އާދިއްތަ ދުވަހާ ގުޅޭ
"އަހަންނަށް ފެންނަނީ ބަލައިލަން،" ހަމީދު އެދުނެވެ. "ހިނގާބަލަ!"
އަހަރެން އެއްބަސްވީމެވެ. މަންމައަށް އެ ޚަބަރުދިނީމެވެ. މަންމައާއި އެހެން ކުދިންނާ އެކުގައި ބައްޕަ ކޮޓަރި ކައިރިއަށް ދިޔައީމެވެ. ކޮޓަރީގެ ދޮރުގައި އަހަރެން ތަންކޮޅެއް ބާރަށް ޓަކިޖަހައިލީމެވެ. ބައްޕައަށް ގޮވީމެވެ. މަންމަ ވެސް ކިތަންމެ ފަހަރަކު ބައްޕައަށް ގޮވިއެވެ. އެއްވެސް ޖަވާބެއް ނައެވެ. އަޑެއްބަޑެއް ނީވުނެވެ. އެ ހިސާބުން އަހަންނަށް ޔަގީންވީ ބައްޕަ އޮތީ ނިދައިފައި ނޫންކަމެވެ. ކޮޓަރީގެ ދޮރާ ދިމާ މަތީގައި ފެންލައިޓެއް ހުރެއެވެ. އެއްބަޔަކަށް ފެނުނީ އެ ފެންލައިޓުން އެތެރެ ބަލާށެވެ. އަނެއްބަޔަކަށް ފެނުނީ ގަދަކަމުން ކޮޓަރީގެ ދޮރު ހުޅުވާށެވެ. ގޮތެއް ނުނިންމިގެން އަޑުގަދަވަމުންދަނިކޮށް އަހްސަން އައެވެ.
"ކިހިނެއްވީ؟" އަހްސަން ހައިރާންވެފައި އެހިއެވެ.
ވީ ގޮތް އަހަރެން ކިޔައިދިނީމެވެ. އަހްސަން ވެސް ދެތިން ފަހަރަކު ގޮވިއެވެ. ޖަވާބެއް ނައެވެ. އެ ތަނުގައި ތިބި ކުދިންތަކުގެ ތެރެއިން ޒުވާންފުރައިގެ ކުއްޖަކު އަހްސަންގެ ކޮނޑަށްއެރުވިއެވެ. އަދި ފެންލައިޓު ކައިރިއަށް ޖެހިލައިފައި އެ ކުއްޖާ ކޮޅަށްނެގިއެވެ. އަހަރުމެން ނޭވާހިފާއްޓައިލައިގެން ތިބީމެވެ.
"ގޮވާބަލަ ބޭބެއަށް!" އަހްސަން ބުންޏެވެ. "ފެނޭތަ؟"
"އާނ!" އެ ކުއްޖާ ބުންޏެވެ. "އެއް ފައި ހިއްލައިގެން ބިއްދޮށަށް މޫނުއަނބުރައިގެން އޮތީ!"
އެ ކުއްޖާ ކިތަންމެ ފަހަރަކު ގޮވިއެވެ. ބައްޕަ ބެލިކަމަކަށް ނުވިއެވެ. އަހަރެން ހިތަށްއެރިއެވެ. ބައްޕަ ބިއްދޮށަށް އެނބުރިގެން އޮތިއްޔާ، ޖެހިގެންހުންނަ ކޮޓަރީގެ ޖާލިން ބައްޕަގެ މޫނު ފެންނާނެއެވެ. ޖެހިގެންހުންނަނީ ފިރިހެންކުދިން ނިދާ ކޮޓަރިއެވެ. ދެ ކުއްޖަކު ގޮވައިގެން އެ ކޮޓަރިއަށް އަހަރެން ހިނގައިގަތީމެވެ.
"އަދިވެސް ގޮވާ!" އަހަރެން ބުނީމެވެ. "އަހަރުމެން ބަލާނަން އަނެއްކޮޅުން ފެނޭތޯ!"
ފިރިހެންކުދިން ނިދާ ކޮޓަރީގެ އެނދުމަތީގައި ގޮނޑިއެއް ބަހައްޓައިފައި ޖަލީލު އެރުވީމެވެ. ޖަލީލަކީ ގޭގައި ކިޔަވަންތިބި ހަތަރު ކުދިންގެ ތެރެއިން އެކަކެވެ. ހައެއްކަ ފަހަރު ޖަލީލު ގޮވިއެވެ. ޖަވާބެއްނައެވެ.
