ދެކޭހިތްވޭ ނިކަން

އާދިއްތަ ދުވަހާ ގުޅޭ


އެ ހިސާބުން އެކަކަށް ވެސް ގުޑުމެއްއަރުވައިލާކަށް ނުކެރުނެވެ. ކުއްތާ އޮތްގޮތުން ހީވަނީ ދެންމެދެންމެ ފުންމައިގެން އަތުވެދާނެހެންނެވެ. ކަރުގެ ކޮންމެވެސް ހިސާބަކުން ބިރުވެރި އަޑެއް މަޑުމަޑުން އިއްވަމުން އެހާމެ މަޑުމަޑުން ކުއްތާ ކުރިޔަށް ފިޔަވަޅެއްއެޅިއެވެ. އެ ސޮރުގެ ކޮޅު ތޫނު ދަތްތައް ނޫން އެއްޗެއް އަހަންނަކަށް ނުބެލެއެވެ. ވިސްނެމުންދިޔައީ، އަތުގައި ދަތްއަޅައިފި ނަމަ ދެން އުޅެންޖެހޭނެ ހާލާ މެދުގައެވެ. ލަފާކުރެވޭ ގޮތުގައި އަހަރުމެން އެންމެންގެ ސިކުނޑި މަސައްކަތްކުރީ އެއްގޮތަކަށެވެ. އެއީ، މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އެ ތަނުން ނުކުތުމެވެ. ނާދަންއަކާ ނާދަންއެކެވެ. އަހަރުމެން ބޭނުންވީ ސަލާމަތުން އެ ތަނުން ނުކުންނާށެވެ. ފަހަތަށްޖެހުމުން ސިޑިޔާ ހަމައަށް ގޮސްފައި އަހަރުމެން ހުއްޓުނީމެވެ. ކުއްތާއަށް ފުރަތަސްނުދީ އަހަރުމެންނަކަށް ސިޑިޔަކުން ނޭރޭނެއެވެ. ދެން ހަދާނީކިހިނެއް ހެއްޔެވެ؟

"މަޑުމަޑުން އެނބުރިފައި ސިޑިންއަރާ،" އިޖުލާލު ސިއްރުސިއްރުން ބުންޏެވެ. "އެކަކު ވެސް ފަހަތްނުބަލާތި!"

ވަރަށް އުނދަގޫ ނިންމުމެކެވެ. އެހާމެ ނުރައްކާތެރި، ބިރުވެރި ނިންމުމެއް ވެސް މެއެވެ. އެހެންނަމަވެސް އެހެން ގޮތެއް ނެތެވެ. އަހަރުމެން އެނބުރުނީމެވެ. މަޑުމަޑުން ސިޑިންއެރީމެވެ.

"އެކަކު ވެސް ފަހަތްނުބަލާތި! ކުރިޔަށް ހިނގާ!" އިޖުލާލު ލަފާދިނެވެ.

އަހަންނަކަށް ނުހުރެވުނެވެ. ކުއްތާ އޮތީ އަހަރުމެންނާ ކިހާ ކައިރީގައިތޯ ބަލައިލަން ބޭނުންވިއެވެ. މަޑުމަޑުން ފަސްއެނބުރި ބަލައިލީމެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. ކުއްތާއެއް ނެތެވެ.

"ކޮބާ އެ ގޮލާ؟" އަހަންނަށް ބުނެވުނެވެ.

އެންމެން ފަހަތްބަލައިލިއެވެ. އެކަކަށް ވެސް ކުއްތާއެއް ނުފެނުނެވެ. ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ސިޑިން ތިރިޔަށް ފައިބަންވީ ހެއްޔެވެ؟ އެހެން ހިތަށްއެރި ވަގުތު ކުއްތާއެއްގެ އަޑު އިވުނެވެ. ތަންކޮޅެއް ދުރުންނެވެ.

"ދެން ހިނގާ ދަމާ!" އަހަރެން ބުނީމެވެ.

އަހަރުމެން އައީ ހޮޓަލަށެވެ. ހޮޓަލުގެ އިސްތިގުބާލުން ބުނި ގޮތުގައި އަހަންނަށް ފޯނުކޯލެއް އައެވެ. ވާހަކަދެއްކީ ފިރިހެނެކެވެ. އިނގެރޭސިބަހުންނެވެ.

"ނަމެއް ނުބުނި،" އިސްތިގުބާލުގައި އިން ކުއްޖާ ބުންޏެވެ. "އިނގެރޭސިން ވާހަކަދެއްކީ. ބުނި ފަހުން ގުޅާނަމޭ."

ފަހުން އަންނާނެކަމަށް ބުނެފައި ދީމާއާއި އިޖުލާލު ދިޔުމުން އަހަރުމެން ވަނީ ކޮޓަރިއަށެވެ. ދެން ހަދާނެގޮތަކާމެދު ވާހަކަދައްކަން ތިއްބައި ކޮޓަރިއަށް ކޯލެއްއައެވެ. އެއީ ހޮޓަލުގެ އިސްތިގުބާލުން ރައްދުކުރި ކޯލެކެވެ. ވާހަކަދެއްކީ ޒުހުދާއެވެ.

"ކީއްވެ ނުވަދެ ތި އައީ؟" ނާދަން ސުވާލުކުރިއެވެ.

"އަހަރުމެން ގޮސް ވަންތަނާ ފާޑެއްގެ ކުއްތާއެއް ފެނިގެން.." ޒުހުދާއަށް ބުނެވުނީ އެ ހިސާބަށެވެ.

"އާނ! އެއީ ފާޑެއްގެ ކުއްތާއެއް!" ނާދަން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެކަމަކު އަސްލު ކުއްތާއެއް ނޫން. މި ގެ ހުންނާނީ ޖަނަވާރުންނަށް ބަންދުކޮށްފަ. އެއީ ސިހުރުވެރިޔާ ފޮނުވި ޖިންނިޔައެއް. ވަރަށް ގާތް މީހަކު ކަލެއަށް ސިހުރުހަދަނީ. އޭނަ މިހާރު ހުންނާނީ ވަރަށް އުފަލުން. އޭނައަށް އެނގުނީ މި ގެއަށް ކަލޭމެން އަންނަންއުޅޭކަން. ބޭނުމިއްޔާ މާދަމާ ހަމަ އެ ގަޑިއަށް އާދޭ! ދެން އެ ސޮރަށް ވެސް ނުވަދެވޭގޮތް ހަދާފަ ބަހައްޓާނަން."

ނާދަން ދެއްކި ވާހަކަ ގަބޫލުކުރާކަށް އަހަރުމެންނަކަށް އެހާ ފަސޭހައެއް ނުވިއެވެ. ހިތަށްއެރިއެވެ. ނާދަންއަކީ ވެސް އެހެން ސިހުރުވެރިން ކަހަލަ ސިހުރުވެރިއެކެވެ. ކަމަކު މީހަކު އަތުވެއްޖެއްޔާ އެ މީހަކަށް ކޮންމެވެސް މީހަކު ސިހުރުހަދާކަމަށް ތުހުމަތުކުރުމަކީ ސިހުރުވެރިންގެ އާދައެކެވެ. ކޮންމެ އެއްޗެއް ނާދަން ކިޔަސް، އަހަރުމެން އެންމެނަށް ވެސް ފެނުނީ ކުއްތާއެކެވެ. ރޯމާ ދުވާލެވެ. އެއީ ހަމަ އާދައިގެ ކުއްތާއެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނޫނެވެ. އެކަމަކު، އެ ކުއްތާ ތަންކޮޅެއް ބޮޑުހެން ހީވެއެވެ. އެ ނޫން ކަމެއް ނެތެވެ. ޒުހުދާއާއި އަހަރެން މަޝްވަރާކޮށް، ދެން ނާދަންގެ ގެއަށް ނުދާން ނިންމިތަނާ އަހްސަންގެ ކޯލެއް އައެވެ.

"މިއަދު ކޮންތާކު އުޅުނީ؟ ކޮންތާކަށް ދިޔައީ؟ ހޮސްޕިޓަލަށޭ ކިޔައިފައި މުޅި ލަންކާ ކުޑައަށްލާ ދުއްވަނީ ދޯ؟" އަހްސަން ސުވާލުތައް ފައްޗަކަށް އަމުނައިލިއެވެ. "ހޮސްޕިޓަލުން ކުރާކަމެއް ކޮށްގެން އަންނަންއުޅޭ! ހޮސްޕިޓާ ނޫން ތާކަށް ގޮސްގެން ނުވާނެ!"

އަހަރެންގެ ވާހަކައެއް އަޑުއެހުމަކާ ނުލައި، ބުނާނެ އެއްޗެއް ބުނެފައި އަހްސަން ފޯނު ކަނޑައިލިއިރު ހީވަނީ އަހްސަނަށް ހުރިހާ އެއްޗެއް އެނގޭހެންނެވެ. އެ ހިސާބުން ޒުހުދާގެ ހިތުގައި ޝައްކުއުފެދުނެވެ.

"ބައްޕަ ދޯ ސިހުރުހަދަނީ؟" ޒުހުދާ ބުންޏެވެ. "ނާދަން ބުންޏެއްނު ވަރަށް ގާތްމީހެކޭ.."

އަހްސަން ސިހުރުހަދާކަން ކުރިން އެނގިފައިވާތީ އަހަރެން ހައިރާނެއް ނުވިއެވެ. އެކަމަކު ދަރިފުޅުގެ ކުރިމަތީގައި ބައްޕަ އަގުވެއްޓޭކަށް އަހަރެން ބޭނުމެއް ނުވިއެވެ.

"އެކަމަކު ދަރިފުޅާ! ބައްޕައަށް ތި ކަހަލަ ޝައްކެއްކުރަންވާނީ ހެއްކާ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"މި ފަހަރު ހެކި ހޯދާނަން،" ޒުހުދާގެ ރާގާއި ވިސްނުން ބަދަލުވިއެވެ. "މިވީގޮތުން ދެން ނާދަން ގާތަށް ނުގޮހެއް މާލެއަކަށް ނުދާނަން. ނާދަންއަކީ މޮޅު މީހެއްކަން މި އެނގުނީ. ބައްޕައަކީ މަކަރުހަދާ މީހެއް."

ނާދަން ގާތަށް ގޮއްސިއްޔާ އަހްސަން ބޭޒާރުވާނެކަން، ޔަގީނާ ގާތަށް އަހަންނަށް އެނގުނެވެ. އޭރުން އަހްސަނަށް ޒުހުދާ ކުރާނީ ކޮން ގަދަރެއް ހެއްޔެވެ؟ އިތުރު ކިތައް މައްސަލަ ކުރިމަތިވާނެ ހެއްޔެވެ؟ ނާދަން ގާތަށް ނުދާން އަހަރެން ލައްކަ ވާހަކަދެއްކީމެވެ. ޒުހުދާ ގަބޫލެއް ނުކުރިއެވެ.

"މަންމަ ނުގޮއްސިއްޔާ މަ އެކަނި ވިޔަސް ދާނަން." ޒުހުދާ އަހަރެން ބިރުގަންނަވައިލިއެވެ.

ޖެހިގެންއައި ދުވަހު އަހަރުމެން އަނެއްކާ ވެސް ނާދަންގެ ގެއަށް ދިޔައީމެވެ. އެފަހަރު ކުއްތާއެއް ނުދެކެމެވެ. އެކަމަކު އަހަރުމެން ބަލަހައްޓަން ކާޅުތަކެއް ގޮވަގޮވައިފައި އުޅުނެވެ. އަހަރުމެންގެ ފަސްފަހަތުން އެއްގަހުން އަނެއް ގަހަށް ކާޅުތައް އައިކަން އަހަރުމެންނަށް ފާހަގަވިއެވެ. އެއީ ދެފައިތިލަ ފިނިކޮށް، އަހަރުމެންގެ ލޯލިތައް ކޮޅަށްޖެއްސި ކަމެކެވެ. ކާޅުތައް ދިޔައީ ނާދަން ދޮރުހުޅުވައިފައި ކާޅުތަކަށް އިޝާރާތެއް ކޮށްފައި ކޮންމެވެސް އެއްޗެއް ބުނީމައެވެ. އެއީ ފުރަތަމަ ފަހަރަށް ނާދަން ފެނުނު ފަހަރެވެ. އޭނައަކީ އިސްކޮޅުން ކުރު، ކަޅު މީހެކެވެ. ބޯ ހުރީ ތުނިކޮށް ކޮށައިފައެވެ. އޭނަ ލައިގެން ހުރީ ހުދު މުންޑުކެވެ. ކޮނޑުގައި ރީނދޫކުލައަކަށްދާ ފޮށައެއް އޮތެވެ.

"ތީ ދޯ އަސްލު މީހަކީ؟" އަހަންނަށް އިޝާރާތްކޮށްފައި އާދައިގެ އިނގެރޭސި ބަހުން ނާދަން ސުވާލުކުރިއެވެ.

