ފަރާ ޚާން މި އަހަރު ކުރީކޮޅު އާ ފިލްމެއް ގެނެސްދޭން އިއުލާންކުރި ނަމަވެސް އެއީ ކޮން ފިލްމެއްކަމާއި އޭގެ ކާސްޓުން ވެސް މިހާތަނަށް ހާމައެއް ނުކުރެ އެވެ. ދާދި ފަހުން އޭނާ ބުނިގޮތުގައި މިދިޔަ މަހުގެ ތެރޭގައި ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ.
މީޑިއާތަކުން މި ފިލްމާ ބެހޭ ގޮތުން މިހާތަނަށް ލައްކަ ވާހަކަތައް ދައްކައިފި އެވެ. އެގޮތުން ފަރާގެ އާ ފިލްމަކީ ކުރީގެ ފިލްމެއް ކަމަށްވާ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކެއް ކަމަށާއި ފިލްމުގެ ލީޑް ރޯލް ކުޅޭނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯނާއި ރިތިކް ރޯޝަނާއި އަނުޝްކާ ޝަރުމާ ކަމަށް ބުނާ ވާހަކަތައް މަޑެއް ނުވެ އެވެ.
މި ފިލްމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބޮލީވުޑް ހަންގާމާ އިން ހިއްސާކުރަމުން ބުނެފައި ވަނީ ފިލްމުގެ ލީޑް ރޯލަށް ރިތިކާއި އަނުޝްކާ މިހާރު ސޮއިކޮށްފައިވާކަން ކަށަވަރުވެއްޖެ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ 2021 ގައި ކަމަށް އެ ނޫހުން ބުންޏެވެ.
ފަރާގެ އާ ފިލްމުން ރިތިކާއި އަނުޝްކާ ސޮއިކުރި ވާހަކައަކީ ތެދެއް ނަމަ މިއީ ބެލުންތެރިން ވަރަށް ވެސް އުފާވާ ކަމަކަށް ވާނެ އެވެ.
ސަބަބަކީ މި ދެ ތަރިން އަދި އެކީގައި އެއްވެސް ފިލްމަކުން ފެނިފައިނުވާތީ އެވެ. އެހެންވެ ރިތިކާއި އަނުޝްކާގެ ޖޯޑަކީ ބޮޑު ސްކްރީނުން އާ ކެމިސްޓްރީއެއް ތަޖުރިބާކޮށްލަން ބެލުންތެރިންނަށް ލިބޭނެ ފިލްމަކަށް ވެސް ވާނެ އެވެ.
މީގެ އިތުރުން ފަރާގެ މި ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ބުނާ ތަރިންގެ ތެރޭގައި ފިލްމު "ތާރޭ ޒަމީން ޕަރް" އިން ވިދައިލި ދަރުޝީލް ސަފަރީ އާއި "އިޝްގްބާޒް" ފަދަ ސިލްސިލާތައް ކުޅުނު ޓީވީ އެކްޓަރު ނަކުލް މެހެތާ ވެސް ހިމެނެ އެވެ. ފަރާ ހަދަން އުޅެނީ "ސައްތޭ ޕޭ ސައްތާ" ގެ ރިމެކްކަމަށްވާ ނަމަ އެ ފިލްމަށް ބޮޑު ކާސްޓެއް ބޭނުންވާނެ އެވެ.
ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ހަތަރު ފިލްމެއް ހަދައިދޭން ފަރާ ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ގައި ޝާހްރުކާއި ދީޕިކާ ލީޑް ރޯލް ކުޅުނު "ހެޕީ ނިއު އިޔާ" އެވެ.