އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ޓީޒާ މާދަމާ ދައްކައިލަން ހަމަޖެހިއްޖެ އެވެ.
އެ ވާހަކަ ސަނީ ވަނީ ފިލްމުގެ އާ ޕޯސްޓަރަކާ އެކު ޓްވިޓާގައި ހިއްސާކޮށްފަ އެވެ. "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ ސަނީ ޑައިރެކްޓްކޮށްފައިވާ އެޑްވެންޗަރަސް ލަވް ސްޓޯރީއެކެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ މިދިޔަ އަހަރު ރިލީޒް ކުރި "ދަޅަކް" ގެ ޑައިރެކްޓަރު އަދި ކަލާޒުން މިހާރު ދައްކާ ޑާންސް ޝޯ "ޑާންސް ދީވާނޭ" ގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝިޝާންކް ކައިތާނެވެ.
ކަރަންއާ އެކު "ޕަލް ޕަލް ދިލް ކޭ ޕާސް" އިން އާ ބަތަލާއަކު ވެސް ބޮލީވުޑަށް ތައާރަފު ކުރާނެ އެވެ. އެއީ ސަހެރް ބާމްބާ އެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 20 ގަ އެވެ.
"ޖަނގްލީ" އަށް ޗައިނާ އިން ދެ އެވޯޑެއް
މި އަހަރުގެ މާޗް މަހު ރިލީޒް ކުރި ފިލްމު "ޖަނގްލީ" އަށް ޗައިނާގެ ފެސްޓިވަލަކުން ދެ އެވޯޑެއް ލިބިއްޖެ އެވެ.
ހޮލީވުޑްގެ ޑައިރެކްޓަރު ޗަކް ރަސަލް ޑައިރެކްޓް ކުރި ފިލްމަށް ޗައިނާގައި ބޭއްވި 5 ވަނަ ޖެކީ ޗަން އެކްޝަން ފިލްމު ވީކުން ލިބިފައި ވަނީ ބެސްޓް އެކްޝަން ސީން ކޮރިއޮގްރާފަރު އެވޯޑާއި ސްޕެޝަލް ޖޫރީ ފޮ ބެސްޓް އެކްޝަން ފެމިލީ ފިލްމުގެ އެވޯޑެވެ.
މާޗް 29 ގައި ރިލީޒް ކުރި "ޖަނގްލީ" ގެ ލީޑް ރޯލް ކުޅުނި ވިދުތުޔު ޖަމްވަލް އާއި ޕޫޖާ ސާވަންތެވެ.
ކަރަންގެ ޕާޓީގައި ތަރިން "މަސްތުވެފައި"
މަޝްހޫރު ތަރިންނާ އެކު އަބަދުވެސް ޕާޓީ ކުރާ ކަރަން ޖޯހަރު މިދިޔަ ހަފުތާގައި ބޭއްވި ޕާޓީއެއްގައި ބައިވެރިވި ތަރިން ތިބީ މަސްތުވެފައި ކަމަށް ދިއްލީގެ ލެޖިސްލޭޓިވް އެސެމްބަލީގެ މެމްބަރު މަންޖިންދަރު ސިންގް ސިރްދާ ތުހުމަތުކޮށްފި އެވެ.
ކަރަން އިންސްޓަގްރާމްގައި ހިއްސާ ކުރި ވީޑިއޯއަކަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ ޕާޓީގައި ތަރިން މަސްތުވިކަން އެ އެ މީހުންގެ ހަރަކާތްތަކުން އެނގޭ ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ސާފުކޮށް ދޭން ޖެހޭނެ ކަމަށް ވެސް ޓްވިޓާގައި އޭނާ ވިދާޅުވި އެވެ.
އެ ވީޑިއޯގައި ފެންނަ ތަރިންގެ ތެރޭގައި ދީޕިކާ ޕަދްކޯން، އަރުޖުން ކަޕޫރް، ޝާހިދު ކަޕޫރް، ވިކީ ކޯޝަލް، ވަރުން ދަވަން، ރަންބީރު ކަޕޫރް، މަލައިކާ އަރޯރާ، ޑައިރެކްޓަރު ޝަކުން ބަޓްރާ، ޑައިރެކްޓަރު ރޯހިތު ދަވަން، ޑައިރެކްޓަރު ޒޯޔާ އަހްތަރާއި ޑައިރެކްޓަރު އަޔާން މުކަރްޖީ ހިމެނެ އެވެ.
"ސަންޖިވްނީ" މި މަހުގެ 12 ގައި
ސްޓާ ޕްލަސް އިން ކުރިން ގެނެސް ދިން މެޑިކަލް ސިލްސިލާ "ސަންޖިވްނީ" ގެ ދެވަނަ ސީޒަން މި މަހުގެ 12 އިން ފެށިގެން ދައްކަން ނިންމައި، އާ ޕްރޮމޯއެއް ވެސް ދައްކާލައިފި އެވެ.
ޑޮކްޓަރުންތަކެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާގައި މީގެ ފުރަތަމަ ސީޒަނުގައި މަސައްކަތް ކުރި މޯނިޝް ބޭލް އާއި ގުރްދީޕް ކޯލީ އެ މީހުން ކުރިން ކުޅުނު ކެރެކްޓާތަކުން މި ފަހަރު ވެސް ފެންނާނެ އެވެ.
"ސަޖިވްނީ" ގެ އާ ސީޒަނުގެ ކާސްޓްގައި ދެން ހިމެނެނީ ސުރްބީ ޗަންދުނާ އާއި ނަމިކް ކަންނާ އާއި ރޯހިތު ރޯއިގެ އިިތުރުން ސަޔަންތާނީ ގޯޝް އެވެ. ސިލްސިލާ ޑައިރެކްޓްކޮށްފައި ވަނީ މިދިޔަ އަހަރު ރާނީ މުކަރްޖީގެ "ހިޗްކީ" ހެދި ސިދާތު ޕީ މަލްއުތުރާ އެވެ.