ދެކޭހިތްވޭ ނިކަން

ބުދަ ދުވަހާ ގުޅޭ


"ކޮންކަމެއް ރަނގަޅުނުވަނީ؟" އަހަރެން އެހީމެވެ.

"އަހަންނަކަށް ވެސް ތިއެއް ނޭނގެ. ވަރަށް ފަހުން ވެސް އޭނަ ލަންކާއަށް އައެއްނު!" ދީމާ ބުންޏެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން ބަލަހައްޓައިގެން އިނީމެވެ. އަހްސަން އުޅޭ ގޮތަކާއި ދާހައި ތަންތަނެއް އަހަންނަކަށް ނޭނގޭނެއެވެ. އޭނަ ގެއަށް ނައިމަ ނައީއެވެ. އައިމަ އައީއެވެ.

"ހަނދާނެއް ނެތްދޯ؟ އަހްސަން ބެލި ޑޮކްޓަރަށް އަހަރެން ވެސް ދެއްކީ،" ދީމާ ކިޔައިދިނެވެ. "ޑޮކްޓަރު ކޮޓަރިޔާ ދިމާއަށް އަހަރެން އަންނަނިކޮށް، ހަމަ އެ ރޫމުން އަހްސަން ނުކުތީ. ވެދާނެ އޭނައަށް އަހަރެން ނުފެނުނީކަމަށް ނޫނީ ފެންނަކަމަށް ނުހެދީކަމަށް. އެ ޑޮކްޓަރު ވަރަށް ރައްޓެހިވާނެ. އަހަރެން އަހާލިން ދެންމެ ނުކުމެގެންދިޔަ މީހާއަށް ކިހިނެއްހޭވީ؟ ބުނީ އެއީ ހޮސްޕިޓަލުގެ ސިއްރޭ ނުބުނެވޭނޭ! ކުޑަކޮށް އަނތަގަޅައިހަދައިލީމަ ހަމައެކަނި ބުނީ މިހެން. ވެރީ ޑޭންޖަރ. ވެރީވެރީ ޑޭންޖަރ."

އަހަރެން އެ ހިސާބުން ކަންބޮޑުވިއެވެ. ފަހަކަށް އައިސް އަހްސަން އުޅެނީ ކޮންމެވެސް ކަމަކާ ލައިނުގަނެގެން އުޅޭހެންނެވެ. އަހަރުމެންގެ މެދުގައި އަނބިފިރިކަމުގެ ގުޅުމެއް ނުހިނގާތާ ވެސް އެތަކެއް އަހަރެއް ވެއްޖެއެވެ. އެކަމަކު ދީމާޔާ ނުވަތަ އެހެން މީހަކާ ވެސް އެ ވާހަކަތައްދައްކާކަށް އަހަންނަކަށް ފަސޭހައެއް ނޫނެވެ.

"އެ ކަހަލަ ވާހަކައެއް ނުބުނޭ،" އަހަރެން ބުނީމެވެ. "ދެން އިހަށް އެ ކަމާ ނުވިސްނަމާ! ދީމާ އަންނާނަން ދޯ އަހަރުމެން ބަލާ؟"

"އަށެއްޖަހާއިރަށް ތައްޔާރުވެގެންތިބޭ! ހޮސްޕިޓަލު ކައިރީގަ ހުންނާނެ ސައިބޯ ތަންތަން." ދީމާ ޖަވާބުދިނެވެ.

ކާއެއްޗެހީގެ ވާހަކަ ބުންޏަސް އަހަރެންނަށް އުނދަގޫވެއެވެ. ކާންއުޅެންޖެހޭނެ ގޮތް އިހުސާސްކުރެވޭތީއެވެ. އެ ކަމުން ސަލާމަތްނުވެވިގެން އުޅެނިކޮށް ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ. އަހްސަނަށް ވީ ކިހިނެއް ހެއްޔެވެ؟ މާލޭގައި ދެ ކުދިން ގާތުގައި އަހްސަން ބެހެއްޓުމަކީ އަހަންނަށް ކުރެވުނު ރަނގަޅުކަމެއް ހެއްޔެވެ؟ އަހްސަނަށް ކަމެއްވެއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ނިދަންއޮށޯތީ އެ ސުވާލުތައް ހިފައިގެންނެވެ. އަހްސަނަކީ އޭނަ ވަރުގެ މީހަކު ނެތިގެންއުޅޭ މީހެކެވެ. ކަންކަން ސިއްރުކުރުމާއި، ގޮތްދޫނުކުރުމާއި، ކެހިދިނުމަށް ވެސް އަހްސަނަށް ވުރެ ކުޅަދާނަ މީހަކު ނުހުންނާނެއެވެ. ދެން އުފެދެނީ މުޅީން އެހެން ކަހަލަ ސުވާލުތަކެކެވެ. އަހްސަނާ ދޭތެރޭ އަހަރެން ކަންބޮޑުވާންޖެހޭ ހެއްޔެވެ؟ އޭނައަކީ އެ ވަރުގެ މީހެއް ހެއްޔެވެ؟ އަހަރެންގެ ހަޔާތަށް ފުރަތަމަ ފިޔަވަޅުއެޅީއްސުރެ ވޭތުވެދިޔަ އަހަރުތަކުގައި ހިތްދަތިކަން ފިޔަވައި އެހެން އެއްޗެއް އަހްސަން ދިން ހެއްޔެވެ؟ އެ ފިކުރުގައި ފީނަމުން ފަތަމުންދަނިކޮށް ދެން ހަނދާނަށްއައީ އަހްސަނަށް އަހަރެން ކުރި ބަދުދުއާއެވެ.

"މާތްކަލާކޯ!" މަޑުމަޑުން އަހަންނަށް ބުނެވުނެވެ.

މާލެއިން ހެއްދި ޓެސްޓުތައް ބެލުމަށްފަހު ލަންކާއިން އިތުރު ޓެސްޓުތައް ހަދައިގެން ލަންކާ ޑަކުޓަރު ވަރަށް ރަނގަޅަށް އަހަރެން ބެލިއެވެ. ޑަކުޓަރުގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އަހަންނަށް ވެފަހުރި ގޮތެއް ޑަކުޓަރަކަށް ނޭނގުނެވެ.

"ވަރަށް އެހެންކަހަލަ ކޭސްއެއް،" ތަކުރާރުކޮށް ޑަކުޓަރު ބުންޏެވެ. "އެކަމަކު އަދި އެބައޮތް އެއް ޓެސްޓު. މިފަހަރު ތަންކޮޅެއް އުނދަގޫވާނެ."

އަހަރެންގެ އިތުރު އެކްސްރޭއެއް ނެގިއެވެ. ހާއްސަ އެކްސްރޭއެކެވެ. އެ އެކްސްރޭ ނަގަންޖެހެނީ އެ މީހުން ދޭ އެއްޗެއް ބޯލާ ވަގުތުއެވެ. އެއީ ވަރަށް ހާލުގައި އުޅެންޖެހުނު ވަގުތުކޮޅެކެވެ. އަހަންނަށް ފަސޭހައިން އެއްޗެހި ނުދިރޭތީއެވެ. ދިރިއްޖެއްޔާ އެކްސްރޭ ރަނގަޅަށް ނެގޭކަމަކަށް ނުވެއެވެ. އެތަކެއް ސަކަރާތެއްޖެހުމަށް ފަހު ޑަކުޓަރު ހިތްހަމަޖެހޭ ގޮތަށް އެ ކަން ކުރެވުނުއިރު ދެ ގަޑިއެއްހާއިރު ހޭދަވެއްޖެއެވެ. އަހަންނަށް ހޮޑުނުލެވުނީ ކިރިޔާއެވެ. އެތައް ފަހަރަކު އޯކަށްދެމުނެވެ. އަހަރެންގެ އެންމެ ބޮޑު މައްސަލައަކަށްވީ ލޭގައި ދަގަނޑުގެ ބައި މާ ބޮޑަށް މަދުވުމެވެ.

ޓެސްޓު ނިންމައިފައި އަހަރުމެން ކާންދިޔައީ އަހަރެންގެ ހަށިގަނޑުން މަދުވާކަމަށް ޑަކުޓަރު ބުނި ބައި ލިބޭނެ ކަހަލަ ކާނާ ހުންނަ ތަނަކަށެވެ. ޒުހުދާ ބުނެގެން އަހަރެން ކަކުންޏާއި، ބޯވަޔާއި، ޑިނގާ ކަހަލަ ހޮރުމަސްތަކާއި ރިނދަލި ވެސް ކެވޭތޯ ބެލީމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ހޮރުމަސް ކޭ ފަހަރު ކާންޖެހުނީ ވެސް އެހާ ބައިވަރެވެ. ދުވި ފަރުހަކިވަހާ ހެދި އަހަރެން ހުރީ މަތިންއަރާވަރު ވެފައެވެ.

"ދެން ނުކުވޭނެ ދަރިފުޅާ!" ކިތަންމެ ފަހަރު އަހަރެން ބުނީމެވެ.

"މަންމަ ބޭސް ވެސް ބޮނީނު. ހިތްވަރުކުރޭ! އަޔަން ލިބޭނެ،" ޒުހުދާ ހިތްވަރުދިނެވެ. "އިރާދަކުރެއްވިއްޔާ މި ފަހަރު ރަނގަޅުވެގެން މާލެދާނީ."

ކެއުމުގެ ކަންތައް ދިޔައީ ވަރަށް މަޖާކޮށެވެ. ސަމާސާކުރުމާއި ޖޯކުކިޔުމުގެ ކަންތައް ވެސް އޮތެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް އަހަރެން އެއްޗެއް ދިރުވައިލަން ކުރާ މަސައްކަތް ފެނިފައި ޒުހުދާއާއި އިޖުލާލު ވަރަށް ހިތްދަތިވިއެވެ. ހިތާމައަކީ އެ މީހުންނަށް ވެސް ކޮށްދެވޭނެ ކަމެއް ނެތްކަމެވެ. ކޮންމެ ގޮތަކަށް ކެޔަސް ކަރުގައި ތާށިނުވާނެ ހަމަ އެއްގޮތެއް ވެސް ނޯވެއެވެ. ކައިނިމިގެން ހޮޓަލަށް އައިއިރު ޒުހުދާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

"މި ފަހަރު އެބަޖެހޭ ކޮންމެވެސް ގޮތަކަށް މިކަން ނިންމަން،" ޒުހުދާ ބުންޏެވެ. "ކިހިނެއް މަންމަ އަބަދު ތިހެން އުޅޭނީ؟ އެހެން މީހަކަށް ވެސް ދައްކާލަމާ! ކީކޭ ދީމާ ބުނަނީ؟"

ދީމާ އެއްބަސްވިއެވެ. އިޖުލާލުގެ ހިޔާލު ތަފާތުވިއެވެ. އޭނަ ދިނީ މުޅީން އެހެން ކަހަލަ ހިޔާލެކެވެ.

"އެހެން މީހަކަށް ދައްކަން އަހަންނަށް ވެސް މައްސަލައެއް ނެތް. އެކަމަކު ހޮސްޕިޓަލަކަށް ނޫން ދެން ދާނީ،" އިޖުލާލު ބުންޏެވެ. "ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން މިހެން ތިބޭއިރު، އެހެން ދިމާއަކުން މި ކަން ބަލައިލިއްޔާ ކިހިނެއްވާނެ؟"

އިޖުލާލު ބުނި އެއްޗެއް އަހަރުމެން އެންމެނަށް ވެސް ވިސްނުނެވެ. އެހެންކަމުން އެކަކުއަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

"އާނ ކަމެއްނެތި މިހެން ތިބޭއިރު ކޮންމެހެން ހުސްކޮށް ދޫކޮށްލާނެކަމެއް ނެތް،" ދީމާ ތާއީދުކުރިއެވެ. "މިތާ ތިބޭނެ ވަރަށް މޮޅެތި މީހުން. ކުރިން ދުވަހަކު ދިވެއްސަކާ އެއްކޮށް ދެވުނު ވަރަށް މޮޅު މީހެއް ކައިރިއަށް. ހިނގާބަލަ އަޅެ އެ މީހާއަށް ދައްކަމާ! އޭނަ ހުރިހާ އެއްޗެއް ބަރާބަރަށް ބުނެލާނެ."

