14 ޖުލައި 2019 - 08:53
ބުދަ ދުވަހާ ގުޅޭ
މަންމަ ބުނި އެއްޗެއް ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ. އަހަރެންގެ ސަމާލުކަން ހުރީ އަތުގައި އޮތް ކަތިވަޅިޔަށެވެ. ކަށިކެޔޮއޮށުގެ އެތެރޭގައި އޮންނަ މަދު އެންމެ ރީތިކޮށް ނެގޭނީ ސީދާ މެދުން ކަށިކެޔޮއޮށް ފެޅިއްޖެއްޔާއެވެ. އަހަރެން ބެލީ އެ ކަން ކުރެވޭތޯއެވެ.
"އެކަމަކުވާ!" މަންމަ އެހެން ގޮވައިލި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ.
ހައިރާންވެފައި ބަލަންއިންދައި މަންމަ އައިގޮތަށް އައިސް އަހަރެން އަތުން ކަތިވަޅި އަތުލިއެވެ. ދޭށޭ ބުނި ނަމަ އަހަރެން ދިނީމުހެވެ. މަންމަ ކޮންމެހެން ވަޅި ޖަހައިގަންނަންޖެހޭ ހެއްޔެވެ؟
"ކިހިނެއްވީތަ މަންމާ!" އަހަންނަށް އެހުނެވެ.
"ބަލަ އެހެރީ ކޭތަހިފާފައޭ،" ރުޅިއައިސްފައި މަޑުމަޑުން މަންމަ ބުންޏެވެ. "ނެތް ދޯ އެކައްޗެއް ވެސް ހަނދާނެއް؟ މިހާރު ކުއްޖާ އޮންނާނީ ކުދިކުދިވެފަ."
ކުރިން މަންމަ ދެއްކި ވާހަކަ ހަނދާންވުމުން އަހަންނަށް ދޫދިއްކޮށްލެވުނެވެ. ވައްކަޅިން އިރަށް ބަލައިލެވުނެވެ.
"ވައްކަޅިން ނުބަލާށޭ!" އަހަރެންގެ މޫނު އެހެން ދިމާއަކަށް އަނބުރައިލަމުން މަންމަ ބުންޏެވެ. "ވައްކަޅިން ކޭތަޔަށް ބަލައިފިއްޔާ ލިބޭ ދަރިފުޅުގެ ދެ ލޯ ހުންނާނީ އަވަރުވެފަ. ވަރިހަމަ؟ މާބަނޑު މީހުން ކޭތައަށް ބަލަންޖެހޭނީ ރީތިކޮށް. މިހާރު ތި ކުރި ކަންތަކުން މަށަށް ޔަގީން.."
މަންމަގެ ވާހަކަ ނުނިމެނީސް ފަހީމާ އަންނަތަން ފެނުނެވެ. ފަހީމާއަކީ އަވަށްޓެރިއެކެވެ. ލިބާސް ކޮށިކޮށްލައިގެން އަހިގަހާ ދިމާއަށް ފަހީމާ ހަރުކޮށް ހިނގައިފައިދިޔައެވެ.
"އެބަ ގެންދަން ފަތްކޯޅިއެއް،" އަހިގަހުން ގޮފިގަނޑެއް ބިންދައިލަމުން ފަހީމާ ބުންޏެވެ. "ދުވަހަކު ވެސް ހަސަނު ބަސްއެހިއްޔާ މި ފަހަރު އަހާނެ."
ކޭތަހިފައިފައިހުންނަ ވަގުތު އަހިފަތުން ކުދިންގައިގަ ތެޅުމަކީ ކުދިން ބަސްއަހާކަމެކެވެ. ތަޅާނީ ވަރަށް މަޑުމަޑުން މުޅި ގައިގެ ވަށައިގެންނެވެ. އަހަރެން ކުޑައިރު އަހަންނަށް ވެސް އެހެން ހެދިއެވެ. އަހަރެންގެ ކިޔަމަންތެރިކަމާއި، ކެތްތެރިކަމަކީ އޭގެ ނަތީޖާ ހެއްޔެވެ؟ އެހެންނަމަ އަހަންނަށް ވީ ފައިދާ ހެއްޔެވެ؟ ގެއްލުން ހެއްޔެވެ؟ ރޯލަރޯލާ އަހަރެން ޖެހޭނީ ހުންނަން ހެއްޔެވެ؟
"މަންމާ އަހަންނަށް ލިބޭ ކުއްޖާއަށް ދެން ކިހިނެއްވާނީ؟" އަހަރެން ސުވާލުކުރީމެވެ.
"ދެންތަ ތި ސުވާލުކުރަންވީ؟" މަންމަ ހިތްހަމަނުޖެހިފައި ބުންޏެވެ. "އޭރު ވެސް ބުނިން ކޭތަހިފާފަ ހުންނަ ގަޑީގަ މަޑުމަޑުން އޮށޯވެލައިގެން އޮންނާށޭ. މަ ހިތަށްއަރާ ލިބޭ ކުއްޖާ ކިހިނެއްބާއޭ އޮންނާނީ. މަށަށް ޔަގީން ކޮންމެވެސް ކަމެއްވެފަ ހުންނާނީ."
އަހަރެން ހިތްދަތިވެފައިހުއްޓައި މަންމަ އަހަރެން ބިރުގަންނަވައިލިއެވެ. ބިރުވެރި އެތައް ވާހަކައެއް ކިޔައިދިނެވެ. މުޅީން ވެސް އަވަށްޓެރީންގެ ވާހަކައެވެ. އެކަކީ މާބަނޑުދުވަސްވަރު ކޭތަހިފައިފައި ހުއްޓައި އަލަމާރި ހުޅުވަން ތަޅުވަޅަށް ތަޅުދަނޑިޖެހި މީހާއެވެ. އޭނަގެ ދަރިފުޅުގެ މަތީ ތުންފަތްހުރީ ނޭފަތްކައިރިން ކެނޑި، ތުންފަތް ދެބައިވެ، އެ ދިމާގެ ދަތްތައް އެގޮތްމިގޮތްވެފައެވެ. އަނެކަކީ ފުނަލުން ބަނޑުކަހައިލި މީހާއެވެ. އޭނަގެ ދަރިފުޅުގެ ނޭފަތް ދިގަށް ފުނަލުގެ ތިން ދަތްވަޅު ކަނޑައިނަގައިފައި ހުއްޓެވެ. ތިންވަނަ މީހާއަކީ ބޯކިބަލެއް ފެޅި މީހެކެވެ. އޭނަގެ ދަރިފުޅުގެ ކަނާއަތުގެ ކަށިއިނގިއްޔެއް ނެތެވެ. ހީވަނީ ބުޑުން ބުރިކޮށްލައިފައިހުރިހެންނެވެ. އެ ހުރިހާ ކުދިން ވެސް ދުނިޔޭގައި އެބަތިއްބެވެ. އަހަރެން ދުށީމެވެ. އެ އައިބުތައް އެބަހުއްޓެވެ. އެކަމަކު އެ ކަމާ ކޭތަޔާ ގުޅުންހުރިކަމެއް ކުރިޔަކުން އަހަންނަކަށް ނޭނގެއެވެ.
"ދެން ކިހިނެއްހަދާނީ؟" އަހަންނަށް ބުނެވުނެވެ.
"ހެދޭނެ ގޮތްގޮތް ހުންނާނެ،" މަންމަ ވިސްނައިލައިފައި ބުންޏެވެ. "ދެން ވެސް ގޮސް އެނދުގައި އޮށޯވެލައިގެން އޮވޭ."
އަހަރެން ގޮސް ކޮޓަރިއަށް ވަދެފައި އެނދުގައި އޮށޯވެލި ވަގުތު، އެނދުގެ ފައިލާކޮޅުގައި ހުރި ކުޑަ ފޮއްޓެއް ފެނުނެވެ. ތަޅެއްލައިފައިހުންނަ އެ ލަކުޑި ފޮއްޓަކީ މަންމަގެ އަލަމާރިތެރޭގައި ހުންނަ އެއްޗެކެވެ. އަގުބޮޑު ގަހަނާތަކާއި، ފައިސާ ވެސް އެ ފޮށީގައި ހުއްޓައި އަހަރެން ދެކެމެވެ. މަންމަ ވަރަށް ގިނައިން އެ ފޮއްޓާ ކުޅެން އިނދެއެވެ. އަހަރެން ތެދުވެފައި ބަލައިލިއިރު ތަޅުދަނޑި ހުރީ ފޮއްޓަށް ޖަހައިފައެވެ. އެ ފޮށީގައި އަހަންނަށް ވަރަށް ރީތި ފިޔާތޮށި ކުލައިގެ އެއްޗެއް އޮވެއެވެ. މަންމަ ބުނި ގޮތުގައި އެއީ ޔާގޫތެވެ. ފޮށި ހުޅުވައިގެން މަންމަ އިންދާ އަހަންނަށް ފެނިއްޖެއްޔާ އެ ޔާގޫތުގައި އަތްލަން އަހަންނަށް ފުރުސަތުލިބެއެވެ. އެކަމަކު ވަރަށް އަވަހަށް ޔާގޫތު އަތުލައިފައި ފޮއްޓަށް ލައިފައި ފޮށި ތަޅުލާނެއެވެ. ހިތަށްއެރިއެވެ. މަންމައެއް ނެތެވެ. ބޭނުން އިރެއް ވަންދެން ފޮއްޓާ ކުޅެލަން ލިބުނީއެވެ. ނަސީބަކުން ފޮށި ހުރީ ތަޅުނުލައެވެ. ފޮށި ހުޅުވައިލިއިރު އެންމެ މަތީގައި އޮތީ ސިޓީއުރައެކެވެ. އެ ސިޓީއުރަ އަހަރެން ހަނދާންހުއްޓެވެ. އެއީ ބައްޕައަށް ދޭށޭ ކިޔައިފައި އަހްސަން ދިން ސިޓީއެވެ. އަހަރެން ސިޓީ ނަގައިފައި ހުޅުވައިލީމެވެ. ސިޓީގައި ގޭގެ ނަމެއް ނެތެވެ.
"ލޯބިވާ ބައްޕައަށް،" ސިޓީގައި އޮތެވެ. "ވެދުން ސަލާމަށް ފަހު ބުނަމެވެ. އަހަރެން މިހާރު ބޮޑުކުއްޖަކަށް ވެއްޖެއެވެ. ކިޔަވަން ބޭނުން ވަރަށް އަހަންނަށް ކިޔެވިއްޖެއެވެ. މިހާރު ބޭނުންވަނީ މީހަކާ އިންނާށެވެ. އަހްސަން ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އޭނައަކީ ވަރަށް ހިތްހެޔޮ، ރަނގަޅު މީހެކެވެ. އަހަރެން ބޭނުންވަނީ އަހްސަނާ އިންނާށެވެ. އިތުރު މަޝްވަރާކުރުމެއް ނެތި، ވީހާ ވެސް އަވަހަކަށް ކައިވެނީގެ ކަންތައް ހަމަޖައްސައިދިނުން އެދެމެވެ. ލޯބިވާ ދަރިފުޅު. މޫނިސާ."
އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. އަހްސަން ސިޓީ ލިޔެފައިއޮތީ އަހަރެންގެ ނަމުގައެވެ. އަހަރެންގެ ސޮއި ވެސް އޮތެވެ. އެކަމަކު ސޮއިކޮށްފައިއޮތީ އަހަރެން ސޮއިކުރާ ގޮތަކަށް ނޫނެވެ. އަހަރެންގެ އަތުލިޔުން ބައްޕައަށް އެނގޭނެއެވެ. މަންމައަށް ވެސް އެނގޭނެއެވެ. އަހަރެންގެ އަތުލިޔުން ރީތިކަމުން މަންމައާއި ބައްޕަ އަބަދުވެސް ތައުރީފުކުރެއެވެ. ވީއިރު އަހަރެންގެ ލިޔުމާ ތަފާތު ލިޔުމެއް ބައްޕަގެ ލޮލުގައި އަޅައިނުގަތީ ކީއްވެ ހެއްޔެވެ؟ އަހަންނާ ބައްޕަ ސުވާލުނުކުރީ ކީއްވެގެން ހެއްޔެވެ؟ ކައިވެނީގެ އެއްވެސް ވާހަކައެއް ބައްޕަ ގާތުގައި އަހަރެން ނުދައްކާ ހަމައެކަނި ސިޓީއަކުން އެ ކަން ނިންމައިނުލާނެކަން ބައްޕައަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ވަގުތު ފާއިތުވެއްޖެއެވެ. ކަންވެ ނިމިއްޖެއެވެ. އަަހަރެން ބަނޑުބޮޑެވެ. އެހެންނަމަވެސް، ސިޓީ ހިފައިގެން ވަގުތުން ބައްޕަ ގާތަށް ދިޔައީމެވެ.
"މީ ކޯޗެއް ބައްޕާ؟" ސިޓީ ދިއްކޮށްލަމުން އަހަރެން ސުވާލުކުރީމެވެ.
ބައްޕަ ސިޓީ ބަލައިލިއެވެ. ނިތްކުރިޔަށް ރޫތައްއަރުވައިލިއެވެ.
"މީ ދަރިފުޅު ފޮނުވި ސިޓީއެއްނު!" ބައްޕަގެ ރާގުގައި އުފާވެރިކަމެއް ނެތެވެ. "މި ކަހަލަ ސިޓީއެއް ފޮނުވުމުގެ ކުރިން މަންމަޔާ ނަމަވެސް ދަރިފުޅު މަޝްވަރާކޮށްލި ނަމަ. މީ ދަރިފުޅާ ވަރަށް ނުވައްތަރުކަމެއް."
"ނުވައްތަރުވާނެއްނު ބައްޕާ!" އަހަރެން ޖަވާބުގައި ބުނީމެވެ. "ތީ އަހަރެން ލިޔުނު ސިޓީއެއް ނޫނޭ."
ބައްޕައަށް ވެސް ލިބުނީ ސިހުމެކެވެ.
"އޭނ؟" ބައްޕައަށް ބުނެވުނެވެ.
އަނެއްކާ ވެސް ބައްޕަ ސިޓީ ކިޔައިލިއެވެ.
"އާނ އަހަރެންގެ ނަމުގަ ސިޓީ ލިޔެފައޮތީ،" އަހަރެން ބުނީމެވެ. "ތީ އަހަރެންގެ ލިޔުމެއް ނޫންކަން ބައްޕައަށް ވެސް އެނގޭނެ. އަހަރެންގެ ސޮޔެއް ވެސް ނޫންތީ."
"ބައްޕަ އޭރު ވެސް ހިތަށްއެރިއޭ ދަރިފުޅުގެ ލިޔުން މާ ރީތިވާނޭ،" ބައްޕަގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. "ދަރިފުޅު އެ ކަހަލަ މޮޔަ ނިންމުމެއް ނުނިންމާނޭ އެތައް ފަހަރަކު ހިތަށްއެރި."
އަހްސަނާ އިންނަން އަހަރެން ސިޓީއެއް ނުލިޔާކަން އެނގުމުން ބައްޕަ ވަރަށް އުފާވިއެވެ. ބައްޕަ އަހްސަނަށް އަހަރެން ވިއްކާލީ ނޫންކަން އެނގުމުން އަހަރެން ވަރަށް އުފާވިއެވެ. އެހެންނަމަވެސް އޭގެ ފައިދާއެއް ނެތެވެ.
