28 އޯގަސްޓް 2019 - 09:18
އާދިއްތަ ދުވަހާ ގުޅޭ
އެއްފަހަރަކު ދޮރު ހުޅުވައިލައިފައި އަހަންނަށް ނުކުމެވުނީ ރާޝިދުގެ ކުރިމައްޗަށެވެ. އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. ބޭއިހުތިޔާރުގައި ތެޅިގެންފައި އަހަރެން އެތެރެއަށް ވަދެ ދޮރާށި ލެއްޕީމެވެ. ހިތުގެ ވިންދު ހުރީ އަވަސްވެފައެވެ. މޭފަޅައިފައި ހިތް ބޭރަށް ނުކުމެދާނެ ކަހަލައެވެ. ދެ އަތްތިލައަށް އަހަރެން ބަލައިލިއިރު ތުރުތުރެއް ހުރިކަން އިހުސާސްކުރެވުނެވެ. ހިތަށްއެރިއެވެ. އެއަށް ލޯބި ކިޔާ ނަމަ އެ ލޯބި ކޮންމެވެސް ދުވަހަކުން އަހަރެންގެ ހަށިން ފުރާނަ ލުހެލާނެއެވެ. އެ ލޯބި އަހަރެން މޮޔައަކަށް ހަދާނެއެވެ. އެހެންވިޔަކަނުދޭނަމެވެ. އެކަމަކު އެ ލޯތްބަށް އަހަރެން ދޭންވީ ކޮން ނަމެއް ހެއްޔެވެ؟ ކެކުޅުން ހެއްޔެވެ؟ ނުތަނަވަސްކަން ހެއްޔެވެ؟ ނުފެނިއްޖެއްޔާ ހިތް ތެޅިފޮޅެއެވެ. ފެނިއްޖެއްޔާ އަހަރެންނަށް ތެޅިފޮޅިގަނެވެއެވެ. ދެކޭހިތްވެއެވެ. ބަލަންހުންނާކަށް ނުމެކެރެއެވެ. ރާޝިދަށް ދޭން ގެންގުޅުނު ކަރުދާސްކޮޅު ޖީބުގައި އޮތް ހަނދާންވީ ދެނެވެ. އަވަސްއަވަހަށް ދޮރު ހުޅުވައިފައި ބަލައިލިއިރު ގެ ފަސްދީފައި ރާޝިދު މާ ދުރަށް ހިނގައްޖެއެވެ. ފަހަތުން ދުއްވައިގަންނަން އަހަރެން ހިތަށްއެރިއެވެ. ދުއްވައިގަންނާކަށް ނުކެރުނެވެ.
ރާޝިދު ގެއިން ނުކުތްފަހުން އެންމެ ފަހަރަކު ފެނިފައި ރާޝިދު ގެއްލުނެވެ. ކިތަންމެ ވަރަކަށް އަހަރެން ދޮރާށިދޮށަށް ނުކުތް ނަމަވެސް، ދެނެއް ރާޝިދެއް ނުފެނުނެވެ. ހަޔާތުގެ އުފާވެރި ހުރިހާ ސަފުހާތަކެއް ހީރަސްވަޅުން ދަމައިގަނެގެން ރާޝިދު ގެންދިޔަ ކަހަލައެވެ. ގިނަ ވަގުތު އަހަންނަށް އިނދެވެނީ ކޮންމެވެސް ތާކަށް ބިތްޖެހިފައެވެ. ބަނޑުހައިވެއެވެ. އެކަމަކު ނުކެވެއެވެ. ތާއްޔާޖެހެއެވެ. އެކަމަކު ނުނިދެއެވެ. ދަރިން ސުވާލުކުރިއެވެ. އަހަރެންނަށް ވެގެންއުޅޭ ގޮތް އޮޅުންފިލުވަން ކުދިން ބޭނުންވިއެވެ. އެކި ފަހަރު އަހަރެން ދެނީ އެކި ޖަވާބެވެ. އެއްފަހަރު ބުނަމެވެ. ކުޑަކޮށް ބަލީއެވެ. އަނެއް ފަހަރު ބުނަމެވެ. ދަރިފުޅުމެންނަށް ހީވާގޮތެވެ. ހުރިހާ ހަގީގަތެއް އެނގެނީ އަހްސަނަށެވެ. އަހްސަން މަސައްކަތްކުރީ، ވަމުންދާކަންކަން އެއީ ނުވާކަމެއްކަމަށް ހަދާށެވެ. ނުފެންނަކަމަށް ހަދާށެވެ. އަހްސަނަކީ އަހަރެންގެ މޫނަށް ބަލާ މީހެއް ނޫެނެވެ. އޭނަ ހީކުރީ މުޅި އުމުރު ވެސް އެހެން ހޭދަކޮށްލެވިދާނެކަމަށެވެ. އެހެނެއް ނުވިއެވެ. މާ ގިނަ ދުވަހަކު އަހްސަނަކަށް ކެތެއްނުވިއެވެ.
