ދެކޭހިތްވޭ ނިކަން

އަހަރެން ކަރުދާސްކޮޅު ބޮނޑިކޮށްލައިފައި އަނގަޔަށްލީމެވެ. އަދި އަނގަ ލައްޕައިލައިގެން އަހަރެންގެ މަސައްކަތައިގެން ކުރިޔަށްދިޔައީމެވެ. އަހްސަނާ ދިމާއަކަށް ނުވެސް ބަލަމެވެ. ހިތަށްއެރިއެވެ. މި ފަހަރު ފަޅާއަރާނެއެވެ. އެކަމަކު އަހަރެންގެ އަނގަޔަށް ފިތާލައިގެން ކަރުދާސްކޮޅު ނެރެން އަހްސަނަށް ކެރިދާނެބާއެވެ؟


"ކޯޗެއް ތިކަނީ؟" އަހްސަން ސުވާލުކުރިއެވެ.

ކުޑަކޮށް ޖެހިލުންވި ނަމަވެސް އަހަރެން ޖަވާބެއްނުދެމެވެ. އަނގަ ނުވެސް ހަލުވަމެވެ. ކުއްލިއަކަށް އަހަންނަށް ޒާތެއްގެ ހިތްވަރެއްލިބުނެވެ.

"ރާޝިދުގެ ސިޓީއެއް." އަހަރެން ބުނީމެވެ.

އެހެން ބުނެފައި އަހަރެން ހިތަށްއެރިއެވެ. މި ކުރެވުނީ ކީއްހެއްޔެވެ؟ ނަސީބަކުން އަހްސަން އެއްޗެއް ބުނި އަޑެއް ނީވެއެވެ. އަހަރެންގެ ހިތްވަރަށް އަހަރެން ހިތާހިތުން ތައުރީފުކުރީމެވެ. ތެދުވެރި ލޯބީގައި އެ ފަދަ ސާބިތުކަމެއް ހުންނަންޖެހޭނެއެވެ. އެހެންނޫނީ ލޯބިނުވާނީއެވެ. ލޯތްބަކީ ކޮންމެކޮންމެ ހިތަކަށް އޮބިއޮންނަ ވަރުގެ ޖަޒުބާތެއް ނޫނެވެ. އަހްސަން ފެށީ ހޭށެވެ. ރާޝިދުގެ ސިޓީއެއް ލިބިއްޖެއްޔާ އަހަރެން އެ ވާހަކަ ބުނާނެ ހެއްޔެވެ؟ އަމުދުން އަހްސަން ގާތުގައެވެ.

"އެހެންތަ؟" މަލާމާތުގެ ރާގެއްގައި އަހްސަން އެހިއެވެ. "ކީކޭ އޭގަ އޮތީ؟"

އަހަރެން އެއްޗެއް ނުބުނަމެވެ. ބުނެފިއްޔާ ސިޓީގައި އޮތް ކަންތަކަށް ހުރަސްއެޅޭނެތީއެވެ.

"އަހަރެން ގާތުން ވަރިވެގެން އަންނާށޭ؟" މަލާމާތުގެ ރާގަކަށް އަހްސަން ބުންޏެވެ. "ބުނޭ މަ ބުންޏޭ ހިޔާލީފޮލާ ނުކައްކާށޭ. މޫނި ވަރިކުރާނެ ގޮތެއް އެއީ ނެތް ގޮތެކޭ."

ހިތުން ފިސާރި މޮޅު އެއްޗެއް ބުނެފައި އަހްސަން ގޭތެރެއަށް ވަދެގެންދިޔައެވެ. އަހަރެން ފަހަތެއް ނުބަލަމެވެ. ހިތަށްއެރިއެވެ. އަހަރެން ކުރާ ކަމެއް ބަލަން އަހްސަން ފިލާހުރެދާނެއެވެ. ވީމާ، ކަރުދާސްކޮޅު ދިރުވައިލީއެވެ.

އިރުއޮއްސުނުއިރު އަހްސަން ގެޔަކު ނެތެވެ. އަހަރެން ފޯނު ރަނގަބީލުގެ އަޑުނީވޭ ހިސާބަކަށް ނުދަމެވެ. ނުވެސް ކަމެވެ. ދަރިންނަށް ކާންދިނީ މަންމައެވެ. އަށްގަޑި ބައިވާންއުޅެނިކޮށް ފޯނު ރަނގަބީލުވިއެވެ. ފުރަތަމަ ރަނގަބީލުގެ މެދަކާ ހިސާބުން އަހަރެން ފޯނު ނެގީމެވެ. ކަންފަތުގައި އަތްގަނޑު ޖައްސައިލީމެވެ. އޭރު ބާރުބާރަށް ހިތްތެޅެއެވެ.