"އެކަމަކު ދަރިފުޅު ސިޓީ ހިފައިގެން އައިސް ސީދާ ބައްޕަ އަތަށް ދިނީމަ ޖެހޭނީ ގަބޫލުކުރަންތާ!" ބައްޕަގެ ތުންފަތަށް ވެރިވި ހިނިތުންވުން ފިލުވައިލަމުން ބުންޏެވެ. "އަހްސަން ކީއްވެގެންބާ މިހާ ބޮޑު މަކަރެއްހެދީ؟ ހާދަހާ ބޮޑު ކެއްސެކޭ އެ ދިނީ. މި ހުންނަނީ މީހުން ކުރާ ކަހަލަ ކަންތައްތަކެއް ނޫނެއްނު!"
ބައްޕަ ފުންމައިގެން ތެދުވުމުން އަހަރެން ބައްޕަ އަތުގައި ހިފޭއްޓީމެވެ. އަލުން ގޮނޑީގައި ބޭންދީމެވެ.
"މިހާރު ދެން މާ ލަސްވެއްޖެ!" ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް، ބައްޕައަށް ނުފެންނާނެހެން ފުހެލަމުން އަހަރެން ބުނީމެވެ. "އަޅެ އެންމެ ފަހަރަކު ވެސް ބައްޕަ އަހައިލި ނަމަ. ހަމަ އެންމެ ފަހަރަކު ނަމަވެސް ސުވާލުކޮށްލި ނަމަ އެނގުނީހެއްނު!"
އަހްސަން އެ ސިޓީ ލިޔެފައިވަނީ އަހަރެންގެ އަތުލިޔުމާ ވައްތަރުކޮށެވެ. އެކަމަކު އެ ކަން ކާމިޔާބުވެފައިވަނީ ވަރަށް ކުޑަކޮށެވެ. އެއީ ދުރާލައި ތައްޔާރުވެގެން އަހްސަން ކޮށްފައިވާ ކަމެކެވެ. ހަގީގަތުގައި އަހްސަނަކީ އަހަރެންގެ މައިންބަފައިން މާ ރުހޭ މީހެއް ނޫނެވެ. ދަންވަރުވާއިރު ވެސް ގެއަށް ނުވަންނާތީއެވެ. އަޅުކަމާ ދުރުކަމުންނެވެ. ސިނގެރޭޓުބޯލެއް ގިނަކަމުންނެވެ. އަހްސަން އާމްދަނީހޯދަނީ ކިހިނެއްކަމެއް އެކަކަށް ވެސް ނޭނގެއެވެ. ފިހާރައެއްގެ ސޭޓަކަށް އޭނަ އިންދާ ފެނެއެވެ. އަހަންނަށް އަޑުއިވޭ ގޮތުގައި އަހްސަންގެ ކަމަކީ ކަންމަތީ ފިހާރައިގެ އަށިމަތީގައި ރާޒުވާކުޅުމެވެ. އަހަންނަށް މައްސަލައެއް ނެތެވެ. އެ ތަން ބަލާކަށް ވެސް ނުވަތަ އެ ތަނުން އަހްސަން ފައްސާލާކަށް ވެސް އަހަންނެއް ނުދަމެވެ. ނުވެސް ދާނަމެވެ. އެހެންނަމަވެސް އަހަރެންގެ ނަމުގައި ބައްޕައަށް އަހްސަން ސިޓީފޮނުވިކަން ފަޅާއެރުމުން މަންމައާއި ބައްޕަ ވެސް އަހްސަން ދެކެވާ ފޫހި ދެ ގުނައަށް އިތުރުވިއެވެ. ކުރިޔަށް ވުރެ އަހްސަނާ ދުރުވެ، ވާހަކަދެއްކުން މަދުކުރިއެވެ.
އަހަންނަކީ ކުޑައިރުއްސުރެ ބަސްމަދު ކުއްޖެކެވެ. ވީމާ އަހްސަން ހެދި ގޮތެއް ހެދިގެން އަހަރެން ހުރީއެވެ. އަހްސަނަކީ މީހުން ވާވައްދަން މޮޅު މީހެކެވެ. އެ ފަދަ ސިޓީއެއް އަހަރެން ގެންގޮސް ބައްޕަ އަތަށް ދިނުމުން ދެން ވާނެގޮތް އަހްސަނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކަންތައް ވެގެންދިޔައީ އަހްސަން ހީކުރި ގޮތަށެވެ. އަކުރަކަށް ފިއްޔަކަށް ވެސް ތަފާތެއް ނެތެވެ.
އީދު ކައިރިވަމުންއައެވެ. ބަނޑު ބޮޑުކަމުން ހެލިފެލިވެއުޅެން އަހަންނަށް ވަރަށް އުނދަގުލެވެ. އަހަންނަށް ދުވަސް ގުނެނީ މަހަކުން ނޫނެވެ. މިނެޓުންނާއި ސިކުންތުންނެވެ. އަހަންނާއި އަހްސަނާ ދެމެދުގައި އޮންނަނީ ސާހިބުމީހާއާއި ނޯކަރާ ދެމެދުގައި އޮންނަ ކަހަލަ ގުޅުމެކެވެ.
ގޭގައި އީދުމުބާރިކު ދިއްލުމަށް ޓަކައި ގެނައި ގެރިކިރު ހުސްކުރި ކަރުދާސް ފޮށިގަނޑު ކުޑައަށިމަތީގައި ހުއްޓެވެ. ފޮށިގަނޑުގެ ބޭރުގައި ތަބައް ޢަލިފުޅު ލައްވާ އަރަބިން ލިޔުއްވައިފައިވާ އީދު މުބާރިކުގެ އެއްބައި ހުރީ ކަފައި ނިމިފައެވެ. ހީވާ ގޮތުގައި ކެފުމުގެ މަސައްކަތްކުރީ ބައްޕައެވެ. ދުވަހަކީ އަހަރެންގެ ހިތްވަރުގެ ހުޅުކޮޅު އެންމެ ކަނިވި ދުވަހެވެ. އަހަންނަށް ފެނުނީ ފޮށިގަނޑު މަތީގައި އޮތް ރޭޒަރުތިލައެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުމާފުޅު
16 July 2019
ތި ޒަމާނުގައި 14 އަހަރުގައި މީހަކާ އިންނަށ ްޖެހުމަކީ އާކަމެއް ނޫން އަދި އެކަމާއި މެދު މީހަކު ފޫހިވާން ޖެހޭ ކަމެއްވެސް ނޫން
ކޮމެންޓް ގައި
14 July 2019
ލައިވް ކޮމެންޓިންގ ނީދޭތަ؟؟؟
ގޮށްގެ
16 July 2019
އާނ، މީ ޗެޓްރޫމެއް ނޫން
ހަސީނާ
14 July 2019
އަޅެ މޫނިސާވެސް އެންމެ ރަނގަޅެއްނު ތިމަންނާ އިންނާން ބޭނުމެއް ނޫނޭ ބުނަންވެސް. ދެންވެސް ތިޔަ މީހާ ގަނޑުގެ ކިބައިން ސަލާމަތްވޭ.
ރަދީފް.
14 July 2019
މަ ލާސްޓު ދޯ
ކުރަފަތްބޭބެ
14 July 2019
ކުރަފަތްބޭބެ އިސް ބެކް!
ރަދީފް ގެ ލީގަލް ޓީމް
14 July 2019
ވެލްކަމް ބެކް!
.ނިއުމާ
14 July 2019
ޔޭ!
ކުރަފަތްބޭބެ
14 July 2019
މި ވާހަކަ ނިމޭކަށްވެސް ނޫޅޭތަ؟ ވަރަށް ފޫހި ވާހަކައެއް!
ކުރަފަތްބޭބެ
14 July 2019
ސާބަހޭ!
ލިނާ
14 July 2019
ނުނިންމާތި އެހާއަވަހައް ބިންމާ!!! ޥަރަށްރީތި މިވާހަކަ. ކުރިއަށްހުރިބައިތަކަށް އިންތިޒާރުކުރަން...
ސައިމާ
14 July 2019
އަޅޭ އަމިއްލައަށް މަރު ނުވައްޗޭ.. ޕްލީސް
ޕަރސަން
14 July 2019
ދެން ކިހިނެތްބާ ވާނީ ދޯ.