"ދެން ތި ކުޅިވަރު ހުއްޓައިލަންވެއްޖެއްނު!" އެއްރޭ ކޮޓަރިއަށް ވަދެފައި އަހްސަން ބުންޏެވެ. "އަހަރެން ގެއަށް މި ވަދެލަނީ ހާލަކުން ފަހަރަކު. ވަންނަ ކޮންމެ ފަހަރަކު ވެސް މި ފެންނަނީ މޫނުކުނިކޮށްގެން އިންނަތަން. އެންމެ ދެތިން ދުވަހުން ތިހާވަރު ވެދާނެކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭ."
"އަހްސަނަށް ގަބޫލުކުރެވުނަސް ނުކުރެވުނަސް، ކޮންމެ އެއްޗެއް ކިޔަސް ރާޝިދު ދެކެ އަހަރެން ލޯބިނުވާކަމަކަށް ނުވާނެ،" އަހަރެން ބުނީމެވެ. "ހަމަ ވަރަށް ލޯބިވޭ! ތެދު ފޮރުވާކަށް ބޭނުމެއް ނޫން."
އަހަރެންގެ ދެއްކި ވާހަކަތައް އަހްސަންގެ ހިތަށް ހެރުނެވެ. ވިހަލީ ތީރުތަކެއް ފަދައިންނެވެ.
"މަ ބޭނުމެއް ނޫން ތި ވާހަކަ އަޑުއަހާކަށް،" ގޮތްދޫނުކުރާ ރާގެއްގައި އަހްސަން ބުންޏެވެ. "ހިނގާ ޓެސްޓުކުރަން ދާން."
އަނެއްކާ ވެސް ޓެސްޓުގެ ވާހަކައެވެ. ކުރިން ވެސް އަހަރެން އޮންނާނީ އެ ކަމަށް އެއްބަސްވެފައެވެ.
"ހަމަ ދާންވީ!" ކުޑަ ވެސް ޖެހިލުންވުމެއް ނެތި އަހަރެން ބުނީމެވެ. "މަގޭ ނެތް އެއްވެސް މައްސަލައެއް. ތި ކަހަލަ ކަންތަކާ ބިރުގަންނަ މީހުން ތިބޭނެ. ހިނގާ ދަމާ! ކިހިނެއް ހަދަންވީ؟"
އަހްސަން އެއްޗެއް ނުބުންޏެވެ. އޭނަ އުޅެނީ ޓެސްޓެއް ހަދާކަށް ނޫނެވެ. ބިރުގަންނަވައިގެން އަހަރެން ލައްވާ އެ ކަމަށް އިންކާރުކުރުވާށެވެ. އެ ކަމެއް ނުވިއެވެ. ވީމާ އަހްސަން ކޮޓަރިން ބޭރަށް ނުކުތެވެ. އަނެއްކާ އައިސް ވަނެވެ.
"އަސްލު ކީއްކުރީ؟" އަނެއްކާ ވެސް އެހިއެވެ.
"އެއްވެސް ކަމެއް ނުކުރަން،" ކުރިން ވެސް ދިން ޖަވާބު އަހަރެން ދިނީމެވެ. "އަހަރުމެން ހަމަ ވާހަކަދައްކަނީ. އެ ނޫން ކަމެއް ނުކުރަން."
އަހަރެން ހުރީ ސާބިތުކަންމަތީގައެވެ. ހިނދުކޮޅަކަށް ނަމަވެސް ފައި ކައްސައެއްނުލައެވެ. އަހަރެންގެ ހަށިގަނޑު ހަމަޔަށް ދެބައިކޮށްލިޔަސް ތެދުބުނަން އަޒުމުކަނޑައެޅީމެވެ. ފަހުން ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށެވެ.
"ތީ ހާދަ ވިޔާނުދާ އަންހެނެކޭ،" އަހްސަން އެއްޗެހިކިޔަން ފެށިއެވެ. "ތީ އެއްވެސް ގޮތެއް ނެތް، ލަދެއް ނެތް އަންހެނެއް. މަ ނުދެކެން ތިހާ ގޮތްކުޑަ އަންހެނެއް. ރާޝިދު އާއިލާގެ މީހަކާ ވެސް ދެން ވާހަކަދައްކައިގެން ނުވާނެ. ކިހާ ހުތުރުކަމެއް ތި ކުރީ. އެއިން އެކަކު ވެސް މި ގެއަށް ވައްދައިގެން ނުވާނެ. ދޮރާއްޓާ ހަމައަށް ވެސް ގެނެސްގެން ނުވާނެ. ބަލައްޗޭ ދެންވާ ގޮތް! މުޅި ރަށަށް މޫނި ބޭޒާރުކޮށްލާނަން. އެންމެން ގާތުގަ މި ވާހަކަދައްކާލާނަން. މަ ހިތަށްއަރާ ކިހިނެއްވެގެންބާއޭ އެ ރާޝިދު ފަހަތުން ނެއްޓެން ނޭނގިގެން ތި އުޅެނީ."
"ލޯބިވާތީ!" އަހަރެން ހުރީ އެ ލަފުޒުގައި ހަރުލައިފައެވެ. "ވަރަށް ލޯބިވޭ އޭނަ ދެކެ. އަހްސަން ހަދާނެ ގޮތެއް އަހަންނަށް ހަދަންވީ."
އަހްސަންގެ ރުޅި ކޮންޓުރޯލުން ނެއްޓިއެވެ. ދުވަހަކު އަހަރެން އަޑުނާހާ ހުތުރު ލަފުޒު އަހްސަން ބޭނުންކުރިއެވެ. އެ ލަފުޒުތަކުގެ މާނައެއް އަހަންނަކަށް ނުވެސް އެނގެއެވެ. އަހަރެން ހިތަށްއެރިއެވެ. އަޅެ އެއް ފަހަރު ވެސް އަހްސަން ރީތި ބަހުރުވަޔަކުން އަހަންނަށް ނަސޭހަތެއް ދިން ނަމައެވެ. ވިސްނައިދިން ނަމައެވެ. އެހެން ނަމަ ފަހަރެއްގައި ދެވަނަ ވިސްނުމަކަށް އަހަންނަށް ދެވުނީހެވެ. ބަދަލުގައި އަހްސަން އެންގީ އޭނަގެ ހުތުރު ބަސްކޮށާރުގެ މުއްސަނދިކަމެވެ. އަހަރެން ރައްދެއް ނުދެމެވެ. ދޭކަށް ނުވެސް އެނގެއެވެ. ކިޔަމަންތެރިކަމާއެކު އަޑުއަހަން ހުރީއެވެ. ފާރަކާ ވާހަކަދެއްކެން ފެށުމުން ފޫހިވެގެން އަހްސަން ދިޔައީއެވެ.
