ދެކޭހިތްވޭ ނިކަން

ބުދަ ދުވަހާ ގުޅޭ


މައިންބަފައިން އަހަރެންގެ ނިތްކުރީގައި ޖަހާނީ ކޮންކަހަލަ ސިއްކައެއްކަމެއް، އަހަރެންގެ ދަރިން ދެކޭނީ ކިހިނެއްކަމެއް އަހަންނަކަށް ވިސްނައެއް ނުލެވުނެވެ. އަހަރެންގެ ކޮޓަރީގައި، ގިފިއްޔަށް ނުކުންނަން ދޮރެއް ހުރެއެވެ. ގިފިލީގެ ގަސްތަކު ތެރެއިންލާފައި ގޮސް ދޮރާއްޓަކުން ނުކުމެވޭނީ މަގުމައްޗަށެވެ. ވީމާ، މައިދޮރޯށީގެ ބަދަލުގައި އެ ވަލުދޮރޯށިން ރާޝިދު ގެންނަން ވަރަށް ފަސޭހައެވެ. އެހެން މީހުންގެ ލޯތަކުގައި އަޅައިގަތުން ވެސް ކުޑަވެއެވެ. އަހަރެންގެ ޅަ ސިކުނޑިއަށް ވިސްނުނު ގޮތުގައި އެއީ ވަރަށް މޮޅު ރޭވުމެކެވެ. އަންގަން ބޭނުން ނުވާ އެކަކަށް ވެސް ނޭނގޭނެއެވެ. އެކަމަކު، އެއްވެސް މީހަކަށް ނުފެނި ރާޝިދު ގެއަށް ގެނެވިއްޖެއްޔާ ދެން އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެ ފަދަ ފުރުސަތެއް ތަނަވަސްވެއްޖެއްޔާ އަހަރެންގެ ކެތްތެރިކަން އޮބެހެއްޓޭނެކަމުގެ އެއްވެސް ޔަގީންކަމެއް އަހަންނަށް އެބައޮތް ހެއްޔެވެ؟ އިރުއޮއްސުނީ، އެ ބިރުވެރި ސުވާލުގެ ޖަވާބު ނުލިބިގެންއުޅެނިކޮށެވެ. ކުދިންނާ އެކުގައި ސައިމޭޒުދޮށުގައި އަހަރެން އިންދައި ކުއްލިއަކަށް ނާސިހާ އައެވެ. ލޮލުން އަހަންނަށް އިޝާރާތްކޮށްލިއެވެ. ވަގުތުޖެހުނީއެވެ. ދެ ފިކުރެއްގައި އިނދެފައި އަހަރެން ބޮލުގެ އިޝާރާތުން އާނއެކޭ ބުނީމެވެ. ނާސިހާ ކޮޓަރިއަށް ވަނެވެ. ވަލުދޮރޯށިން ރާޝިދު ވެއްދުމަށް ޓަކައެވެ. އަހަރެންގެ ހިތް، މޭފަޅައިފައި ނުކުމެދާނެ ކަހަލައެވެ. ހިތުގެ ވިންދު ނޫން އެއްޗެއް އަހަންނަކަށް އިހުސާސެއް ނުވެއެވެ. ސިކުނޑި ބުނަމުންދިޔައެވެ. ތިޔަ ކުރެވެނީ ރަނގަޅުކަމެއް ނޫނެވެ. އޭގެ ނަތީޖާ ހިތިވާނެއެވެ. ސައިބޯންތިބެގެން ކުދިވެރިން ސަކަރާތްޖަހަމުންގެންދިޔައިރު އަހަރެންގެ ވިސްނުން ހުރީ މުޅީން އެހެން ކަމަކަށެވެ.

"އައްސަލާމް އަލައިކުމް!" ރާޝިދު ހިތްގައިމު އަޑު އަހަންނަށް އިވުނެވެ.

އަހަންނަށް ތެދުވެވުނެވެ. ސަލާން ބަލައިގަންނާކަށް ހަނދާނެއް ނުވިއެވެ. އަނެއްކާ އިށީނދެވުނެވެ. އަނެއްކާ ތެދުވެވުނެވެ. ހިނިތުންވާން އުޅުނީމެވެ. ކޮންމެވެސް ވަރަކަށް އެ ކަން ކާމިޔާބުވިހެން ހީވިއެވެ.

"އިށީނދެ ސައިބޯން!" އަހަންނަށް ބުނެވުނެވެ.