"ލޯމަަރައިގެން ކަންނޭނގެ އޮތީ!" ޔަގީން ނުވާ ރާގެއްގައި ޖަލީލު ބުންޏެވެ. "އެހާ ރަނގަޅަކަށް މޫނެއް ނުފެނޭ. ފައި ހިއްލައިގެންއޮތީ. ތިރިއެއް ނުކުރޭ! ބޭބޭ! ބޭބޭ! ހީވަނީ ހަރުދަނޑިވެފައޮތްހެން."
އަހަރެންގެ ލޯތޮޅުމާއި، މާކަނާ ގޮވި ސަބަބު އަހަންނަށް ކަށަވަރުވިއެވެ. އެންމެ ފަހުން ބައްޕަ ކޮޓަރީގެ ދޮރު ހަލާކުކޮށްލީމެވެ. އެތެރެއަށް ވަނީމެވެ. ބައްޕަ މަރެއްނުވެއެވެ. އަހަރުމެން ވަނުމުން ފައި ތިރިކުރިއެވެ. އެހެންނަމަވެސް އެއްފަޅިޔަކު ވާތްގެއް ނެތެވެ. ކުރީ ރޭ ފެނުނު ކުރެހުމާ އެ ހާދިސާޔާ ގުޅުވާކަށް އޭރަކު އަހަރުމެން އެކަކުގެ ހިޔާލަކަށް ވެސް ނާދެއެވެ. ބައްޕަގެ ވާގިނެތިފައިވަނީ ކުރެހުމުގައި ވަޅިޖަހައިފައިވާ ފަރާތްކަމެއް ވެސް އޭރަކު ފާހަގައެއް ނުކުރެވެއެވެ. އަވަހަށް އެންބިލާންސަށް ގުޅައިގެން ބައްޕަ ހޮސްޕިޓަލަށް ގެންދިޔައީމެވެ. އެ ތަނުން ވެސް ބުނީ އަހަރުމެންނަށް ހީވި ގޮތަށެވެ. ބައްޕަގެ އެއް ފަޅިއަކު ވާތްގެއް ނެތެވެ. އެހެންކަމުން ހޮސްޕިޓަލުން ގެޔަކަށް ދުލެއްނުކުރިއެވެ.
ދުވަހުގެ އިރުއޮއްސުނުއިރު ހައްވާފުޅުގެ ދަރިން ގެއިން ނުކުމެއްޖެއެވެ. އެ މީހުން ކުރަން ބޭނުންވި ކަންތައް ކުރެވުނީމައި ނުކުތީ ހެއްޔެވެ؟ ނުވަތަ އެ މީހުންނަކީ ކުށެއް ނުކުރާ ބަޔެއް ހެއްޔެވެ؟ ވަކި ގޮތެއް ނިންމާކަށް އަހަންނަކަށް ނޭނގެއެވެ. އެނގޭކަމަކީ، އެއިން އެކަކުގެ ވެސް މޫނުމަތިން ހިތާމައިގެ އެއްވެސް އަސަރެއް ނުފެނުނުކަމެވެ. ބައްޕަގެ ހާލުބަލައިލާކަށް ވެސް އެ މީހުން ނާދެއެވެ. ހައްވާފުޅުގެ ދަރިންނަށް ވުރެ، ގޭގައި ތިބި ތުޅައިދޫ މީހުން ވެސް މާ ރަނގަޅެވެ. އެ މީހުން ބައްޕަގެ ހާލުބަލަން އައެވެ. ހެޔޮ ދުއާކުރިއެވެ. ހިތްވަރު ވެސް ދިނެވެ.
"ހިނގާ ތުޅައިދޫއަށް ދަމާ!" މޫސާފުޅު އެދުނެވެ. "ތި ކަހަލަ ކަންކަން ފަރަންޖީ ބޭހަކުން ރަނގަޅެއް ނުވާނެ. ރަށަށް ގޮސް މޫދަށްއެރިލާ ތެޔޮދަމައިލާ ދިވެހި ބޭސްގަނޑެއް އަޅައިލަނިކޮށް ތީ އެއްވެސް ކަމެއް ނޫނޭ."
ދުވަސްކޮޅަކަށް ނަމަވެސް ގެއާ ދުރުގައި ބައްޕަ ގެންގުޅެން އަހަރެން ވެސް ބޭނުމެވެ. އެކަމަކު، ވާހަކަދެއްކުމަކީ ބައްޕައަށް މާ ފަސޭހަކަމެއް ނޫނެވެ. އަހަރުމެން ޖެހެނީ އާނހޫނ އިން ބައްޕައަށް ޖަވާބުދެވޭ ކަހަލަ ގޮތަކަށް ސުވާލު ބައްޓަންކުރާށެވެ. ބައްޕަ ރަށަކަށް ދާން ބޭނުންވާހެން ބައެއް ފަހަރު ހީވެއެވެ. އަނެއްބައި ފަހަރު ހީވަނީ ދާން ބޭނުން ނުވާހެންނެވެ. އަހަރުމެން ނިންމީ ބައްޕައަށް ރަނގަޅަށް ވާހަކަދެއްކޭ ވަރު ވެގެން ގޮތެއް ނިންމަންދެން މާލޭގައި މަޑުކުރާށެވެ.
ބައްޕަގެ ކަންކަން ބަލަަހައްޓަން އަހްސަން ހޮސްޕިޓަލަށް އާދެއެވެ. އޭނަ އައުމުން ވަރަށް ފަސޭހައެވެ. އެކަމަކު އަހްސަން އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލާކަށް އަހަންނަކަށް ނުކެރެއެވެ. ބައްޕަ ދެކެ އަހްސަން ލޯބިވަނީ ކިހާ ވަރަކަށްކަމެއް އަހަންނަކަށް ނޭނގެއެވެ. ވީމާ، ދަރިންނަށް ބޭނުންވާ މުހިންމުކަންތައްތައް ކޮށްފައި ދެން އަހަރެން އިންނަނީ ހޮސްޕިޓަލުގައެވެ. އެންމެ ބޮޑު ސަބަބަކީ ބައްޕަދެކެ އަހަރެން ލޯބިވާތީއެވެ. އެކަމަކު އަހަރެންގެ ދަރިންނަށް ރަނގަޅު ނަމޫނާއެއް ދައްކަން ވެސް އަހަރެން ބޭނުންވިއެވެ. އަހަރެން ނުވަތަ އަހްސަން ހާލެއްގައިޖެހޭ ދުވަހަކުން އަހަރުމެންނަށް ދަރިން ރަނގަޅަށް ކަންތައްކުރަން އަހަރެން ވަރަށް ބޭނުމެވެ. މުސްކުޅިވެ، ގިނަ ދުވަހު އެނދުމަތީގައި އޮންނަންޖެހި، ދަރިންނަށް ބުރަޔަކަށްވުމަކީ އަހަރެން އެންމެ ބޭނުން ނުވާ ކަންތަކެވެ.
ހޮސްޕިޓަލުން ބައްޕަ ގެއަށް ގެނައީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އޭރު އޭދަފުށީ ބަޔަކު ވެސް ގޭގައި ތިއްބެވެ. ތުޅައިދޫ މީހުންނާއި އޭދަފުށީ މީހުން ވެސް ބޭނުންވަނީ ބައްޕަ ގޮވައިގެން ރަށަށް ދާށެވެ. ރަނގަޅު ކުރެވޭނެކަމުގެ ޔަގީންކަން ދެބައިމީހުން ވެސް ދިނެވެ. ބައްޕަ އެއްބަސްވިއެވެ. އެކަމަކު ޝަރުތެއް ހުށައެޅިއެވެ. ބައްޕަޔާ އެކުގައި އަހަރެން ވެސް ދިޔުމެވެ. އަހްސަން ދާކަށް އެއްބަހެއްނުވިއެވެ. އޭނަގެ "މަސައްކަތްތަކަށް" ބުރޫއަރާނެތީއެވެ. ގެއްލުންވާނެތީއެވެ. އަހަރެން ބޭނުންވީ، އެންމެ ދުވަހަކަށް ވިޔަސް އަހްސަން ނުފެންނަ ތަނަކަށް ދާށެެވެ. އިރުއަރައި އޮއްސުމާ ދެމެދު އަހަރެންގެ މާޒީ އަހަންނަށް ހަނާނާޅާ ޖައްވަކަށް ނޭވާލާށެވެ. މަޖުބޫރުގެ ކަސްތަޅުތަކުން މިނިވަންވެ، އަހަރެންގެ ނިކަމެތިކަން އަހަންނަށް އިހުސާސްކުރަން ނުޖެހޭ މަންޒިލަކަށް ވާސިލުވާށެވެ.
ބައްޕަ ގޮވައިގެން ފުރަންއޮތް ދުވަހުގެ ކުރީ ދުވަހެވެ. ބަލައިލި ކޮންމެ ދިމާއަކުން އަހަންނަށް ފެނުނީ ފޮނި އުންމީދެކެވެ. ދޮންދޫނި ގެއަށް ވަދެ އަވަސްއަވަހަށް ނުކުމެއުޅެން ފެށިއެވެ. ވާފުރާ ރަންމަކުނު އެ ސޮރުގެ ހާލިން ބިމަން ފައިބާތަން ތިން ފަހަރަކު އަހަންނަށް ފެނުނެވެ. ގެއަށް ހާއްސަ މެހުމާނަކު އަންނަނީއެވެ. އަހަރުމެންގެ ގެއަކީ މެހުމާންސަރާއެކެވެ. މީހުން އައިސްގޮސްވާ ބަނދަރެކެވެ. އެކަމަކު މެހުމާނަކު އަންނަންއުޅޭކަން އެ ވަރަށް އިއުލާނުކުރި ފަހަރެއް ނާދެއެވެ. ހިތަށްއެރިއެވެ. ދަތުރު ކެންސަލުކުރަންވީ ހެއްޔެވެ؟ އަންނަނީ ކާކުތޯ ބަލައިލަން މަޑުކޮށްލަންވީ ހެއްޔެވެ؟ އެހެން ހެދޭނެ ނަމައެވެ. އެންމެ ފަހު ވަގުތު ހުރިހާކަމެއް ދިޔައީ އެފުށްމިފުށަށްޖެހިގެންނެވެ.
ދަރިން މާލޭގައި ބައިތިއްބާކަށް އަހްސަން އެއްބަހެއް ނުވިއެވެ. މަންމަގެ އުނަގަނޑެއްގައި ރިއްސަން ފަށައި މަންމައަކަށް ދަތުރުކުރެވޭ ވަރެއް ނުވިއެވެ. އަހަރެން ފުރަންޖެހުނީ ބައްޕަޔާއި އަހަރެންގެ ތިން ކުދިން ވެސް ގޮވައިގެންނެވެ. މުޅި މާހައުލު އަހަންނަށް އިޝާރާތްކުރި މެހުމާންގެ އެއްވެސް ޚަބަރެއް ނުވެ ކަނޑަށް ނުކުތީމެވެ. އަހަރެން އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ހުރިހާ ކަމެއް ބެލެހެއްޓީ ބައްޕަގެ އެކުވެރިންނެވެ. ބައްޕައެކޭ ރަސްކަލެކޭ އެއްގޮތެވެ.
ރަށުގައި ފާލަމެއް ނޯވެއެވެ. ބައްޕައަކަށް ރަނގަޅަކަށް ނުހިނގެއެވެ. ދޯނި ލެފިއިރު ބަޔަކު މީހުން ތިބީ ކަކޫތާފެނަށް މޫދަށްއެރިއެވެ. އަހަރުމެންގެ އިންތިޒާރުގައެވެ. ކުދިންނާ އެކުގައި އަހަރެން އެރީ ބޮއްކުރަޔަށެވެ. ބައްޕަ ގެންދިޔައީ އުރާލައިގެންނެވެ. ބައްޕައަށް ވާނުވާގޮތް ބަލަމުން އަހަރެން ބޮއްކުރާގައި އިށީނދެލީމެވެ.
"ހޫނު މަރުހަބާއެއް! ވެދުމާ ސަލާން!"