އަހަރެން ބޯޖަހައިލުމުން އެންމެން ވަނުމަށް ނާދަން އެދުނެވެ. އަހަރުމެން ވެއްދީ ކުޑަ ކޮޓަރިއަކަށެވެ. އެ ތަނުގައި ކުޑަ މޭޒަކާއި ދެތިން ގޮނޑި ހުއްޓެވެ. އޭގެ ބިއްދޮށް ހުންނަނީ ބޮޑު ފޮތިގަނޑަކުން ނިވާކޮށްފައެވެ. ފަރުދާގެ ފަހަތްއޮތީ ކިހިނެއްކަމެއް ނޭނގެއެވެ. މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށް އަހަންނަށް އިޝާރާތްކޮށްފައި އަހަންނާ ކުރިމަތިވާ ގޮތަށް، މޭޒުގެ އަނެއް ފަރާތުގައި ނާދަން އިށީނެވެ. ނާދަން ވާހަކަދެއްކީ އިނގެރޭސިބަހާއި އެހެން ބަހެއް މަސްހުނިކޮށްގެންނެވެ. ދީމާއާއި އިޖުލާލަށް ނާދަން ވާހަކަދައްކާ ދެވަނަ ބަސް ވެސް އެނގެއެވެ. ވީމާ، އަހަންނަށް ވަރަށް ފަސޭހަވިއެވެ.

"ދެއަތްތިލަ މޭޒުމަތީގަ ބަންޑުން ބާއްވާ!" ނާދަން އެދުނެވެ.

އަހަރެން ދެއަތް ބޭއްވުމުން އަތްތިލަ މަތީގައި ނާދަންގެ ދެ އަތްތިލަ ބޭއްވިއެވެ. ބޭއްވުމާއެކު ނާދަން ދިޔައީ ސިއްސައިގެންނެވެ. އޭނަ ސިހުނުލެއް ބޮޑުކަމުން އަހަރުމެން އެންމެނަށް އެ ކަން ފާހަގަވިއެވެ. އަނެއްކާ ވެސް ނާދަންގެ ދެއަތްތިލަ އަހަރެންގެ އަތްތިލައިގެ ފުށަތުގައި ބާއްވަމުން ނާދަން އިސްޖަހައިލިއެވެ. އޭގެ ފަހުން ނާދަންގެ ނަޒަރު ހުރީ މޭޒަށެވެ. އަހަންނާ ދިމާއަކަށް ނުބަލައެވެ.

"ލެޔެއް ނެތެއްނު!" ނާދަން ބުންޏެވެ. "ލޭ ތިހިރީ ހުސްވެފަ!"

ނާދަން އެހެން ބުނިއިރު އަހަންނާ ބެހޭގޮތުން ނާދަންއަކަށް އެކައްޗެއް ވެސް ނޭނގޭނެއެވެ. އަހަރުމެން އެއްވެސް މައުލޫމާތެއް ނާދަންއަކަށް ނުދެމެވެ.

"އާނ!" ޒުހުދާ ޖަވާބުދިނެވެ. "ޑޮކްޓަރު ވެސް ބުނި ތިހެން."

"ކަރުތެރޭގަ ހީވަނީ ބިހެއް އޮންނަހެން ދޯ؟" ނާދަން އެހިއެވެ. "ކަރުގައަޅައިގަނެއެއްނު! އެއްޗެއް ނުދިރެއެއްނު!"

އަހަންނަށް ވުރެ ކުރިން ޒުހުދާ އެއްބަސްވިއެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. އެހެން މީހުން ވެސް ހައިރާންވިއެވެ. އަހަރެން ކަރުގައިއަޅައިގަންނަކަން ނާދަނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟

"ވަރަށް ގަދަޔަށް ބޮލުގަރިއްސައެއްނު!" އަހަރެންގެ އަތްމަތިން އަތް ނަގަމުން ނާދަން ބުންޏެވެ. "ނޭވައެއް އުނދަގޫ ވެސް ކުރާނެ."