ދަނޑިވަޅުގެ ބޭނުންހިފަން އަހަރެން ނިންމީމެވެ. ގިނަ ދުވަސްތަކެއްގައި ލަންކާގައި ދީމާ އުޅެފައިވާތީއާއި، އެއްފަހަރު އެ މީހާ ގާތަށް ގޮސްފައިވާތީ ދީމާ ވަރަށް ފަރިތައެވެ. ވަގުތުން ދިވެހި މީހާއަށް ގުޅިއެވެ. އެ މީހާ އަތަކު ނަންބަރެއް ނެތެވެ. ދެން ގުޅި ނަންބަރުން ފޯނެއް ނުނެގިއެވެ.

"އާނ! މިހެނެއް މި ކަމެއް ނުވާނެ،" ދީމާ ފޯނުކުރުން ހުއްޓައިލިއެވެ. "ހިނގާދަމާ!"

ދެވަނަ ވިސްނުމަކަށް ނުދަމެވެ. ހަމަ އެ ވަގުތު ބޭރަށް ނުކުމެފައި ކުރޮޅިއަކަށް އަރައިގެން އަހަރުމެން ނައްޓައިލީމެވެ. ފުރަތަމަ ދިޔައީ ދިވެހިމީހާ އުޅޭ ގެއަކަށެވެ. އެ ފަހަރު ވަރަށް ކާމިޔާބެވެ. ނަމާއި ނަންބަރު ވެސް ލިބުނެވެ.

"ނަންބަރު ލިބިއްޖެ! އޭނައަށް ކިޔަނީ ނާދަން،" އެ ގެއިން ނުކުމެގެން އައިސް ކުރޮޅިއަށް އަރައިފައި ދީމާ ބުންޏެވެ. "އެކަމަކު އެ ނާދަން ގާތަށް ދާން މި ޖެހެނީ ވަރަށް ހެނދުނާ. އެހެން އެއްވެސް ގަޑިއަކު ނާދަނަކާ ބައްދަލެއް ނުވާނޯ. މިރޭ ނާދަންއަށް ގުޅާ ސެޓުކޮށްފަ މާދަމާ ހެނދުނު އަހަރުމެން ނައްޓާލާނީ. މި ފަހަރު ހަމަ ޔަގީން ކަރަށްވެފަ ތިހުރި ގޮތަކާ، ތިކަމުން ސަލާމަތްވާން ދެން ހަދަންވީ ގޮތް ވެސް އެނގޭނެ."

ރޭގަނޑު ނާދަންއާ ގުޅުނެވެ. އަހަރުމެން ދާންވީ ވަގުތާއި، އެ ގެ ހުންނަ ތަން ވެސް ނާދަން ކިޔައިދިނެވެ. އަހަރުމެން ދަތުރަށް ފެށީ ކާރެއްގައެވެ. ވަރަށް ޖޯޝާއެކުގައެވެ. ހެނދުނު ހަގަޑިބައިވިއިރު އަހަރުމެން ތިބީ ޓެކްސީގައެވެ. ކުރެވެން މި އުޅެނީ ކިހާ ވަރެއްގެ ކަމެއްކަމެއް އޭރަކު ނޭނގެއެވެ. އަޑިގުޑަން ގިނަ، ހަނި، ފަޅު އެތައް މަގަކުން ކާރު ދުއްވިއެވެ. ބައެއް ފަހަރު އަހަރެންގެ ހިތަށް ބިރުވެރިކަން ވަދެއެވެ. ހިތަށްއަރައެވެ. ދެވެން މި އުޅެނީ ރަނގަޅު ތާކަށް ހެއްޔެވެ؟ ކުރެވެން މި އުޅެނީ ރަނގަޅުކަމެއް ހެއްޔެވެ؟ އަހަރުމެންނަށް ކަމެއް ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެތައްއިރަކު ދުއްވުމަށް ފަހު ހަނި ގޯޅިއެއްގެ ކޮޅަށް ޓެކްސީ މަޑުކުރިއެވެ. ކާރަށް ވަދެވޭ ވަރަށް ވުރެ މަގު މާ ހަންޏެވެ. ޓެކްސީ މަޑުކުރަން ބުނެފައި އަހަރުމެން ފައިމަގުގައި ދަތުރު ފެށީމެވެ. އެއީ ފަނަރަ ވަރަކަށް މިނެޓުގެ ދަތުރެކެވެ. ކޮޅަށް ތިރިކޮށް އޮތް މަގުގެ ކޮޅުގައި ވަރަށް ވީރާނާވެފައިވާ ތިން ގެ ހުއްޓެވެ. އިންސާނެއްގެ ހިލަމެއް ނެތެވެ. ދެ ގޭގައި މީހަކު އުޅޭހެނެއް ހިޔެއްނުވެއެވެ. ވާހެދި ގަސްބޯވެފައިވާ ވަރުންނެވެ. އެއް ގޭގައި އެއްޗެހި ހިއްކަންއަޅަފައި ހުއްޓެވެ. ނާދަންގެ ގެއަކީ އެ އަވަށުގެ އާބާދީއަށް ވުރެ މާ ދުރުގައިހުރި އެކަހެރި ގެއެކެވެ. އެ ގެ ހުރީ އެހެން ގެތަކަށް ވުރެ ވެސް އެތެރޭގައެވެ. ގެއަށް ފައިބަންޖެހެނީ ހަރުފަތަކުންނެވެ. ނާދަންގެ ގެއަކީ އެއީކަން އަހަރުމެންނަށް ކަށަވަރުކޮށްދިނީ އެ ގޭގައި ހުރި ނަންބޯޑުންނެވެ. އަހަރުމެން އެކަކުއަނެކަކަށް ބަލައިލީމެވެ. ގެ ވަށައިގެން އޮތީ ޖަންގައްޔެވެ. ދުރުން ގޮވައިލާ ކުއްތާއެއް ނުވަތަ ދޫންޏެއްގެ އަޑު ފިޔަވައި އެއްވެސް އަޑެއްބަޑެއްނީވެއެވެ.

"ދާންވީތަ ހަމަ؟" ފަހު ފަހަރަށް އަހަރެން އެހީމެވެ. "އަހަންނަށް ހީވަނީ މީ އެހާ ރަނގަޅުކަމެއް ނޫންހެން."

އަހަރެން އުންމީދުކުރީ އެހެން މީހުން ވެސް އަހަންނަށް ތާއީދުކުރާނެ ކަމަށެވެ.

"މި ހިސާބަށް އައިއިރު ބަދަލުނުވި ހިޔާލެއް ދެން ބަދަލުވާނެތަ؟" ހިތްވަރުކޮށްފައި ޒުހުދާ ބުންޏެވެ. "ނާދަންއާ ދިމާނުވެއެއް ދެނެއް ނުދާނަން."

ނާދަން ބުނެފައިއޮތީ ގޭގެ ގޯތިތެރޭގައި މަޑުކުރުމަށެވެ. އަހަރުމެން ވަރަށް ފަރުވާތެރިކަމާއެކު ސިޑިން ތިރިޔަށް ފައިބައިގެން ގޮސް އެ ގެއަށް ވަނީމެވެ. އާދައިގެ ފެންވަރަށް ވުރެ ވެސް ތަންކޮޅެއް ނިކަމެތި ގެއެކެވެ. ގޯތިތެރޭގައި ތިބިއިރު އެންމެ ކުރީގައި ހުރީ އިޖުލާލެވެ. އަހަރެން ހުރީ އެންމެ ފަހަތުގައެވެ. ކުއްލިއަކަށް ވަރަށް ބިރުވެރި އަޑެއް ވަރަށް ގާތުން އިވުނެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ފަހަތް ބަލައިލެވުނެވެ. ބީރައްޓެހި ނަޒަރަކުން އަހަރުމެންނަށް ބަލަހައްޓައިގެންއޮތީ ކަޅު ކުއްތާއެކެވެ. ތަންމިނަށް އަނގަ ހުޅުވައިގެން ދޫ ބޭރަށްނެރިގެންނެވެ. އެއީ އާންމުކޮށް ފެންނަ ކުއްތާތަކަށް ވުރެ ތަންކޮޅެއް ބޮޑު ކުއްތާއެކެވެ. ޔަގީނުން ވެސް އެ ސޮރު އޮތީ ހިނިއައިސްފައެއް ނޫނެވެ. އެ ހިސާބުން އެކަކަށް ވެސް ގުޑުމެއްއަރުވައިލާކަށް ނުކެރުނެވެ.

ނުނިމޭ