"ހަލޯ!" ވަރަށް ލޯބިން އަހަރެން ބުނީމެވެ.

"ހާދަހާ އިޝްގީ އަޑަކުން؟" އަހްސަން ބުންޏެވެ. "ދުވަހަކު ވެސް ފޯނު ނުނަގާހާ އަވަހަށް ފޯނު ތި ނެގީ ހާއްސަ ކޯލެއް އަންނަނީތަ؟ ނޫނީ ތީ ހަމަ މޫނިތަ؟"

ވީ ފޫއްސަކުން ފޯނުގެ އަތްގަނޑު ހޫރައިނުލެވުނީ ހަމަ ކިރިޔާއެވެ.

"ކިހިނެއްހަދަންވީ؟" ވަގުތުން އަހަރެންގެ ރާގު ބަދަލުވިއެވެ.

"އާނ! ތީ މަގޭ މޫނި!" ޔަގީންކަމާ އެކުގައި އަހްސަން ބުންޏެވެ. "ތި ފޯނު ކައިރީގަ ކޮންމެވެސް ދިމާލެއްގަ އޮންނާނެ ސިޓީއުރައެއް. އެބަ ފޮނުވަން މީހަކު ބަލާ! އޭނަޔާ ހަވާލުކޮށްލާ!"

އަހަރެން ބަލައިލިއިރު އެ ސިޓީއުރައެއް އޮތެވެ. އަހްސަން ފޯނު ބޭއްވިތާ މާ ގިނައިރެއް ނުވެ އައި މީހަކާ ސިޓީއުރަ ހަވާލުކުރީމެވެ. އަނެއްކާ ވެސް އިންތިޒާރުގެ ވަގުތު ގުނަންފެށީމެވެ. ހިތުގައި ޝަކުވާތައް އުފައްދަމުންނެވެ. ހިތާހިތުން ބުނީމެވެ. މިހާ އިންތިޒާރުކުރުވާފައި ރާޝިދު ނުގުޅައިފިއްޔާ އަހަރެން ރުޅިވާނަމެވެ. ދެން ދުވަހަކު ވެސް ވާހަކައެއް ނުދައްކާނަމެވެ. ގުޅާނަމޭ ރާޝިދު ބުނީތީ، އިރުއެރުމުގެ ކުރިން ރާޝިދު ގުޅަންޖެހޭނެއެވެ. އެއްވެސް އުޒުރެއް އަހަރެން ގަބޫލެއް ނުކުރާނަމެވެ. އަހަރެން އިންތިޒާރުކުރީމެވެ. ގަޑީގެ ސިކުންތުކަށީގެ އަޑަށް ވުރެ އަހަރެންގެ ހިތުވިންދުގެ އަޑު ގަދަހެން ހީވެއެވެ.

"އިރުއެރުމުގެ ކުރިން ރާޝިދު ނުގުޅައިފިއްޔާ ދެން ދުވަހަކު ވެސް އަހަރެން ފޯނަކަށް ޖަވާބެއް ނުދޭނަން،" މަޑުމަޑުން އަހަރެން ބުނީމެވެ. "ދުވަހަކު ވެސް މީހަކަށް އިންތިޒާރެއް ނުކުރާނަން. މީހެއް ދެކެ ލޯތްބެއް ވެސް.."

ފޯނު ރަނގަބީލުވިއެވެ. އެ ފަހަރު އެހާ އަވަހަކަށް ފޯނެއް ނުނަގަމެވެ. އަހްސަނަށް އިތުރު ޝައްކެއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދެތިން ފަހަރަކު ރަނގަބީލުވުމުން ކަންފަތުގައި އަތްގަނޑު ޖައްސައިލީމެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. ފުރަތަމަ ވާހަކަދައްކާ މީހާއަށް އަހަރެން ނުވާންވެގެންނެވެ. ސާޅީހަކަށް ސިކުންތު މަޑުކުރީމެވެ. ފޯނުކުރި މީހަކު ދެން ވެސް ވާހަކައެއް ނުދެއްކިއެވެ. ރާޝިދުކަން އަހަންނަށް ކަށަވަރުވީ އެ ހިސާބުންނެވެ. ފަހަރެއްގައި އަހްސަން ފޯނު ނަގައިފާނެތީ ކަށަވަރުކުރަން ރާޝިދު އެއްޗެއް ނުބުނީކަމަށް ނިންމީމެވެ.