އަހަންނަށް ހީވީ ބޮއްކުރާ އަޑިޔަށްދިޔަހެންނެވެ. އަހަރެން ތެމިފޯވިހެންނެވެ. ފައިން ފެށިގެން ބޮލަށް މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. އަޑު އައީ ބޮއްކުރާ ކަނބަންހުރި މީހާގެ ފަރާތުންނެވެ. އޯގާތެރި، ބަރު، ހިތްހެޔޮ އަޑެކެވެ. ލޯތްބާއި، އިހުތިރާމާއި، އަސަރުން ފުރިފައިވި އަޑެކެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެ ފަދަ އަޑެއް ނާހަމެވެ. ފިނިވި ވަރުން އެނބުރިފައި ބަލައިލާކަށް ކެރުނީކީ ނޫނެވެ. ރައްދުގައި ޖަވާބެއް ދޭކަށް ކެރުނީކީ ނޫނެވެ. އަހަރެންގެ ކަރަކުން އަޑެއް ނުނިކުތެވެ. އެ އަޑުގެ ވެރިޔާ ބަލައިލަން އަހަރެންގެ ހިތް އަޑުންއަޑުނަގާ އާދޭސްކުރަމުންދިޔައިރު ވެސް އަހަރެން އިނީ ގަނޑުވެފައެވެ. ދެ ފަހަރަކު ކަރުކެހިލީމެވެ. ކެއްސައިލީމެވެ. ރާޅުގެ މިޔުޒިކީ ހަމަތަކަށް ނަށަމުން، ވައިރޯޅީގެ މަސްތުގައިޖެހެމުން، ރިތުގެ އަމުރަށް ކިޔަމަންވަމުން ބޮއްކުރާ މިސްރާބުހިފިއިރު، ތިން ދަރިން ގަޔާ ކައިރިކޮށްލައިގެން އަހަރެން އިނީމެވެ. އަދި އެއްފަހަރު އެ އަޑުއަހައިލަން ބޭނުންވެފައެވެ. އެ ނަސީބު ނުލިބި ބޮއްކުރާ ގޮނޑުދޮށަށް ބީއްސައިލިއެވެ. މީހަކު މޫދަށް ފޭބި އަޑުއިވުނެވެ. ކުދިން ބަލާ ބަޔަކު އައިސް ތިއްބެވެ. ތިން ކުދިން ގެންދިޔުމުން، ހެދުން ކޮށިކޮށްލައިގެން އަހަރެން ގޮނޑުދޮށަށް ފޭބީމެވެ. ފަސްއެނބުރި ބަލައިލަން ނޭދޭ އެންމެ ހިއްސެއް، ވިންދެއް، ނާރެއް ވެސް ނެތެވެ. ކެތްނުކުރެވިގެން ފަސްއެނބުރުނީމެވެ. ބޮއްކުރާ ފުންކުރަމުން އެ މީހަކު އަނެއްކާ ވެސް ބޮއްކުރައަށް އެރިއެވެ. އޭނަގެ މޫނެއް އަހަންނަކަށް ނުފެނުނެވެ. އިރުގެ ދަޅައިން އޮފުއަރަމުންދިޔަ ވަރުގަދަ ބޮނބިފަޅިން އަހަރެންގެ ހިތަށް ތަދުުކުރަމުން، ފިރުމަމުން އޭނަ ދިޔައީއެވެ.
އަހަރުމެން ތިބީ ބޮޑު ކަތީބު ގޭގައެވެ. ތިން ކުދިންނާއި އަހަރެންނަށް އެއް ކޮޓަރިއެވެ. ބައްޕައަށް ވަކި ކޮޓަރިއެކެވެ. ކޮންމެ ކޮޓަރިއެއް ވެސް ތަޅުންއަޅައި، ފާރުތަކުގައި ކުލަލައި، ޓިނުން ހިޔާކޮށްފައި، އޭގެ އިތުރަށް ސިމެންތިފިލައިން ފަންގިފިލާ ވެސް އަޅައިފައިއޮތެވެ. ވައިވެއްދުމަށާއި އަލިކުރުމަށް ވަށައިގެން ޖާލިހަރުކޮށްފައި ހުއްޓެވެ. އަހަރެން އުޅުނީ ކުދިންނަށް ކާންދީ، ފެންވެރުވުމުގައެވެ. އެ ހުރިހައި ކަމެއް ނިންމައިފައި އަހަރެން ފެންވަރައިގެން ނުކުތީމެވެ. ހެދުންލައިގެން އިސްތަށިގަނޑު ހިއްކަން ހުއްޓައި އެނދުގައި އޮތް ދެ ބާލީސް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ދެ ބާލީސް އުފުއްލިފައި އޮތްގޮތާއި، އެ ދިމާއަށް އަވިއެޅިފައި އޮތްގޮތުން އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ވަކި މީހެއްމަތިން ހަނދާންވިއެވެ. ލާނެތްގޮތަކަށް އަހަންނަށް ހެވުނެވެ. ބޭއިހުތިޔާރުގައި ބާލީސް ކައިރިއަށް ގޮސް ބާލީހުގައި މަޑުމަޑުން ފިރުމައިލެވުނެވެ. އެއީ ދުވަހަކު ވެސް އަހަންނަށް ނުކުރެވޭ ކަހަލަ އިހުސާސެކެވެ. ފުރަތަމަ ފަހަރަށް އަހަރެން ރަކިވިއެވެ. ފުރަތަމަ ފަހަރަށް އަހަރެން ލަދުގަތެވެ. ލޯބީގެ ފުރަތަމަ ރާޅު އަހަރެންގެ ހިތަށް ބިންދާލީ އެ ވަގުތުއެވެ. މުޅި ހަށިގަނޑަށް ލޮޅުންއަރައިގެންދިޔައެވެ.
ނުނިމޭ