ރޭގަނޑުގެ ބާކީ ވަގުތުގައި އަހަރެން ވިސްނަންއޮތީމެވެ. އަހަރެންގެ ކައިވެނީގެ ކަންތައްތަކުގައި މައިންބަފައިން ކަންތައްކުރީ ރަނގަޅަކަށް ނޫނެވެ. އެކަކު ވެސް އަހަރެންގެ ހިތުގެ އަޑެއް ނާހައެވެ. އަހަރެން ބޭނުންވަނީ ކޮންގޮތެއްތޯ ނާހައެވެ. އަހަރެން ބޮޑުވެފައިހުރީ އަހްސަން ބޮޑުވި ކަހަލަ މާހައުލެއްގައެއް ނޫނެވެ. އަހްސަން ބޭނުންވަނީ އަހަރެން ލައްވާ ކޮން ކަހަލަ ޓެސްޓެއްހައްދަން ހެއްޔެވެ؟ އަހަރެން އެހެން ވެސް ހިތަށްއެރިއެވެ. ކޮންމެ ކަމެއް ކުރިޔަސް އަހަރެން ހުރީ އަހްސަން ހިތްފުރެންދެން ޓެސްޓުކުރަން ދޫކޮށްލާ ގޮތަށެވެ. އަހަރެން ގަބޫލުކުރި ގޮތުގައި އެ ޓެސްޓުތަކަކުން ވެސް އަހްސަނަށް އެނގޭނީ އަހަންނާއި ރާޝިދުގެ ލޯބީގެ ސާފުކަމެވެ. މަތިވެރިކަމެވެ. އެކަމަކު ޓެސްޓުކުރަން ގެންދިޔުމުގެ ހިޔާލު އަހްސަން ފަހުން ދޫކޮށްލިއެވެ.
ތިމާގެ އަމިއްލަ ބާރު ނުފޯރާ ކަންކަމާމެދު ކިތަންމެ ވަރަކަށް ވިސްނިޔަސް ހައްލެއް ނުހޯދޭނެއެވެ. ހިތަށްއެރިއެވެ. ވަކިވާންހުރި ދެ މީހަކު ބައްދަލެއް ނުވާނެއެވެ. ބައްދަލުވާން ހުރި ދެ މީހަކު ވަތްކެއް ވެސް ނުކުރެވޭނެއެވެ. ކޮންމެވެސް މަގެއް ދައްކަވާނެއެވެ. އެ ދުވަސްވަރު ނާސިހާ ކިޔާ ކުއްޖަކު ގެއަށް އައެވެ. ނާސިހާއަކީ މާލޭގެ އެހެން ގެއެއްގައި އުޅެނިކޮށް ގެއިން ނުކުންނަންޖެހުނު ކުއްޖެކެވެ. އެ ކަމާ ނާސިހާގެ މަންމަ ދެރަވެގެންއުޅެނިކޮށް އަހަރެންގެ މަންމައަށް އެ ޚަބަރުލިބުނީއެވެ. އެކުވެރިޔަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ބޭނުމުގައި އަހަރެންގެ ގެއަށް ނާސިހާ ގެނައީއެވެ. ގޭގެ އެހެން ކުދިންނާ ހިލާފަށް ނާސިހާއަކީ މާލެއަށް ފަރިތަ ކުއްޖެކެވެ. ބޭރަށް ނުކުންނަހިތްވާ ކުއްޖެކެވެ. އޭނައަކީ ހިތާމައެއް ކުރިމަތިވެގެން އައި ކުއްޖެކެވެ. އަހަންނަށް ވެސް ވަނީ ހިތާމައެއް ކުރިމަތިވެފައެވެ. އެހެންކަމުން އަހަރުމެންގެ މެދުގައި ވަރަށް އަވަހަށް އެކުވެރިކަން އުފެދުނެވެ. އެކަކުއަނެކަކަށް އިތުބާރުކުރެވި، ޒާތީ ވާހަކަތައް ވެސް ހިއްސާކުރެވުނެވެ. ވަރަށް ބޮޑު ސިއްރެއް ނާސިހާ ކިޔައިދިނެވެ. ކުރިން އުޅުނު ގެއިން ނާސިހާ ނިކުތީ އެ ގޭގެ ވެރިމީހާ އަތްމުނިމުނިކަވާތީއެވެ. ދުވާލު އެކަންޏެއް ނޫނެވެ. ރޭގަނޑު ނާސިހާ ނިދިޔަކަ ވެސް ނުދެއެވެ. އެ ފަދަ ވާހަކައެއް ކިޔައިދިނުމުން ރާޝިދުގެ ވާހަކަ އަހަރެން ވެސް ކިޔައިދިނީމެވެ.
"ބޭނުންތަ ރާޝިދާ ބައްދަލުކުރަން؟" ނާސިހާ ވަރަށް ހަމަޖެހިލައިފައި އެހިއެވެ.
"ތީ އެހާ ފަސޭހަކެއް ނޫން!" އަހަރެން ބުނީމެވެ. "އަހަންނަކަށް ނޭނގެ އޭނަ ވީ ތަނެއް ވެސް."
"ތީ ކަންނޭނގެއެއްނު އަހަންނަށް މި ގެއަށް އާދެވުނު ކަމަކީ،" ހިނިތުންވެލައިފައި ނާސިހާ ބުންޏެވެ. "މާލެ ކީއްކުރަން ކައިރި ރަށެއްގަ އޭނަ ހުއްޓަސް ހޯދާނަން. ބައްދަލުކުރަން ދާން ތައްޔާރުވޭ! ހެދުން ފަހާ ހެދުން ފަހާ!"
މިނިވަންދުވަސް އައެވެ. އެ ފަދަ ކޮންމެ ދުވަހަކު ދިދަފަތިދަމައި، ނިވިދިއްލޭ ބޮކިފަތި ލުމަކީ އާންމުކަމެކެވެ. އަހަރެން ވަރަށް ކުރާހިތްވާކަމެކެވެ. ދިދަފަތި ހަދަން އަހަރެން އެއްކޮށްފައިވާ އަލަނާސި މެޓާ ކަރުދާހާއި، މަޑިހިއްޕާ ކަރުދާސް ފޮށިގަނޑު ހިފައިގެން ފެންޑާއަށް ނުކުތްއިރު ނާސިހާ ނިކަން ހިނިއައިސްފައި ހުރެގެން އާދެއެވެ. އަހަރެން އިށީނީ އުނދޯލީގައެވެ. ނާސިހާ އައިސް އަހަރެން ގާތުގައި ހުއްޓުނެވެ.
"ކޮންކަމެއް ލައިގަނެގެން މާ އުފާވެފަ ތިހިރީ؟" އަހަރެން އެހީމެވެ.
"އަތްދައްކާ!" ނާސިހާ އެދުނެވެ.
އަހަރެން އަތް ދެއްކީމެވެ. އަހަރެންގެ އަތުތެރެއަށް ނާސިހާ ކަރުދާސްކޮޅެއް ލައިފައި މުށްލައްޕައިލިއެވެ.
"މިތާ އިނދެ ނުކިޔާތި!" ސިއްރުސިއްރުން ނާސިހާ ބުންޏެވެ. "ތީ ރާޝިދުގެ ސިޓީއެއް."
ރާޝިދުގެ ނަން ބުނުމާއެކު އޭނަގެ އަޑު އަހަންނަށް އިވުނު ކަހަލައެވެ. އަހަރެންގެ އަތުގައި އޭނަ އަތްއެޅި ކަހަލައެވެ. އަހަންނަށް އެ އިހުސާސްކުރެވުނެވެ.
"އޭނަގެ ހާލު ކިހިނެއް؟" އަހަރެންގެ އަތަށް ބަލަހައްޓައިގެން އިނދެ އަހަރެން އެހީމެވެ. "ކިހިނެއް ދިމާވީ؟ އަހަރެންގެ ވާހަކަ އެހިތަ؟ ސަލާން ބުނިތަ؟ އަހަރެންގެ ސަލާންބުނިންތަ؟ ބުނިންތަ އޭނަ ހަނދާންނުވާ އެންމެ ސިކުންތެއް ވެސް ނުދެޔޭ! ދެކިލާހިތުން މަރުވަނީޔޭ ބުނިންތަ؟"
ނާސިހާއަށް މަންމަ ގޮވައިލި އަޑުއިވިގެން ނާސިހާ ދިޔައެވެ. އަހަންނަށް ހީވީ އަހަރެންގެ މުށް ހުޅުވައިލަދިނީ ރާޝިދުހެންނެވެ. އަހަރެންގެ އަތުގައި އޮތީ އެންމެ ހީރަހަކުން ބަންދުކޮށްފައިވާ ކުޑަ ކަރުދާސްކޮޅެކެވެ. ހީރަސް ނައްޓައިލައިފައި ކަރުދާސްކޮޅު ނިއުޅުވައިލީމެވެ. އޭގައި އޮތީ އެންމެ ދެތިން ލަފުޒެވެ.