"ރާޝިދު؟" އަހަންނަށް ބުނެވުނެވެ.

"ކިހިނެއް ހާލު؟" ރާޝިދުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.

ވަގުތުން އަހަންނަށް ރޮވުނެވެ. އަހަންނަކަށް ކަރުނައެއް ނުހިފޭއްޓުނެވެ. ވާހަކައެއް ނުދެއްކުނެވެ. އެއީ ކިހާ ދިގު އިންތިޒާރެއްގެ ނިމުން ހެއްޔެވެ؟ ރާޝިދުގެ ރީތި އަޑު އަހައިލުމަށް ޓަކައި އަހަރެން ހުރީ ކެތްމަދުވެފައެވެ. ކަރުހިއްކައިފައެވެ. އެ އަޑުއިވުމުން ރާޝިދު ދެކިލާހިތްވީ މާ ވަރަކަށެވެ. ބުނަން ބޭނުން އެތައް ވާހަކައެއް ހުއްޓެވެ. ޝަކުވާތަކެވެ. ފަރިޔާދެވެ. އެކަމަކު އެންމެ ލަފުޒެއް ވެސް އަހަންނަކަށް ނުބުނެވުނެވެ. އަހަރެން ރުއީއެވެ.

"ދެން ހުއްޓާލާ!" ރާޝިދު ހިތްވަރުދިނެވެ. "މޫނި ރޮއްވާކަށް ނޫނޭ މި ގުޅީ. ރަނގަޅު ގަޑިއެއްގަތަ މި ގުޅުނީ؟ ކޮބާ އަހްސަން؟ ގޭގެ ކަންތައް ކިހިނެއް؟"

"ރާޝިދު.. ދެކިލާހިތް.. ވަނީ!" ތުރުތުރުއަޅާ އަޑަކުން، ގިސްލަމުން އަހަރެން ބުނީމެވެ. "ހެޔޮނުވާނެ! ހަމަ އެންމެ ފަހަރަކު.."

"އެނގޭތަ އަހަރެން މިހާރު މިހިރީ ކޮންތާކުކަން؟" ރާޝިދު އެހިއެވެ. "އެނގިއްޖެއްޔާ ހައިރާންވާނެ."

"ކޮން.. ކޮންތާކު؟" އަހަރެން އެހީމެވެ.

"ސިފައިންގޭގަ،" ރާޝިދު ބުންޏެވެ. "މިއަދު ވަޒީފާ ހަމަޖެހުނީ. ފުރަތަމަ ވެސް މި ގުޅީ މަގޭ މޫނިއަށް."

އަހަރެން ދެކެ ރާޝިދު އެހާ ލޯބިވާކަން އެނގުމުން، އަނެއްކާ އަހަންނަށް ރޯންފެށުނެވެ. އެހާ ދުވަސްވީއިރު ވެސް ރާޝިދުގެ ހިތުން އަހަރެންގެ ނަން ނުފުހެވުނީމައެވެ. އަހަންނަކީ ރާޝިދަށް ކިހާ ހާއްސަ މީހެއްކަން އަހަންނަށް އިހުސާސްކޮށްދިނީމައެވެ. ކުޑަކުއްޖެއްހެން ގިސްލަގިސްލައިފައި އަހަރެން ރުއީމެވެ. ހުއްޓާލާކަށް އަހަރެން އެއްވެސް މަސައްކަތެއް ނުކުރަމެވެ. ރާޝިދުގެ މޭގައި ބޯއަޅައިލައިގެން އޮވެ އެ ތަނަވަސް މޭމައްޗަށް ކަރުނަތައް ހިންދައިލަން ހިތްއެދުނެވެ.

"މޫނީ!" ރާޝިދު ސަމާސާ ރާގެއްގައި ބުންޏެވެ. "ތިހާ ދެރަވާނެކަން އެނގުނު ނަމަ މި ވަޒީފާއަށް ނުވެސް ވަނީމުސް. މޫނި ބައްޕަ ގާތުގަ ބުނޭ ދަރުފަޅަން ނޫނީ ގާތަޅަން އަހަންނަށް ވަޒީފާއެއް ދޭށޭ. ނޫނީ ވަރިހަމަ މޫނި ނިންދަވަން ވާހަކަކިޔައިދޭ ވަޒީފާ ހުސްކޮށްއޮތިއްޔާ އެ ކަން ހަވާލުކުރިޔަސް. އޭރުން ކިހިނެއްބާ ވާނީ؟"

އެ ފަހަރު ރާޝިދުގެ މަސައްކަތް ކާމިޔާބުވިއެވެ. އަހަރެން ހެއްވާލެވުނެވެ. އަހަރެންގެ ހިތަށް ލުއިވިއެވެ.

"އޭރުން.. އޭރުން ރާޝިދުގެ.. ރާޝިދުގެ ރީތި އަޑުގެ އަސަރުގަޖެހިފަ ހަތަރުދަމު.. ހޭލާއޮންނާނީ!" އަހަރެން ބުނީމެވެ. "ނުކެރޭނެ ނިންދަވާލާކަށް."

"މޫނި ގޮވައިގެން އުނދޯއްޔަށްއަރާ ނާނާކިޔަން ފަށާފާނަމޭ!" ރާޝިދު ހީނ ވެސް ނުލައި ބުންޏެވެ. "އަހަރެން ކިޔާނީ ބާއޮކަލޯ ނާދޭ! މިގޭ ދޮށަށް ނާދޭ!"

އަހަރެން ހިނިގަނޑުފަޅައިގެންދިޔައެވެ. އެ މަންޒަރު އަހަންނަށް ސިފަވީއެވެ. ކުޑަކުދިން އުނގަށްލައިގެން ބޮލުގައިހިފައި ހަލުވާހެން ރާޝިދުގެ އުނގަށް އަހަރެން ލައިގެންއިން މަންޒަރެވެ. ދެން އަނެއްކާ ހިނިގަނޑު މައިތިރިނުވެގެން އުޅެންޖެހުނެވެ.

"މޫނި ހޭއަޑުއިވުނީމަ އަހަރެންގެ ހިތްފުރިއްޖެ!" ރާޝިދުގެ އަޑުގައި ހިތްދަތިކަމެއް ހުއްޓެވެ. "ތި ގޮތަށް އަބަދުވެސް އުފާވެފަ ހުރެބަލަ! އަހަރެން ދޭނަން އަހަންނާ ގުޅޭނެ ނަންބަރު. އެކަމަކު މޫނި ނުގުޅާތި! އަހަރެން ބަރާބަރަށް ގުޅާނަން. އަޑުއެހިން މޫނި ނުކާ ވާހަކަ. އެހެން ނަހަދައްޗޭ! ރަނގަޅަށް ކައިގެން ހިތްހަމަޖެހިގެން އުޅެންވާނީ. ކަންކަމާ ދިމާވާނެ. އެއްވެސް ކަމަކީ އަބަދަކު އެއްގޮތަކަށް އޮންނަ ކަމެއް ނޫނެއްނު ދޯ. ގެއިން ނެރެލިޔަސް ކޮން ދެރައެއް އަހަންނަށް ލިބުނީ؟ އެއްވެސް މީހަކަށް އަނެކަކަށް ދެރައެއް ނުދެވޭނެ. އެ ގޮތަށް ވިސްނާނީ އިނގޭ! މޫނި ދެރަވެެގެންއުޅެންޏާ އަހަންނަށް ކޮން ހިތްހަޖެހުމެއްލިބޭނީ؟ ދޯ!"

އަހަންނަށް ގަބޫލުކުރެވުނެވެ. ރާޝިދު ފޯނު ބޭއްވީ ގުޅާނެ ވަގުތު ބުނެފައެވެ. އޭގެ ފަހުން ކޮންމެ ރެޔަކު ރާޝިދު ގުޅައެވެ. އަހްސަނަކީ ގޭގައިއުޅޭ މީހެއް ނޫންވީމައި އެއިން އަހަންނަށް ކުރީ ފައިދާއެވެ. ބުނެފައިއޮންނަ ވަގުތަށް ރާޝިދު ގުޅައެވެ. އަހަންނަށް ހިތްވަރުދެއެވެ. ރާޝިދުގެ ވާހަކަތައް އަހަރެން ގަބޫލުކުރީމެވެ. އަހަރެންގެ ނަޒަރުގައި ރާޝިދަކީ ގޮތެއްހުރި މީހެކެވެ. ހަރުދަނާ އުސޫލުތަކެއްގެ ވެރިޔެކެވެ. ނުބައިކަމަކަށް އަހަންނަށް ދައުވަތެއް ނުދެއެވެ. އަހަރެންގެ ކުރިމަތީގައި އޭނަގެ އަގުވައްޓައެއްނުލައެވެ. އަހަރެން ހިތަށްއަރައެވެ. ރާޝިދަކީ ރީތި މީހެކެވެ. ސަރުކާރުގެ ހަރުދަނާ ވަޒީފާއެއް އަދާކުރާ މީހެކެވެ. އޭނަޔާ އިންނާނެ ބައިވަރު އަންހެނުން ވާނެއެވެ. އަހަންނަކީ ތިން ކުދިންގެ މަންމައެކެވެ. މީހެއްގެ އަންބެކެވެ. ރާޝިދަކަށް އަހަންނަކާ ނީނދެވޭނެއެވެ. ފެންނަން ނެތް މަންޒިލެއް ހޯދަން ރާޝިދު ދަތުރުކުރަންވީ ކީއްކުރަން ހެއްޔެވެ؟ ވަގުތު ބޭކާރުކުރަންވީ ކީއްކުރަން ހެއްޔެވެ؟ އޭގެ ޖަވާބުދިނީ އަހަރެންގެ ހިތެވެ. ރާޝިދުގެ ހިތުގައިވަނީ އަމިއްލައެދުމެއް ނެތް ތެދުވެރި ލޯތްބެކެވެ. ލޯބިވާ މީހުންނަކީ ކޮންމެ ހާލެއްގައި ވެސް އެކުގައި އުޅޭ މީހުންނެވެ. ހިތާމަތަކުގައި ބައިވެރިވާ މީހުންނެވެ. ޝަރުތަކާ ނުލައި ލޯބިވާ މީހުންނެވެ.

ކިތަންމެ ދުރުން ވިޔަސް އެކަކަށް އަނެކަކު ފެނިލަން އަހަރުމެން ބޭނުންވެއެވެ. ނޭނގުނީ އެ މަގު ފަހިކުރަން ހަދާނެ ގޮތެކެވެ. އަހަރުމެން ފޯނުން ވާހަކަދައްކާކަމެއް އަހްސަނަކަށް ނޭނގެއެވެ. ފޯނުކޮށްފިއްޔާ އަހަރުމެން އަވަހަކަށް ނުބާއްވަމެވެ. ފޯނުން ވާހަކަދައްކަން އަހަރުމެން ތިބޭއިރު ވަގުތުދާ ގޮތް ނުވެސް އެނގެއެވެ. އެ ފޯނަށް އަހްސަން ގުޅާނެކަމާއި ފޯނު ހުންނާނީ އެންގޭޖުވެފައިކަން އަހަންނަށް ނޭނގެނީކީ ނޫނެވެ. ފަޅާއަރައިފިއްޔާ ދެން ވާނެ ގޮތް ވެސް ނޭނގެނީކީ ނޫނެވެ. އެކަމަކު ރާޝިދަށް ވުރެ ކުރިން އެއްފަހަރު ވެސް އަހަރެން ފޯނު ބާއްވާހިތެއް ނުވެއެވެ. ކޮންމެ ފަހަރަކު ވެސް އަހަންނަށް ހީވަނީ އެއީ ވާހަކަދެއްކޭނެ އެންމެ ފަހު ފަހަރުހެންނެވެ.

ކަންކަމާ ބިރުގަތުމަކީ ހެޔޮ ފާލެއް ނޫނެވެ. ބިރުންއުޅޭ ކަންކަން ޔަގީނުން ވެސް ކުރިމަތިނުވެއެއް ނުދާނެއޭ މީހުން ބުނެއެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. އެއްރެޔަކު އަހަރެން ރާޝިދާ ފޯނުން ވާހަކަދައްކަން އިންދައި ދޮރަށް ތަޅުދަނޑި ޖެހި އަޑު އިވުނެވެ.

"އޭ! އިހަށް ބާއްވާނަން އިނގޭ!" ރާޝިދު ގާތުގައި އަހަރެން ބުނީމެވެ.

އަހަރެން ފޯނު ބާއްވައިފައި ފޯނުން އަތް ދޫކޮށްނުލެވެނީސް ކުއްލިއަކަށް އަހްސަން ވަނެވެ. އެއީ ދުވަހަކު ވެސް އަހްސަން ގެއަށް އައި ގަޑިއެއް ނޫނެވެ. ކޮޓަރިއަށް ވަންއިރު ވެސް އަހްސަންގެ ދެ ކަންފަތުން ދުންއަރާ ކަހަލައެވެ.

"ކިހާއިރެއް ތި ފޯނަށް މަ ގުޅާތާ!" ރުޅިއައިސްފައި އަހްސަން ބުންޏެވެ. "ކާކަށް ގުޅައިގެންއުޅުނީ؟"

"ރާޝިދަށް!" އަހަރެން އެ ފަހަރު ވެސް ބުނީ ތެދަށެވެ.

ނުނިމޭ