ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހުގެ 26 ގައި ރިލީޒްކުރާ ފިލްމު "ޖަޖްމެންޓަލް ހޭ ކިޔާ" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.


އެކްތާ ކަޕޫރްގެ ބަލާޖީން ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން މި ފަހަރު ދައްކައިލީ "ޕަރާ ޕަރާ" އެވެ. ފިލްމުގެ އެކި މަންޒަރުތައް ހިމަނައިގެން ގެނެސް ދީފައިވާ ލަވައިގެ މިއުޒިކް ރަޖިތާ އަރޯރާ ހަދާފައިވާ އިރު، ލަވަ ކިޔާފައިވަނީ އަރުން ދޭވް ޔާދަވް އެވެ.

މި އަހަރު ހިންދީ ސިނަމާ އަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައި ބެލެވޭ "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ލީޑް ރޯލުން ފެންނާނީ ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަމީރާ ދާސްތޫރް، ޖިމީ ޝެރްގިލް، ސަތިޝް ކޯޝިކް، ރިޝިތާ ބަޓް އަދި މިމޯހް ޗަކްރަބަތީ ހިމެނެ އެވެ.

"ޖަޖްމެންޓަލް ހޭ ކިޔާ" ޑައިރެކްޓްކޮށްފައި ވަނީ ޕްރަކާޝް ކޮވެލަމުޑީ އެވެ.

ސިމީގެ ޝޯ އަލުން ގެނެސް ދެނީ

ކުރީގެ ބަތަލާ ސިމީ ގަރެވާލް ސްޓާ ވޯލްޑުން ގެނެސް ދިން ޗެޓް ޝޯ "ރެންޑެޒެވަސް ވިތު ސިމީ ގަރެވާލް" އަލުން ގެނެސް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 15 އަހަރުގެ މެދުކެނޑުމަށް ފަހު، ޝޯ އަލުން ގެނެސް ދޭން ނިންމާފައި އިރު، ވަރަށް ގްރޭންޑްކޮށް ޝޯ އަލުން ވަރަށް އަވަހަށް ލޯންޗްކުރާނެ އެވެ.

އާންމުކޮށް ފިލްމީ ތަރިންނާއި ސިޔާސީ މީހުންގެ އިތުރުން މަޝްހޫރު ވިޔަފާވެރިން މެހުމާނުންގެ ގޮތުގައި ފެނިގެން ދިޔަ ޝޯ އަލުން ފަށާ އިރު، ފުރަތަމަ އެޕިސޯޑްގައި މެހުމާނުންގެ ގޮތުގައި ބައިވެރި ވާނީ ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގާއި ދީޕިކާ ޕަދްކޯން ކަމަށްވެ އެވެ.

ނަމަވެސް ޝޯއާ ބެހޭ ގޮތުން ރަސްމީކޮށް "ކަރުޒް" އާއި "މޭރާ ނާމް ޖޯކަރު" އަދި "ދޯ ބަދަން" ފަދަ ފިލްމުތައް ކުޅުނު ސިމީ، 71، އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޖާންވީ އިޝާންގެ އިތުރު ފިލްމެއް

މިދިޔަ އަހަރު ފިލްމު "ދަޅަކް" އިން ބެލުންތެރިންގެ ހިތްތައް އަތުލި ޒުވާން ދެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި އިޝާން ޙައްތަރު އަނެއްކާ ވެސް އެކީގައި ފިލްމެއް ކުޅެން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ދެ ތަރިން މި ފަހަރު ވެސް ސޮއިކޮށްފައި ވަނީ "ދަޅަކް" ގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމަކަށެވެ. މީޑިއާތަކުން ބުނި ގޮތުގައި އެއީ ތުރިލާއެކެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ. އެކަމަކު އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ޖާންވީގެ އަތުގައި މިހާރު ވެސް ކަރަންގެ ތިން ފިލްމެއް އެބަ އޮތެވެ. އެއީ މިހާރު ޝޫޓް ކުރަމުން އަންނަ "ކަރުގިލް ގާލް" އާއި "ދޯސްތާނާ 2" ގެ އިތުރުން ކަރަން ޑައިރެކްޓް ކުރާ "ތަހުތު" އެވެ. ޖާންވީ ދެންވެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ މާޗް 20 ގައި ރިލީޒް ކުރާ ހޮރޯ-ކޮމެޑީ "ރޫހީ އަފްޒާ" އިންނެވެ.

"ދަޅަކް" އަށް ފަހު އިޝާން ކުޅޭނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމު "ކާލީ ޕީލީ" އަށް އިޝާނާއި އަނަންޔާ ޕާންޑޭ ވަނީ ސޮއިކޮށްފަ އެވެ.

"ބާބާ" ގެ ޓްރެއިލާ ދައްކާލައިފި

ސަންޖޭ ދަތާއި އޭނާގެ އަންހެނުން މަންޔަތާ ދަތު ޕްރޮޑިއުސް ކުރި ފުރަތަމަ މަރާޓީ ފިލްމު މަރާޓީ ފިލްމު "ބާބާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 2 ގައި ރިލީޒް ކުރާ މި ފިލްމަކީ ބައްޕައަކާއި ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ބާބާ" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ދީޕަކް ދޮބްރިޔާލާއި ނަންދިތާ ޕަޓްކަރް، އަރިޔަން މެންގްޖީ، ޗިތަރަންޖަން ގިރީ، ސްޕޫރާހާ ޖޯޝީ އަދި އަބިޖީތެވެ.

ސަންޖޭގެ ބައްޕަ އަދި ކުރީގެ އެކްޓަރު ސުނިލް ދަތަށް ޑެޑިކޭޓްކޮށް ގެނެސްދޭ "ބާބާ" ޑައިރެކްޓްކޮށްފައި ވަނީ ރާޖް އާރް ގުޕްތާ އެވެ.