08 އެޕްރީލް 2021 - 07:53
ހޮލީވުޑްގެ ފިލްމު ސީރީޒް "ކްރީޑް" ގެ ފޭނުންނަށް އޮތީ ހިތާމަވެރި ޚަބަރެކެވެ. އެއީ މީގެ ތިން ވަނަ ފިލްމުން ސިލްވެސްޓަ ސްޓެލޯން ނުފެންނާނެ ވާހަކަ އެވެ.
ކުރީގެ ދެ ފިލްމުގެ މައިގަނޑު ކާސްޓުން އެންމެ ފާހަގަކޮށްލެވޭ އެކަކީ އޭނަ އެވެ. ނަމަވެސް މި ސްޕޯޓްސް ޑްރާމާގެ ތިން ވަނަ ބައިގެ ޑައިރެކްޝަނާ އެކްޓަރު މައިކަލް ބީ ޖޯޑަން ހަވާލުވެފައިވާ އިރު، ސްޓެލޯން "ކްރީޑް 3" އިން ނުފެންނާނެކަން އޭނާގެ ތަރުޖަމާނު ވެސް މީޑިއާތަކަށް ކަށަވަރުކޮށް ދީފައިވެ އެވެ. ނަމަވެސް އެކަމުގެ ސަބަބެއް ހާމައެއްނުކުރެ އެވެ.
ޖޯޑަން އަކީ 2015 ގެ "ކްރީޑް" އާއި 2018 ގެ "ކްރީޑް 2" ގެ އެކްޓަރެވެ. ބޮކްސިން ކުޅިވަރުގެ ވާހަކަ ކިޔައިދޭ ފިލްމު ސީރީޒްގައި އޭނާގެ ޓްރެއިނަރު/މެންޓޯގެ ރޯލު ކުޅުނީ ސްޓެލެނޯވެ. "ކްރީޑް 2" އިން ސްޓެލޯން އޮސްކާގައި މޮޅު ސަޕޯޓިން އެކްޓަރުގެ ރޯލަށް ނޮމިނޭޓް ވެސް ވި އެވެ.
"ކްރީޑް" ގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރީ ޖޯޑަން ވެސް ރޯލެއް ކުޅުނު 2018 ގެ ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ޑައިރެކްޓަރު ރަޔަން ކޫގްލާ އެވެ. "ކްރީޑް 2" ގެ ޑައިރެކްޓަރަކީ ސްޓީވެން ކެޕްލް ޖޫނިއާ އެވެ.
ޖޯޑަން އެކްޓްކޮށް، ޑައިރެކްޓްކުރާ ގޮތަށް ގެނެސްދޭ "ކްރީޑް 3" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ނޮވެމްބަރު 23 ގަ އެވެ.
މި ފިލްމުގައި ހިއްސާ ނުވާން ސްޓެލޯން ނިންމި އިރު އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޖޫން އަށް ތާވަލުކޮށްފައި އޮތް ސުޕަހީރޯ ތުރިލާ "ސަމާރިޓަން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy