ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ ހަތަރު ވަނަ ފިލްމުގެ ނަމަކީ "މިސްޓަ ލޭލޭ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ ވަރުން ދަވަން އާއި ބޫމީ ޕެޑްނޭކަރްގެ އިތުރުން ކިއާރާ އަދުވާނީ ކަމަށް މީޑިއާތަކުން މީގެ ހަފުތާއެއްހާ ދުވަސްކުރިން ބުންޏެވެ. މުމްބާއީ މިރާ އިން ބުނިގޮތުގައި "މިސްޓަ ލޭލޭ" ގެ މަސައްކަތްތަކަށް ޝިޝާންކް މިހާރު ތައްޔާރުވަމުން އަންނަ އިރު، އާ އަހަރާ އެކު ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ.
އެ ނޫހުން ބުނިގޮތުގައި ފިލްމުގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފަށަން ތާވަލުކޮށްފައިވާ އިރު، މުޅި ފިލްމުގެ މަންޒަރުތައް ނަގާނީ މުމްބާއީގަ އެވެެ.
މި ފިލްމު ވާނީ ސްކްރީނުން އަނެއްކާ ވެސް އާ ޖޯޑުތަކެއް ފެންނާނެ ފިލްމަކަށެވެ. ޝިޝާންކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުކުރި ފިލްމު "ދަޅަކް" އެވެ.
އޭނާގެ ފުރަތަމަ ދެ ފިލްމުގެ ބަތަލަކީ ވަރުން އެވެ. އެއީ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރިނާތު ކީ ދުލްހަނިޔާ" އެވެ. އެ ދެ ފިލްމުގެ ވެސް ބަތަލާ އަކީ އާލިއާ ބަޓެވެ.
"ޖާޒީ" ގެ ޝޫޓިން ފަށައިފި
ޝާހިދު ކަޕޫރް ކްރިކެޓް ކުޅުންތެރިއެއްގެ ރޯލް ކުޅޭ ފިލްމު "ޖާޒީ" ގެ ޝޫޓިން ފަށައިފި އެވެ.
ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ދުވަސްތަކެއް ވަންދެން ވަރަށް ގަދައަށް ކްރިކެޓްގެ ތަމްރީނުތަކެއް ވެސް ހަދައިފަ އެވެ. "ޖާޒީ" އަކީ ހަމަ އެ ނަމުގައި މި އަހަރުގެ ކުރީކޮޅު ގެނެސްދިން ތެލެގޫ ފިލްމުގެ ރިމެކެކެވެ.
ހިންދީ ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރަނީ ތެލެގޫ ފިލްމު ވެސް ޑައިރެކްޓްކުރި ގޯތަމް ތިނައްނޫރީ އެވެ. އަންނަ އަހަރުގެ އޮގަސްޓް 28 ގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރާއި މުރްނާލް ތާކޫރް ހިމެނެ އެވެ.
ދީޕިކާ އާއި ސިދާންތާ އެކު އަނަންޔާ
ކަރަން ޖޯހަރާ ގުޅިގެން ބަތަލާ ދީޕިކާ ޕަދްކޯން ޕްރޮޑިއުސްކޮށް، ޝަކުން ބަޓްރާ ލިޔެ، ޑައިރެކްޓްކުރާ ޑާކް ރޮމޭންޓިކް ތުރިލާގެ ރޯލެއް އަނަންޔާ ޕާންޑޭ އަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަސްމީކޮށް އަދި އިއުލާންނުކުރާ ފިލްމުގައި ދީޕިކާއާ އެކު ފެނިގެން ދާނީ ވިކީ ކޯޝަލް ނުވަތަ ސިދާންތު ޗަތުރަވެދީ އެވެ. ނަމަވެސް މި އަހަރު "ގަލީ ބޯއި" އިން މޮޅު އެކްޓިންއެއް ދެއްކި ސިދާންތު މިހާރު ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެގޮތުން ދީޕިކާ އާއި ސިދާންތާ އެކު ފިލްމުގެ ތިން ވަނަ ލީޑެއްގެ ގޮތުން ފެނިގެން ދާނީ އަނަންޔާ ޕާންޑޭ ކަމަށް ހަންގާމާ އިން ބުންޏެވެ. އޭނާ އަކީ މި އަހަރު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ތައާރަފުވި ބަތަލާއެކެވެ. އަނަންޔާގެ ދެވަނަ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ސިނަމާތަކުގައި ދައްކަމުން އަންނަ އިރު އޭނާ އަންނަނީ "ކާލީ ޕީލީ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
ޝަކުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "ކަޕޫރް އެންޑް ސަންސް" އެވެ.
ސޯނަމާ އެކު ވިކްރަންތު
މީގެ އަށް އަހަރު ކުރިން ރިލީޒްކުރި ކޮރެއާ ފިލްމު "ބްލައިންޑް" އަށް ބިނާކޮށް، ޑައިރެކްޓަރު ސުޖޯއި ގޯޝް ހަދާ ފިލްމުގެ ބަތަލުގެ ރޯލުން ސޯނަމް ކަޕޫރާ އެކު ފެނިގެން ދާނީ ވިކްރަންތު މަސޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަންނަ މަހު ރިލީޒްކުރާ ދީޕިކާގެ "ޗަޕާކް" ގެ ބަތަލުގެ ރޯލު ވެސް ކުޅެފައިވާ ވިކްރަންތު، ސުޖޯއިގެ ފިލްމަށް ސޮއިކުރި ކަމަށް ބުންޏަސް، އެކަން އަދި ރަސްްމީކޮށް ކަށަވަރެއް ނުވެ އެވެ.
ސަޕޯޓިން ރޯލްތަކުން ހުނަރު ދެއްކި ޒުވާން އެކްޓަރު ވިކްރަންތު، 32، އަކީ މިހާރު ފިލްމުތަކުން ލީޑް ރޯލް ލިބި، ވަރަށް ރަނގަޅު ފުރުސުތަކެއް ލިބެމުން އަންނަ އެކްޓަރެކެވެ.
ދާދި ފަހުން ކުޅުނު ވެބް ސީރީޒް "ބްރޯކެން ބަޓް ބިއުޓިފުލް" ގެ ބަތަލާ ހަރްލީން ސޭތީއާ މި މަހުގެ ކުރީކޮޅު ކައިވެނި ކުރި އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޔާމީ ގޯތަމްއާ އެކު ފެނިގެންދާ "ގިނީ ވެޑްސް ސަނީ" ހިމެނެ އެވެ.