ރާޝިދު ލައިގެންހުރީ، ކުރިމަތިން ރޫނަގައިފައިވާ ކަޅު ފަޓުލޫނަކާއި މުށިކުލަޔަކަށްދާ އަތްދިގު ގަމީހެކެވެ. ދަށަށްޖަހައިފައިވާ ގަމީހުގެ އަތުކުރި ހުރީ ރީތި ވަރަކަށް އޮޅައިފައެވެ. މެދަށް ވުރެ ތަންކޮޅެއް އަރިމަތިން ފަޅާފައިވާ އިސްތަށިގަނޑުގައި ރީތި އޮފެއްހުއްޓެވެ. ދަތްދޮޅީގެ އަޑިކޮޅު ރީތިކަމުން ފިރުމައިލެވިދާނެތީ އަހަރެންގެ އެއް އަތުން އަނެއް އަތުގައި ހިފެހެއްޓީމެވެ. އާދަޔާ ހިލާފު ނަޒަރަކުން އަހަންނާ ދިމާއަށް ރާޝިދު ބަލާކަން އަހަންނަށް ފާހަގަވިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެން ހުރީ އަހަރެންގެ ރީތިކަން ރާޝިދަށް ދައްކައިގެންނެވެ. ދުރާލައި އެ ކަމަށް ތައްޔާރުވެގެންނެވެ. ލޮލުގައި ގަލަދުންއަޅައި، ތުންފަތުގައި ކުލަޖައްސައި، ފުށްޖަހައި، ރީތި ގޮތަކަށް ފުނާއަޅައިގެންނެވެ. އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑީގައި ރާޝިދު އިށީނދެފައި ކުދިންނާ ވާހަކަދައްކަން ފެށިއެވެ. ނާސިހާ ހުރީ ބޭރުގައި ފާރަޔަށެވެ. އެންމެ ދެތިން މިނެޓު ތެރޭގައި ކުދިންނަށް ރާޝިދު ކަމުދިޔައެވެ. ރާޝިދުގެ އޯގާތެރިކަމާއި ސާދާކަމުގެ ސަބަބުން އެ ދެމެދުގައި ގާތް ގުޅުމެއް އުފެދުނެވެ. ރާޝިދުގެ އެސްފިޔަޖެހުމާއި، ބޮލުގެ ހަރަކާތާއި، ހިނިތުންވެލުމާއި، ދަތްދޮޅީގައި އަތްވިއްދައިލުމާއި، ގޮނޑީގައި ލެނގިލާލެނގިލުން ވެސް އަހަރެންގެ ހިތުގެ ކެމެރާގައި ވިދުވަރެއްހެން ކުރަހެމުންދިޔައެވެ. ރާޝިދު އައުމުން އުފާވެރިކަމުގެ ހުވަނދުން މާހައުލު އެއްވަސްވިއެވެ. ލޯބީގެ މާފިޔަތައް ހުއްޓުމެއް ނެތި އޮހެން ފެށިއެވެ. ހިތަށްއެރިއެވެ. ދޫނިފުށުގެ ބާލީހެއް އުނގުތެރޭގައި ބޮނޑިކޮށްލާހެން ރާޝިދު ބޮނޑިކޮށްލަފާނަމެވެ. އަހަރެން އިނީ ރާޝިދު އިންލެއް ދުރުކަމުން އުނދަގޫވެފައެވެ. އެކަމަކު އެ އުނދަގޫ ބޭރަށް ފާޅެއްނުކުރަމެވެ. ރާޝިދު ކެތްގަދައެވެ. އެކުވެރިކަން ފިޔަވައި އެހެން ގުޅުމެއް އަހަރުމެންގެ މެދުގައި އޮތްކަން ދޭހަވާ ފަދަ އެއްވެސް އިޝާރާތެއް ރާޝިދު ނުކުރެއެވެ. އެކުވެރި ޖައްވެއްގައި އަހަރުމެން ސައިބޮނިކޮށް ދެން ވީ ވެގެން ނުވާނެ ކަމެކެވެ. މޭޒު ދަށުން އަހަރެންގެ ފައިވާނުގައި ރާޝިދުގެ ފައިވާން ޖެހުނެވެ. އަހަންނަށް ސިހުމެއް ލިބުނެވެ. ޔަގީނުން ވެސް އެއީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫނެވެ. ރާޝިދުގެ ނިޔަތެއް ނޭނގެއެވެ. ރާޝިދު ފައި ދުރެއް ނުކުރިއެވެ. އަހަންނެއް ވެސް ނުކުރަމެވެ. ކުއްލިޔަކަށް ރާޝިދުގެ ފައިތިލަ އަހަރެންގެ ފައިތިލައިގައި ޖެހުނެވެ. އަހަރެންގެ ގަޔަށް ހީވީ ކަރަންޓުއައިހެންނެވެ. ސިއްސައިގެންދިޔަ ވަގުތު އަހަންނަށް ކުޑަކޮށް ހަޅޭއް ވެސް ލަވައިގަނެވުނެވެ. އެންމެން ދިޔައީ ސިއްސައިގެންނެވެ. އޭރު އަހަރެންނަށް ހުރެވުނީ ކޮޅަށްތެދުވެއެވެ.

"ކިހިނެއްވީ؟" ވީގޮތް އެނގި ހުރެ އަހާ ކަހަލަ ގޮތަކަށް ރާޝިދު އެހިއެވެ.

ކުދިން ނެތް ނަމަ ރާޝިދު ގައިގައި ތަޅައިގަތީމުހެވެ. ދެވަނަ ފަހަރަކު އެ ކަހަލަ ލާނެތްކަންތައް ނުކުރާވަރުކުރީމުހެވެ.

"ސައިބޮވިއްޖެއްނު!" ކުދިންނަށް އަހަރެން ބުނީމެވެ. "ދެން ދޭ ކާފަޔަށާ މާމަޔަށް ގޮވައިލައިފަ ނިދަން އަންނަން."

ކުދިން ދިޔުމާއެކު އަހަރުމެން އެކަނިވިއެވެ. އޭރު ވެސް އަހަންނަށް ހުރެވުނީ ކޮޅަށެވެ.

"އަހަންނޭ ސިފައިންގޭގަ މި އުޅެނީ،" ލާނެތް ރާގެއްގައި ރާޝިދު ބުންޏެވެ. "ސިފައިންގެއަށް އަންހެނުންނެއް ނުވައްދާނެ. އިށީނދެބަލަ!"

"ހާދަ ގޯހޭ!" އަހަރެން އިށީންނަމުން ބުނީމެވެ.

ހަމަޔަކަށްއެޅުމަށް ޓަކައި އަހަރެން ފެންފޮދެއްބޯލީމެވެ. ފެންބުއި ތަށި ބެހެއްޓުމާއެކު ރާޝިދު އެ ތަށި ނެގިއެވެ. ތަށީގެ މެދަކާ ހަމައަށް ފެން ހުއްޓެވެ. ރާޝިދު ފަރުވާތެރިކަމާ އެކުގައި ތައްޓަށް ބަލައިލިއެވެ. ތަށީގައި ވަރަށް ފާޅުކޮށް އަހަރެންގެ ތުންފަތުގެ ނިޝާން ހުއްޓެވެ. ލާނެތް ނަޒަރަކުން އަހަންނާ ދިމާއަށް ރާޝިދު ބަލައިލިއެވެ. ދެ ލޯ ތަންމިނަށް ހުޅުވައިގެން އަހަރެން އިންދައި ރާޝިދު ތަށީގައި ތުންޖެހިއެވެ. އަހަރެންގެ ނޭވާދިޔައީ ކުރުވެގެންނެވެ. އެ ދަނޑިވަޅަށް ނާސިހާ ކެއްސައިލި އަޑުއިވުނެވެ. އެއީ އަހަރެންގެ ސިގުނަލެވެ. ނާސިހާއަށް ކޮންމެވެސް ނުރައްކަލެއް ފެނުނީއެވެ. ނާސިހާ ކަރުކެހިލި ނަމަ އަދި އިރުކޮޅަކު ރާޝިދާ ވާހަކަދައްކަން އަހަންނަށް އިނދެވުނީހެވެ. ކެއްސައިލުމުން ވަގުތުން ރާޝިދު ފޮނުވައިލަންޖެހޭނެއެވެ. ރާޝިދަށް އިޝާރާތްކުރަމުން އަހަރެން ތެދުވީމެވެ. އަހަރެންގެ ދެފައިކޮޅުގައި ވާގިހުރިކަން ނަސީބެކެވެ. އަހަރުމެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. ކޮޓަރިތެރެއިން ގިފިއްޔަށް ވަނީމެެވެ. އަނދިރި ވަގުތެކެވެ. ވަށައިގެން ގަހެވެ. ތިންވަނަ މީހަކު ނެތެވެ. އެތަކެއް އިންތިޒާރަކަށް ފަހު އައި އުފާވެރި ވަގުތުކޮޅެއް ކުއްލިއަކަށް ނިމެނީއެވެ. ދެން ބައްދަލުވާނެ ދުވަހެއް ނުވަތަ ބައްދަލުވާނެކަމެއް ވެސް ނޭނގެއެވެ. ގާތުގައިހުރީ އެންމެ ލޯބިވާ މީހާއެވެ. އިބިލީހުގެ އަވައިގައިޖެހެން އެއަށް ވުރެ އެކަށޭނަ ހާލަތެއް އަންނާނެ ހެއްޔެވެ؟ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ.

ގިފިލީ ދޮރުގައި ޓަކިޖެހި ވަގުތަކީ އަހަރެން ދޮރު ހުޅުވައިލިވަގުތެވެ. ކުރިމަތީގައި ހުރީ އަހްސަނެވެ. އަހަރެންގެ ހިތުގެ ވިންދު އޭރު ވެސް ހަމަޔަކަށްނޭޅެއެވެ. ނޭވާ ކޮންޓުރޯލެއް ނުވެއެވެ.

"ބޮކި ވެސް ނުދިއްލާ ތި އުޅެނީޔޯ؟" އަހްސަން ސުވާލުކުރިއެވެ.

އަހަންނަކަށް ޖަވާބެއްނުދެވުނެވެ. ކޮޓަރިއަށް ދެމިގަތީމެވެ. އަހްސަން ގިފިއްޔަށް ވަނެވެ. ހަދާނެގޮތެއް ނޭނގިގެން ދެކޮޅަށް ހިނގައިލައިފައި އަހަރެން ކޮޓަރިން ނުކުތީމެވެ. ނާސިހާ މޭޒުމަތިން ތަށިތައް ނަގައިގެން ދޮންނަން ހުއްޓެވެ. އަހަރެން ގޮސް މޭޒުކައިރީގައި ހުއްޓިލީމެވެ. އެ ތަނުގައި އޮތް ވަޅިއެއް ނެގީމެވެ. ވަޅީގެ ތުނޑުން ކަރު ކަހައިލީމެވެ.

"މޫނި!" ނާސިހާ ހަޅޭއްލަވައިގަތެވެ.

އަހަރެން ސިއްސައިގެންދިޔައެވެ. ނާސިހާޔާ ދިމާއަށް ބަލައިލެވުނެވެ.

"ކީއްތިކުރަނީ؟" ނާސިހާ އެހިއެވެ. "ތީ އެންމެ ތޫނު ވަޅިޔޭ!"

އަތުގައި ވަޅިއެއް އޮތްކަން އަހަންނަށް އެނގުނީ ވެސް އެ ހިސާބުންނެވެ. އަލިފާނުން ދޮންކޮށްފައިވާ ދަގަނޑެއްގައި ހިފުމުން ދަގަނޑު އެއްލައިލާހެން ވަޅި އެއްލައިލެވުނެވެ.

"ކިހިނެއްވީތަ؟" ނާސިހާ އެހިއެވެ.

"ކަމެއްނުވޭ!" އަހަރެން ބުނީމެވެ.

ވާފިރަށް ކޮންމެވެސް ކަހަލަ ޝައްކެއްވިއެވެ. ނާސިހާޔާ ސުވާލުކުރިއެވެ. ގޭގައި އުޅޭ އެހެން ކުދިންނާ ވެސް ސުވާލު ކުރިއެވެ. ދެނަހުރިކަމަށް ވެސް ނާސިހާ ނުހެދިއެވެ.

"ވާފިރު ބުނީ އޭނަ ދުށީމޯ ރާޝިދު މި މަގުން ދަނިކޮށް،" ނާސިހާ ކިޔައިދިނެވެ. "ކޮންތާކަށްހޯ އެ ދިޔައީ؟ މަ ބުނިން މަށަށް ކިހިނެއްހޭ އެނގެނީ. ވާފިރު އިންޒާރު ވެސް ދިން. ބުނީ ރާޝިދު މި ގެއަށް ވައްދަން ކުއްޖަކު އެހީވިޔަސް އެ ކުއްޖަކު ގެއިން ނެރެލާނަމޯ! ހީވަނީ އޭނަގެ ގެހެން. ކުޑަމިނުން ސިޓީއެއް، މީހަކު ބުނި ވާހަކައެއް ނޫނީ ފޯނު ނަންބަރެއްހާ ހިސާބު މޫނިއަށް ދިންކަން އެނގުނަސް އެ ދުވަހުން އެދުވަހަށް ފޮއްޓަށް އެއްޗެހި އަޅަންޖެހޭނޯ! މޫނިޔާ އެއްކޮޅަށް ތިބެނީ ކޮންކޮން ކުދިންނެއްކަން ވާފިރަށް ނޭނގޭތީ ހުރިހާ ކުދިންނަށް އިންޒާރުދިން!"

އަހަރެން ހިތަށްއެރިއެވެ. ކޮންމެ ގޮތަކަށް ކައިވެނިކުރި ނަމަވެސް އަހްސަނަކީ އަހަރެންގެ ފިރިމީހާއެވެ. އަހަރެން ކިޔަމަންތެރިވާން ޖެހޭނެއެވެ. އެކަމަކު ވާފިރަކީ ކާކުކަން ވާފިރަށް އެނގެން އެބަޖެހެއެވެ. އަހަރެން ހިނގައިގަތީ ވާފިރާ ކުރިމަތިލާށެވެ.

"ދަރިފުޅާ!" މަންމަ ހާސްވެފައި ގޮވައިލި އަޑުއިވުނެވެ. "ބައްޕައަށް ކޮންމެވެސް ކަމެއް ވެއްޖެ!"

އަހަރެން ދުވެފައި ގޮސް ބައްޕަ ކޮޓަރިއަށް ވަންއިރު ބައްޕަ އޮތީ ތަޅުންގަނޑުމަތީގައެވެ. އެ ހިސާބުން އެހެން ހުރިހާ ކަމެއް އަހަރެން ހަނދާންނައްތައިލައިފައި ބައްޕަ ހޮސްޕިޓަލަށް ގެންދިޔައީމެވެ. ޑަކުޓަރުން އިސާހިތަކު ބައްޕަ ހޭއެރުވިއެވެ. އެހެނަސް ބައްޕައަކަށް ވާހަކައެއްނުދެއްކުނެވެ. ހަށިގަނޑުގެ އެއްފަޅިން އަނެއްކާ ވެސް ވާގިދިޔައީއެވެ. ދެން ބައްޕަ އަލުން ގެއަށް ނާންނާނެކަމަށް އަހަންނަށް ހީކުރެވުނެވެ. މަންމަގެ މޫނުމަތިން އަހަންނަށް އެ ހާސްކަން ފެނުނެވެ.

ބައްޕަ ގާތުގައި ހޮސްޕިޓަލުގައި އެންމެ ގިނައިން އިނީ އަހަންނެވެ. އަހަންނަށް ފާހަގަކުރެވުނުކަމަކީ ކޮންމެވެސް އެއްޗެއް ބުނަން ބައްޕަ މަސައްކަތްކުރިކަމެވެ. ރަނގަޅަށް ދޫ ނުހެލުވޭތީ ބައްޕަ ކިޔާ އެއްޗެއް އަހަންނަކަށް ނޭނގެއެވެ. ސަލާމަތުންއޮތް އަތް ހަލުވައިގެން ވެސް ވާހަކަދެއްކޭތޯ ބައްޕަ ލައްކަ މަސައްކަތްކުރިއެވެ. އަތުގެ އިޝާރާތުން އަހަރެންނަށް ގޮވީމައި ބައްޕަގެ ކަންފަތް ކައިރިއަށް ގުދުވެގެން އެތައްއިރަކު އަހަރެން އޮންނަމެވެ. ވައި އަޑުތަކެއް ފިޔަވައި އެހެން އެއްޗެއް ބައްޕައަކަށް ނުބުނެވެއެވެ.

ހޮސްޕިޓަލުގައި ބައްޕަ އޮންނަތާ ތިންވަނަ ރޭ ކުއްލިއަކަށް ބައްޕަ އުކުނޑިކޮއްޓަން ފެށިއެވެ. ފެށި ގޮތަކަށް ދެނެއް އެ ކަމެއް ނުއެއް ހުއްޓުނެވެ. އެ މަންޒަރު ބަލަން އަހަންނަށް ވަރަށް އުނދަގޫވިއެވެ. ޑަކުޓަރުން އައިސް އެ ކަން ހުއްޓުވޭތޯ އެކި ގޮތްގޮތުން މަސައްކަތްކުރި ނަމަވެސް ބަދަލެއް ނައެވެ. ރާއްޖެއިން ބޭރަށް ގެންދަން ވިސްނީމެވެ. ޑަކުޓަރު ބުނި ގޮތުގައި ބޭރުން ވެސް އުކުނޑިއަށް ކުރެވޭނެ ވަކި އިތުރު ފަރުވާއެއް ނޯންނާނެއެވެ. ޖެހޭނީ އެ ކަން ރަނގަޅުވާނެ ވަގުތަކަށް އިންތިޒާރުކުރާށެވެ. އުކުނޑިކޮއްޓުން އެއްކޮށް ރަނގަޅު ނުވެ، އެ ވޭނުގައި ބައްޕަ އޮންނަތާ ހަތަރުވަނަ ދުވަހުގެ ފަތިހު ބައްޕަ ނިޔާވިއެވެ. އަހަރެންގެ ހާޒިރުގައެވެ.

ނުނިމޭ