މައިކަލް ބީ ޖޯޑަން.
03 ނޮވެމްބަރ 2020 - 08:08
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މައިކަލް ބީ ޖޯޑަން މުހިއްމު ރޯލެއް ކުޅޭ ސްޕޯޓްސް ޑްރާމާ "ކްރީޑް" ސީރީޒްގެ ތިން ވަނަ ފިލްމާ އެކު އޭނާ ޑައިރެކްޝަނަށް ނުކުންނަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި "ކްރީޑް 3" ގެ ޑައިރެކްޝަން 33 އަހަރުގެ އެކްޓަރާ ހަވާލުކުރުމާ ދޭތެރޭ ޕްރޮޑިއުސަރުން އަންނަނީ ވަރަށް ސީރިއަސްކޮށް ބޯ ގާނަމުންނެވެ. ޑެޑްލައިނުން ބުނިގޮތުގައި އެމްޖީއެމުން އެ ފުރުސަތު ދޭން އޮތް ނަމަ ޖޯޑަން ހުރީ ފިލްމުގެ ޑައިރެކްޝަނާ ހަވާލުވާން ތައްޔާރަށެވެ. އެއާ އެކު މިކަން ވާނީ ޖޯޑަން ޑައިރެކްޝަނަށް ނުކުންނަ ފުރަތަމަ ފަހަރަށެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން އޭނާ އާއި އެމްޖީއެމުން ވެސް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ބޮކްސިން އަށް ބިނާކޮށް ގެނެސްދޭ "ކްރީޑް" ފުރަތަމަ ފިލްމު 2015 ގައި ގެނެސް ދިނުމަށް ފަހު، ދެވަނަ ބައި ގެނެސްދިނީ 2018 ގަ އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޖޯޑަން ވަރުގަދަ ރޯލެއް ވެސް ކުޅުނު 2018 ގެ ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ޑައިރެކްޓަރު ރަޔަން ކޫގްލާ އެވެ. ގާތްގަނޑަށް 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 173.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
"ކްރީޑް" ގެ ކާސްޓްގައި ހިމެނެނީ ޖޯޑަން އާއި ސިލްވެސްޓާ ސްޓެލޯނާއި ޓެސާ ތޮމްޕްސަނާއި އެންތަނީ ބެލިއުގެ އިތުރުން ފިލީޝިއާ ރަޝާދެވެ.
ސްޓީވެން ކޭޕްލް ޖޫނިއާ ޑައިރެކްޓްކޮށް ގެނެސްދިން "ކްރީޑް 2" އަކީ 50 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 214.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އޭގެ ކާސްޓްގައި ޖޯޑަން އާއި ސްޓެލޯނާ އެކު ހަމަ ކުރީގެ މައިގަނޑު ތަރިން ވެސް ހިމެނެ އެވެ.
"ކްރީޑް 3" ގެ ޑައިރެކްޝަން ޖޯޑަން ހަވާލުކޮށްފާނެ ކަމަށް ބެލެވޭ އިރު، އޭނާއާ ފިލްމު ހަވާލުކުރުމުގެ ވިސްނުމަކީ ސްޓެލޯންގެ "ރޮކީ" ސީރީޒްގެ އިތުރުން "ކްރީޑް" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ އާވިންް ވިންކްލާގެ ހުށަހެޅުމެއް ކަމަށްވެ އެވެ.
"ކްރީޑް 3" ގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭނގެ އެވެ. އެކަމަކު ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަންނަ އަހަރު ރިލީޒްކުރާ ބައޮގްރަފިކަލް ޑްރާމާ "ކިންގް ރިޗަޑް" ލިޔުނު ޒެކް ބޭލިން އަންނަނީ ކުރަމުންނެވެ.
މިދިޔަ އަހަރު "ޖަސްޓް މާސީ" އިން ފެނިގެން ދިޔަ ޖޯޑަންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރަށް ތާވަލުކޮށްފައިވާ "ވިތައުޓް ރިމޯސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy