ހޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރެއްގެ ދެ އަންހެން ދަރިން ތައާރަފުކުރާ ފިލްމު "47 މީޓާޒް ޑައުން: އަންކޭޖް" ޕްރިމިއާކޮށްފި އެވެ.

މި ފިލްމުން އަލަށް ތައާރަފުކުރާ ދެ ބަތަލާއިންނަކީ ސިލްވެސްޓާ ސްޓެލޯން، 73، ގެ އަންހެން ދަރިފުޅު ސިސްޓީން ސްޓެލޯން، 21، އާއި އެކްޓަރު ޖެމީ ފޮކްސް، 51، ގެ އަންހެން ދަރިފުޅު ކޮރީން ފޮކްސް، 25، އެވެ.

"47 މީޓާޒް ޑައުން: އަންކޭޖް" ޕްރިމިއާ ކުރަން އެމެރިކާގައި ބުދަ ދުވަހު ބޭއްވި ރެޑްކާޕެޓް އިވެންޓްގައި ވެސް ދެ ބަތަލާއިންގެ ބައްޕައިން ބައިވެރިވެ، ދަރިންނަށް ހިތްވަރު ދީފައިވެ އެވެ.

ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމަކީ ޖޮހޮނެސް ރޮބަޓްސް ޑައިރެކްޓްކޮށްފައިވާ ސަވައިވަލް ހޮރޯއެކެވެ. "47 މީޓާޒް ޑައިން: އަންކޭޖް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޯން ކޯބޭ، ބްރެކް ބެސިންޖާ، ހައިލީން ރާމްބޯ، ޑޭވީ ސެންޓޯސް އަދި ބްރަޔަން ޖޫ ހިމެނެ އެވެ.

ފިލްމުގައި ކިޔައި ދޭނީ ސްކޫބާ ޑައިވިން އަށް ދާ ހަތަރު އަންހެން ކުއްޖަކަށް ކަނޑުއަޑީގެ ހޮހޮޅަކުން ކުރިމަތިވާ ބިރުވެރި ހާދިސާތަކާއި ސަލާމަތްވާން އެ މީހުން ކުރާ މަސައްކަތެވެ. "47 މީޓާޒް ޑައުން: އަންކޭޖްޑް" އަކީ 2017 ގައި ޖޮހިނެސް ގެނެސް ދިން "47 މީޓާޒް ޑައުން" ގެ ދެވަނަ ބައެވެ.

އެންމެ 5.3 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 62.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.