"މިރޭ ފޯނު ކައިރީގަ އިންނާތި!" އަވަސް ލިޔުމަކުން އެހެން ޖަހައިފައި ދެން އޮތީ ރާޝިދުގެ ނަމެވެ.
ރާޝިދުގެ ނަމުގެ ކުރިޔަށް "ލޯބިވާ" އޮތުމުން ވީ އުފަލެއްގެ ބޮޑުކަމުން ކަރުދާސްކޮޅަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނެވެ.
"އިރުއަރަންދެން އިންނާނަން." ހިތާހިތުން އަހަންނަށް ބުނެވުނެވެ.
އަހްސަން ގެއަށް ވަނީ އެ ދަނޑިވަޅުއެވެ. އަހަރެން ދެނަހުރިކަމަށް ނުހެދި ނަމަ ވަރަށް ރަނގަޅުވީހެވެ. އެކަމަކު ކުއްލިއަކަށް ސިހިފައި ކަރުދާސްކޮޅު ބޮނޑިކޮށްލެވުނެވެ. އަހްސަނަށް އެ މަންޒަރު ފެނުނެވެ. އަހަންނާ ދިމާއަށް އަހްސަން އައީ، ކަރުދާސްކޮޅު ފެނިގެންކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އަހަރެން ކަރުދާސްކޮޅު ބޮނޑިކޮށްލައިފައި އަނގަޔަށްލީމެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބަާތަ
28 August 2019
ކޮބާތަ މިހަަރު ސިހުރުގެ ކަންތައް ގަނޑު؟ އަހްސަނެއް ނޫންތަ ކުރިން ސިހުރުގެ ކަންތައްގަނޑު ހިންގީ؟ މަ ހީކުރީ އެކަން ފަޅާއަރާނެ ކަމަށް.
ދެރަވ
28 August 2019
މޫނި ގަމާރުކަމުން ވާހަކަކިޔަންވެސް ފޫހިވެ. ދެންއަނެއްކާ އަނގައިގައިއޮތް ކަރުދާސްކޮޅު އަހުސަނު އަތަށް ދީފާނެ. އަހުސަން ކަންކުރިގޮތް އަހުސަނާދިމާއަށް ގޮވާލަބަލަ.
ފޭން
28 August 2019
މަ ހާދަހާ މިއަހުސަނުގަނޑުގެ ކަންފަތް މައްޗަށް އަތްދޮވެލާ ހިތްވެޔޭ. ހަމަހުވާ.
ޕަރސަން
28 August 2019
އަހުސަނަށް ކޮންބާރެއް ކުރާކަށް. މީނާ މޫނިދެކެ ލޯތްބެއްވެސް ނުވޭ، ދެން އެމަންޖެ ވަރިކޮށްބަލަ.
އާންތު
28 August 2019
ހާދަ ވަނދޭ
ގަނޑިޔާ!!!
28 August 2019
މިހިރަ ގަޅި މޫނިއެއް ހުވާ މިބުނީ. މި މޫނިގެ ގަމާރުކަމުން ރާޝިދު ތި ގެއްލެނީ.
ރިޔޯ
28 August 2019
އަހްސަން ވެއްޖެއްނު ދެން އެމަންޖެ ވަރިކުރަން..
ރިޔޯ
28 August 2019
އަހްސަން ވެއްޖެއްނު ދެން އެމަންޖެ ވަރިކުރަން..
އޭޝް
28 August 2019
ވަރިކޮއްފިށްޔާ އެސޮރު ވަންނާނެ ހިޔާވައްސެއް ނުލިބޭނެ. އެހެންވެ ވަރިކުރަން ނުކެރިގެން އެއުޅެނީ.
ޯކަލަމި
28 August 2019
ފަސްޓް
ހުސްތަންތަންދޫނުކުރުމުގެސަބަބު
28 August 2019
ހުސްތަން ދޫކުރުމެއް ނޯވޭތަ؟ ކިޔާހިތުން އުޅެވެސް ނުކިއުނު.
ފޯނު
30 August 2019
ތީ ބައެއް ފޯނުތަކަށް ވާ ގޮތެއް، ލިޔުންތެރިޔާ ނުވަތަ ނޫހުގެ މައްސަލައެއް ނޫން