އަހަރެން ވަރަށް އުފާވިއެވެ. ވާނުވާ އެނގޭ މީހަކާ ދިމާވީމައެވެ. އެ ހިސާބުން އަހަރެން ރަނގަޅުވެދާނެކަމުގެ އުންމީދެއް ލިބުނެވެ. އަހަރެން ހިތަށްއެރިއެވެ. ބަލިމީހާ ނުބުނަނީސް އޭނަގެ ބަލި އެނގޭ މީހަކަށް ވުރެ މޮޅަށް ބަލި ފަސޭހަކުރެވޭނެ މީހަކު ނުހުންނާނެއެވެ.

"ކޮބާ އުފަންދުވަހަކީ؟" ނާދަން އެހިއެވެ.

ނާދަން ދިން ކަރުދާސްކޮޅެއްގައި އަހަރެން ތާރީހު ޖެހީމެވެ. ހިތަށްއެރިއެވެ. ހުރިހާ އެއްޗެއް އެނގުނުއިރު އުފަންދުވަސް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟

"އުފަންދުވަސް ނޭނގޭތީއެއް ނޫން މި އެހީ،" ނާދަން ބުންޏެވެ. "ބޭނުންވީ އަހަރެންގެ ސުވާލުތަކަށް ތެދަށް ޖަވާބުދޭތޯ ބަލައިލަން. މޫނިސާ ދޯ ކިޔަނީ؟ ވަރަށް އެހެން ކަހަލަ ވާހަކަތަކެއް ދައްކަން މި ޖެހެނީ. އެހެންވެ މި ސުވާލު ވެސް ކޮށްލަން އެބަޖެހޭ! ގާތުގަ މި ތިބީ މޫނިސާއަށް އިތުބާރުކުރެވޭ ބަޔެއްތަ؟"

ނާދަންގެ ކުޅަދާނަކަމާ މެދު އަހަރެން އަންތަރީސްވިއެވެ. މީހާ ފެންނައިރަށް އޭނަގެ ނަން ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަހަރުމެން އެކަކުއަނެކަކުގެ މޫނަށް ބަލައިލީމެވެ. ޒުހުދާއަކީ އަހަރެން ދަރިފުޅެވެ. އޭނަގެ ގޮތް އަހަންނަށް އެނގެއެވެ. ދީމާއާއި އިޖުލާލު ވެސް އަހަންނަށް ދެރަގޮތެއް ނޭދޭނެކަން އެނގެއެވެ. ޔަގީންކޮށް ބުނާކަށް ނޭނގެއެވެ.

"އާނ!" އަހަރެން ބުނީމެވެ. "އެންމެންނަށް ވެސް ވަރަށް އިތުބާރުކުރެވޭ!"

"މިހާރު ކިރިޔަކިރިޔާ މޫނިސާ މަރުނުވެ ތިހިރީ،" ނާދަން ބުންޏެވެ. "ކިތަންމެ ވަރަކަށް ޑަކުޓަރަށް ދެއްކިޔަސް މޫނިސާއަކަށް ލުޔެއް ނުލިބޭނެ. ތީ ވަރަށް ގާތް މީހަކު ހަދާފަހުރި ސިހުރެއް. އެ މީހަކީ މޫނިސާގެ ކެއުންބުއިމާ، އަންނައުނާ، ހަށިގަނޑުގަ ވެސް އަތްލެވޭ ހިސާބުގަހުރި މީހެއް. މިހާރު އެނގޭނެ އެއީ ކާކުކަން."

އެއީ ކާކުކަން ނާދަން އިތުރަށް ބުނެދޭކަށް ނުޖެހެއެވެ. އަހަންނަށް އެންމެ ފުރަތަމަ އެ ސިހުރު ޖެހުނު ދުވަސްވަރު ވެސް ނާދަން ބުންޏެވެ. ތާރީހު ބަރާބަރަށް ދިމާވެއެވެ.

"މީ ގޭގެ ދަހިވެތިކަމުގަ މޫނިސާ މަރާލަންވެގެން ހަދާފަހުރި އެތިފަހަރެއް،" ނާދަން ޔަގީންކަމާއެކު ބުންޏެވެ. "މިހާރު ވެސް ކުރަމުންދާ ކަމެއް. މޫނިސާ މަރުނުވެތިހުރީ މޫނިސާގެ ދީނާ މޫނިސާއާ ދެމެދުގަ އޮންނަ ގުޅުން ވަރުގަދަކަމުން."

ނާދަން ދެން ދެއްކި ވާހަކައަކުން އަހަރެން މާ ބޮޑަށް ހައިރާންވިއެވެ.

ނުނިމޭ