ބޮލީވުޑްގެ ބަތަލާ ދިއާ މިރްޒާ އާއި ޑައިރެކްޓަރު ސާހިލް ސާންގާގެ ފަސް އަހަރުވީ ކައިވެނި ރޫޅާލައިފި އެވެ.

ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ކައިވެނި ރޫޅާލިކަން ދިއާ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އޭގައި އޭނާ ބުނީ ކައިވެނި ނިމުމަކަށް އަޔަސް ދެ މީހުންގެ މެދުގައި ރައްޓެހިކަމުގެ ގުޅުން އޮންނާނެ ކަމަށާއި މި ވަގުތު އެ މީހުންގެ ޕްރައިވެސީ އަށް މީޑިއާތަކުން ވެސް އިހުތިރާމު ކުރަން އެދޭ ކަމަށެވެ.

ދިއާ، 37، އާއި ސާހިލް، 39، ކައިވެނި ކުރީ 2014 ގަ އެވެ.

މިސް އޭޝިއާ ޕެސިފިކްގެ ތާޖު 2000 ވަނަ އަހަރު ހޯދި ދިޔާ އަކީ ބޮލީވުޑުން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބި، ކެރިއަރު ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ބަތަލާއެކެވެ.

ބޮލީވުޑަށް ނުކުތްތާ ކުރީކޮޅު ފިލްމުތަކުގެ ލީޑް ރޯލް ލިބުނަސް، މަދުމަދުން ފިލްމުތަކުން ފެންނަ ދިއާ މިހާރު އާންމުކޮށް ކުޅެނީ ސަޕޯޓިން ރޯލްތަކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ރަންބީރު ކަޕޫރްގެ "ސަންޖޫ" އިންނެވެ. ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާގައި ދިއާ ކުޅުނީ ސަންޖޭގެ މިހާރުގެ އަންހެނުން މަންޔަތާ ދަތުގެ ރޯލެވެ.

ދާދި ފަހުން ޒީ5 އިން ވަނީ ދިއާ އާއި މޯހިތު ރައިނާ މުހިއްމު ރޯލްތަކެއް ކުޅެފައިވާ ވެބް ސީރީޒް "ކާފިރު" ސްޓްރީމްކޮށްފަ އެވެ.

ދިއާ އާއި ސާހިލް ގުޅިގެން ދެ ފިލްމެއް ޕްރޮޑިއުސްކޮށްފައިވެ އެވެ. އެއީ ސާހިލް ޑައިރެކްޓްކޮށް، ދިއާ މުހިއްމު ރޯލެއް ވެސް ކުޅުނު 2011 ގެ "ލަވް ބްރޭކަޕްސް ޒިންދަގީ" އާއި 2014 ގައި ވިދިޔާ ބަލަން ކުޅުނު "ބޮބީ ޖާސޫސް" އެވެ.