހައެވެ. "ހަކުރަށް ސައި އެޅިޔަސް" އޭގައި ފޮނިރަހަލާހެނެއް އަހަންނަކަށް ހިއެއްނުވެއެވެ. ހިތްދަތިވުމާއި، ކެވޭލެއް މަދުވުމުގެ ސަބަބުން އަހަރެން ވަރަށް ބޮޑަށް ހިކުނެވެ. އެ މަންޒަރު ބަލަން އުނދަގޫވި ލޮލެއް ގެޔަކު ނެތެވެ. ހަޔާތާ މެދު ފިކުރުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއިން ވާނެ ފައިދާއެއް ނެތީމައެވެ. އެކަމަކު، ބައެއް ރޭރޭ ވިސްނާވިސްނާ މޮޔަވާވަރުވެއެވެ. އަހްސަން އަހަންނަށް ގޮވާއިރު، ފެންވަރައިގެން އައި ގޮތަށް އެނދު ހުރަހަށް އަހަންނަށް ނިދިފައިއޮވެދާނެއެވެ. ނަމާދު މުސައްލަމަތީގައި ނިދިފައި އޮވެދާނެއެވެ. ކާމޭޒުގައި ބޯޖަހައިގެން ނިދިފައި އޮވެދާނެއެވެ. ބަތްތަވާ ދުންގަންނައިރު އަހަރެން ގާވެފައި ހުރެދާނެއެވެ. އަހްސަންގެ އަންނައުނު އަހަރެން ލައްވާ އިސްތިރިކުރުވަން އަހްސަން ހުންނަނީ ފޫގަޅައިފައެވެ. ސަބަބެއް އަހަންނަކަށް ނޭނގެއެވެ. އަލިފާންއަޅައިފައިވާ ބަރު އިސްތިރީގެ ފޫ ހުރިގޮތަށް އަހްސަންގެ ގަމީހުގެ ބުރިކަށީގައި ތަތްވެއެވެ. ގަސްތަކު ނޫނެވެ. އަހްސަންގެ ގަމީސްތައް ވިރުވާތީ އޭނަ ހުންނަނީ ވަރަށް ރުޅިއައިސްފައެވެ. އެހެންނަމަވެސް، އަހަންނާ ދިމާއަކަށް އެންމެ ބަހެއް ވެސް ނުބުނެއެވެ. އަހަރެންގެ ގޭގައި އަހްސަން އުޅޭތީކަމަށް ވެދާނެއެވެ.
ގެއަށް ހަބީބާ ގެނައި ދުވަހެވެ. އޭނައަކީ، އަހަންނަށް ވުރެ އެއް އަހަރު ހަގު އަންހެންކުއްޖެކެވެ. މަންމަގެ އެކުވެރިއެއްގެ ދަރިއެއްކަމުން، ދަތުރުވަރެއްގައި މާލެއައުމުން ގޭގައި ބެހެއްޓީއެވެ. ހަބީބާއަކީ ހަލަނި ކުއްޖެކެވެ. އުސޫލުތަކެއްގައި ހިފަހައްޓައިގެން މަޑުމަޑުން ހުރުމަކީ ހަބީބާއަށް ވަރަށް އުނދަގޫކަމެކެވެ. އޭނަގެ އެންމެ ރަނގަޅު ސިފައަކީ ފެންނައިރަށް އެކުވެރިވުމެވެ. ހަބީބާއަށް ފުރަތަމަ އަހަރެން ފެނުނުއިރު އަހަރެން އޮތީ، ގޯތިތެރޭގައި ހުރި ޖޯލީގައެވެ. ކިޔާކިޔާ ބާވެފައިވާ 'ކަރުނައިގެ ހަޔާތް' ވާހަކަ ފޮތަށް ނަޒަރު ހުއްޓައިލައިގެން އަހަރެން އޮތްއިރު ފޮތް އޮތީ އެކޮޅުކޮޅުންކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ލޯކުރިމަތީގައި ސިފަވަމުންދިޔައީ މުޅީން އެހެން މާޒީއެކެވެ.
"ފޮތުގެ ތެރެއަށް ކޮން ފޮޓޯއެއްލައިގެން ތި އުޅެނީ؟" ހަބީބާ ބުނި އަޑު އަހަންނަށް އިވުނެވެ.
އަހަރެން ބަލައިލިއިރު ނިކަން ހިނިއައިސްފައި ހަބީބާ ބަލަހައްޓައިގެން ހުއްޓެވެ. އޭނަ އަތުގައި އަނބު ބިންނަ އޮނު އޮތެވެ. އަހަރެން ޖަވާބެއް ނުދެމެވެ. އޭނަ އައިސް އަހަރެންގެ ފޮތް ރަނގަޅުކޮށްލައިދިނެވެ.
"ތި ފޮތް އިހަށް ބާއްވާފަ ހިނގާބަލަ އަހަންނަށް އަނބެއް ބިނދެދޭން،" ހަބީބާ އިޝާރާތްކޮށްލީ އަނބުގަހަށެވެ. "އަހަރެން ކުރުކަމުން އަނބަކަށް އޮނެއް ނުފޯރައޭ. ކަލެޔަށް ކެރޭނެތަ ފާރުމައްޗަށް އަރަން؟"
އަހަރެން ހިތަށްއެރިއެވެ. ހާދަހާ ކެރޭ ކުއްޖެކެވެ. ވާނީ އާ ކުއްޖަކަށެވެ.
"ކޮން ނަމެއް ކިޔަނީ؟" އަހަރެން ސުވާލުކުރީމެވެ.
"ހަބީބާއެއްނު!" ހަބީބާ ވަރަށް ސާދާ ގޮތަކަށް ބުނެލިއެވެ. "ތީ ކާކު؟"
މަންމައާއި ބައްޕަ ދެއްކި ވާހަކައެއް އެ ވަގުތު އަހަރެން ހަނދާންވިއެވެ. ހަބީބާއަކީ ވިސްނުމުގެ އުނިކަމެއް ހުންނަ ކުއްޖެކެވެ. އަހަންނަކީ ކާކުކަމެއް ނުބުނެދެމެވެ. އޮނު ހިފައިގެން ގޮސް ފާރުކައިރީގައި ހުއްޓުނީމެވެ.
"ހޯއް!" އަހަރެން ގޮވައިލީމެވެ.
"ހޯއް!" ގެޔެއްގެ ގިފިލިން ގޮވައިލި އަޑު އިވުނެވެ.
"ދެނެއް ފާރަކަށް ނޭރޭނެއްނު!" ފާރުގައި އޮނު ލައްކޮށްލަމުން އަހަރެން ބުނީމެވެ. "އެ ގޭ ގިފިލީގަ މީހަކު އެބައުޅޭ! އަނބު ހުންނާނެ ބިނދެފަ. ހިނގާ ދޭނަން."
ހަބީބާޔާ އެކުގައި ހިނގައިގަތް ހަނދާން އަހަރެން ހުއްޓެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭއެރިއިރު ގާތުގައި މަންމަ އިނެވެ. އަހަރެން އޮތީ އަހަރެންގެ އެނދުގައެވެ. އޭރު ވެސް އެނބުރުންއަރާ ކަހަލަ އިހުސާސެއްކުރެވެއެވެ. މޭނުބައިކުރާ ކަހަލަ ގޮތެއް ވެސް ހުއްޓެވެ.
"އަހަންނަށް ކިހިނެއްވީ؟" އަހަރެން އެހީމެވެ.
"ހަބީބާ ބުނި ދަރިފުޅު އުޅުނީ ފާރަށްއަރާށޭ،" މޫނުގައި ފެންފޮދެއް އުނގުޅައިލަމުން މަންމަ ބުންޏެވެ. "ނަސީބެއްނު ނޭރިކަން. ދެން އުސް ތަންތަނަށް ނާރައްޗޭ! ދަރިފުޅު ބަނޑުބޮޑޭ!"
އަހަންނަށް ހީވީ ފިނި ފެންއެއްޗެއްގެ ތެރެއަށް އަހަރެން ގަންބައިލިހެންނެވެ. އެކަނިހާލަށް އުޅެން ނޭނގިގެން އުޅޭ މީހަކު ދަރިއެއް ބަލާނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅު ވިހަނީ ކިހިނެއްކަމެއް، ދެން ހަދަންޖެހެނީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. ދަރިންނަށް މަންމައިން އެ ކަހަލަ ވާހަކަ ކިޔައިދިނުމަކީ ލަދުވެތިކަމެކެވެ. ހުތުރުކަމެކެވެ.
"އަހަންނަކަށް ނޭނގެ ވިހާކަށް،" ކަންބޮޑުވެފައި އަހަރެން ބުނީމެވެ. "މަންމަ އަހަންނަށް ދަސްކޮށްދީ!"
"ދެން ތި ކަހަލަ ވާހަކަ ނުދައްކަބަލަ!" މަޑުމަޑުން މަންމަ ބުންޏެވެ. "ވަގުތު އައިސް ޖެހުނީމަ ހުރިހާ ކަމެއް ވެސް ވާނެ."
އެ ޖަވާބުން މަންމަގެ ހިތަށް ހަމަޖެހުން ލިބިދާނެއެވެ. އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ ދެ ހާސް ފޫޓު މަތިން ކަހަލައެވެ. ބަނޑުގައި ކުއްޖަކު އޮވެގެން ތެޅެންފަށައިފިއްޔާ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟
"މަ ކުއްޖެއް ބޭނުމެއް ނޫން!" އަހަންނަށް ބުނެވުނެވެ.
"ތީ މީހުން ދައްކާ ކަހަލަ ވާހަކަތަ؟" ރުޅިއައިސްފައި މަޑުމަޑުން މަންމަ ބުންޏެވެ. "ކުދިންނަކީ މީހުން ބޭނުންވީމަ ލިބޭ ރިޒުގެއް ނޫނޭ. ދެއްވަންވީމަ ދެއްވާނެ. ޖެހޭނީ ޝުކުރުކުރަން. މަޑުމަޑުން، ރީތިކޮށް އޮވޭ. ކޮންކަމަކާތަ ހާސްވަނީ؟ އަހަރުމެން މަރުވީތަ؟"
އަހަރެން ރޯންފެށީމެވެ. އެ ކަމާ ވެސް މަންމަ ހިތްހަމަނުޖެހުނެވެ.
"ހުއްޓާލާ!" މަންމަ އަމުރުކުރިއެވެ. "ހަމަ މިހާރު ހުއްޓާލާ! ބަނޑުބޮޑުއިރު ރޯކަށް ނުވާނެ. އަދި ބުނަން؟ މި ހަފުތާގަ އިރުކޭތައެއް ހިފާނެ. ކޭތަހިފާ ގަޑީގަ ދަރިފުޅު އެއްވެސް ކަމެއް ނުކޮށް އޮށޯވެލައިގެން އޮންނާނީ އިނގޭ. ވަޅިއަކުން އެއްޗެއް ކަފާ، ދޮރަށް ތަޅުދަނޑިޖަހާ، ސައި ގިރާ ނަހަދާތި! ގައިގެ ތަނެއް ކަހައި ވެސް ނުލާތި!"
"އެއީ ކީއްވެ؟" ހައިރާންވެފައި އަހަރެން އެހީމެވެ. "ކުރީ ފަހަރު ކޭތަހިފާފަ ހުއްޓާ ވެސް..."
"ބުނީމަ ބުނާ ގޮތް ހެދީމަ ނިމުނީ،" މަންމަ ސަބަބެއް ނުބުންޏެވެ. "ކޭތަ ވީއްލީމަ އެއްވެސް ކަމެއް ކުރާނީ."
އިރުކޭތަހިފާ މަންޒަރަކީ އަހަރެން ބަލައި ފޫހިނުވާ މަންޒަރެކެވެ. ކޭތަހިފަން ފަށާއިރު އަހަރެން ހުންނާނީ އެކްސްރޭ ގަނޑެއް އަތުޖައްސައިގެންނެވެ. ގަނޑު ކަފައި ކުދިކޮށް ކުދިންނަށް ބަހައި ވެސް ހަދަމެވެ. ބޭނުމަކީ އޭގެ ތެރެއިން އިރަށް ބެލުމެވެ. އޭރުން ލޮލަށް އުނދަގޫ ނުވެ ސާފުކޮށް އިރު ފެންނާނެއެވެ. އަހްސަނާ އިންފަހުން އެކަން ވެސް ހުއްޓުނީއެވެ. އިރުކޭތަހިފައިގެން އެހެން ކުދިން އިރު ބަލަބަލައިފައި އުޅުނުއިރު އަހަރެން އިނީ ކަށިކެޔޮ އޮށް ފަޅާށެވެ. މަންމަ ބުނި އެއްޗެއް ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކުރޭ
11 July 2019
((((ކޮންމެ އެއްޗެއްގައި ވެސް ލަނީ ފެންރަހައެވެ. "ހަކުރަށް ސައި އެޅިޔަސް" އޭގައި ފޮނިރަހަލާހެނެއް އަހަންނަކަށް ހިއެއްނުވެއެވެ.)))) ހަކުރަށްތަ ސައި އެޅީ؟؟؟ ނުވަތަ ސަޔަށްތަ ހަކުރު އެޅީ؟؟؟
ސައިކުރާ
13 July 2019
ކުރީ ޒަމާނުގައި ހަކުރަށް ސައި އަޅަނީ.. ސައި ކައްކާފަ ހުންނަނީ ތަރުމޯޒުގައި. ބައެއް މީހުން ހަކުރު އަޅައިގެން ސައިކައްކަނީ..
ކަމަނަ ސޮރު
10 July 2019
އަހަރެން ހުރީ ކާނި ވަލުގައި ކާނި އޮއް ހޮވާށެވެ. ކުއްލިއަކަށް ހީވީ ގަޔަތް ފިނި ވައިރޯޅިއެއް އެރިހެންނެވެ. އަހަރެންނަށް ކުއްލިއަކަށް ފަހަތައް ބަލާލެވުނެވެ. ކަޅުހިޔަތްޏެއް ހުރަސްކުރިހެން ހީވިޔެވެ. އަހަރެންނަށް ފެންނަނީ ހުވަފެނެެއް ހެން ހީވަނީއެވެ. ދުރުގައި ހުރީ ކަޅު އެންދެރި ކުލައިގެ ބޮޑު އިފުރީތެކެވެ. އޭނާ އަހަންނަނަށް ގޮވަނީއެވެ. އަދި އެމީހުންނާ ވާހަކަ ނުދެއްކުމަށް ބުނެ އެދެނީއެވެ....
ލޮލީތާ
10 July 2019
އެހެން މީހުންގެ ގޮތެއް ނޭނގޭ، އެކަމަކު މަށަަށް މި ވާހަކަ ވަރަށް ކަމުދޭ. އެ ގެ ސިފަކޮށްދޭ އިރު ކުރީގެ ހަނދާން ތަކެއް އާ ވަނީ. ލަވް އިޓް
ލަވްޔޫބިންމާ
10 July 2019
ލޮލީތާ ތި ބުނީ ހަމަ ތެދެއް މަ ހިތައް އަރާ ބިންމާ މަށާއެކީ މަގޭ އަތުގަ ހިފައިގެން އެދުވަސްވަރަށް ގެންގޮސްލާދިނީއޭ އަހުސަނު އެއީ ބިންމާ މަށަކީ އެ އަންހެން މަންޖެ
އާދަން
10 July 2019
އެންމެ ހަޑި ވަަހަކަ މިހާތަނަށް ބިންމާ ގެ
ދޮގު
10 July 2019
މި ވާހަކަ ވަރަށް ސަޅި
ހުނަރުކުޑަބެ
10 July 2019
ކަށިކެޔޮ އޮށް ފަޅަން އިންދައި އެހެންޏާ ނުދަކޭ މީހެއް އައިސް ކައިރީގައި ހުއްޓުނެވެ.އަހަރެން ހައިރާން ކަމާއެކު ބަލާލިއިރު އެމީހާ ތުން ތަޅުވަނީއެވެ. ބުރުނޭނގޭ ވަރަށެވެ.ކީއެއްޗެއް ކިޔާފައި އަހަރެންގެ ގަޔަށް ތިންފަހަރު ފުމެލިއެވެ. އަހަރެން ހީކުރީ އަހަރެންގެ ގައިގައި ހުރި ހިރަފުސްކޮޅެއް ފޮޅާލައިދިނީ ކަމަށެވެ.ޖަވާބުގައި އަހަރެން ވެސް އޭނާގެ ގަޔަށް ތިން ފަހަރު ފުމެލީމެވެ. ދިރިއުޅުމުގެ މައިދާނުގައި އަހަރެންނަކީ 'އުޑެއް ބުޑެއް' ވަކިކުރަން ނޭނގޭ ކުއްޖެކެވެ
ރިޔޯ
10 July 2019
ހަމަ އެވަރު ގަމާރު ކުދިން ވެސް އުޅެޔޭ ރާއްޖޭގަ. އަދި މި ވާހަކަ ލިޔެފައި މިއޮތީ ފުދޭވަރަކަށް ކުރީ ޒަމާނުގެ ދުވަސްތަކުގެ މައްޗަށް. އޭރު ގިނަ ދިވެހިންނަކީ ހަމަ ގަމާރުންނޭ ބުންޏަސް ދޮގަކަށް ނުވާނެ